
ދިމާވާ ދަތިތަކަކަށް ކެތްތެރިވެ ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދުން
-އައްޝައިޚް ނަސްރުﷲ މުސްތަފާ-
ބައެއް ސަލަފުން ވިދާޅުވެފައިވެއެވެ. “الإيمان نصفان: نصف صبر, ونصف شكر” ابن حجر {މިއީ ސަނަދުޞައްޙަ ރިވާޔަތެއްކަމަށް ވިދާޅު ވެފައިވެއެވެ.}
މާނައަކީ : “އީމާންކަން ބެހިފައިވަނީ ދެބަޔަކަށެވެ. އެއްބަޔަކީ ކެތްތެރިކަމެވެ. އަނެއްބަޔަކީ ޝުކުރުކުރުމެވެ”.
މާތްވެގެންވާ އަޚުންނާއި އުޚުތުންނެއެވެ. ކެތްތެރިވުމަކީ ހެޔޮކަމުގެ އެންމެމަތީ ދަރަޖައިގައިވާ ކަމެކެވެ. އެކަމަށް ﷲ ވަނީ އެކަލާނގެ ކީރިތި ޤުރުއާނު ގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވެއެވެ. އަދި ﷲގެ ރަސޫލުވަނީ އެކަލޭގެފާނުގެ ސުންނަތުގައި ޢަމުރުކުރައްވާފައެވެ.
ކީރިތި ޤުރުއާނުގައި ކެތްތެރިކަމުގެ ލަފްޟު ( صبر ) 104 ފަހަރަށް އައިސްފައިވެއެވެ. އަދި އެކަމަށްވާ ކީރިތި ރަސޫލާގެ ޙަދީޘްތައް ގިނަގުނަމެއެވެ. އެކަލާނގެ ރަސޫލުއަށާއި މިއުއްމަތުގެ މީސްތަކުންނަށް ކެތްތެރިވުމަށް ޢަމުރުކުރައްވައި ﷲ ވަޙީކުރައްވަނީ:
{ واصبر وما صبرك إلا با الله .}
ކެތްތެރިވުމަކީ އެންމެ މަތީފަންތީގެ ރަސޫލުންގެ ސިފަކަން ބަޔާންކުރައްވައި ﷲ ވަޙީކުރައްވަނީ :
{فا صبر كما صبر أولوا العزم من الرسل .}
މުއުމިނުންނަށް ކެތްތެރިވުމަށް ގޮވާލައި ﷲ ވަޙީ ކުރައްވަނީ.
{يا أيها الذين آ منوا اصبروا وصا بروا . }
ކެތްތެރިވާ މީހުންނަށް ތަޢުރީފް ކުރައްވައި ވަޙީކުރައްވަނީ.
{والصا بر ين في البأ سا ء والضراْْْْْْْء وحين لبأس أولئك الذين صد قوا وأولئك هم المتقون .}
ކެތްތެރިންނަށް ލޯބިވެވޮޑިގެންވާކަން އަންގަވައި ﷲ ވަޙީކުރައްވަނީ:
(والله يحب الصابرين).
ކެތްތެރީންނާއިއެކު ވޮޑިގެންވާކަން ބަޔާންކުރައްވައި ﷲ ވަޙީކުރައްވަނީ:
( إن الله مع الصابرين).
ކެތްތެރިވުމަކީ މީސްތަކުންނަށް އެންމެ ރަނގަޅު ގޮތްކަން ސާފުކުރައްވައި ﷲ ވަޙީކުރައްވަނީ:
(ولئن صبرتم لهو خير للصابرين).
ކެތްތެރީންނަށް މަތިވެރި ޖަޒާދެއްވާނެކަން އަންގަވައި ﷲ ވަޙީކުރައްވަނީ:
(ولنجزين الذين صبروا بأحسن ما كانوا يعملون).
ކެތްތެރީންނަށް ހިސާބެއްނެތި އަޖްރު ދެއްވާނެކަން ބަޔާންކުރައްވައި ﷲ ވަޙީކުރައްވަނީ:
(إنما يوفى الصابرون أجرهم بغير حساب).
ކެތްތެރިންނަށް ސުވަރުގެ ވާކަން އަންގަވައި ﷲ ވަޙީކުރައްވަނީ:
(وجزاهم بما صبروا جنة وحريرا).
މިމަތިވެރި ޖަޒާ ކެތްތެރިކަމަށް ދެއްވާފައިވަނީ ކީއްވެތޯ ސުވާލުކޮށް ލީމުތޯއެވެ؟ ޝައްކެއްނެތެވެ. އެއީ ކެތްތެރިވާމީހުން ކެތްތެރިވަނީ ﷲ އަށްޓަކައެވެ. އެކަލާނގެ އަންގަވާފައިވާތީއެވެ. ލޮލުން ކަރުނަ އޮހޮރާ ޙާލުގައެވެ. ހިތްފުނޑުފުނޑު ކޮށްފައެވެ. ތިމާގެ ނަފްސު އެންމެ އެދޭކަންތައްތައް ދޫކޮށްފައިވެސް މެއެވެ. އެޖިހާދުކުރަނީ އަމިއްލަ ނަފްސާއި ޝައިޠާނާ އާއި ދެކޮޅަށް ކަމަށް ވާތީއެވެ. ލޭއޮހޮރައިލީ ﷲ އަށްޓަކައިކަމަށް ވާތީއެވެ. ޖާނާއި މުދާ ހޭދަކުރީ ﷲ އަށްޓަކައި ތިމާގެ ޟަމީރު ނިކަމެތިކޮށް އިނދަ ޖައްސާފައިކަމަށް ވާތީއެވެ. ހަވާނަފްސާއި ދެކޮޅަށް ހިތާއި ފިތާއި ދެކޮޅަށް މަސައްކަތްކުރުމީ ދަތި އުނދަގޫ ބުރަކަމަކަށް ވާތީވެސް މެއެވެ. ޢިއްޒަތާއި އަބުރު ވެއްޔާއި މޮޑެލުމުންވެސް ﷲއަށްޓަކައި ކެތްކުރީތީ އެވެ. ދުލަށް އައިހައި އެއްޗެއް ގޮވިއިރުވެސް އެކަލާނގެ ރުއްސެވުން އެދިގެން ކެތްކުރީއެވެ. ހަމަ އެކަނި ﷲއަށްޓަކައެވެ. މީހަކަށް ޓަކައެއްނޫނެވެ. މިފަދައިން ކެތްތެރިވެ ނަމޫނާ ދެއްކެވީ ކާކުތޯ ސުވާލު ކޮއްލަމާތޯއެވެ؟ އެންމެނަށްވެސް ބުނަން ޖެހޭނީ ކައުއިތުރު ސާހިބާގެ ނަމެވެ. محمد صلى الله عليه وسلم ގެ މާތް ނަންފުޅެވެ.
~ ކެތްތެރިވާށެވެ. އަވަސްވެނުގަންނާށެވެ.
ކެތްތެރިކަމަކީ ﷲގެ ޙަޟުރަތުން ލިބިގަނެވޭ އެއްޗެކެވެ. އެކަމަކު އަވަސްވެގަތުމަކީ ޝައިޠާނާ ކުރުވާކަމެކެވެ. އެކަމަށް އިޝާރާތްކުރައްވާ ﷲގެ ރަސޫލާ ޙަދީޘްފުޅުކުރައްވަނީ:
“التأني من الله و العجلة من الشيطان” صحيح الجامع الصغير المجلد الأولގެ 3011ވަނަ ޙަދީޘް.
މާނައީ: “އަވަސްވެނުގަނެ ކޮންމެކަމެއްގައިވެސް ކެތްތެރިކަމާއި އެކީ ވުމަކީ އެއީ ﷲގެ ޙަޟުރަތުން ލިބޭކަމެކެވެ. އަދި އަވަސްވެގަތުމަކީ އެއީ ޝައިޠަނާގެ ފަރާތުން ވާކަމެކެވެ”.
މާތް ރަސޫލާ ނަމާދަށް އޮނަނަވަނިކޮށް ކަރު ގޮހޮރުފަދަ ތަކެތި އެޅުމުންވެސް ކެތްކުރެއްވީ އެވެ. ސިހުރުވެރިއެކޭ ކާހިނެކޭ ބުނުމުން ވެސް ކެތްތެރިވެ ވަޑައިގެންނެވިއެވެ. ޢިއްޒަތާއި އަބުރާއި ބެހުމުންވެސް ކެތްތެރިވެވަ ޑައިގަތެވެ. އަނިޔާކޮށް ގައިކޮޅުން ލޭފޮދު އޮހޮރިއިރުވެސް ކެތްތެރިވެ ވަޑައިގެންނެވިއެވެ. މިއީ އަޅުގަނޑުމެން ނަށް އެކަލޭގެފާނު ދެއްކެވި ނަމޫނާއެވެ. ދެން ތިއްބެވީ ސަޙާބީންނެވެ. ކެތްތެރިކަމުގެ އެހާމެ ފުރިހަމަ ނަމޫނާތަކެކެވެ. އެއަށްފަހު އެބޭކަލުންނާއި ތަބަޢަވެވަޑައިގެންނެވި ސަލަފީ އިމާމުންނެވެ. އިމާމް އަބޫޙަނީފާއެވެ. އިމާމް ޝާފިޢީއެވެ. އިމާމް މާލިކެވެ. އަދި އިމާމް އަޙްމަދު ފަދަ ބޭބޭފުޅުންނެވެ. މީސްތަކުންގެ ދުއްތުރާތަކަށް ކެތްތެރިވެވަޑައިގެން ސަޙާބީން ހިންގެވި މަގުން އެބައިމީހުން ހިންގެވިއެވެ.
ދޮގުވެރިއެކޭ ވައްކަން ކުރާމީހެކޭ ރާބޯމީހެކޭ ޒިނޭކުރާމީހެކޭ ލިވާޠުކުރާމީހެކޭ ބުނުމުންވެސް ކެތްތެރިވެވަޑައިގެން ތިއްބެވުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ﷲ އެބައިމީހުން އިމާމުންކަމުގައި ލެއްވުމެވެ. މީސްތަކުންގެ ނަމޫނާތަކެއް ކަމުގައި އެބައިމީހުން ވެގެން ދިޔައެވެ. އެބައިމީހުންނަށް ނަޞްރާއި ކާމިޔާބު ލިބުނީއެވެ.
(ނުނިމޭ)