
ކުއްލި ކަންތައްތަކުގައި ހޭދަކުރަން ބަޖެޓްގައި ކަނޑައެޅި ފައިސާއިން ދިއްދޫއަށް އަޅާނުލަންޏާ ސަރުކާރުގެ ބޮޑުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވައިފި
ކުއްލިއަކަށް ދިމާވާ ގުދުރަތީ ހާދިސާތަކުގައި ވަގުތުން އެހީތެރިކަން ފޯރުވައިދިނުމަށް ބަޖެޓުގައި ކަނޑައަޅާފައިވާ ފައިސާއިން, އުދައިގެ ސަބަބުން ހއ ދިއްދޫއަށް މިހާރު ކުރިމަތިވެފައިވާ ނުރައްކާތެރި މައްސަލައަށް އެހީ ނުވަންޏާ މިހާރު މިއޮތް ސަރުކާރުގެ ހުރިހާ ބޮޑުން ވަގުތުން އިސްތިއުފާ ދިނުމަށް ލ އަތޮޅު މެންބަރ މޫސާ މަނިކު ވިދަޅުވެއްޖެ އެވެ.
އޭނަ މިހެން ވިދާޅުވީ އުދައެރުމުގެ ސަބަބުން ހއ ދިއްދޫއަށް ކުރިމަތިވެފައިވާ އަދި ކުރިމަތިވަމުން އަންނަ މައްސަލަ ތަކަށް ސަރުކާރުން އަޅާ ނުލައްވާތީ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އެރަށުގެ 260 މީހުން ސޮއިކޮށް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ހއ އަތޮޅު މެންބަރ އަހުމަދު ސަމީރުގެ ފަރާތުން ފ އަތޮޅު މެންބަރ އަހުމަދު ހަމްޒާ މިއަދު ހުށަހެޅުއްވި ޕެޓިޝަނާ ގުޅިގެން ވާހަކަ ދައްކަވަމުންނެވެ.
މިޕެޓިޝަނުގައި ވަނީ ” 17 ޖޫން 2007 އިން ފެށިގެން ހއ. ދިއްދޫއަށް އުދައަރައި ދިއްދޫގެ ރައްޔިތުންގެ ގޯތިގެދޮރަށާއި, މުދަލަށް ބޮޑެތި ގެއްލުންތައް ލިބެމުންދިއުމާއި, ބައެއް ރައްޔިތުންގެ ގޯތިގެދޮރަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކުގެ ސަބަބުން އަމިއްލަ ގެދޮރު ދޫކޮށް އެހެން ތަންތަނަށް ހިޖުރަކުރަންޖެހުމާއި ރަށުގައި ޙާލުގައި ޖެހިފައިވާ ރައްޔިތުން ވަގުތީގޮތުން ދިރިއުޅޭނެ އެއްވެސް ތަނެއް ރަށުގައި ނެތުމާއި އަދި އުދައެރުމުގެ ސަބަބުން ބިންގަނޑު ހަލާކުވެ ފާޚާނާގެ ޖަންކުޝަންތައް ޙަލާކުވެ މަގުތަކަށް ނަޖިސް ބޭރުވެފައިވާއިރު ދިއްދޫގައި ބަލިމަޑުކަމެއް ފެތުރިގެން ހިގައިދާނެކަމުގެ ބިރު ވެރިކަން އުފެދިފައިވާއިރު މިހާދިޘާގައި ދިއްދޫގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ ބިރުވެރިކަމާއި ލިބެމުންދާ ބޮޑެތި ގެއްލުންތަކުގެ ސަބަބުން ސަރުކާރުން މިކަމަށް ދޭންޖެހޭ ސަމާލުކަން އެއްވެސް ވަރަކަށް ދީފައިނުވާތީވެ މިމައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނެސް އަވަސް ފިޔަވަޅެއް އަޅައި ދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ޕެޓިޝަން.“ ކަމުގައެވެ.
މޫސާމަނިކު ވިދާޅުވީ މިއަހަރަށް ފާސްކުރި ބޮޑު ބަޖެޓްގައި މިފަދަ ކުއްލިމައްސަލަތަކަށް 286 މިލިއަން ރުފިޔާ ފާސްކޮށްފައިވާނޭ ކަމަށާއި އެފައިސާއިން ދިއްދޫ މީހުންނަށް އެހީވާން ޖެހޭނެ ކަމުގައެވެ.
މިޕެޓިޝަނާމެދު ވާހަކަދެއްކެވި މެންބަރުންގެ ތެރެއިން ތ އަތޮޅު މެންބަރ ހަސަން އަފީފް ވިދާޅުވީ ދިއްދޫގެ އިތުރުން މުޅި ރާއްޖެއަށް ބަލަން ޖެހޭ ކަމަށާއި ރައްޔިތުންގެ އެފަދަ ކަންތައްތައް ހައްލުކޮށް ނުދިނީމާ ނިކުންނަނީ ކަމަށެވެ.
”މިމަޖިލިސް މިވަނީ ޑިޒާސްޓަރ ކަންތައްތަކުގައި އިސްނަގަން ޖެހިފައި. ސުނާމީގައި ލިބުނު އެހީތައްވެސްލީ އެކަމުގައި އުޅުނު މީހުންގެ ޖީބަށް. އެކަން ކުރި މީހުންގެ ނަމާ އެއްކޮށް ހުށަހެޅީމާވެސް ބަލައެއް ނުދޭ“ އަފީފް ވިދާޅުވިއެވެ.
ތ އަތޮޅު މެންބަރ މުހައްމަދު ޝަރީފް ވިދާޅުވީ ރަށްރަށަށް ކުއްލިގޮތުގައި ދިމާވާ މިފަދަ ކަންކަމަށް ހޭދަކުރާނެ ފައިސާ އަންނައަހަރު ބަޖެޓް ކުރަންވީ މަޖިލީހަށް ކަމަށެވެ.
ދ އަތޮޅު މެންބަރ އަހުމަދު ސިޔާމް ވިދާޅުވީ ރައްޔިތުން ހިތް ނުތަނަވަސްވަނީ އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން ނާޅުއްވާތީ ކަމަށެވެ.
މާލެއަތޮޅު މެންބަރ މާރިޔަ އަހުމަދު ދީދި ވިދާޅުވީ ރައްޔިތުންގެ ތެރެއިން އެމީހުންނަށް ދިމާވާ މިފަދަ މައްސަލަތައް ބިރުން ދައްކަން ނުކެރޭ ކަމަށާއި ދައްކައިފިނަމަ ސަރުކާރުން ގޯނާކޮށް ދައުވާކޮށްވެސް ހަދާ ކަމަށެވެ.
ހދ އަތޮޅު މެންބަރ އަހުމަދު ޢަބްދުﷲ ވިދާޅުވީ މިކަހަލަ ކަންކަމުގައި އަވަހަށް ފިޔަވަޅު އެޅޭނެގޮތް ހަދަންވީ ކަމަށާއި ސަރުކާރުން އަވަސް އެހީވެސް ދޭންވީ ކަމަށެވެ.
ގއ އަތޮޅު މެންބަރ ޢަބްދުﷲ ޖާބިރު ވިދާޅުވީ މިއީ ނާޒުކު ޤައުމެއްކަން އެނގުނީ މިއަދަކު ނޫން ކަމަށާއި ކުރިންވެސް އެނގޭ ކަމަށެވެ. މިއީ އެއްފަސް ނުކުރެވި އޮތުމުން ވާކަމެއް ކަމަށާއި އެންމެން އިށީނދެ ޤައުމީ ލެވެލްއެއްގައި މިކަމަމެދު ބަލަންޖެހިފައިވާ ކަމަށެވެ.
ހއ އަތޮޅު މެންބަރ ޖައުފަރު އީސާ އާދަމް ވިދާޅުވީ މިއީ ހަޤީގީ ޕެޓިޝަނެއް ކަމަށާއި މިއީކީ 260 މީހުންގެ ޕެޓިޝަނެއް ނޫން ކަމުގައެވެ.
”ސޮއިކުރަންވީ ގިނަ މީހުން ތިބީ ބިރުން ސޮއި ނުކޮށް. ކަންތައްތައް ކުރިން ވެފައި އޮތްގޮތުން“ ޖައުފަރު ވިދާޅުވިއެވެ.
މާލޭ މެންބަރ އިބްރާހީމް އިސްމާއީލް ވިދާޅުވީ މޭން ފޯރ ދަ އައިލެންޑް, ސީލެވެލް ކިންގ ފަދަ ވާހަކަތަކާއި ފޮތްތައް ތައްޔާރުކޮށްގެން ބައިނަލްއަޤްވާމީ ދުނިޔޭގެ ތާއީދު އިނާމް ނުހޯދާ އަމިއްލަ ރާއްޖެއަށް ކަމެއް ކުރެވޭތޯ ބެލުން ރަނގަޅު ކަމުގައެވެ.
ނ އަތޮޅު މެންބަރ ޢަބްދުﷲ ޔާމީން ވިދާޅުވީ ކުއްލި ކަންތައްތަކަށް ބަޖެޓްގައި އެހާބޮޑު އަދަދެއް ކަނޑައަޅާފައިވާއިރު ފިޔަވަޅު ނޭޅެންޏާ ރައްޔިތުންގެ މަޖިލީހުން ސަރުކާރު އެކައުންޓަބްލް ކުރަން ޖެހޭނެ ކަމަށެވެ.
ރ އަތޮޅު މެންބަރ އަލީ ވަހީދު ވިދާޅުވީ ޕެޓިޝަނެއްގެ ގޮތުގައި ދިއްދޫ ރައްޔިތުން ހުށަހަޅާފައި މިއޮތް އޮތުމަކަށް ސަރުކާރަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށާއި ސަރުކާރު ދިފާއު ކޮށްފައި އެހެން ކަމެއް ކުރެވޭކަށް މިސަރުކާރަކަށް ނެތް ކަމުގައެވެ. ވުމާއެކު ހައްލަކީ އެންމެންވެގެން ޤަވައިދާ އެއްގޮތަށް ސަރުކާރު ބަދަލުކުރުން ކަމުގައި އަލީ ވަހީދު ވިދާ-ޅުވިއެވެ.
މިޕެޓިޝަން , ޤަވައިދާއެއްގޮތަށް މިއަދު ވަނީ ޕެޓިޝަން ކޮމެޓީއަށް ފޮނުއްވާފައެވެ.