ކާސްޓްރޯގެ ހާލު މުޅިން ރަނގަޅުވެއްޖެ: ޗަވޭޒް

ހުސައިން ރަޝީދު އޭޕްރީލް 14 2007، 21:11 0 ޚިޔާލު

ކިއުބާގެ ރައީސް ފިޑެލް ކާސްޓްރޯގެ ޙާލު މިހާރު މުޅިން ރަގަޅުވެފައިވާ ކަމުގައި ވެނެޒުއޭލާގެ ރައީސް ހޫގޯ ޗަވޭޒް ވިދާޅުވެއްޖެއެވެ. ރައީސް ޗަވޭޒާ ޙަވާލާ ދެއްވާ ބީބީސީ ޚަބަރުދޭ ގޮތުގައި ކާސްޓްރޯ މިހާރު ޤައުމު ހިންގެވުމުގެ މަސައްކަތުގައި އަނެއްކާވެސް މަސައްކަތް ކުރައްވަން ފައްޓަވައިފިއެވެ.

ޖުލައިމަހު ގޮހޮރުގެ އޮޕަރޭޝަނަކަށްފަހު ރަސްމީ އެއްވެސް އިޙުތިފާލަކުން ކާސްޓްރޯ ފެނިވަޑައެއް ނުގަންނަވައެވެ. އަދި ޤައުމުގެ ހުރިހާ ކަންތަކެއް ހިންގެވުން އޭނާގެ ކޮއްކޮ ރައުލް ކާސްޓްރޯ އާއި ޙަވާލުކުރައްވާފައިވެއެވެ.

މިދިޔަ މަހު އެމެރިކާގެ ސީއައިއޭ ޚަބަރުދީފައިވާ ގޮތުގައި އަދިވެސް ކިއުބާގެ ކަންތައްތައް ހިންގެވުމުގައި ކާސްޓްރޯގެ ދައުރު ވަރަށް ބޮޑެވެ. އަދި ރައީސް ޗަވޭޒްގެ މިޚަބަރާ ގުޅިގެން އެމެރިކާއަށް އިތުރު ކަންބޮޑުވުމެއް ލިބިގެންދާނެކަމަށް މުރާސިލުން ހާމަކުރައްވައެވެ.

އެމެރިކާއިން ހާމަކުރާ ގޮތުގައި ކިއުބާގައި ރައީސް ކާސްޓްރޯގެ ދައުރަށްވުރެ މިހާރު ރައުލް ކާސްޓްރޯގެ ޒަޢާމަތުގައި ޙާލަތު މާބޮޑަށް ގޯސްވަމުންދެއެވެ.

ކިއުބާގައި ރައީސް ކާސްޓްރޯގެ އަޞްލު ބަލިވަނީ ޤައުމީ ސިއްރެއްގެ ގޮތުގައި ބާއްވާފައެވެ. ޗަވޭޒް ވިދާޅުވި ގޮތުގައި އޭނާއަށް ލިބިވަޑައިގެންފައިވާ ވަރަށް މުޢުތަބަރު މަޢުލޫމާތުން އެނގޭ ގޮތުގައި ކާސްޓްރޯ މިހާރުވަނީ މުޅިން ރަގަޅުވެފައެވެ.

އެންމެފަހުން ބޭއްވުނު ވަކިފަރާތަކަށް ނުޖެހޭ ޤައުމުތަކުގެ ވެރިންގެ ބައްދަލުވުމުގައި ކާސްޓްރޯ ބައިވެރިވެ ވަޑައިގެންނެވުމަށް ތައްޔާރުވެ ވަޑައިގެންނެވި ނަމަވެސް އެންމެފަހު ވަގުތު އެކަންތައް ކެންސަލްކޮށްފައިވެއެވެ.

ކިއުބާގެ އޮފިޝަލުން ހާމަކުރައްވާ ގޮތުގައި ކުޑަދުވަސް ކޮޅެއްގެ ތެރޭގައި އަނެއްކާވެސް ކާސްޓްރޯ އޮފީހަށް ނުކުމެވަޑައި ގަންނަވާނެއެވެ. އެހެންނަމަވެސް ވަކި ތާރީޚެއް ކަނޑައަޅާފައި ނުވާކަމަށް ޚަބަރުލިބެއެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv