ތިނަދޫ ހޮސްޕިޓަލުން ޖެހި އިންޖެކްޝަނެއްގެ ސަބަބުން ތުއްތު ކުއްޖެއްގެ ކަންފަތް ބީރުވި މައްސަލަ : ޖެންޓަމައިސިންގެ ސަބަބުން ދެ ކަންފަތް ބީރުވެ, ކިޑްނީއަށް ގެއްލުން ވުމުގެ އިތުރަށް ނާރުތަކުގައި މަސްކިއުލަރ ބްލޮކް އުފެއްދުމުގެ ފުރުސަރު އޮތް ކަމަށް ޑޮކްޓަރުންގ

މިއުސަމް އައްބާސް އޭޕްރީލް 16 2009، 17:24 0 ޚިޔާލު

ތިނަދޫ ހޮސްޕިޓަލުން ޖެހި އިންޖެކްޝަނެއްގެ ސަބަބުން ތުއްތު އަންހެން ކުއްޖެއްގެ ދެ ކަންފަތް ބީރުވެފައިވާ ކަމަށް ބުނެ އޭނާގެ ބައްޕަ ހެލްތު މިނިސްޓްރީގެ މައްޗަށް ކުރާ ދައުވާގައި ޑޮކްޓަރުންގެ ރިޕޯޓްތަކުން ވެސް ޖެންޓަމައިސިންގެ ސަބަބުން ދެ ކަންފަތް ބީރުވެ, ކިޑްނީއަށް ގެންލުން ލިބޭ ކަމަށް ދައްކައިފި އެވެ.

އިއްޔެ އޮތް ޝަރީއަތުގެ މަޖުލީހުގައި ކުރިއަށް ދިޔައީ ދައުލަތުގެ ފަރާތުންނާއި އެކުއްޖާގެ ބައްޕަގެ ފަރާތުން ޑޮކްޓަރުންގެ ރިޕޯޓްތައް ހުށަހެޅުމެވެ. ކުއްޖާގެ ބައްޕަގެ ފަރާތުގެ ވަކީލު ހުސުނުއް ސުއޫދު ވަނީ އޭޑީކޭގެ ދެ ޑޮކްޓަރަކު އެކުއްޖާ ހާލަތު ދިރާސާ ކުރުމަށްފަހު ދީފައިވާ ރިޕޯޓެއް ދައުލަތަށް ދީފައެވެ. އަދި ދައުލަތުން ވެސް ވަނީ ތައްޔާރުކޮށްފައިވާ ރިޕޯޓެއް ދީފަ އެވެ.

މި ބަޔާނުގައި ބުނެފައި ވަނީ ޖެންޓަމައިސިން އަކީ އެންޓިބަޔޮޓިކެއް ކަމަށާއި, މި އިންޖެކްޝަން ބޭނުން ކުރެވެނީ ގުޅިފައިވާ އިންފެކްޝަންތަކުގައި ކަމަށެވެ. އަދި މި އެންޓިބަޔޮޓިކުގެ ސަބަބުން ކަންފަތް ވިހަވުމުން, ބީރުވެ ބެލެންސް ކަޓާނެ ކަމަށްވެސް ބުނެފައި ވެއެވެ. ކިޑްނީއަށް ނެޕްރޮޓޮކްސްސިޓީ ގެއްލުންވެދާނެ ކަމަށާއި ނާރުތަކުގައި މަސްކިއުލަރ ބްލޮކް އުފެދިދާނެ ކަމަށް ބުނެފައި ވެއެވެ.

އޭގައި ބުނެފައި ވަނީ ޖެންޓަމައިސިން ދޭން ފެށުމުން ލޭގެ ޕްލާސްމާރގައި ބޭހުގެ އަސަރު އެކުލެވޭ މިންވަރު އިތުރުވެގެންދާނެ ކަމަށެވެ. އެއަށްފަހު ކަންފަތުގެ އެތެރޭގައި ހުންނަ ދިޔާގައި ބޭހުގެ ތާސީރު އެކުލެވި, ކަންފަތުގެ ތެރޭގައި ހުންނަ އިސްތަށިތަކުގެ ބޭރު ސެލްތައް ހަލާކު ކޮށްލާ ކަމަށެވެ. އަދި އެއަށްފަހު އިސްތަށިތަކުގެ އެތެރޭގެ ސެލްތައް ހަލާކުވާން ފަށާ ކަމަށާއި, މިއީ ދާއިމީ ގެއްލުމެއް ކަމަށް ވަނީ ބުނެފައެވެ.

މިކަމުގެ ސަބަބުން ފުރަތަމަ މަރުހަލާގައި ބަލިމީހާއަށް އަލާމާތްތަކެއް ނުފެނުނަސް, ފަހުން ކަންފަތުގެ ތެރޭގައި ރަގަބީލުގެ އަޑެއް ހަރުލާނެ ކަމަށާއި އަދި މަޑުމަޑުން ބީރުވަމުންދާނެ ކަމަށް ވަނީ ބުނެފައެވެ. އަދި މިކަމުގެ އަލާމާތެއްގެ ގޮތުން ބަލިމީހާގެ ބޮލުގައި ރިހި މޭނުބައިކޮށް ހޮޑުލެވޭ ގޮތްވާނެ ކަމަށް ވަނީ ބުނެފައެވެ. އަދި ނަތީޖާއެއްގެ ގޮތުން ބޮލުގެ ބެލެންސް ގެއްލޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ދައުލަތުންދީފައިވާ ބަޔާނުގައިވެސް ފާހަގަކޮށްފައި ވަނީ ޖެންޓަމައިސިންގެ ސަބަބުން ކަންފަތް ބީރުވުމާއި ކިޑްނީއަށް ގެއްލުންވުން އެކަށީގެންވާ ކަމަށެވެ. އެހެން ނަމަވެސް މި ކުއްޖާ ބެއްލެވި ޑޮކްޓަރުން ހުށަހަޅާފައިވާ ލިޔެކިއުންތަކަށް ބަލާފައި މި ކުއްޖާއަށް އެހެން ދިމާވުމަކީ ނާދިރު ކަމެއް ކަމަށް ވަނީ ބުނެފައެވެ.

ދައުލަތުގެ ފަރާތުން ހުށަހެޅި ބަޔާނުގައި ބުނެފައި ވަނީ މީހަކަށް ޖެންޓަމައިސިން ދެވޭނީ ބަރުދަން ބަލާފައި, އަދި އެމީހެއްގެ އަޑުއެހުމުގެ މިންވަރު ޓެސްޓު ކުރުމަށްފަހު, އެއާ ގުޅޭނެ މިންވަރަކަށެވެ. މި މައްސަލާގައި ހުށަހަޅާފައިވާ ލިޔެކިއުންތަކަށް ބަލާއިރު ދަރިފުޅުގެ އާއިލާއިން ހުށަހެޅި ލިޔެކިއުންތަކުން ބަރުދަން ބަލާފައިވާ ކަމަށް ފެންނާކަށް ނެތެވެ. އެހެން ނަމަވެސް ހޮސްޕިޓަލުން ހުށަހަޅާފައިވާ ލިޔެކިއުންތަކުގައި ބަރުދަން ބަލާފައި ހުރިކަމަށް ފެންނަން ހުރެއެވެ. އެހެންނަމަވެސް އެއްދުވަހަކު ތިން ފަހަރެއްގެ މަތިން ކިރުވާފައިވާ ކަމަށް ބުނެ ހުށަހަޅާފައި ލިޔެކިއުންތަކުން ދައްކަނީ އެކި ބަރުދަނެވެ.

ހެލްތު މިނިސްޓްރީގެ މައްޗަށް ކުރާ ދައުވާގައި ބުނެފައި ވަނީ 80 މިލިގުރާމުގެ 5 އިންޖެކްޝަން ގަތް ކަމަށާއި ބާކީ އިންޖެކްޝަނެއް ދީފައި ނުވާތީ, އެ އިންޖެކްޝަންތައް ބޭނުން ކޮށްފައިވާ ކަމަށެވެ. އަދި ނަރުހުންގެ ހެކިބަހުގައިވެސް ވަނީ ބޭނުންނުކޮށް ބާކީވާ ތަކެތި އަބުރާ ހަވާލު ކުރާނެ ކަމަށް ބުނެފައެވެ.

މިދައުވާ ކޮށްފައި ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 7.1 މިލިއަން ރުފިޔާ ހޯދުމަށެވެ. އިޔާން އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން އޭނާގެ ބައްޕަ އިހުސާން ހުށަހަޅާއި 7.1 މިލިއަން ރުފިޔާގެ ތަފުސީލުގެ ގޮތުގައި ހިމަނާފައި ވަނީ ދެ ކަންފަތް އޮޕަރޭޝަންކޮށް ކޮކްލިއާ އިންޕްލާންޓް ކުރުމަށް 56,000 އެމެރިކާ ޑޮލަރާއި ކުއްޖާ ދުނިޔޭގައި ހުރިހާ ދުވަހަކު ކޮންމެ ހަމަހަކުން ކޮކްލިއާ ސާވިސް ކުރުމަށާއި ސްޕެއާ ލެއްވުމަށް މަހަކު 1,000 ޑޮލަރުގެ މަގުން 35 އަހަރު ދުވަހަށް 70,000 އެމެރިކާ ޑޮލަރެވެ.

އަދި މިހާތަނަށް ހިނގާފައިވާފައި ހަރަދު ކަމަށްވާ 300,000ރ. އާއި ރާއްޖޭން ބޭރުގައި ތިބުމަށް 200,000ރ. އާއި މުސްތަގުބަލުގައި ދިރިއުޅުމަށްކުރާ މަސައްކަތްތަކުން މަހުރޫމްވެފައި ވާތީ 3,000,000ރ. އާއި ނަފުސާނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 2,000,000ރ. އެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv