Sorry! You need to be logged in to access the requested page.

ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޔުނިޓްތަކެއް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ގާއިމްކުރުމަށް އެޑިއުކޭޝަނުން ނިންމައިފި

ޖޫން 18 2009، 18:29 0 ޚިޔާލު

ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް ކިވައިދޭ ޔުނިޓްތަކެއް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ގާއިމްކުރުމަށް ނިންމަވާފައިވާކަމަށާއި އެމަސައްކަތް އަންނަ އަހަރު ނިންމާލެވޭނެކަމަށް އުއްމީދުކުރައްވާކަން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މިއަދު ހާމަކުރައްވައިފިއެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މިކަން ހާމަކުރެއްވީ އެމިނިސްޓްރީގެ މަސައްކަތް ހިނގަމުންދާ ގޮތާއި ކުރިއަށް އޮތް ދެހަފްތާއަށް ރޭވިފައިވާ ކަންތައްތަކުގެ މައުލޫމާތު ޚަބަރުފަތުރާ ވަސީލަތްތަކަށް ދެއްވުމަށް މިއަދު ބޭއްވެވި ބައްދަލުވުމެއްގައެވެ.

”ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ އެއްތަން ކޮންމެ އަތޮޅެއްގައިވެސް ގާއިމް ކުރުން އަޅުނޑުމެންގެ އަމާޒަކީ“ ދަރުބާރުގޭ ފަންސަވީހުގައި މިއަދު އޮތް ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަހްމަދު ޝަފީޢު ވިދާޅުވިއެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ކުދިން ދެނެގަތުމާއި އެކުދިން ތިބީ ކޮންކޮން ރަށްރަށެއްގައިތޯ ބެލުމުގެ މަސައްކަތް އިނގިރޭސިވިލާތުގެ ކަމާ ބެހޭ މާހިރުންގެ އެހީގައި މިހާރުވެސް ގެންދަވަނީ ކުރައްވަމުން ކަމަށް ޝަފީޢު ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދެއްވުމަށްޓަކައި ހައްދަވާ ޔުނިޓްތައް ގާއިމްކުރައްވާނީ މިހާރުވެސް ހުރި ސްކޫލްތަކުގައި އެކަމަށް ޚާއްސަކުރާ ތަންތަނުގައެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކުރައްވަމުން ގެންދަވާ އެހެނިހެން ބައެއް މަސައްކަތްތަކާ ބެހޭ ގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި މައުލޫމާތުދެއްވިއެވެ. އެގޮތުން އަމިއްލަ ފަރާތްތަކާ ގުޅިގެން ހިންގުމަށް މިހާރު ހުޅުވާލާފައިވާ ސްކޫލްތަކުގެ ނަންތައް މިއަދު ހާމަކުރެއްވިއެވެ. އަދި ތަޢުލީމު ދިނުމުގެ ގައުމީ މަންހަޖު އަލުން މުރާޖައާ ކުރުމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބުވެސް ވަނީ ހާމަކުރައްވާފައެވެ. އެގޮތުން މަންހަޖު މުރާޖައާ ކުރައްވާނީ ބެލެނވެރިންނާއި މުޖުތަމައުގެ އެކިއެކި ދާއިރާތަކުގެ ޚިޔާލުތައް ވެސް ހޯއްދަވައިގެންކަމަށާއި އެމަސަައްކަތުގެ ބޮޑުބައެއް މިހާރުވެސް ވަނީ ނިމފައި ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަންގެ ނައިބު ޑރ. ނަޒީރު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރީން ހާމަކުރެއްވި ގޮތުގައި އެމިނިސްޓްރީގެ އަމާޒަކީ ސްކޫލްތައް ހިންގުމުގައި ބެލެނިވެރިން ވީހާވެސް ބޮޑަކަށް ބައިވެރިކުރުމެވެ. އެގޮތުން ބެލެނިވެރިން ހިމެނޭ ގޮތުން ބައެއް ސްކޫލްތަކުގެ ބޯޑްތައް އެކުލަވާލާފައިވާކަން އެމިނިސްޓްރީން ފާހަގަކުރެއެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ގިނަކުދިންތަކެއް ރާއްޖޭގައި ތިބި އިރު އެފަދަ ކުދިންނަށް ތައުލީމުދޭ ތަންތަން ރާއްޖޭގައި އަދިވެސް ވަރަށް މަދެވެ. އަދި އެފަދަ އެއްވެސް ތަނެއް މާލެފިޔަވާ ރާއްޖޭގެ އެހެން ރަށެއްގައި މިހާތަނަށް ގާއިމްކުރެވިފައި ނުވާކަން ފާހަގަކުރެވެއެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv