
ކޮމަންވެލްތްގެ ދައުރު ފުރިހަމަކޮށް ނުދެވުނު ކަމަށްބުނެ ޚިތާމްގެ ހުށަހެޅުން އެމް.ޑީ.ޕީން ގަބޫލްނުކޮށް ދޫކޮށްލައިފި
ކޮމަންވެލްތުން އަދާކޮށްދޭން ހަވާލުކޮށްފައިވާ ދައުރު ފުރިހަމަކޮށް ދެވިފައި ނުވާތީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ ޚާއްޞަ މަންދޫބު އަދި މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރުގެ ނައިބު ތާންސްރީ މޫސާ ޚިތާމްގެ ހުށަހެޅުން އެމްޑީޕީން ޤަބޫލުނުކޮށް ދޫކޮށްލައިފި ކަމަށް އެޕާޓީން ބުނެފިއެވެ.
ޖަޒީރާ ނޫހަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ނައިބު ރައީސް އިބްރާހީމް ހުސައިން ޒަކީ ވިދާޅުވީ މޫސާ ޚިތާމް އެޕާޓީއާ ބައްދަލުކޮށް އެދެމުން ގެންދިޔައީ ޤާނޫން އަސާސީ އިސްލާހް ކުރުން އަވަސް ކުރުމުގެ ވާހަކަތައް ސަރުކާރާއެކު ފަށައިގެން ކުރިއަށް ގެންދިއުމަށް ކަމަށެވެ. ނަމަވެސް އެއީ ކޮމަންވެލްތަށް ހަވާލުކުރި ދައުރު އަދާނުކުރެވުމުން ހުއްޓިފައިވާ ކަމެއް ކަމަށް ޚިތާމް ގާތު އެމްޑީޕީން ބުނެފައިވާ ކަމަށެވެ.
”މިޕާޓީއާ ބައްދަލުކޮށް އެދުނީ ޤާނޫން އަސާސީ އިސްލާހް ކުރުމުގެ ވާހަކަތައް ދައްކަން. އަޅުގަނޑުމެން ދެންނެވިން ކޮމަންވެލްތުގެ ދައުރެއް މިކަމަކު ނެތޭ. ޤާނޫން އަސާސީ އިސްލާހް ކުރުމުގެ ވާހަކަތައް ހުއްޓިފައިވަނީ ކޮމަން ވެލްތަށް ހަވާލުކުރި މަސައްކަތް ފުރިހަމަކޮށް ނުދެވުނީމައޭ. އެހެންވީމާ ދެންވެސް އެމަސައްކަތް ކޮށްދެއްވައިގެން ދެންވެސް މިކަން ކުރެވޭނެ ގޮތެއް ހައްދަވައިދެއްވާށޭ“ ސާކުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.
ޒަކީ ވިދާޅުވީ އެމްޑީޕީއާއި ޑީއާރުޕީގެ ވާހަކަތަކުގައި ތިންޓްރެކަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އިރު އެއްޓްރެކެއް ބެލެހެއްޓުން ކޮމަންވެލްތާއި ހަވާލުކޮށްފައިވާ ކަމަށައި އެކަން އެފަރާތަށް ކޮށްދެވިފައި ނުވާ ކަމަށެވެ. އަދި ވަހަކަތައް ހުއްޓުނީވެސް އެފަރާތައް އެކަންތައްތައް ކޮށްނުދެވުމުން ކަމަށެވެ.
”ހަވާލުކުރި މަސައްކަތް ނުކޮށް އެހެން ކަމެއް ކުރަން އުޅެގެން ނުވާނެ. ޚިތާމްގެ ވާހަކަ ހުރީ ގާތްގަނޑަކަށް ސަރުކާރާ އެއްރާގަކަށް. އެއީ ޤާނޫން އަސާސީ އިސްލާހް ކުރުމުގެ ވާހަކަތައް ދައްކަން ކޮންފަރެންސެއް ބާއްވަން. އެކަން އެކަންޏެއް ނުކުރެވޭނެ. އެކަމައެކު ކުރަންޖެހޭ އެހެން ކަންތައްތަކެއް ޓްރެކްތަކެއްގެ ގޮތުގައި އެމްޑީޕީއާއި ޑީއާރުޕީން އެއްބަސްވެފައި އޮތީ. އެކަންތައްތައް ކުރަން ޖެހޭނީ. ކޮމަންވެލްތުގެ ދައުރަކީ އެމީހުންނަށް ހަވާލުކުރި މަސައްކަތް ކޮށް ދެޕާޓީގެ ވާހަތައް އަލުން ފެށޭނޭގޮތެއް ހަދައި ދިނުން.“ ޒަކީ ވިދާޅުވިއެވެ.