
ހުކުރު ނަމާދު 12:35ގައި ކުރުމަކީ ދީނުގައި އާ ޝަރީއަތެއް ހެދުން ކަމުގައި ނުވާނެއެވެ. (3)
-އައްޝައިޚް ނަސްރުﷲ މުސްތަފާ-
~ ހުކުރު ނަމާދު ކުރުމަށް ކަނޑައެޅިފައިވާ ވަގުތު އެހެނިހެން ނަމާދަށްވުރެވެސް ތަނަވަސްވެގެންވެއެވެ.
ހުކުރު ނަމާދުވަގުތު އެހެނިހެން ނަމާދުތަކަށްވުރެ ބޮޑަށް ވަގުތު ތަނަވަސްވެގެންވާ ކަމުގެ ދަލީލުތައް ވަރަށް ގިނައެވެ. އެކަން އެނގޭ ބައެއް ރިވާޔަތްތައް ތިރީގައި މި ބަޔާން ކޮށްލަނީއެވެ. މިއީ އެއްގޮތަކަށްވެސް އަމިއްލަޔަށް އަމިއްލަ ސިކުނޑިން ބުނާ ބަހެއް ނޫނެވެ. ދީނުގައި އެކަން ސާބިތުވެގެންވާ ގޮތެވެ. އަދި މިއީ ވަކި ބަޔަކު ދިފާޢުކުރުމަށްޓަކައި ބުނާ ބަހެއްވެސް ނޫންމެއެވެ. އެހެނަސް މާތްވެގެންވާ އަޚުންނަށާއި އުޚުތުންނަށް ޙައްޤު ބަޔާންކުރުމުގެ ގޮތުން އެކުލަވާލާ ބަސްކޮޅެކެވެ.
އިމާމް އަލްބާނީ ވިދާޅުވެފައިވެއެވެ:”ސުންނަތުންނާއި ސަލަފުއްޞާލިޙުންގެ ފަރަތުން ހުކުރުނަމާދަށް ދެވަގުތެއްވާކަން އެނގެއެވެ، އެއީ އިރުމެދުން ފިލުމުގެ ކުރީންނާއި އިރުމެދުންފިލުމުގެ ފަހުންނެވެ".(އަޖްވިބާ އަލް މުފީދާ). އެހެނީ ﷲރުއްސުންލެއްވި އަބޫބަކުރުއްޞިއްދީޤާއި ޢުމަރުލް ފާރޫޤުގެ ފަރާތުން އެދެބޭފުޅުން މެންދުރު ފަހުން ކުރެއްވިކަމަށް ޞައްޙަސަނަދުން އައިސްފައިވާތީއެވެ.
ﷲރުއްސުންލެއްވި ޖާބިރުގެ ފަރާތުން އިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘްގައި އައިސްފައިވެއެވެ:” كان رسول الله صلى الله عليه وسلم يصلي الجمعة ثم نذهب إلى جمالنا فنريحها حين تزول الشمس. رواه مسلم މާނައީ:”ސަލާމާއި ޞަލަވާތްލެއްވި ރަސޫލާ ހުކުރުކުރެއްވުމުން ތިމަންމެން ގޮސް އިރުމެދުން ފިލުމުން ޖަމަލްތައް ކައިރިއަށްގޮސް އެއެއްޗިއްސަށް ޚިދުމަތްދީ ހަދަމެވެ".
ޞަޢީދު ބިން ސުވައިދު ވިދާޅުވިއެވެ:” ﷲ ރުއްސުންލެއްވި މުޢާވިޔާ ތިމަންމެންނާއި އެއްކޮށް ޟުޙާ ވަގުތުގައި ހުކުރުކުރެއްވިއެވެ. ހަމަ އެފަދައިން ޢައްމާރު ބިން ޔާސިރާއި ﷲ ރުއްސުންލެއްވި ޞަޢުދު ބިން އަބީ ވައްޤާޞްގެ ފަރާތުންވެސް ޞައްޙަ ސަނަދުން އިބްނި އަބީ ޝައިބާ ރިވާކުރައްވާފައިވެއެވެ.
ﷲރުއްސުންލެއްވި ޢަބްދުﷲ ބިން ސަލަމާ ވިދާޅުވެފައިވެއެވެ: ”ޟުޙާވަގުތުގައި ޢަބްދުﷲބިން މަސްޢޫދު ތިމަންމެން ގޮވައިގެން ހުކުރު ކުރެއްވިއެވެ އަދި ވިދާޅުވިއެވެ:”ތިޔަބައިމީހުންނަށް ހޫނުވެދާނެކަމަށް އަވަސް ކޮށްލެއްވީއެވެ".
އަދި އިމާމް އަބީ ރަޒީންވެސް އިމާމް ޢަލީ ބިން އަބީޠާލިބުގެ ފަރާތުން މިފަދައިން އެކަލޭގެފާނުގެ ދުވަސްވަރުވެސް ހުކުރު ކުރެއްވިކަމަށް ވިދާޅުވެފައިވެއެވެ.
އެހެންވެ އިމާމް އިބްނި ޙަޒުމްވެސް މަރާތިބުލް އިޖްމާޢުގައި ވިދާޅުވެފައިވެއެވެ:”ޢިލްމުވެރީން ހުކުރުވަގުތާއި ބެހޭ ގޮތުން އިޚްތިލާފްވެފައިވެއެވެ، މުޖާހިދު އެކަމާއި ބެހޭގޮތުން ވިދާޅުވެފައިވެއެވެ: ”މުސްލިމުންގެ ކޮންމެ ޢީދު ނަމާދެއްވެސް ކުރަންޖެހެނީ މެންދުރު ކުރީންނެވެ".(މަރާތިބުލް އިޖްމާޢުގެ 49ވަނަ ޞަފްޙާ)
އިމާމް އަޙްމަދާއި ހުކުރު ވަގުތަކީ ކޮބައިތޯ ސުވާލުދެންނެވުމުން ވިދާޅުވަނީ:”މެންދުރުގެ ކުރިން ކުރިއަސް މައްސަލައެއްނެތެވެ". (މަސާއިލް އިމާމް އަޙްމަދުގެ 112ވަނަ ޞަފްޙާ).
އިމާމް ޝަވްކާނީ ވިދާޅުވަނީ އިމާމް އަޙްމަދު ވިދާޅުވެފައިވަނީ ޙައްޤުބަސްކަމުގައިއެވެ.ޖުމްހޫރުންގެ ދަލީލުން މެންދުރުގެ ކުރިން ހުކުރު ކުރުން ނަފީއެއް ނުކުރެއެވެ. އަދި އިމާމް ޝައިޚް އަލްބާނީވެސް އެކަމަށް އެއްބަސްވެވަޑައިގަންނަވައެވެ.
ހުކުރުވަގުތާއި ބެހޭގޮތުން އެހެން ބަހެއްވެސް އައިސްފައިވެއެވެ. އެއީ މާލިކީމަޒުހަބުގެ ފަރާތުންނެވެ. އެބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން ހުކުރުގެ ވަގުތު މަޣުރިބާ ހަމައަށް ދެމިގެން ދާކަމުގައި ވިދާޅުވެފައިވާކަމަށް މުދައްވަނާގައި އައިސްފައިވެއެވެ.
~ ހުކުރު ނަމާދު ވަގުތުން ފަސްކުރިއަސް ޖަމާޢަތަށް ދާންވާނެއެވެ.
ހުކުރުވަގުތުގެ ތަނަވަސްކަން އިސްވެ ދިޔަ ނުކުތާތަކުން ސާބިތުވާނެއެވެ. ވީމާ، މިހައި ވަގުތު ފުޅާވެގެންވާ ނަމާދެއް ވަކި ވަގުތަކަށް ކަނޑައަޅައި މީހުން ދީނުން ބޭނުން ކުރުން ހެޔޮނުވާނެއެވެ. ނޫންނަމަ މީސްތަކުންނަށް ފަސޭހަ ކުރުމަށްޓަކައި ވަކިވަގުތަކަށް އެނަމާދުގެ ޖަމާޢަތް ހެދުމުން އެއީ ބިދުޢައެއްކަމަށް ހެދުން އެއްގޮތަކަށްވެސް ރަނގަޅެއް ނުވާނެއެވެ. އަދި އެއްވެސް ޢިލްމުވެރިޔަކު ނުބުނާ އައު ބަސްތަކެއްގެނެސް ވަކިވަކިވެގަތުމަކީ އެއްގޮތަކަށްވެސް މުސްލިމުން ކޮށްގެންވާނެކަމެއްނޫނެވެ. އަދި އެބައިމީހުން އެކުރަނީ ނުބައިވަގުތެއްގައިކަމުގައި ވިޔަސް ސަލާމާއި ޞަލަވާތްލެއްވި މާތްރަސޫލާގެ ސުންނަތަށް ތަބަޢަވުމުގެ ގޮތުން އެބައިމީހުންގެ ފަހަތަށް ދާންޖެހޭނެއެވެ. އެހެނީ މާތް ރަސޫލާ ޙަދީޘް ކުރައްވާފައިވަނީ: يكون عليكم أمراء من بعدي يؤخرون الصلاة ، فهي لكم وهي عليهم ، فصلوا معهم ما صلوا القبلة“ . ( ) މާނައީ:”ތަމަންކަލޭގެ ފާނަށް ފަހު ނަމާދު ލަސްކުރާނޭވެރީންތަކެއް އަންނާނެއެވެ. އެކަމުގެ ފާފަލިބޭނީ އެމީހުންނަށެވެ. ތިޔަބައިމީހުންނަށް އެކަމުން ލިބޭނީ އަޖްރެވެ. އެމީހުން ޤިބްލައަށް ނަމާދުކުރާހާ ހިނދަކު އެބައިމީހުންނާއި އެއްކޮށް ނަމާދުކުރާށެވެ". މިއަމުރުގެ ތެރެއަށް ހުކުރު ނަމާދުވެސް ވަންނާނެއެވެ. ޙައްޖާޖް ބުން ޔޫސުފުގެ ދުވަސްވަރު ހުކުރުނަމާދު ލަސްވެގެންގޮސް ޢަސްރުވަގުތުވަންނަން ދެން ތިބެން ޖެހޭކަމަށް ޢިލްމުވެރިން ބަޔާންކޮށްފައިވެއެވެ.
އަދި ވަލީދު ބިން ޢުޤުބާ ނަމާދު ލަސްކޮށްގެން ޢަބްދުﷲ ބިން މަސްޢޫދު ނަމާދުކުރެއްވިކަމަށްވެސް އިމާމް އަޙްމަދު ޞައްޙަސަނަދުން ރިވާކުރައްވާފައިވާ ރިވާޔަތެއްގައި އައިސްފައިވެއެވެ( ). އެހެނަސް ޢިލްމުވެރީން ޖަމާޢަތް ދޫކޮށްފައި ގޮސް ރުޅިހަދައި ބަޣާވާތްކުރީކީ ނޫނެވެ. ވީމާ އަޅުގަނޑުމެންނަށްވެސް ވާޖިބުވަނީ މާތް ރަސޫލާގެ ސުންނަތުން ސާބިތުވާ ގޮތަށް އުޅުމެވެ. އަދި ޢިލްމުވެރީން ހިނގާފައިވާ މަގުން ހިނގުމެވެ.
އަދިވެސް ސަލާމާއި ޞަލަވާތްލެއްވި މާތް ރަސޫލާ ޙަދީޘްފުޅުކުރައްވާފައިވެއެވެ:”فاجعلوا صلاتكم معهم تطوعا . ( )" މާނައަކީ: "ތިޔަބައިމީހުން އެމީހުންނާއި އެކީ ކުރާ ނަމާދު އެއީ ސުންނަތަށް ހަދާށެވެ". އެމީހުންނާއި ވަކިން ދުރުގައި އުޅުމަށް ނައަންގަވައެވެ. އަދި ކިއެއްތޯއެވެ، އެމީހުންނާއި އެކީ ނަމާދުކުރުމަށް އެންގެވީއެވެ.
އަދިވެސް ޙަދީޘްފުޅުކުރައްވާފައިވެއެވެ:"إنه سيكون أمراء يؤخرون الصلاة عن مواقيتها ألا فصل الصلاة لوقتها ثم ائتهم فإن كانوا قد صلوا كنت قد أحرزت صلاتك و إلا صليت معهم فكانت تلك نافلة( )."
މާނައަކީ:”ހަމަކަށަވަރުން ވެރީންތަކެއް އަންނާނެއެވެ، އެމީހުން ނަމާދު ވަގުން ލަސްކުރާނެއެވެ، ދަންނާށެވެ، ނަމާދު އޭގެ ވަގުތުގައި ކުރާށެވެ، އެއަށްފަހު އެމީހުން ކައިރިއަށް އަންނާށެވެ. އަންނައިރު އެމީހުން ނަމާދުކޮށްފިނަމަ ކަލޭކޮށްފައިވާ ނަމާދުވާނީ ރައްކާކުރެވިފައިއެވެ. ނޫންނަމަ އެމީހުންނާއި އެކީގައި ނަމާދު ކުރާށެވެ، އެވާނީ ސުންނަތަކަށެވެ". މިޙަދީޘުގައި ސަލާމާއި ޞަލަވާތްލެއްވި މާތް ރަސޫލާ އެވަނީ އެމީހުން ކައިރިއަށް ދިއުމަށް އަމުރު ކުރައްވާފައިއެވެ. ވަކިވަކިވެ އެމީހުންގެ ޖަމާޢަތް ދޫކޮށްލުމަކަށް އަމުރު ނުކުރައްވައެވެ.
މިފަދަ އެތަކެއް ޙަދީޘްތަކެއް މި ބާބުގައި އައިސްފައިވެއެވެ. އެހެންނަމަވެސް މިވަރުން ފުއްދައިލާނަމެވެ. މިކަން ޝައިޚުލް އިސްލާމް ފަދަ ބޮޑެތި ޢިލްމުވެރިން ބަޔާން ކޮށްފައިވެސްވެއެވެ.
(ނުނިމޭ)
-
ބުދަ، އޯގަސްޓް 26 2009، 12:11
ވަރަށް ފުރިހަމަ ލިޔުމެއް މިފަދަ ލިޔުންތައް ޖަޒީރާއިން ޖަހާކަން ވަރަށް ރަނގަޅު... ޗަރޭ....
-
ބުދަ، އޯގަސްޓް 26 2009، 13:27
މިތާގަ ސުވާލަކީ ވަގުތުން ފަސްކުރުން އެކަންޏެއް ނޫން...ސުވާލަކީ އެމީހުން އެކުރާ އެއްޗަށް ކިޔަނީ ނަމާދުތޯ؟