
އިޓަލީ ނޫސްތަކުން މިލާނަށް ވަރަށް ތައުރީފްކޮށްފި
ޔޫރަޕިއަން ޗެމްޕިއަންސް ލީގުގައި މިހަފްތާގައި ޖަރުމުގެ ބަޔާން މިއުނިކް ބަލިކޮށް މުބާރާތުގެ ސެމީ އާއި ހިސާބަށް ދެވުނު ހަމައެކަނި އިޓަލީގެ ޓީމަށް މިލާން ވުމުން އެޓީމަށް އިޓާލީގެ ނޫށްތަކުން ވަރަށް ބޮޑަށް ތައުރީފްކޮށްފިއެވެ.
މިލާނަށް ތައުރީފްކޮށް ކޮރިއަރ ޑެއްލާ ސްޕޯޓްސް އިން ބުނެފައިވަނީ މިލާނަކީ ޔޫރަޕްގެ ރަސްގެފާން ކަމަށެވެ. އަދި އެހެން ނޫހެއްގައި ބުނެފައިވަނީ ”މިލާން އުދުހެނީ“ ކަމަށެވެ.
2005 ވަނަ އަހަރުގެ ޔޫރަޕްގެ ޗެމްޕިއަން މިލާން ވަނީ 2003 ވަނަ އަހަރުގެ ފަހުން ދެފަހަރު ފައިނަލްގައި ވެސް ކުޅެފައެވެ.
ސެމީ ފައިނަލްގައި މިލާން ބައްދަލުކުރަން ޖެހޭނީ އިޓަލީގެ ރޯމާކޮޅަށް 7 ލަނޑު ޖަހާ މުޅި އިޓަލީ ލަދުގަންނަވާލާފައިވާ އިންގްލެންޑްގެ މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށެވެ. މިދެޓީމު ޔޫރަޕްގައި އެންމެ ފަހުން ބައްދަލުކުރި ތިން ފަހަރުވެސް މިލާން އަށް ކާމިޔާބުލިބިފައިވާތީ މިލާން ވަނީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ހަމަޖެހިފައެވެ. ބޮޑު ހިތްހަމަޖެހުމަކާއި އެކު މިމެޗަށް މިލާން ނުކުންނައިރު އެޓީމަށް ޖެހިފައިވަނީ ޓީމު ރޫހަށްވުރެ ގައުމީ ރޫހު އިސްކުރާށެވެ.