
ހުކުރު ނަމާދު 12:35ގައި ކުރުމަކީ ދީނުގައި އާ ޝަރީއަތެއް ހެދުން ކަމުގައި ނުވާނެއެވެ. (2)
-އައްޝައިޚް ނަސްރުﷲ މުސްތަފާ-
~ އެންމެ ފުރިހަމަ ގޮތަކީ ވަގުތުގެ ކުރީކޮޅުގައި އެކަނި ނަމާދު ކުރުންތޯއެވެ؟ ނޫންނަމަ މީހުން އެއްވަންދެން ލަސްކުރުންތޯއެވެ؟
ދެން އުފެދޭ ސުވާލަކީ ޖަމާޢަތަށްޓަކައި އެނަމާދު އޭގެ ފަހުގެ ވަގުތަކަށް ލަސްކުރެވިދާނެބާވައެވެ؟ އޭގެ ޙުކުމަކީ ކޮބައި ބާވައެވެ؟. ޢިލްމުވެރީން މިމައްސަލާގައި ވިދާޅުވެފައިވަނީ ޖަމާޢަތަށްޓަކައި މީހުން އެއްވަންދެން ލަސްކުރުން އެކަނި އޭގެ ފުރަތަމަ ވަގުތުގައި ކުރުމަށްވުރެ ރަނގަޅުވެފައި ސަވާބު ގިނަވާނެކަމަށެވެ.
އިމާމް އިބްނި ދަޤީޤުލް ޢީދު –ރަޙިމަހުއްﷲ- ވިދާޅުވެފައިވެއެވެ: “މީހެއްގެ ހިތުގައި ވަގުތުގެ ކުރީކޮޅުގައި އެކަނި ނަމާދުކުރަންވީތޯއާއި ނުވަތަ ޖަމާޢަތް ހެދުމަށްޓަކައި ލަސްކުރަންވީތޯއާއި ދެމެދު ސުވާލު އުފެދިއްޖެނަމަ ތިމަން ކައިރީގައި ފުރިހަމަވެގެންވަނީ ޖަމާޢަތް ހެދުމަށްޓަކައި ލަސްކުރުމެވެ. އެކަމަށް މިބާބުގެ ދަށުގައިވާ ޙަދީޘްވެސް ދަލީލްކުރެއެވެ. އެއީ:” كان إذا رآهم قد اجتمعوا عجل وإذا رآهم قد أبطؤا أخر( )” މާނައީ:”ސަލާމާއި ޞަލަވާތްލެއްވި ރަސޫލާ މީސްތަކުން އެއްވެއްޖެ ކަމުގައިވާނަމަ ނަމާދު އަވަހަށް ކުރައްވައެވެ. އަދި މީސްތަކުން އެއްވުމުގައި ލަސްވެއްޖެ ކަމުގައިވާނަމަ ނަމާދު ކުރުން ފަސްކުރައްވައެވެ”.
މިފަދައިން އިމާމް ޞަންޢާނީއާއި އިމާމް އަންނަވީފަދަ ބޮޑެތި ބޮޑެތި އިމާމުން ވިދާޅުވެއެވެ. ވީމާ ހުކުރު ނަމާދުވެސް ލަސްކޮށްފައި ވަކި ވަގުތަކަށް ހަދަނީ އެއީ މީސްތަކުން އެއްވެ ހަމަޖެހެންދެން ކަމަށްވާނަމަ އެކަމަކީ އެއްވެސް ދަންނަ ބެއިކަލަކު އިންކާރު ކުރާނޭ ކަމެއްނޫނެވެ. ވީމާ މީގެ މައްޗަށް ބިނާކޮށް ވަކިވަކިވެގަތުމަށް މަސައްކަތް ކުރުމަކީ ހަމަކަށަވަރުންވެސް ރަނގަޅު ޢަމަލަކަށް ނުވާނެއެވެ.
އެހެނީ ހުކުރު ނަމާދުގެ ވަގުތަކީ މެންދުރު ނަމާދުގެ ވަގުތަށް ވުމުން މެންދުރުވަގުތުގެ ތެރޭގައި ހިމެނޭ ކޮންމެވަގުތެއްގައިވެސް އެނަމާދު ކުރެވިދާނެތީއެވެ. އަދި ހުކުރު ނަމާދުވެސް ވަންނަނީ ވަގުތު ފުޅާވެގެންވާ ނަމާދުތަކުގެ ތެރެއަށް ކަމަށްވާތީއެވެ. އަދި ކިއެއްހެއްޔެވެ. އެނަމާދުގެ ވަގުތު ފަރުޟު އެހެނިހެން ނަމާދުތަކަށްވުރެވެސް ބޮޑަށް ތަނަވަސް ވެގެންވެއެވެ. ނަމަވެސް އެނަމާދުވެސް ކުރަންވާނީ އެހެނިހެން ނަމާދުތަކެކޭވެސް އެއްފަދައިން ޖަމާޢަތުގައިއެވެ.
~ ނަމާދު އޭގެ ކުރީކޮޅުގައި ކުރުމަށްވުރެ ފަހުން ކުރުން އަވްލާވެގެންވާ ޙާލަތްތައް:
ކޮންމެ ނަމާދެއްވެސް އެންމެ އަވްލާވެގެންވަނީ އެނަމާދު ވަގުތުގެ ކުރީކޮޅު ކުރުމެވެ. އެހެނަސް ބައެއް ޙާލަތްތަކުގައި ފަހުން ކުރުން އަފްޟަލްކަމަށް ޢިލްމުވެރީން ވިދާޅުވެފައިވާ ބައެއް ޙާލަތްތައް އެބަހުއްޓެވެ. އެޙާލަތްތައް ތިރީގައި މިބަޔާން ކޮށްލަނީއެވެ:
1- ވަގުތުވަންނައިރު ދެ ޙަދަޘުން ކުރެ ޙަދަޘެއްގެ ޙާޖަތައް ޖެހިފައިވުން.
2- ބަނޑުހައިވެފައިވާ މީހާއަށް ކާއެއްޗެހި ޙާޟިރުކުރެވިފައިވާ ޙާލުގައި ނަމާދުވަގުތުވަނުން. ﷲ ރުއްސުންލެއްވި އުއްމުލް މުއުމިނީން ޢާއިޝާ ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާގެ ފަރާތުން ރިވާކުރެއްވި ޙަދީޘްގައިވެއެވެ: “لا صلاة بحضرة طعام ولا وهو يدافع الأخبثين رواه أحمد ومسلم وأبو داود. މާނައީ:” ކާއެއްޗިހި ޙާޟިރުވުމުން ނަމާދު ކުރުމެއް ނެތެވެ، އަދި ހަމައެފަދައިން ދެޙަދަޘަށް ބޭނުންޖެހިފައިވާ ޙާލުގައިވެސް ނަމާދުކުރުމެއްނެތެވެ”.
3- ތަޔައްމަމު ކޮށް ނަމާދުކުރަން ބޭނުންވެފައިވާ ޙާލު ފެން ހުރި ކަމަށް ޔަޤީންވުން. މާތްﷲ ވަޙީކުރައްވާފައިވެއެވެ:”فلم تجدوا ماءاً فتيمموا” މާނައީ: ތިޔަބައިމީހުންނަށް ފެންނުލިބިއްޖެނަމަ ތަޔައްމަމު ކުރާ ހުށިކަމެވެ”. ވުޟޫކުރުމުގައި އަސްލަކީ ފެންކަމަށް ވައިރު ތަޔައްމަމުގެ ޙުކުމް ފެން ހަމަ ލިބޭއިރަށް ނެތިގެން ދާނެއެވެ. މިކަން ޞަޙީޙް ސުނަނުއް ތިރިމިޒީގެ 124ވަނަ ޙަދީޘުންނާއި، އިރުވާ އުލް ޣަލީލުގެ 153ވަނަ ޙަދީޘުންނާއި، ޞަޙީޙުލް ޖާމިޢުއްޞަޣީރުގެ 1667ވަނަ ޙަދީޘުން ސާބިތުވާނެއެވެ.
4- ބަލި ޙާލުގެ ސަބަބުން ވަގުތުގެ ފުރަތަމަ ކޮޅު ކޮޅަށް ނުހުރެވި ފަހުން ކޮޅަށް ހުރެވިދާނެކަމަށް ޔަޤީންވުން. މިކަން ޢިމްރާން ބިން ޙުޞައިންގެ ޙަދީޘުން ސާބިތުވެއެވެ. އޭގައި ސަލާމާއި ޞަލަވާތްލެއްވި ރަސޫލާ ޙަދީޘް ކުރެއްވީ: صل قائما فإن لم تستطع فقاعدا فإن لم تستطع فعلى جنب” މާނައީ: ކޮޅަށްހުރެ ނަމާދު ކުރާށެވެ، އެކަމަށް ކުޅަދާނަކަން ލިބިފައިނުވާނަމަ އިށީދެގެން ކުރާށެވެ. އެކަމަށް ކުޅަދާނަކަން ލިބިފައިނުވާނަމަ އަރިއަކަށް އޮވެގެން ނަމާދުކުރާށެވެ. ކޮޅަށް އިރުކޮޅެއްފަހުން ހުރެވޭނެކަން އެނގޭނަމަ އެވަގުތަށް ލަސްކޮށްލުމުން ސަވާބު ފުރިހަމައަށް ލިބޭނެތީ މިފަދައިން ޢިލްމުވެރިން ވިދާޅުވަނީއެވެ.
5- އެކަނި ހުންނަމީހަކަށް ވަގުތުގެ ފަހު ކޮޅު މީހުން އަންނާނެ ކަން ޔަޤީންވުން. މިކަން ތިރީގައިމިވާ ރިވާޔަތުން ސާބިތުވާނެއެވެ: كان إذا رآهم قد اجتمعوا عجل وإذا رآهم قد أبطؤا أخر( )” މާނައީ:”ސަލާމާއި ޞަލަވާތްލެއްވި ރަސޫލާ މީސްތަކުން އެއްވެއްޖެ ކަމުގައިވާނަމަ ނަމާދު އަވަހަށް ކުރައްވައެވެ. އަދި މީސްތަކުން އެއްވުމުގައި ލަސްވެއްޖެ ކަމުގައިވާނަމަ ނަމާދު ކުރުން ފަސްކުރައްވައެވެ”. ހުކުރު ނަމާދަށްވެސް މީހުން އަންނަންދެން ލަސްކުރެވިދާނެކަމަށް މިޙަދީޘުން ދަލީލް ލިބެއެވެ. (ނުނިމޭ)
-
ބުރާސްފަތި، އޯގަސްޓް 20 2009، 19:49
ތި ދަލީލު ތަކުން ސާބިތު ވަނީ ހާކިމާއަށް ނަމާދު އަވަސް ކުރުމާއި ލަސްކުރުމުގެ އިޙްތިޔާރު ލިބޭ ކަމެވެ.އެ ޙާކިމު ވާންޖެހޭނީ އިސްލާމީ ޝަރީއަތާއި ޙިލާފު ނުވާ އިސްލާމީ ވެރިއަކަށެވެ.ކާފަރުންގެ ޑިމޮކްރަސީގެ ދަށުން ވެރިކަންކުރާ މީހަކަށް ނޫނެވެ.އަދި ހަގީގަތުގައި މިއިޙުތިޔާރު ލިބެންޖެހޭނީ ނަމާދުކުރާ އިމާމަށެވެ.ގިނަ ބަޔަކަށް ފުރުސަތުދޭން ނަމާދު ލަސްކުރާ ނަމަ ފަތިސްނަމާދު ލަސްކުރަންވީނޫންތޯއެވެ.ތިބުނާ ޖަމާޢަތަށްދާ ގިނަމީހުން ބަލަބަލާ ތިބެފަ ދަނީ ޙުތުބާ ނިމި ގަމަތް ދޭން ފައްޓާއިރަށެވެ.ހުކުރު ނަމާދުގެ އެންމެ މުހިއްމު އެއްޗަކީ ޙުތުބާއެވެ.ﷲ އަމުރު ކުރެއްވި ކަމެއް ކުރަންޖެހޭނީ އެއެންގެވި ގޮތަށެވެ.ގިނަ މީހުން ބޭނުން ގޮތަކަށް ނޫނެވެ. އޭޑީ
-
އާދިތްތަ، އޯގަސްޓް 23 2009، 17:50
މިއީ ނުރައްކާތެރި މަޢުޟޫއެއް، ވަރަށް ގިނަ މީހުންނަށް ނޭނގޭ މަވްޟޫޢެއް އެހެންވެ މިފަދަ މަވްޟޫޢުތަކަށް އިތުރަށްވެސް ލިއުމަކީ އެދެވިގެންވާ ކަމެއް. އަދި މީގެ އިދިކޮޅު ޚިޔާލަކީވެސް މުހިއްމު ޚިޔާލެއް.