

ކިނބިދޫ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުން ބަލާ ތަހުގީގު ކުރާ ގޮތަށް ހަމަޖައްސައިފި
މީގެ ދުވަސް ކޮޅެއް ކުރިން ތ. ކިނބިދޫ ރައްޔިތުންގެ ތެރެއިން ބަޔަކު އަރަށު އޮފީސް ބަންދު ކުރި މައްސަލަ އާއި ގުޅިގެން އެރަށް ފުލުހުން ގޮސް އެރަށު ރައްޔިތުންނަށް އަނިޔާ ކުރިކަމަށް ބުނާ މައްސަލަ ރާއްޖޭގެ ހިއުމަންރައިޓްސް ކޮމިޝަނުން ބަލައި ތަހުގީގް ކުރާ ގޮތަށް ހަމަޖައްސައިފި ކަމަށް އެކޮމިޝަނުގެ ރައީސް އަހުމަދު ސަލީމް މިއަދު ވިދާޅުވެއްޖެ އެވެ.
ސަލީމް ވިދާޅުވީ އެންމެ ފުރަތަމަ މައްސަލަ ޖެހުނު ހިސާބުން ފަށިގެން ވެސް މައްސަލަ ބަލައި ތަހުގީގް ކުރުމަށް ގަސްތުކޮށްފައިވާނޭ ކަމަށެވެ.
” އެގޮތަށް ގަސްތު ކުރުވުނު ނަމަވެސް މައްސަލަ ތައް ބެލެން އޮންނާނީ އަޅުގަނޑުމެންގެ ފަސް މެމްބަރުން އެއްބަސް ވުމުން.“ ސަލީމް ވިދާޅުވި އެވެ. ސަލީމް ވިދާޅުވީ ކުރިއަށް އޮތް ހަފްތާ ތެރޭގައި އެއަތޮޅަށް އެކޮމިޝަނުގެ ވަފުދެއް ދާނެ ކަމަށެވެ.
” އަޅުގަނޑުމެން އެމައްސަލަ ބެލުމަށް ފަހު އެކަމާއި ގުޅޭ ރިޕޯޓެއް ނެރޭނަށް.“ ސަލީމް ވިދާޅުވި އެވެ.
ސަލީމްގެ ވާހަކަފުޅުގައި ތަފާތު ފަރާތްތަކުން މިމައްސަލަ އާއި ގުޅިގެން ތަފާތު ކޮމެންޓް ކުރަމުންދާ ކަމަށެވެ.
” އަޅުގަނޑުމެން މިކަމާއި ގުޅޭ ހުރިހާ ފަރާތްތަކާއި ވާހަކަ ދައްކަންޖެހޭނެ.“ ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ މައްސަލަ އެއް ދިމާވާ ކޮންމެ ފަހަރަކު ކުރިމަތި ލުމަކަށް ދާން ނުޖެހޭ ކަމަށާ މިކަން ވަރަށް ބޮޑަށް ފާހަގަ ކޮށްލަން ބޭނުންވާ ކަމަށެވެ.
މިމައްސަލަގައި ފުލުހުން އޭރުން ފެށިގެން ބުނަމުން އަންނަނީ ފުލުހުން އަނިޔާ ކުރާ ކަމަށެވެ. މިކަމާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާރވިސް އޭރު ނެރުނު ނޫސް ބަޔާނުގައި ތ.ކިނބިދޫ ރަށުއޮފީސް ބަންދުކޮށް އެއަތޮޅު އަތޮޅު އޮފީހުގެ އިސް ދެބޭފުޅަކު ކިނބިދޫން ފުރިޔަނުދީ ހިފެހެއްޓި މައްސަލާއާއި ގުޅިގެން 6 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާ މިމީހުން ހައްޔަރުކުރެވިފައިވަނީ މިދިޔަ ބުދަދުވަހު ކޮޅުމަޑުލު ކިނބިދުއަށް ދިޔަ ކޮޅުމަޑުލު އަތޮޅު އޮފީހުގެ އިސްދެބޭފުޅަކު އެރަށުން ފުރިޔަނުދީ ހިފެހެއްޓުމާއި އަދި މިދިޔަ ބުރާސްފަތި ދުވަހު ކިނބިދޫ ރަށުއޮފީސް ހުޅުވިޔަނުދީ އަދި އޮފީހަށް އެއްވެސް މީހަކު ވަނަނުދީ ހިފެހެއްޓި މައްސަލާއާއި ގުޅިގެން ކަމަށެވެ.
އެރަށު ރަށުއޮފީސް ބަންދުކޮށް އޮފީހަށް އެއްވެސް މީހަކު ވަނަނުދީ ހިފެހެއްޓުމާ ގުޅިގެން މިކަން ހައްލު ކޮށްފައިވަނީ އެރަށަށް ފުލުހެވެ.
ގާތްގަނޑަކަށް 1200 މީހުންގެ އާބާދީއެއް ހިމެނޭ ކިނބިދޫގެ މައްސަލަ އާއި ގުޅިގެން 16 މީހަކު ބުރާސްފަތި ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ. އަދި އެކަމުގައި ޙަރަކާތްތެރިވި 6 މީހަކު ހައްޔަރުކޮށްފައި ކަމަށާ އަދި ވެސް އެމީހުން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މިމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ ތެރޭގައި އެއްވެސްކަހަލަ ހަމަނުޖެހުމެއް ހިންގާފައެއް ނުވާ ކަމަށާ ނަމަވެސް މިމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިވަގުތު އެމީހުންގެ ތެރޭގައި ހުރި އެކަކު ކުއްލިއަކަށް ފިޓް ޖެހުމުގެ ސަބަބުން ފަރުވާ ދިނުމަށްޓަކައި ވޭމަންޑޫގައި ހުންނަ ކޮޅުމަޑުލު އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ޖެހިފައިވާ ކަމަށް އޭރު ފުލުހުން ނެރުނު ނޫސްބަޔާނުގައި ފާހަގަ ކުރައްވާފައި ވެއެވެ.
މިހާރުވެސް ފުލުހުން ބުނީ އެރަށުގައި ހިންގި އޮޕަރޭސަންގެ ވީޑިއޯ ރިކޯޑިން އެބައޮތް ކަމަށާއި އެއްވެސް މީހަކަށް އަނިޔާ ކޮންފައި ނުވާނެ ކަމަށެވެ.
ފުލުހުންގެ ބަޔާން އެއްވެސް ކުރިމަތި ލުމެއް ހިނގާފައި ނުވާ ކަމަށް ބުނެފައި ވީނަމަވެސް ހިއުމަންރައިޓްސް ކޮމިޝަނުގެ ރައީސް ޖަޒީރާއަށް ދިން ބަސްތީ ގަތުމެއްގައި ވިދާޅުވެފައިވަނީ އެމައްސަލަ ހައްލުކުރުމުގައި ދެފަރާތުގެ މަދުގައި ކުރިމަތި ލުމެއް ހިނގާފައިވާ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.
އޭރު ޖަޒީރާއަށް ދިން ބަސްދީ ގަތުމެއްގައި މިމައްސަލައިގައި އެންމެ ސީރިއަސް ގެންލުން ލިބުނު ޒިއާދުގެ މައިދައިތަ ކިނބިދޫ ތައުޒަން ފްލާވަރ އުއްމިއްޔާ އަލީ 38އ ބުނީ އޭނާގެ ދަނބިދަރިފުޅަށް ފުލުހުން އަނިޔާ ކުރީ އޭނާގެ ކުރިމަތީގައި ކަމަށާއި އަދި އޭނާ ކުރިމަތިން ގެންދިއުމަށް ފަހު ކުރި އަނިޔާ އެއް ބުންނަށް ނޭނގޭ ކަމަށެވެ.
އުއްމިއްޔާ ބުނީ ބުދަ ދުވަހާއި ބުދަ ދުވަހުގެ ރޭ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ނިކުމެ ނުރުހުންފާޅުކޮށް, ކަތީބުން އޮފީހަށް ވަނުމަށް ހުރަސް އެޅިމައްސަލަ އާއި ގުޅިގެން ފުރަތަމަ ފުލުހުން އައީ ވޭމަންޑޫން ކަމަށާއި އެހެން ނަމަވެސް އަނިޔާ ކުރީ ލ. އަތޮޅުން އައި ފުލުހުން ކަމަށް ބުނަނީ ކަމަށެވެ.
އުއްމިއްޔާ ބުނީ އޭނާގެ ދަނބިދަރިފުޅާ އަދި ވެސް ހައްޔަރު ކުރި މީހުން ހައްޔަރުކޮށްފައި ވަނީ ގެއަށް ދާން އެއްވެފައި ތިބި ރައްޔިތުން ހިނގައިގެން ތަނުން ކަމަށެވެ.
” ފުލުހުން ކުރިން ހުރީ ކަނޑައަޅާފައި ހައްޔަރު ކުރަންވީ މީހުން. އެތަނުން ހަމަ ހައްޔަރުކޮށްގެން ގެންދިޔައީ.“ އުއްމިއްޔާ ބުންޏެވެ.
އުއްމިއްޔާ ބުނީ އޭނާގެ ދަބިދަރިފުޅަށް ވެސް އަނިޔާ ކޮށްފައިވާނީ ހައްޔަރު ކުރިއިރު އެކަމާއި ހައްޔަރު ވުމަށް ދެކޮޅު ހަދައިގެން ނޫން ކަމަށެވެ.
” ދަރިފުޅު ވަށާލުމަށް ފަހު އެމީހުން ހިފީ ފުރަތަމަ ދަރިފުޅު ކަރުގައި އަދި އެމީހާ މޭމަތީގައި ވެސް ޖެހި. ހަމަ އެވަގުތު ފަހަތުގައި ހުރި މީހަކު ދަރިފުޅުގެ ބޮލުގައި ޖެހީ, އެހިސާބުން ދަރިފުޅު ހޭނެތުނީ.“ އުއްމިއްޔާ ބުންޏެވެ.
އުއްމިއްޔާ ބުނީ އޭނާގެ ދަނބިދަރިފުޅު ފުލުހުން ގެންދިޔައީ ހޭނެތިފައި އޮތްވައި ކިލިފަތްދަށަށް އަތްޖަހައިގެން ކަމަށާއި އަދި ގެންދިޔަ ގިނަ މީހުން ތިބީ ބިޑި އަޅުވައިފައި ކަމަށާ އެހެން ނަމަވެސް އޭނާގެ ދަރިފުޅު ބިޑި ނާޅުވާ ކަމަށެވެ. މާލެއަށް ޒިއާދު ގެނައުމަށް ފަހު ޒިޔާދު ބެލި ޑޮކްޓަރ ވިދާޅުވީ ޒިޔާދުއަށް މާބޮޑު ސީރިއަސް އަނިޔާ އެއް ލިބިފައި ނުވާ ކަމަށެވެ.