
އާންމު ވޯޓް ލުމުގައި 18 އަހަރުން މަތީގެ މީހުންނަށް ބައިވެރިވުމަށް ގޮވާލާ މުޒާހަރާއަށް ދެ ޕާރޓީއަކުން ތާއީދުކޮށްފި
ރާއްޖޭގައި ބާއްވާނެ ވެރިކަމުގެ ނިޒާމެއްކަނޑައެޅުމަށް ޓަކައި ނަގާ އާއްމު ވޯޓުލުމުގައި 18 އަހަރާއި 21 އަހަރުން ދަށުގެ މީހުން ބައިވެރިކުރުވުމަށް ގޮވާލައި, ބޭއްވުމަށް ހަމަޖައްސާފައިވާ މުޒާހަރާއަށް ދެ ޕާޓީއަކުން ތާއިދުކޮށްފި އެވެ.
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ(ގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުގެ ދަށުން އެ ޕާޓީން ބޭއްވުމަށް ހަމައްސާފައިވާ މުޒާހަރާ އޮންނާނީ މި މަހުގެ 20 ވަނަ ދުވަހު ކަމަށާއި އެކަމުގައި ވީހާ ގިނަ ބަޔަކު ބާއިވެރިވުމަށް އެ އެމްޑީޕީން ވަނީ ގޮވާލަފަ އެވެ.
މޯލްޑިވިއަން ސޯޝަލް ޑިމޮކްރެޓިކް ޕާޓީ )އެމް.އެސް.ޑީޕީ(ގެ ވަގުތީ ލީޑަރު ރީކޯ އިބްރާހީމް މަނިކު ވިދާޅުވީ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށްނަގާ އާންމު ވޯޓުގައި 18 އަހަރުން މަތީގެ އެންމެންނަށް ވޯޓުލުމުގެ ފުރުސަތު ލިބެންޖެހޭނެ ކަމަށާއި އެކަމަށް ގޮވާލައި އެމްޑީޕީން ބޭއްވުމަށް މަސައްކަތްކުރާ މުޒާހަރާ އަށް ހުރިހާގޮތަކުން ތާއިދުކުރާ ކަމަށެވެ.
”އަޅުގަނޑުމެންގެ ޕާޓީން އެ މުޒާހަރާ އަށް ތާއިދުކުރަން. ނަމަވެސް އެ މުޒާހަރާގައި ބައިވެރިއެއްނުވެވޭނެ. އެއީ ޕާޓީ އަސާސީ ގަވާއިދުގައި މުޒާހަރާކުރުން މަނާކޮށްފައިވާތީ. އެހެންނަމަވެސް ހުރިހާ މާނައެއްގައި އެމުޒާހަރާއަށާއި 18 އަހަރުން މަތީގެ އެންމެންނަށް އާންމު ވޯޓުގައި ބައިވެރިވެވޭނެގޮތް ހެދުމަށް ހިންގާ ހުރިހާ ހަކަރާތަކަށް ތާއިދުކުރަން. އަދި ހިތްވަރުދޭން.“ އިބްރާހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދުނިޔެ އާއި މުޅި ޖީލް ޒުވާން ވަމުން އަންނަ އިރު ޒުވާނުންނަށް އެ މީހުންގެ ގައުމުގެ ކުރިމަގު ކަނޑައެޅުމުގެ ފުރުސަތު ނުދެންވީ އެއްވެސް ސަބަބެއްނެތް ކަމަށެވެ.
”އެކަމަށް ތާއިދުކޮށް ވާނީ ބަޔާނެއް ވެސް ނެރެފައި. އެއީ ކުރަން ޖެހޭނެ ކަމެއް. ކީއްވެކަމެއް ނޭނގެ ޒުވާނުންނަށް ފުރުސަތު ނުދޭން ބަޔަކު މަސައްކަތްކުރަނީކީ,“ ފަސް ހާހަށް ވުރެ ގިނަ މެމްބަރުން ތަމްސީލް ކުރާ ޕާޓީންގެ ލީޑަރު ވިދާޅުވި އެވެ.
އަސާސީ ހައްގުތައް ހޯދުމަށް ގިނަ މުޒާހަރާތަކެއް ކޮށްފައިވާ އިސްލާމިކް ޑިމޮކްރެޓީކް ޕާޓީ )އައިޑީޕީ(ގެ ރައީސް އުމަރު ނަސީރު ވިދާޅުވީ ވެރިކަމުގެ ނިޒާމެއްކަނޑައެޅުމަށް ނަގާ އާންމު ވޯޓުގައި 18 އަހަރުން މަތީގެ މީހުންނަށް ވޯޓްލެވޭނެ ފުރުސަތު ހޯދައިދިނުމަށް އެމްޑިޕީން ބާއްވާ މުޒާހަރާ އަށް ހުރިހާ ގޮތަކުން ތާއިދުކުރާ ކަމަށާއި ތާއިދުކުރާކަން ބަޔާންކޮށް އެމްޑީޕީ އަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
”މުޒާހަރާގައި އަމަލީ ގޮތުން ބައިވެރިވާނެތޯ ނޫންތޯ ކަނޑައަޅާނީ ގައުމީ މަޖިލީހުން. މި ހަފުތާގައި ގައުމީ މަޖިލީހުގެ ޖަލްސާއެއް އޮންނާނެ. އޭގައި ނިންމާނީ,“ އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުޒާހަރާގައި ހަމަނުޖެހުމެއް ނުހިންގާ ނަމަ އުސޫލެއްގެ ގޮތުން ހުރިހާ ގޮތަކުން އެހީތެރިވާނެ ކަމަށާއި އަދި އެކަމުގައި ބައިވެރިވުމަށް ގައުމީ މަޖިލީހުން ނިންމުމަކީ ވެސް ވަރަށް ކައިރިކަމެއް ކަމަށެވެ.
މުޒާހަރާތެރެގައި އެ ފަދަ ހަމަނުޖެހުމެއް ނުހިންގާ އެކަން ކުރިއަށްގެންދިއުމާ ބެހޭ ގޮތުން އެމްޑީޕީއާ ވާހަކަ ދައްކާނެތޯ ސުވާލުކުރުމުން އުމަރު ވިދާޅުވީ ގައުމީ މަޖިލީހުން ވަކިގޮތެއް ނިންމުމުން އެގޮތަކަށް ކުރިއަށްގެންދާނެކަމަށެވެ.
މިހާރު ހިންގާ ސިޔާސީ ފަސް ޕާޓީގެ ތެރެއިން ތިން ޕާޓީން މުޒާހަރާ އަށް ތާއިދުކުރާ އިރު އަދާލަތު ޕާޓީން ވަނީ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ނަގާ އާންމު ވޯޓުގައި 18 އަހަރުން މަތީގެ އެންމެންނަށް ވޯޓުލެވެން ޖެހޭނެ ކަމަށް ބުނެ ވާހަކަ ދައްކާފަ އެވެ. އަދި އެ ފުރުސަތު ނުލިބޭގޮތަށް ހެދުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ބުނެފަ އެވެ.
އަދާލަތު ޕާޓީގެ އަމީން އާންމު އައްޝައިހު އިމްރާނު އަބުދުﷲ ވިދާޅުވީ ވެރިކަމުހެ ނިޒާމް ކަނޑައެޅުމަށް ނެގުމަށް ނިންމާފައިވާ އާންމު ވޯޓުގައި 18 އަހަރުން މަތީގެ މީހުންނަށް ބައިވެރިކުރުވުމަށް ގޮވާލާ ގޮވާލުން ތަކަށް ތާއިދުކުރާ ކަމަށާއި ނަމަވެސް މުޒާހަރާ އަށް ތާއިދުކުރުމާ ބެހޭ ގޮތުން އަދި ޕާޓީން ވަކިގޮތެއް ނުނިންމާކަމަށެވެ.
ދިވެހި ރައްޔިތުންގެ ޕާޓީން ބުނެފައިވަނީ އާންމު ވޯޓުގައި 18 އަހަރުން މަތީގެ އެންމެން ބައިވެރިކުރެވޭނެ ގޮތެއް ނެތް ކަމަށާއި މަޖިލީހުން އާންމު ވޯޓް ނެގުމަށް ނިންމާފައިވާ ނިންމުމާއެއްގޮތަށް ގެންދާ ނަމަ ވޯޓުލުމުގައި ބައިވެރިކުރަން ޖެހެނީ 21 އަހަރުން މަތީގެ މީހުން ކަމަށެވެ.