ބަރަކާތްތެރި ރަމަޟާންމަހުގައި އިޚްލާސްތެރިކަމުގެ މުހިއްމުކަން.

އޯގަސްޓް 22 2009، 13:44 0 ޚިޔާލު

-އައްޝައިޚް ނަސްރުﷲ މުސްތަފާ-

މުވާޞަލާތީ ޚިދުމަތްތަކަށް ތެޔޮ ނުވަތަ އެމަޤާމްގައިވާ އެހެން ކޮންމެވެސް އެއްޗެއް ބެނުންވާކަން އެންމެންވެސް ޤަބޫލްކުރެއެވެ. ހަމައެފަދައިން އިންސާނުން މިދުނިޔޭގައި އުޅުމަށްޓަކައި ވަޔާއި ފެނާއި އިރުގެ ހަކަތަ ބޭނުންވާނެކަންވެސް ޔަޤީންކުރެއެވެ. މިބީދައިންބަލާއިރު އިޚްލާޞްތެރިކަމަކީ ﷲގެ ޙަޟްރަތުގައި އަޅުކަން ޤަބޫލްވުމުގެ ޝަރުޠުތަކުގެތެރޭގައި ހިމެނޭ އެއްޝަރުޠުކަމުގައިވެސް އެންމެހައި މުސްލިމުން ޤަބޫލް ކުރެއެވެ. އަދި އެއާއިނުލައި ކުރެވޭ އަޅުކަމަކީ ވުޟޫއާއި ނުލައި ކުރެވޭ ނަމާދެކޭ އެއްފަދަ އެއްޗެއްކަންވެސް ގިނަ މުސްލިމުން ދަނެއެވެ.

މިމޭރުމުން ބަލާއިރު މަތީގައި ބަޔާންކުރެވުނު އިޚްލާސްތެރިކަމަކީ އަޅާއާއި މާތް ﷲ އާއި ދޭތެރޭގައިވާ ސިއްރެއްކަމަށް ޢިލްމުވެރިން ވިދާޅުވެފައިވަނީ އޭގައި ވަރަށް ބޮޑެތި ސަބަބުތަކެއްވާތީއެވެ. އެއީ އޭގެ ސަބަބުން ޝައިޠާނާގެ ދަންތުރަތަކުން ސަލާމަތްވާނެތީއެވެ. ތިމާއަށް ރައްކާތެރިކަމާއިއެކު ދެދުނިޔެ ޙާޞިލްކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަކަށް ވާތީއެވެ. އަދި އަޅުކަން އެންމެފުރިހަމަ ގޮތުގައި އަދާ ކުރެވޭނެތީއެވެ.

އިޚްލާޞްތެރިކަމުގެ މުހިއްމުކަން ބަޔާންކުރައްވައި ﷲޠަޢާލާ ވަޙީކުރައްވާފައި ވެއެވެ. "وما أمروا إلا ليعبدوا الله مخلصين له الدين حنفاء ويقيموا الصلاة ويؤتوا الزكاة وذلك دين القيمة" البينة:5 މާނައީ:"އަދި އިޙްލާސްތެރިކަމާއެކު އަޅުކަންކޮށް ބާޠިލް އެންމެހައި ގޮތްތަކުންދުރުހެލިވެ ނަމާދުޤާއިމްކުރުމާއި ޒަކާތްދިނުމަށްމެނުވީ އެބައިމީހުންނަށް އަމުރުވެވިގެނެއްނުވެއެވެ. އަދި ފުރިހަމަވެގެންވާ ދީނަކީއެއީއެވެ."

އިސްވެދިޔަ އާޔަތުގައި ﷲޠަޢާލާ އެވަނީއަޅުކަންކުރާއިރު އިޚްލާސްތެރި ވުމަށް އަމުރުކުރައްވާފައި އެވެ. އަދި ހަމައެއާއެކު ބާޠިލްހުރިހައިގޮތްތަކުން ދުރުހެލިވުމަށްވެސް އެވަނީއަންގަވާފައެވެ. ނަމާދުކުރުމުގައި ދެއްކުންތެރިކަމާއި ބޮޑަކަމާއެކު ކުރުމުން އެނަމާދު ބާޠިލްވާނެއެވެ. ހަމައެފަދައިން މީހުންގެ ތަޢުރީފާއި ޘަނާއަށް އެދި ރޯދަހިފިކަމުގައިވިއަސް އެރޯދައިން އެއްވެސް ފައިދާއެއް ނުކުރާނެއެވެ. ކޮންމެއަޅުކަމެއްވެސް ކުރަންވާނީ ﷲއަށް ޓަކައިއެވެ. ހިތް ނިޔަތް އިޙްލާސްތެރި ކޮށްގެންނެވެ. އެކަލާނގެ ވަޖްހުފުޅަށްޓަކައެވެ. ސުވަރުގެ ހޯދުމުގެ ނިޔަތުގައިއެވެ. ނަރަކައިން ސަލާމަތްވުމަށްއެދި އެތަނަށް ބިރުވެތިވެގެންނެވެ. ފައިދާ ޙާސިލްވާނީ އޭރުންނެވެ. ދެދުނިޔޭގެބާއްޖަވެރިކަން ލިބޭނީއެއިރުންނެވެ.

އެއްވެސްޝައްކެއްނެތެވެ. ﷲގެ އަޅުތަކުންކުރާ އަޅުކަންތައްތަކުގެ ތެރެއިން ބަރަކާތްތެރި ރަމަޟާންމަހުގައި ހިފާ ރޯދައަކީ އިސްލާމްދީނުގެ ހަތަރުވަނަ ރުކުނެވެ. ކެތްތެރިކަން ދަސްކޮށްދޭ ވަރަށް ބޮޑު ވަސީލަތެކެވެ. ހިތްތިރިކަމާއި ބޮޑާކަން ހިތުންފިލުވާލަދޭކަމެކެވެ. ޙަސަދައާއި ރުޅިވެރިކަން ތިމާގެ ހިތުން ފިލުވާލައި އެއްބަނޑު އެއްބަފާކަމުގެ ލޯބި އެހިތުގައި އާލާކޮށްދޭ އަޅުކަމެކެވެ. ރަޙިމްގެ ގުޅުން އުފައްދާ ކަމެކެވެ. ތިމާގެ އަޚުންނަށް އަދި އުޚްތުންނަށް ރަޙްމާއި ހަމްދަރުދީގެ ލޮލަކުން ބަލައިލުމަށް ލިބޭ ފުރުޞަތުތައް އިތުރުކޮށްދޭ ކަމެކެވެ.

ވީމާ ރޯދައަކީ މިހާ މުހިއްމު އަޅުކަމަކށްވާއިރު ކޮންމެފަރުދެއްގެ މައްޗަށްވެސް ވާޖިބުވެގެންވަނީ މިއަޅުކަން އިޚްލާޞްތެރިކަމާއިއެކު އަދާކުރުމެވެ. ﷲމަޢުރިފާކޮށްދެނެގަތުމަށްފަހު އެކަލާނގެއަށް އެންމެ ފުރިހަމައަށް މިއަޅުކަންކުރުމެވެ. އިޚްލާޞްތެރިކަމާއި އެކީގައިއެވެ. ދެއްކުންތެރިކަމުން ދުރުވެގެންވާ ޙާލުގައިއެވެ. އަދި އެކަލާނގެއަށް އަޅުކަންކުރުމުގައި ނަމޫނާއަކަށް އެކަލާނގެފޮނުއްވި ރަސޫލާބަލައިގެން އެންމެހައި ޢަމަލްތަކެއްމެ އެމާތްރަސޫލާއަންގަވައި ބަޔާން ކޮށްދެއްވާފައިވާ ގޮތަށް ކުރުމުން މެނުވީ އެއަޅުކަމެއް ﷲ ބައްލަވައި ވޮޑިއެއް ނުގަންނަވާނެކަންވެސް ދަނެގެންނެވެ. ދުނިޔެއާއި އާޚިރަތުގެ ފަލަޙާއި ކާމިޔާބު ލިބޭނީ އެއިރުންނެވެ.

ޢިއްޒަތްވަންތަﷲވަޙީކުރައްވާފައިވެއެވެ.: ( ومن يبتغ غير الإسلام دينا فلن يقبل منه وهو في الآخرة من الخاسرين) މާނައަކީ: "އިސްލާމްދީން ފިޔަވައި އެހެންދީނެއް އެދޭމީހާދަންނާށެވެ. ފަހެ އޭނާގެފަރާތުން އެކަމެއް އެއްގޮތަކަށްވެސް ޤަބޫލު ނުކުރެވޭނެއެވެ. އަދި އޭނާވާހުށީ ޤިޔާމަތްދުވަހުން ގެއްލެނިވެ ހަލާކުވެގެންވާ މީހުންގެ ތެރެއިންނެވެ."


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv