އިހްސާސް

ޒޫނާ އިބްރާހިމް ސެޕްޓެމްބަރ 7 2009، 17:11 0 ޚިޔާލު

ސީލިންގުގައިވާ ފަންކާއަށް ބަލަހައްޓައިގެން ނާއިފަށް އޮވެވުނީ ކިހާއިރެއްވަންދެންކަމެއްނޭގެއެވެ. މޭމަތީގައި ގިޓާ ބާއްވާލައިގެން އޭގެ ނަރުތަކުގައި ކޮށްޓާލަ ކޮށްޓާލަ އޭނާއޮތެވެ. އޭރު ނާއިފްގެ ލޮލުން ކަރުނަތައް ފައިބަމުންދެއެވެ. ވަކިމަގުސަދެއްނެތި އިރުކޮޅަކާ ބަލާލެވެނީ ފޯނާދިމާއަށެވެ. ހީވާކަހަލައެވެ. ކޮންމެވެސް މީހަކު އޭނާއަށް ގުޅާނެއެވެ. ނުވަތަ މެސެޖްކުރާނެއެވެ. އެހެންނަމަވެސް އެއީ ކުށްހީއެކެވެ. އެއްވެސް މީހަކު ނާއިފަކަށް މެސެޖެއްނުކުރެއެވެ. ނުވެސް ގުޅައެވެ. މިހާރު ކިތަންމެ ފަހަރަކު އޭނާ ފޯނުނަގައިގެން ޗެކްކޮށްލައިފިއެވެ. އެހެންނަމަވެސް އެކަންތައްވީ ބޭކާރު ކަމަކަށެވެ. މިވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުވެސް އޭނާ އުޅުނީ އެހާލެއްގައެވެ. ހިތްދަތިކަމުގައެވެ. އޮފީހަށް ދިޔަޔަސް ކަމެއްކުރާހިތެއްނުވެއެވެ. ސާނާއަށް ގުޅާލާއިރު ގިނަފަހަރަށް ފޯނުއޮންނަނީ ނިވާލާފާއެވެ.

ނާއިފް އެގޮތުގައި ކިތަންމެ އިރަކު އޮތެވެ. އޭނާ އެހެން އޮއްވާ މަންމައައިސް އެނދުކައިރިއަށް ހުއްޓުނުކަންވެސް އެގުނީ އޭނާގެ ބޮލުގެ އިސްތަށިގަނޑުގައި އަތްފުނާއަޅާލީމައެވެ. "ދަރިފުޅާއެވެ. ކާންހިނގާށެވެ." މަންމަ ލޯތްބާއެކު ބުންޏެވެ. އެހެންނަމަވެސް އޭނާ ކާންދާކަށް ޚިޔާލެއްނުކުރިއެވެ. އަނެއްފަރާތަށް އެނބުރި ކަންނޭލުގައި ބާއްދާލީއެވެ. އެއީ މަންމައަށް އޭނާގެ ލޮލުގައިވާ ކަރުނަތައް ފޮރުވަންކަންނޭގެއެވެ. އެހެންނަމަވެސް އެމަންމައަށް އެއްވެސް ކަމެއްނުފޮރުވުނެވެ.ނަމަވެސް މަންމަ އެކަމާބެހޭގޮތުން އެއްޗެކޭނުބުނެއެވެ. އަދި މިހާރު ސާނާ ނާންނަނީތޯ އެހިއެވެ.

ސާނާއާ ނާއިފް ރައްޓެހިވީ ވަރަށް އާދައިގެ ގޮތަކަށެވެ. މާބޮޑު އުދަގޫކަމެއްނެތިއެވެ. ދެމީހުން އުޅުނީ ކޮލެޖްގެ އެއްކުލާހެއްގައެވެ. ދެމީހުންވެސް ހެދީ ބިޒްނަސްއެވެ. އޭރު ނާއިފްގެ ކަމަކަށް އޮންނަނީ ސާނާގެ ހުރިހާ ކަމެއްކޮށްދިނުމެވެ. އެސައިންމެންޓްތަކަށް ބޭނުންވާ ހުރިހާ އެއްޗެއް އެއްކޮށްދެނީ ނާއިފެވެ. އެހެންނަމަވެސް އެމަޢުލޫމާތުތައް ނަގާ އެސައިންމަންޓް ނިންމަނީ ސާނާއެވެ. ވުމާއެކު ދެމީހުންގެ ގުޅުން ދިޔައީ އެއްދުވަހުން އަނެއްދުވަހަށް އާލާވަމުން ހެދިފޯދެމުންނެވެ. ސާނާގެ ހިތްހެޔޮކަމާއި މަޖާކަންފެނުމުން ކޮންމެ މީހަކުވެސް އޭނާދެކެ ލޯބިވާނެއެވެ. އޭނާއަކީ ވަރަށް ރަގަޅުކުއްޖެކެވެ. ފަންއިސްތަށިގަނޑެއްލާފައިހުންނަ މި ދޮންދޮން ކުއްޖާއަކީ ވަރަށް އާދައިގެ ކުއްޖެކެވެ. ނާއިފް ކޮންމެ ތާކުހުއްޓަސް ސާނާ ދާތަނަކާއިކުރާކަންތައް އެނގެއެވެ. އޭނާ ބަރާބަރަށް ނާއިފަށް ހުރިހާ ޥާހަކައެއް ކިޔައިދެއެވެ. ދުވަސްކޮޅެއްވީއިރު ނާއިފް ސާނާގެ މަތިން ފޫހިވާން ފެށިއެވެ. މިހާރު އެސައިންމެންޓްވެސް ހަދާކަށް ނުޖެހެއެވެ. ރަގަޅު ނަތީޖާއަކާއެކު ދެމީހުންވެސް ފާސްވެފައިވާތީއެވެ. ސާނާގެ ކިބައިން ނާއިފް ކަންބޮޑުވާނެ އެއްވެސް ސިފައެއް ނުފެނެއެވެ. އޭނާ ބިޓެއްނަގާފާނެތީ ހާސްވާކަށްނުޖެހެއެވެ. އެހެންވެ ނާއިފް މިހާރު ބަލަނީ އާކުއްޖަކާ ވާހަކަދެއްކޭތޯއެވެ. މިހާރު ސާނާ ގުޅާކޮންމެ ފަހަރަކުވެސް ނާއިފް ހުންނަނީ ބިޒީވެފައެވެ. ނުވަތަ ކާންދާންވެފައެވެ. ސާނާ އެގެއަށް އަޔަސް ނިދިއަންނަނީ ކަމަށްބުނެ އޭނާފޮނުވާލައެވެ. އެހެންނަމަވެސް އޭނާ ޝަކުވާއެއް ނުކުރެއެވެ. ހަމަހިމޭންކަމާއެކު ނާއިފްގެ ލޮލަށް ބަލައިލައެވެ. އެޔާއެކު ނުކުމެގެންދެއެވެ. އެހެންނަމަވެސް އެފަދަ ކޮންމެ ވަގުތެއްގައިވެސް ސާނާގެ މޫނުމަތީގައިވާ އުދާސްކަމާއި ހިތްދަތިކަން ނާއިފަކަށް ސިއްރެއްނުވެއެވެ. އެކަމަކުވެސް ކުރާނީކީއްހެއްޔެވެ. މިހާރު އޭނާ ސާނާއާ ވާހަކަދައްކާހިތެއްނުވެއެވެ.

ދުވަސްކޮޅެއްފަހެވެ. ސާނާ މަޑުމަޑުން ދުރަށްދާ ކަމުގައި ނާއިފަށް ހީވާންފެށިއެވެ. މެސެޖްކުރުން މަދުވެ ގުޅާގުޅުންތައް މަދުވާން ފެށިއެވެ. މިގޮތަށް ކަންތައްވާންފެށުމުން ނާއިފް ޝަކުވާ ކުރަންފެށިއެވެ. ސާނާ އޭނާއާ ދުރުވާވާހަކަ ބުނެއެވެ. އެހެންނަމަވެސް ސާނާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. އެއީ ނާއިފަށް ހީވާގޮތްކަމުގައި ބުނެއެވެ. އަދި ސާނާ އެންމެ ލޯބިވަނީ ނާއިފްދެކެ ކަމުގައި ބުނެއެވެ. އެހެންނަމަވެސް މިހާރު އަބަދުވެސް ނާއިފަށްޖެހެނީ ޝަކުވާކުރާށެވެ. ކުރީގައި އެޝަކުވާތައް ކުރީ ސާނާއެވެ. ނާއިފް އޭނާއާ އަޅާނުލާކަމުގެ ޝަކުވާއެވެ. އެހެންނަމަވެސް މިހާރު ނާއިފަށް ޖެހިފައިވަނީ ކުރިން އޭނާއަށް އަޑުއިވުނު ޝަކުވާތައް ޚުދު އޭނާގެ ދުލުން ބޭރުކުރާށެވެ. މިހާރު ނާއިފް ދެރަވެއެވެ. ސާނާގެ މެސެޖްތަކަށް އިންތިޒާރު ކުރެވެއެވެ. އޭނާގެ ފޯންކޯލްތަކަށް ސަމާލުކަންދެވެއެވެ. ސާނާއޭނާދެކެ ކިހާލޯބިވީކަން މިހާރު އޭނާއަށް އިޙްސާސްކުރެވެއެވެ. އެލޯބީގައި އެއްވެސް އަމިއްލަ އެދުމެއްނުވެއެވެ. އެއީ ސާފުލޯތްބެކެވެ. މިހާރުވެސް ނާއިފްބޭނުމީ ސާނާއެވެ. އެކަމަކު އޭރު އޭނާ ބޭނުންވީ ގަދަކުރާށެވެ. ސާނާ ތަޅުވާށެވެ. އަދިވެސް ބޮޑަށް އޭނާދެކެ ލޯބިކުރުވާށެވެ. އޭނާ އެއްޗެހިކީ އެހެންވެއެވެ. ސާނާގެ އެކި ސިފަތަކުގެ ވާހަކަދެއްކިއެވެ. މަލާމާތްކުރިއެވެ. މަޖަލަކަށްކަމަށް ހަދާފައެވެ. އެހެންނަމަވެސް ސާނާ އެޔަކަށް ޖަވާބެއްނުދެއެވެ. އެހެންނަމަވެސް އެކަހަލަ ވާހަކަދެއްކުމުން ސާނާ ވަރަށްދެރަވެ ހިތުގައި ޖެހޭކަމުގައި އެއްދުވަހު އޭނާބުންޏެވެ. އޭރު ނާއިފަކަށް އެއީ މާބޮޑުކަމަކަށްނުވެއެވެ. ނާއިފްގެ ހުތުރުވާހަކައެއް މަޖަލަކަށްވެސް ސާނާ ނުބުނާތީ އޭނާދުށީ އޭނާއަކީ އެންމެ ފުރިހަމަ މީހާކަމުގައެވެ.

ނާއިފް ބާލީހުގައި ބައްދާލައިގެން އެތައްއިރަކު ވިސްނަން އޮތުމަށްފަހު ބޭރަށް ނުކުމެއްޖެއެވެ. އޭރު މަންމަ ބައްޕައަށް ކާންހަދައިގެން ކާންދޭން މޭޒުކައިރީގައި އިނެވެ. ބައްޕަގެ ތަށްޓަށް ރިހަޔާއި ބަތް އަދި ބޭނުންވާ އެހެން އެއްޗެހިވެސް އަޅައިދެމުންދާތަން ފެނުމުން ފުރަތަމަ ފަހަރަށް ނާއިފަށް އެކަން ވިސްނާލަން މަޖުބޫރުވެއްޖެއެވެ. މަންމަ ކިހާރަގަޅުހެއްޔެވެ؟ އެންމެފަހަރަކުވެސް ބައްޕަ ކާންބައިންދާފައި ދުރަކަށް ނުދެއެވެ. އަދި ނާއިފްމެންކުއްޖަކު ކާންއިންކަމުގައިވިޔަސް ދުރަކަށްނުދާނެއެވެ.ދެމީހުންގެ ޢުމުރުން ސާޅީހުން މައްޗަށް ގޮސްފައިވީއިރުވެސް، މިހާރުވެސް ޚާއްސަ ދުވަސްދުވަހު ބައްޕައަންނަމުން މަންމައަށް ކާޑާއި މާބޮނޑި ގެނެސްދެއެވެ. ރީތިބަސްތަކުން މަންމައާއި މުޚާތަބުކުރެއެވެ. ބައްޕ،ަ މަންމަދެކެ ވަރަށް ލޯބިވާ ވާހަކައާއި މަންމަ ކޮށްދޭ ކަންތަކުގެ ޥާހަކަދައްކައެވެ. މިކަމާ ނާއިފްމެން ޖޯކް ޖަހާވެސް ހަދައެވެ. އެކަމަކު މިއަދު ޚުދު އޭނާއަށް މިކަންތައް ވިސްނުމުން މިއީ ކިހާމުހިންމުކަމެއްކަމުގެ އިޙްސާސް ފުރަތަމަ ފަހަރަށް ކުރެވިއްޖެއެވެ. އެކަކު އަނެކަކުދެކެ ލޯބިވުމަކީ އަދި އެކަން ފާޅުކުރުމަކީ ކިހާމުހިންމުކަމެއްކަން އޭނާއަށް އެނގިއްޖެއެވެ.

ނާއިފް މަޑުމަޑުންގޮސް މަންމައާއި ބައްޕަ ކައިރީގައި އިށީދެއްޖެއެވެ. އަދި މަންމަގެ ކޮނޑުގައި ބޯއަޅާލިއެވެ. އެޔާއެެކު އޭނާގެ ލޮލުން ހޯސްލާފައި ކަރުނަތައް އޮހިގެންފިއެވެ. އެވަގުތު މަންމަ އޭނާގެ ބޮލުގައި ފިރުމާލަމުން ނިއްކުރީގައި ބޮސްދިނެވެ. އެވަގުތު ސިޓިންރޫމުގެ ދޮރު ހުޅުވާލާފައި ވަނީ ސާނާއެވެ. ރީތި ރީތި މާބޮނޑިއެއް ހިފައިގެންނެވެ. ހުސްފިނިފެންމަލުގެ މާބޮނޑިއެކެވެ. އަދި ހިނިތުންވަމުންއައިސް ނާއިފްގެ އަތަށް މާބޮނޑިއަކާއި ކާޑެއް ދިއްކޮށްލިއެވެ. އެވަގުތު ދުނިޔޭގައިވާ ހުރިހާ އުފަލެއް އޭނާގެ އުނގަށްޖަމާވީ ކަމުގައި ނާއިފަށް އިޙުސާސްކުރެވުނެވެ. އާއެކެވެ. ނާއިފަށް ސާނާގެ ލޯބީގެ އަގު ވަޒަންކުރެވުނީ އޭނާ ދިޔައިމައެވެ. އެލޯބީގެ މަތިވެރިކަމެވެ. އެލޯބީގެ މާތްކަމާއި ރަގަޅުކަމެވެ. އެހެންނަމަވެސް ސާނާ އަނެއްކާވެސް އައުމުން އޭނާގެ ޙަޔާތަށް ބަހާރުމޫސުން އައި ކަހަލައެވެ. ދުވެފައި ގޮސް ސާނާގެ އަތުގައި ހިފައިގެން ކޮޓަރިއަށް ހިނގައްޖެއެވެ. އަދި އެނދުމަތީގައި ދެފައި ވައްކޮށްލައިގެން އިނދެ ކާޑުނަގާފައި ކިޔާލިއެވެ. އޭގައި އޮތީ ލޯބީގެރީތި ރީތި ޢިބާރާތްކޮޅެކެވެ.

( ނުނިމޭ )


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv