
ޗުއްޓީއާއި ބެލެނިވެރިންގެ ޒިންމާ
މިއަހަރުގެ ފުރތަމަ ޓާރމް ނިމި ސްކޫލުތައް މިވަނީ ބަންދުވެފައެވެ. އެކި ކުދިން އެކި ދިމާލަށް ފުރައިގެން ހިނގައްޖެ އެވެ. ބައެއް ކުދިން މަޖާކޮށް ކުޅިވަރާ މަޖަލުން ހިތްހަމަ ޖައްސާލުމުގެ ބޭނުމުގަ އެވެ.އަނެއްބައި ކުދިން ގޭތެރޭގައި ތިބެ ކޮމްޕިއުޓަރާއި ވާހަކަފޮތަށް ގެއްލިގެން ތިބެގެން ނެވެ. ބައެއް ކުދިން ކޮންމެވެސް އިތުރު ޙަރަކާތެއްގެ ތެރޭން ނެވެ. މަދުކުއްޖަކު ކުރިއަށް އޮތް ޓާރމަށް ތައްޔާރުވުމަށް މަސައްކަތް ކުރެއެވެ.
މިއީ ބައެއް ކުދިން ޗުއްޓީ ހޭދަކުރަމުން ދާގޮތެވެ. ނުވަތަ ކުދިންގެ ޝެޑިއުލް ރޭވިފައި ގޮތެވެ. މިގޮތަށް ކުދިންގެ ޗުއްޓީ ރޭވެނީ ބެލެނިވެރިންވެސް އެކަމަށް ހިތްވަރު ދޭތީ އެވެ. ނުވަތަ އަޅާ ނުލާތީ އެވެ. ” ޗުއްޓީގައި އަނެއްހެން ވަކިކަމެއް ރޭވިފައެއް ނުވޭ. ދެންކޮންމެވެސް ކަމެއް ކުރާނެތާ! މިހެން ލިބޭ ހުސްދުވަސް ކޮޅު މާ ބުރަކޮށެއް ނޫޅެވޭނެ. އެކުދިން ތިބޭނެ ގޭގައި. އެކުދިންނަށް ގޭތެރެވެސް ރަނގަޅުވާނެ.“ ޕްރައިމަރީ ތިންކުދިންގެ މަންމައަކު އޭނާގެ ކުދިން ޗުއްޓީ ހޭދަކުރާ ގޮތާ މެދު ސުވާލުކޮށްލުމުން ބުންޏެވެ.
” އަހަރެން މިފަހަރު ރާވާފައި މިވަނީ އިންޑިޔާ ދަތުރެއް. ޗުއްޓީގައި ދާގޮތަށް ހަމަޖެހިފައިވަނީ އިންޑިޔާއަށް. ދާއިރު ދާނީ ކުދިން ކޮޅުވެސް ގޮވައިގެން. ބޭނުކަމަކީ އެކުދިންނަށް އެތަންތަން ދައްކާލުން. ޗުއްޓީގައި އެކުދިންނަށް ކޮންމެވެސް ކަހަލަ ހިތްހަމަޖެހުމެއް ހޯދައިދޭން ޖެހޭނެތާ؟ އެހެންވެ ރޭވި ދަތުރެއް އެއީ. މުޅިއާއިލާ މިދަތުރުގައި ބައިވެރިވާނެ.“ ދެކުދިންގެ ބައްޕައަކު ބުންޏެވެ.
ހިތަށް އަރައެވެ. ދަރިންގެ ޗުއްޓީއާމެދު ބެލެނިވެރިން ވިސްނަނީ ކިހާވަރަކަށް ބާއެވެ؟ އެކުދިންނަށް ކަންކަން ދަސްކޮށްދީ, ތަޖްރިބާ ހޯދައިދިނުމަށް މަސައްކަތް ކުރަނީ ކިހާވަރަކަށް ބާއެވެ؟ ޗުއްޓީ އަކީ ކުދިންނަށް ކަންކަން އުގަންނައިދީ ދަސްކޮށްދިނުމަށް މައިންބަފައިންނަށް ލިބޭ ފުރުޞަތެކެވެ.
” ހަގީގަތުގައި ކުދިންގެ ޗުއްޓީއާމެދު ވިސްނަނީ މަދުބަޔަކު. ޗުއްޓީއަކީ ކުދިންނަށް ކުޅިވަރު ކުޅެންލިބޭ ދުވަސްތަކެއްކަމަށް ބައެއް ފަހަރަށް ހީވޭ. މިގޮތަށް އެކުދިންގެ ވިސްނުން ހުންނަނީ ބެލެނިވެރިންގެ ސަބަބުން. ބެލެނިވެރިންގެ ޒިންމާ ކުޑަވާތީ. އަހަރެން ދެކޭ ގޮތުގައި ޗުއްޓީއަކީ ބެލެނިވެރިން ކުދިންނަށް ކޮށްދެންޖެހޭ ކަންތައްތަކެއް ހިމެނެންޖެހޭ ދުވަސްތަކެއް. ޗުއްޓީއެއް ނިމިގެންދާއިރު ކުދިންނަށް ދަސްވާންޖެހޭ ކަންތައްތަކެއް ހުންނަންޖެހޭނެ. އެކަން މެނޭޖްކޮށް ރާވާނީ ބެލެނިވެރިން“ ސެކަންޑްރީ ސްކޫލެއްގެ ސްޕަވައިޒަރަކު ވިދާޅުވި އެވެ.
” ޗުއްޓީ އަކީ ހަމައެކަނި ކުޅިވަރާ މަޖަލަށް ދުއްވާލަން ޖެހޭ ދުވަސްވަރެއް ނޫން. އެއަށް ވުރެބޮޑަށް ރޭވިގެން, ކުދިންނަށް ކަންކަން ދަސްކޮށްދިނުމަށް ލިބޭ ފުރުޞަތެއް އެއީ. ޗުއްޓީގައި ކޮންމެވެސް ކަހަލަ ކަންތައްތަކެއް ކުދިންނަށް ޙަވާލުކުރެވެން ޖެހޭ. މައިންބަފައިންވެސް ކުދިންނަށް ކަންކަން ދަސްކޮށްދިނުމުގައި ޗުއްޓީގައި މުހިންމު ރޯލެއް ކުޅެދެންޖެހޭ ކަމަށް ގަބޫލު ކުރެވެނީ.“ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ސީނިއަރ ލެކްޗަރަރ އަބުދުއްރަޝީދު ޢަލީ ވިދާޅުވި އެވެ.
” އަހަރެންގެ ދަރިންނަށް ޗުއްޓީގައި ކަންތައްތަކެއް ޙަވާލުކުރަން. އެހެން ނަމަވެސް ބައެއް ފަހަރު ސްކޫލުން ވަރަށް ގިނަ ކަންތައްތަކެއް އެބަހުރޭ ހަވާލުކޮށްފައި. ނުނީ ޗުއްޓީއާ ދިމާކޮށް ކަންތައްތަކެއް އެބަރާވާ. އެހެންވީމާ އަހަރެން ކަންތައްތަކެއް ރޭވުމުގެ މާނަ އެއްނެތް. ކުދިންނަށް ސްކޫލުން ހަވާލުކުރާ ކަންކަން ދިނުމުން ފުދޭނެ.“ ޣިޔާޘުއްދީން ސްކޫލުގެ ބެލެނިވެރިއަކު ބުންޏެވެ.
ޗުއްޓީ އަކީ ބެލެނިވެރިންގެ އަތްމައްޗަށް ދަރިންގެ ހުރިހާ ކަމެއް ދޫކޮށްލެވިފައި އޮންނަ ދުވަސްވަރެކެވެ. އެހެން ކަމުން ކުދިންގެ ކިޔެވުމާއި އިތުރު ޙަރަކާތްތައް ބެލުމާއި, ގޭތެރޭގެ ކަންކަމުގައި ބައިވެރި ކުރުވުމަކީ ބެލެނިވެރިންގެ މަސްއޫލިއްޔަތެކެވެ. މިކަން ކުރެވޭނީ ބެލެނިވެރިން ނަށެވެ.
” އަހަރެންގެ ނަޒަރުގައި ޗުއްޓީ އަކީ އަހަރެމެންނަށް ލިބޭ ވަރަށް މުހިންމު ދުވަސްވަރެއް. ކުދިންނާ އެކީ ހުރިހާ ވަގުތެއް ހޭދަކޮށް ކުދިންނަށް ބޭނުންވާ އުފާތައް ހޯދައިދިނުމަށް ލިބޭ ވަރަށް މުހިންމު ދުވަސްވަރެއް. މިދުވަސްވަރު ކުދިންނަށް ވަރަށް ގިނަ ކަންތައްތަކެއް ކޮށްދެވޭ. ނަމާދުކުރާ އެއްޗެހި ދަސްކޮށްދީ, ގޭތެރޭގެ ބައެއް ކަންކަން ދަސްކޮށްދީ ހެދޭ. އަދި ކުދިންނާ އެކީ މަޖާކޮށްހެދޭ. ސްކޫލު ފެށުމުން މިކަން ކުރަން އެހާފަސޭހައެއް ނޫން. އަހަރެންގެ ދަރިންގެ ޗުއްޓީ ޝެޑިއުލް އޮންނާނީ ރޭވިފައި. އެކުދިންނަށް އެނގޭނެ މިއަދު ކުރަންޖެހެނީ ކޮންކަމެއް ކަން. މާދަމާ ކުރަންޖެހޭނީ ކޮންކަމެއްކަން.“ އަމީނިއްޔާ ސްކޫލުގެ ބެލެނިވެރިއަކު އޭނާގެ ދެކުދިންގެ ޗުއްޓީ ރޭވިފައިި އޮތްގޮތް ބުނެދިނެވެ. މިއީ ވަރަށް މަދު ބެލެނިވެރިއެއްގެ ފުށުން ފެންނަ ސިފަތަކެކެވެ. ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ޗުއްޓީއަކީ ބެލެނިވެރިންގެ މަސައްކަތެއް ކަމެވެ. ކުދިންނަށް ކަންކަމުގެ ތަޖްރިބާއާ އިލްމު ދަސްކޮށް ދިނުމަށް ހަވާލުކުރެވޭ ޒިންމާ އެއްކަމެވެ. ސުވާލަކީ މިޒިންމާ ފުރިހަމައަށް ނަގަނީ ކިއްތައް ބެލެނިވެރިން ބާއެވެ؟ ކުދިންނަށް އެކަށީގެންވާ ޗުއްޓީއެއް ‘ހޯދައިދެނީ’ ކިތައް ބެލެނިވެރިން ބާއެވެ؟