
މަޑިފުށީ މީހުންނަށްދޭ ފައިސާގެ މައްސަލާގައި މާމިގިލީ ރަށު އޮފީސް ބަންދުކުރުމަށްފަހު ޝީރީން ވަޑައިގެން އޮފީސް ހުޅުވައިފި
ސުނާމީ އަށް ފަހު އދ. މާމިގިއްޔަށް ހިޖުރަކުރި މ. މަޑިފުށީ މީހުންނަށް ސަރުކާރުން ދޭ 4.1 މިލިއަން ރުފިޔާގެ މައްސަލައިގައި މާމިގިލީ އޮފީސް ބަންދުކޮށްފައި ހުރުމަށްފަހު ޝީރީން ވަޑައިގެން ހުޅުވައިފި އެވެ.
މާމިގިލީ ރައްޔިތުން ބުނީ ރަށު އޮފީސް ދޫކޮށްލީ އެޓޯލްސް މިނިސްޓްރީގެ ނައިބު ފާތުމަތު ޝީރީން ވަޑައިގެން މާމިގިލީ މީހުން އެނދޭ ގޮތައް ކަންތައްތައް ކޮށްދިނުމަށް އެއްބަސްވުމުން ކަމަށެވެ. މާމިގިލީ މީހުން ބުނީ އޮފީސް ހުޅުވުމަށް ހުއްދަދީފައިވަނީ ބުރާސްފަތި ދުވަހުގެރޭ ދަންވަރު ކަމަށެވެ.
” އަޅުގަނޑުމެން ހުށަހަލާފައިވާނީ މަޑިފުށީ މީހުންނަށް ވަކިން ފައިސާތަކެއް ދިނުމުން ރަށުގައި ފިތުނައެއް އުފެދިދާނެތީ ދޭ އެއްޗެއް މާމިގިލީ މީހުންނަށްވެސް ދިނުމަށް. އެގޮތަށް ނުދެވެންޔާ މަޑިފުށީ މީހުން އެހެން ރަށަކަށް ގެންދިއުމަށް. އަދި މަޑިފުށީ މީހުން މިރަށަށް ބަދަލުކުރުމާ ގުޅިގެން މައުމޫން ވަޑައިގެން ވިދާޅުވީ އެއްވެސް ކަމެއް އަދި ކޮށްދެވިފައި ނުވާތީ އެކަންތައްތައްވެސް ކޮށްދިނުމަށް ހުށަހަޅާފައި ވާނެ“ މަހުމޫދު ޖަޒީރާއަށް ކިޔައިދިނެވެ.
މާމިގިލީ މީހުން ބުނީ މަޑިފުށީ މީހުން ރަށުތެރޭގައި ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރާ ކަމަށާއި އަދި ރަށުގައި މާމިގިލީ މީހުންނަށް އެއްވެސް ކަހަލަ މިނިވަން ކަމަކާއި އަދި ހައްގެއް ލިބިފައި ނުވާ ކަމަށެވެ.
” ކޮންމެ ކެމެއްގައިވެސް އެމީހުން ބުނަނީ މިގުޅަނީ ހަމްދޫނަށް ކަމަށް އަދި ފަހުން އެމައްސަލައެއް ނިމެނީވެސް އެމީހުން ބުނާ ގޮތައް. އެމީހުން ރަށު އޮފީހުގައިވެސް ވެރިކަން ކުރަނީ. ރަށުކަތީބަށް އެރަށު ކަތީބުން އަންގެނީ ތިމަންނަމެންނަށް ކަލޭމެނަށް ބާރެއް ނޮފޯރުވޭނެ ކަމަށް. އެހެން ނޫނަސް އެމީހުން މިހާރު ވަނީ ރަށުގައި ފިތުނަ އުފަންދަން ފަށާފައި. އަޅުގަނޑުމެން އެމީހުން ގެނެސްގެން ހުރިހާ ކަމެއް ކޮށްދިނީމާ ބުނަނީ ތިމަންނަމެންގެ ކޮންމެ މީހެއްގެ އެކަންޓްގައި 2ލައްކަ ރުފިޔާ އެބަހުރި ކަމަށް އަދި މާމިގިލީ މީހުންނަށްއެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް“ މަހުމޫދު ކިޔައި ދިނެވެ.
މާމިގިލީ މީހުން ބުނީ އެންމެ ބޮޑު ހަމަނުޖެހުމެއް އުފެދިގެން އުޅެނީ މަޑިފުށީ މީހުންގެ ގޮތްދޫނުކުރުމުގެ ސިޔާސަތުގެ ސަބަބުން ކަމަށެވެ. އަދި ސަރުކާރުންވެސް އެކަންތައްތައް އިސްލާހުކުރުމަށް ނުވިސްނާ ކަމަށެވެ.
މިކަމާ ގުޅިގެން މާމިގިލީ ކަތީބަށް ގުޅުމުން ވިދާޅުވީ ނޫސްތަކަށް މައުލޫމާތުދެނީ ލިޔުމުން ކަމަށެވެ. އެހެން ކަމުން މިއަދު އޮފީސް ބަންދުކޮށްފައި ހުރުމާ ގުޅިގެން ޖަވާބު ލިބޭ ގޮތެއްވަނީ ނުވެފައެވެ. އެރަށުގައި އޮފީސް ބަންދުކޮށްގެން އުޅޭ މީހުން ބުނީ ސަރުކާރުން އެމީހުންގެ އެދުންތަކުގައި ކޮޅުފައިން ޖަހާ ގަބޫލުނޮކޮށްފި ނަމަ އަދިވެސް އޮފީސް ބަންދުކުރާނެ ކަމަށެވެ.