
ހުކުރު ނަމާދު 12:35ގައި ކުރުމަކީ ދީނުގައި އާ ޝަރީއަތެއް ހެދުން ކަމުގައި ނުވާނެއެވެ. (4)
-އައްޝައިޚް ނަސްރުﷲ މުސްތަފާ-
~ ހުކުރު ނަމާދު ވަގުތުން ފަސްކުރިއަސް ޖަމާޢަތަށް ދާންވާނެއެވެ.
އެއްވެސް ޙަދީޘަކުން ހުކުރު ނަމާދުގެ ޖަމާޢަތް ހެދުމަށް ވަކިވަގުތެއް ކަނޑައެޅުމަކީ އެއީ ކުފުރުކަމެއްކަމަށް އެނގެން އެބައޮތް ބާވައެވެ؟
އެއްވެސް ޙަދީޘަކުން ނަމާދު ވަގުތުން ލަސްކުރުމަކީ ނުވަތަ ވަކިވަގުތެއް ހަދައިގެން ކުރުމަކީ ކުފުރުކަމަށް ސަލާމާއި ޞަލަވާތްލެއްވި މާތް ރަސޫލާ ޙަދީޘްފުޅުކުރެއްވި ނަމަ މީހާ ކުފުރު ކުރުމަށްވާ ޝަރުޠުތަކަށް ބަލަންވެސް ޖާގަ ލިބިދާނެއެވެ. އެހެންނަމަވެސް އެފަދަ ބަހެއް އައިސްފައި ނެތުމުން އެފަދައިން ނިންމޭކަށް ފުރުޞަތެއްވެސް ނުލިބޭނެއެވެ. އެފަދައިން އައިސްފައިވިނަމަވެސް ވާނީ ކުފުރުގެ ކަމެއް ކުރިކަމަށެވެ. ކާފަރުވާކަށް ނުޖެހޭނެއެވެ. އަދި ލާޒިމެއްވެސް ނުވާނެއެވެ. އެހެނީ ކުފުރުގެ ކަމެއްކުރުމުން ޝަރުޠު ހަމަނުވާކަމުގައިވާނަމަ ކާފަރު ނުވާނެތީއެވެ. މިކަމުގައި މަތީގައި ކާފަރު ކުރުމަށް ޢިލްމުވެރީން ބަޔާންކޮށްފައިވާ އުޞޫލްތަކަށް ބޮޑަށް ބައްލަވާށެވެ. އެއިރުން މިނުރައްކާތެރި މައްސަލައިން އިރާދަކުރެއްވިއްޔާ ސަލާމަތްވާނެއެވެ. އަދި ތިމާގެ ނިމުން ރަނގަޅުވެގެން ދާނެއެވެ.
ކޮންމެއަކަސް އެއްވެސް ޙަދީޘަކުން ހުކުރު ނަމާދަށް ވަކި ވަގުތެއް ކަނޑައަޅައިފިމީހާ ކުފުރުވާނެކަމަށް ނެތުމުން އެފަދަ މީހާގެ ކުފުރު ކަމާއިމެދު ބަލައި ބަޙުޘް ކުރުމަކީ ފައިދާއެއް ނެތްކަމެއްކަން އެނގެއެވެ. އެހެނީ ކާފަރު ކުރުމަކީ ﷲއާއި އެކަލާނގެ ރަސޫލާގެ ބަސްފުޅެއް ލިބިގެން މެނުވީ ނުކުރެވޭނެކަމަކަށް ވާތީއެވެ. އަދި އެފަދަ އެއްވެސް ޙުއްޖަތެއް ޤުރުއާނާއި ޙަދީޘުން އަދި ސަލަފުންގެ ފަރާތުން އައިސްފައި ނެތުމުން އެނގޭ އަދި ހާމަވާ ނުކުތާއަކީ ހުކުރު ނަމާދު މީސްތަކުން އެއްވެއުޅުމަށް ފަސޭހަ ވަކި ވަގުތެއް ކަނޑައެޅުމުން އެކަން ކުރާފަރާތް ކާފަރުވެގެން ނުދާނެކަމެވެ.