ހުކުރު ނަމާދު 12:35ގައި ކުރުމަކީ ދީނުގައި އާ ޝަރީއަތެއް ހެދުން ކަމުގައި ނުވާނެއެވެ.

އޯގަސްޓް 19 2009، 17:51 0 ޚިޔާލު

އައްޝައިޚް ނަސްރުﷲ މުސްތަފާ

12:35ގައި ހުކުރު ކުރުމަކީ އިސްލާމީ ޝަރީޢަތުގައި ހުއްދަކަމެކެވެ. މިހެންވެ ވަކި ޖަމާޢަތެއްގައި އެކަހެރިވެގަނެ ނަމާދުކުރުމަކީ ޙަރާމްވެގެންވާކަމެކެވެ.

ހުކުރު ނަމާދު 12:35ގައި ކުރުމަކީ ދީނުގައި އާ ޝަރީޢަތެއް ހެދުން ކަމުގައި ނުވާނެއެވެ.

މިކަން ބަޔާން ކުރުމަށްޓަކައި ތިރީގައިވާ ނުކުތާތަކަށް ބަލައިލާނަމެވެ. ވީމާ ވިސްނުންތެރިކަމާއިއެކު ކިއުއްވަމުން ގެންދަވާށެވެ.

~ ހުކުރުނަމާދުގެ ޖަމާޢަތް ވަކިވަގުތަކަށް ހެދުމުން ކާފަރުވާނެބާވައެވެ؟

ދެންމިބަލައިލަނީ ހުކުރު ޖަމާޢަތް އިރުމެދުން ފިލުމަށްފަހު ވަކި ވަގުތެއްގައި ކުރުމުން އެނަމާދު ޞައްޙަވާނެތޯއެވެ؟ ނުވަތަ އެނަމާދު ވަކިވަގުތެއްގައި ކުރާމީހުން ކާފަރުވާނެތޯއެވެ؟ މިސުވާލުތަކުގެ ޖަވާބު ހޯދުމަށްޓަކައި ތިރީގައިމިވާ ޕެރެގްރާފްތައް ކިއުއްވާށެވެ.

ހުކުރު ނަމާދު ވަގުތު ކަނޑަ އެޅުމަށްޓަކައި އައިސްފައިވާ ޙަދީޘްތަކަށް ބަލާއިރު ބައެއްޙަދީޘުން އެނަމާދުގެ ވަގުތަކީ މެންދުރުގެ ކުރިންކަންވެސް ދޭހަވެއެވެ. އަނެއްބައި ޙަދީޘުން އެވަގުތަކީ އިރުމެދުން ފިލުމުގެ ފަސްކަމަށްވެސް ދޭހަވެއެވެ. އޭގެ ތެރޭގައި އިމާމް ބުޚާރީއާއި އިމާމް އަޙްމަދު ރިވާކުރައްވާފައިވާ ﷲރުއްސުންލެއްވި އަނަސް ބިން މާލިކްގެ ޙަދީޘާއި، އިމާމް މުސްލިމް ރިވާކުރައްވާފައިވާ ސަލަމަތް ބިން އަލްއަކްވަޢުގެ ޙަދީޘް ހިމެނެއެވެ. މިޙަދީޘްތަކަށް ރިޢާޔަތްކޮށް ޞަޙާބީންގެ ތެރެއިންނާއި ތާބިޢީންގެ ތެރެއިން ގިނަ ބެއިފުޅުން ދެކެވަޑައިގަންނަވަނީ ހުކުރުވަގުތަކީ މެންދުރު ނަމާދުގެ ވަގުތުކަމަށެވެ. އިމާމް އަޙްމަދާއި އިމާމް ޝާފިޢީ އަދި އިމާމް އިސްޙާޤް އަދި އިމާމް ތިރިމިޒީފަދަ ބޭފުޅުންމީގެ ތެރޭގައި ހިމެނިވަޑައިގަންނަވައެވެ. އަދި ޙަނފީ މަޒްހަބުގެ ބޭފުޅުންވެސް ވިދާޅުވަނީ ހުކުރުވަގުތު ޖެހޭނީ އިރުމެދުން ފިލީމައި ކަމަށެވެ. އާދެ އެއީ މެންދުރުވަގުތުކަމަށެވެ.

އެހެންކަމުގައި ވާނަމަ މެންދުރުވަގުތު ފާއިތު ވުމުގެ ކުރީން އެނަމާދުކުރުމުން ޞައްޙަވާނެކަން ކަށަވަރެވެ. އިރު މެދުން ފިލީއްސުރެ ޢަޞްރު ވަގުތު ވަދެއްޖައުމަށް ދާންދެން ހުކުރު ނަމާދު ވަގުތު ދެމިގެންވާނެއެވެ. އަދި އެވަގުތުގައި ހުކުރު ނަމާދު ކޮށްގެން ކާފަރުވުން އެއްކިބައިގައި އޮއްވާ ފާސިގްވެސް ނުވާނެއެވެ. އެހެނީ މެންދުރުނަމާދުގެ ވަގުތުން ކޮންމެ ވަގުތެއްގައި ކުރިއަސް އެނަމާދު ޞައްޙަވާނެތީއެވެ. އަދި ހުކުރު ޖަމާޢަތުގެ މަޤްޞަދު ތަކުގެ ތެރޭގައި ގިނަ މީސްތަކުން އެއްވެ އެނަމާދުކުރުން ހިމެނިފައިވާތީ އެނަމާދު ކުރުމަށް އެންމެނަށް އާދެވޭނެ ފަސޭހަވަގުތެއް ކަނޑަ އެޅުމަކީ ޝަރުޢުގައި މުޢުތަބަރު ކަމަކަށްވާނެކަން ކަށަވަރެވެ. އެއީ ފަރުޟު އެހެނިހެން ނަމާދުވަގުތުވެސް ކަނޑައަޅާ ގޮތަށެވެ. ބަންގި ދީ ގަމަތްދިނުމަށް ވާނީ ކޮންމެ ޤައުމަކުންވެސް އެކިއެކި ނަމާދަށް އެކިވަރަށް ވަގުތުދީފައެވެ. ވުމާއި އެކު ކޮންމެ ފަރުޟުނަމާދަކަށްވެސް މިހާރު ވާނީ ވަކި ވަގުތެއް ކަނޑައެޅިފައެވެ. އެއީ މީސްތަކުންނަށް މަސައްކަތް ނިންމާފައި ވުޟޫކޮށްގެން ތައްޔާރުވެގެން އާދެވޭނެ ވަގުތަށް ބަލާފައެވެ. ނޫންނަމަ ނިދައި ހޭލައިގެން ތައްޔާރުވެގެން އާދެވޭނެ ވަގުތަށް ބަލާފައެވެ. އެހެނީ ބައެއް މީހުން ނިދާ ހޭލާއިރު އިޙްތިލާމްވެފަވެސް އޮވެދާނެއެވެ. ނުވަތަ ޖުނުބުވެރިޙާލުގައިވެސް ވެދާނެއެވެ. އެމީހުންނަށް ތައްޔާރުވުމަށް އެހެންމީހުންނަށް ބޭނުންވާ ވަގުތަށްވުރެ ގިނަ ވަގުތު ބޭނުންވާނެއެވެ.

ވުމާއި އެކު ޖަމާޢަތަށް ގިނަމީހުން އައުމަކީ ގިނަ ސަވާބު ލިބޭކަމަކަށްވާތީއާއި ގިނަމީހުން އެއްވުމަކީ ޖަމާޢަތުގެ މަޤްޞަދަކަށްވެފައިވާތީ އެކިއެކި ނަމާދުކުރުމަށްޓަކައި އެކިއެކިވަގުތު ކަނޑައެޅުމަކީ އެއްގޮތަކަށްވެސް ބިދުޢައަކަށް ނުވާނެކަން ކަށަވަރެވެ. އެހެންނަމަވެސް ޝަރުޢުގައި ވަކި ޚާއްޞަވަގުތެއް ކަނޑައަޅާފައިވި ނަމަ އެނޫން ވަގުތެއްގައި އެނަމާދު ނުކުރެވުނީސްކަން ކަށަވަރެވެ. މިމޭރުމުން ޢަޞްރު ވަގުތު ފާއިތުވުމުން ޢަސްރު ނަމާދުގެ ވަގުތުވެސް ފާއިތުވީއެވެ. ދެން ޢުޒުރެއްނެތި އެނަމާދު އަޅާފައިވާ މީހާ އެނަމާދު ކުރިއަސް ގަދަފަދަވެގެންވާ ޢަޒާބު އެމީހަކަށް ލިބެނެއެވެ.

ހަމަ މިފަދައިން ހުކުރު ނަމާދު މެންދުރުނަމާދުގެ ވަގުތުގައި ނުކޮށްފިނަމަ ނުކުރި އެންމެން ފާފަވެރިވާނެއެވެ. އަދި 3ފަހަރު މަތިން ހުކުރުނަމާދު ވައްޓާލައިފިނަމަ އެބައިމީހުންގެ ހިތްތަށް ﷲ ޞުބުޙާނަހޫ ވަތަޢާލާ ބަންދުކުރައްވާ ހުއްޓެވެ. އަދި ﷲރުއްސުންލެއްވި ޢަބްދުﷲ ބިން ޢައްބާސް ވިދާޅުވެފައިވާފަދައިން އެބައިމީހުން އެބައިމީހުންގެ ފުރަގަހަށް ދީން އެކީ އެއްލާލައިފިއެވެ. އެހެންނަމަވެސް އެންމެނަށް ފަސޭހަވަގުތެއް ކަނޑައަޅާފައި އެވަގުތުގައި ހުކުރު ނަމާދު ކޮށްފިނަމަ ވާޖިބު އަދާކުރަން ﷲ ސުބުޙާނަހޫ ވަތަޢާލާ ކަނޑައަޅުއްވައި ޖިބްރީލް މެދުވެރިކޮށް މިއުއްމަތަށް ބަޔާން ކުރައްވާފައިވާ ވަގުތުގައި އެނަމާދު އަދާވީއެވެ. ތިމާގެ މަސްއޫލިއްޔަތު އަދާވީއެވެ. އެހެނީ ނަމާދުތަކަށް ކަނޑައަޅާފައިވާ ވަގުތުތަކަކީ ތަނަވަސް ވެފައިވާ އެއްޗަކަށް ވާތީއެވެ. އަދި ވަގުތުގެ ކުރީކޮޅާއި ވަގުތުގެ ފަހު ކޮޅުވާތީއެވެ. ނަމަވެސް ނަމާދު ކުރުން އެންމެ ފުރިހަމައީ އެނަމާދުގެ ކުރީކޮޅުގައިއެވެ. އެކަން އަންނަނިވި ޙަދީޘުން ސާބިތުވާނެއެވެ:

” قال عبد الله ابن مسعود سألت رسول الله صلى الله عليه وسلم أي العمل أحب إلى الله قال الصلاة على وقتها قلت ثم أي قال بر الوالدين قلت ثم أي قال الجهاد في سبيل الله- متفق عليه-. މާނައީ ﷲރުއްސުންލެއްވި ޢަބްދުﷲ ބިން މަސްޢޫދު ވިދާޅުވެއެވެ: ” ﷲގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވަނީ ކޮން ޢަމަލެއްތޯ ތިމަން އެހީމެވެ؟ އެހިނދު ސަލާމާއި ޞަލަވާތްލެއްވި ރަސޫލާ ޙަދީޘްފުޅުކުރެއްވިއެވެ: ”ނަމާދު އޭގެ ވަގުތުގައި ކުރުމެވެ. ދެންކޮންކަމެއްތޯ ތިމަން އެހުމުން ޙަދީޘްފުޅުކުރެއްވިއެވެ: ”މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ. ދެންކޮންކަމެއްތޯ ސުވާލުދެންނެވުމުން ޙަދީޘްކުރެއްވިއެވެ: " ﷲގެ މަގުގައި ޖިހާދުކުރުމެވެ". މީގެއިން ދޭހަވަނީ އެންމެހެޔޮވެގެންވާ ޢަމަލަކީ ނަމާދު އޭގެ ވަގުތުގައި ކުރުންކަމެވެ. (ނުނިމޭ)


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv