ފޯ ސީޒަނުން އަނެއްކާވެސް ބުދު އެތެރެކޮށްފި

މުހައްމަދު ރަފީއު އޭޕްރީލް 14 2007، 21:49 0 ޚިޔާލު

އިގިރޭސި މަހުމަޖަނުގެ އުފަންދުވަހަށް ފޯ ސީޒަނުގައި ބުދެއް ބެހެއްޓިތާ މަހެއްހާ ދުވަސް ނުވަނީސް އިތުރު ބުދެއް އެރިޒޯޓުން ރާއްޖެ އެތެރެކޮށްފި އެވެ. ޔޫއެލް 101 އިން ގެނައި މި ބުދުގެ ފޮޓޯތަކެއް ވަނީ ޖަޒީރާއަށް ލިބިފަ އެވެ.

މި ބުދު ބަންދުކޮށްފައި ވަނީ ލަކުނޑި ފޮއްޓެއްގަ އެވެ. މި ބުދުގެ ފޮޓޯ ނެގި ފަރާތުން ކަށަވަރު ކޮށްދީފައި ވަނީ މި ބުދުގެ ދިގުމިނުގައި ދެ ފޫޓް ހުރި ކަމަށެވެ. ފޯސީޒަން ރިސޯޓްގެ ނަމުގައި ގެނައި ތިން ދާގީނާގެ ތެރެއިން އެއް ދާގީނާގައި ބުދު ބެހެއްޓުމަށް ތައްޔާރު ކޮށްފައިވާ ސްޓޭންޑެއް ވެސް އޮތް ކަމަށް ވެ އެވެ. ދާގީނާ ތަކުގެ ބޭރުގައި ލިޔެފައި ވަނީ ފޯ ސީޒަން ރިޒޯޓްގެ ނަމެވެ.

” ސިމެންތި ކަހަލަ މެޓީރިއަލްއަކުން ބުދު ހަދާފައި ވަނީ. ދެ ފޫޓް ހުރި މި ބުދުގެ ބޯ ބުރިއެއް ފެންނަން ހުރީ. އެތެރެ ހުރީ ހުސްކޮށް“ އޭނާ ކިޔައި ދިނެވެ.

މި ބުދު ބަންދުކޮށްފައިވާ ފޮށިގަނޑު ފުލައިޓުން ބާލައިގެން ގެންދިޔައިރު, އެ ބުދު ވަނީ ކަސްޓަމްސްގެ ބައެއް މުވައްޒަފުންނަށް ފެނިފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން ވަނީ އެ ބުދު ކަސްޓަމްސް އިން ހިފަހައްޓާނެ ކަމަށް ބުނި ކަމަށް ޖަޒީރާއަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ. އިއްޔެ ފޯ ސީޒަނުން ގެނައި ތިން ދާގީނާ ކަސްޓަމްސް އަކުން ކުލިއަ ކުރިކަމެއް ނޫސް ޗާޕަށް ދިޔައިރު އެނގިފައެއް ނުވެ އެވެ.

މިކަމާބެހޭގޮތުން ފޯ ސީޒަން ރިޒޯޓްގެ އެއްވެސް ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ. ހަތަރު ފަހަރެއްގެ މަތިން ވެސް އެ ރިޒޯޓްގެ މެނޭޖަރާ ގުޅުމަށް މަސައްކަތް ކުރިއިރު ވެސް އޭނާ އިންނެވީ ބައްދަލުވުމެއްގަ އެވެ.

ހުޅުލޭގައި ހުންނަ ކަސްޓަމްސްގެ ކާގޯ އޮފީހުން މައުލޫމާތު ދެއްވި ސްޕްރިންޓެންޑެންޓް މުޙައްމަދު ހަމީދު ވިދާޅުވީ ކަސްޓަމްގެ މުވައްޒަފުންނަށް މުދަލުގެ ގޮތުގައި އެފަދަ އެއްޗެއް ހުރިކަން އެނގޭނީ އެ މުދަލެއް ކުލިއަރ ކުރާ ހިސާބުންނެވެ. އެ ހިސާބުން އެފަދަ އެއްޗެއް ހުރި ކަމަށް ވާނަމަ ހިފަހައްޓާނެ ކަމަށެވެ. ” އަޅުގަނޑުމެން ބަލާ ޗެކްކުރުމަށްފަހު, މުދާ ދޫކުރަނީ. އެފަދަ އެއްޗެއް އަޅުގަނޑުމެން ދުލެއް ނުކުރާނަން“ އޭނާ ވިދާޅުވި އެވެ.

ފޯ ސިޒަނަށް ގެނައި ތިން ދާގީނާ ކުލިއަރ ކުރިކަމެއް އޭނާ ވެސް ޔަގީކޮށް ނުދެ އެވެ.

އިގިރޭސި މަހުޖަނުގެ އުފަންދުވަހަށް ފޯސީޒަނުގައި 25 ފޫޓްގެ ބުދެއް ބެހެއްޓި މައްސަލައިގައި ދިވެހި ރައްޔިތުން ތިބީ ވަރަށް ބޮޑަށް އެކަމާ ރުޅިއައިސްފަ އެވެ. ސިޔާސީ ހުރިހާ ޕާޓީއަކުން އެކަން ކުށްވެރި ކުރި އިރުވެސް ސަރުކާރުން އެކަން ކުށްވެރި ކޮށްފައެއް ނުވެ އެވެ.

ވަކިފަރާތަކަށް ނުޖެހޭ ގާނުނީ ވަކީލުންގެ ބެލުމުގެ ދަށުން އެ މައްސަލަ ބަލާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ މަހުމޫދު ޝައުގީ ވިދާޅުވި ނަމަވެސް, ފަހުން އެމަނިކުފާނު ވިދާޅުވީ އެ ބުދަކީ އަޅުކަން ކުރަން ބެހެއްޓި ބުދެއް ނޫން ކަމަށެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv