

ސީޒަންގެ ފުރަތަމަ 16 މެޗުގައި ރަތް ކާޑެއް ނުފެނުމުގެ މާނައަކީ ކުޅުންތެރިންގެ އަޚްލާގު ރަނގަޅީތަ ނޫނީ ރެފްރީންގެ ފެންވަރު ދަށީތަ؟
މިއަހަރުގެ ފުޓްބޯޅަ ސީޒަންގެ ފުރަތަމަ ޑިވިޝަންގައި މިހާތަނަށް ކުޅުނު އެއްވެސް މެޗެއްގައި ރަތްކާޑެއް ނުފެނުމުން ގިނަބަޔަކަށް ބޮޑު ހައިރާންކަން ލިބި ސުވާލު އުފެދެން ފަށައިފި އެވެ.
ފުރަތަމަ ޑިވިޝަންގެ 16 މެޗު މިހާތަނަށް ކުޅެވުނުއިރު ލީގުގައި ވަނީ 15 މެޗު ކުޅެފައެވެ. ލީގުގައި ކުޅުނު 15 މެޗުގައި 42 ރީނދޫކާޑު ވަނީ ދައްކާފައެވެ. އެންމެ ގިނަ ކާޑު ދެއްކި ވިކްޓަރީއަށް 9 ކާޑު ދައްކާފައިވާއިރު އެންމެ މަދުން ކާޑު ދެއްކި އޭ ވައިއެލަށް ދައްކާފައިވަނީ 5 މެޗުގައި އެންމެ ދެ ކާޑެވެ. މުބާރާތުގައި އެންމެ ކާޑެއްވެސް ނުފެންނަ މެޗެއް ނުދާއިރު އެންމެ ކާޑެއް ފެނުނު ދެމެޗު ދިޔައެވެ.
ކާޑުގެ ސަބަބުން ލީގުގައި ސަސްޕެންޑްވެފައިވަނީ 7 ކުޅުންތެރިންނެވެ. އެއީ ވިކްޓަރީގެ ތިން ކުޅުންތެރިންނާއި ކަޅައިދޫގެ ދެ ކުޅުންތެރިންނާއި މާޒިއާގެ ދެ ކުޅުންތެރިންނެވެ. ނިއުއާއި ވީބީ އަދި ވެލެންސިއާގެ އިތުރުން އައިލަށް ކާޑުގެ ސަބަބުން ކުޅުންތެރިއަކު ލިސްޓުން އުނިކުރަން ޖެހިފައެއް ނުވެއެވެ.
މުބާރާތުގައި ރަތްކާޑެއް ކަމަށް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި އެންމެންވެސް ބުނަމުން ދިޔައީ މާޒިއާ އާއި ވިކްޓަރީ ކުޅުނު މެޗުގައި ސޮބާހު މުހައްމަދަށް ދެއްކި ރީނދޫކާޑެވެ. މާޒިއާގެ ފޯވަޑް ބޯޅަ ނައްޓާލިއިރު ކީޕަރާއި ސޮބާ ފިޔަވާ އިތުރު އެއްވެސް މީހަކު ނެތީސް ސޮބާ ވަނީ ހަމަލާދީފައެވެ. މިއީ ރަތްކާޑެއް ކަމަށް މާޒިއާގެ ކޯޗުގެ އިތުރުން ވިކްޓަރީގެ ކޯޗު އަލީ ސުޒޭންވެސް ވަނީ ބުނެފައެވެ. ނަމަވެސް ރެފްރީ އަލީ އާދިލް ފުއްދާލީ ރީނދުލަކުންނެވެ.
އެހެން އަހަރުތަކުގައި ސީޒަން ހުޅުވާ މެޗާއެކު ރަތްކާޑު ފެންނަން ފަށައެވެ. ބެލެވޭ ގޮތުގައި މިއީ ރަތްކާޑަކާ ނުލާ ސީޒަން މިހާ ހިސާބަށް ދިޔަ ފުރަތަމަ އަހަރެވެ. އެހެންކަމުން އެންމެންވެސް މިހާރު ކުރާ ސުވާލަކީ ކުޅުންތެރިންގެ އަހްލާގަށް ރަނގަޅު ބަދަލެއް އައީ ހެއްޔެވެ؟ ނުވަތަ ރެފްރީންނަށް މިއަހަރު ރަތްކާޑު ދައްކަން ނުކުރެނީ ހެއްޔެވެ؟
މުބާރާތުގައި އެންމެ މަދުން ކާޑު ދެއްކި އޭވައިއެލްގެ ޓްރޭނަރު އިސްމާއީލް އާސިފް)ކުޑަހީނާ( ބުނީ ރެފްރީންގެ ފެންވަރު ދަށްވުމުގެ ސަބަބުން ފެންނަން ޖެހޭ އެތައް ރަތްކާޑެއް ނުފެނި ގޮސްފައިވާ ކަމަށެވެ. ”އަހަރެން ފުޓްބޯޅައިގެ ތެރޭގައި މިހެން އުޅޭތާ މިހާރު 20 އަހަރުވަނީ. އަހަރެން ނުދެކެން މިހާ ދަށްކޮށް ރެފްރީން ޕާފޯމް ކުރާ ސީޒަނެއް. ހަމަ ހަގީގަތުގައިވެސް އެމީހުންގެ ފެންވަރު ވަރަށް ދަށް. ނިންމުންތައްވެސް އެހާ ގޯސް. ސްޓައިލެއް ނެތް.“ ހީނާ ބުންޏެވެ.
ހީނާ ބުނީ އޭނާގެ ޓީމު ލީގުގައި ކުޅުނު 5 މެޗުގެ ތެރެއިން 4 މެޗުގައި އިދިކޮޅު ޓީމުން ރަތްކާޑު ދައްކަން ޖެހޭވަރުގެ ބޮޑެތި ފައުލްތައް ކޮށްފައިވާ ކަމަށެވެ. ”އަހަރެން މިހެން މިބުނަނީ ހަމަ ހުރެފައެއް ނޫން. އެވަރަށް ބަލާފަ. ވީބީ މެޗުގައި އެމީހުންގެ ކަޅުމީހާ އަހަރެމެންގެ ކުޅުންތެރިއަކަށް ހަމަލާދީގެން ރަތްކާޑެއް ދައްކަން ޖެހޭ. ވިކްޓަރީ މެޗުގަ ކުޑައްޓޭ އަހަރެމެންގެ ކުޅުންތެރިއަކަށް ރަތްކާޑުގެ ފައުލެއް އިންނާނެ ކޮށްފަ. ނިއު މެޗުގަ އެޓީމުގެ ދޮން ކުޅުންތެރިޔާއަށް ރީނދޫކާޑެއް ދައްކާފަ އޮއްވާ އަހަރެމެންގެ ކުޅުންތެރިއަކު ކަނޑާ ވައްޓާލާފަ އިންނާނެ. ދެން މާޒިއާ މެޗުގައި ތަކުރާރުކޮށް އެބަހުރި ބޮޑެތި ފައުލްތައް އެޓީމުގެ ކުޅުންެތެރިންކޮށްފަ. އެކަމަކުވެސް ރަތްކާޑެއް ނުދައްކާ.“ ހީނާ ބުނީ އެ ފައުލްތަކަކީ ދުނިޔޭގެ އެހެން ޤައުމުތަކުގައި ކުޅޭ މެޗުތަކުގައިވެސް ކާޑު ދައްކާ ފައުލްތަކަށްވާތީ ރާއްޖޭގައި ކާޑު ނުދެއްކެންވީ ސަބަބެއް ނެތް ކަމަށެވެ. ”އަހަރެން ބުނާނީ މިހާރު އެ އަރާ ރެފްރީންގެ ގަޓްސް ނުހުންނަނީއޭ.“ ހީނާ ބުންޏެވެ.
ވިކްޓަރީގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މަރުޒޫގް ވިދާޅުވީ ރަތްކާޑު ނުފެންނަނީ ވާދަވެރިކަން ކުޑަވުމުން ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. ”ވިކްޓަރީ ވެލެންސިއާ މެޗު ފިޔަވާ ޓަފް މެޗެއް އަދި ނުފެނޭ. އެކަމަކުވެސް ހިނގައްޖެ ދެ މެޗެއްވަރު ރަތް ދައްކަން ޖެހޭ. އަނެއްކޮޅުން ބަލާއިރު ކުޅުންތެރިންވެސް ތަންކޮޅެއް ޑިސިޕްލިންކޮށް މިފަހަރު ފެންނަނީ.“ މަރޭ ވިދާޅުވިއެވެ.
ފުރަތަމަ ޑިވިޝަންގެ ޓީމެއް މެނޭޖަރަކު ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ ރަތްކާޑު ނުފެންނަނީ ދަށްކަން ނުޖެހޭތީ ނޫން ކަމަށާއި ޗެރިޓީ މެޗުގައިވެސް ރަތްކާޑު ފެންނަވަރުގެ ބޮޑެތި ކަންތައްތައް އެބަހުރި ކަމަށެވެ.
ފީފާގެ ރެފްރީއަކު ބުނީ އެހެން އަހަރުތަކަށްވުރެ މިއަހަރު ކުޅުންތެރިންގެ އަހްލާގު ރަނގަޅު ކަމަށާއި އައިސްދާނެ އަދަބަކަށް ކުޅުންތެރިން ވިސްނާ ކަމަށެވެ. ”މިއަހަރު ރެފްރީކަން ރަނގަޅުކަން އެބައެނގޭ މިއަހަރު މިހާތަނަށް އެއްވެސް މެޗެއްގައި ބޮޑު މައްސަލައެއް ދިމާވެފައެއް ނެތް. މިހާރުވެސް ބޮޑު އެއްޗެއް ނައްޓާލައިފިއްޔާ ކުޅުންތެރިން ނުތިބޭނެ މަޑުންނެއް.“ އޭނާ ބުންޏެވެ. ލީގުގައި ރެފްރީކަން ކުރާ މެޗު ކޮމިޝަނަރެއް ބުނީ ރެފްރީޒް ޑައިރެކްޓަރުގެ ސަބަބުން ރެފްރީން ކުރިއަރަމުން އަންނަ ކަމަށާއި ރަތްކާޑު ނުފެންނަނީ އެހެންވެގެން ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. ”ކުރިއާ ޚިލާފަށް މިހާރު ރެފްރީންނަށް މެޗު ކޮންޓްރޯލު އެބަ ކުރެވޭ. މިހާރު ކޮންމެ މެޗެއް ނިންމާފަ ޑައިރެކްޓަރު އެބަ ގޯސްތައް ކިޔާދީ ކުރިއަށް ހުންނަ މެޗަށް ރަނގަޅު ކުރަން ޖެހޭ ކަންތައްތައްވެސް އެބަ ކިޔާދޭ. އެހެންވެ ރެފްރީންގެ ފެންވަރު ރަނގަޅުވަމުން އަންނަ ކަމަށް ޤަބޫލު ކުރެވެނީ.“ އޭނާ ބުންޏެވެ.
ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނާ ގޮތުގައި މިގޮތަށް އޮވެ މިހާތަނަށް އަޔަސް މިހާރު ފެށިފައިވާ އޭ އެފްސީކަޕްގައި ރާއްޖޭގެ ޓީމުތަކަށްވެސް ރަތްކާޑު ފެނުން ކައިރި އެވެ. މިދިޔައަހަރުވެސް ވަނީ ނިއުއާއި ވިކްޓަރީއަށް އޭ އެފް ސީކަޕްގައި ގިނަ ރަތްކާޑު ތަކެއް ދައްކާ ބޮޑެތި ޖޫރިމަނާތަކެއްވެސް އައިސްފައެވެ.
ފުރަތަމަ ޑިވިޝަންގެ މެޗުތަކުގައި ރަތްކާޑު ނުފެނުނަސް މިހާރު ހިނގަމުންދާ ރާއްޖެތެރޭގެ މުބާރާތުގައި ރަތްކާޑާއި ސަސްޕެންޝަން ފެންނަލެއް މަދެއް ނޫނެވެ.
-
ބުދަ، މާޗް 11 2009، 13:57
ޑައިރެކްޓަރ ރެފްރީންނަށް ކިޔާދެނީ ކޮން އިރަކުތޯ އަހާލަން ބޭނުމެވެ.އެއީ ދޮގެ ކެވެ.
-
ބުދަ، މާޗް 11 2009، 15:04
" ރެފްރީން ރަނގަޅީކީނޫން ، ބައެއް ރެފްރީން ތިބެނީ ވިކިފަ ، މާޒިޔާ މެޗުގަ ސޮބާހް އަށް ރަތް ކާރޑް ދައްކަން ޖެހޭ އިރު ، ނުދެއްކީ ކީއްވެ ، ޑިވިޝަނުން ބޭނުންނަމަ ، މެޗުގެ ފަހުންވެސް ، ސޮބާހް އެއް މެޗަށް ސަސްޕެންޑް ކުރެވުނީސް ، އެކަމަކު އެހެނެއް ނުވި، ސަބަބަކީ އެފް އޭ އެމް ވެސް ، އިންސާފްވެރި ނޫނީ ، މާޒިޔާ ކަހަލަ ކުޑަ ޓީމަކަށް ، ބޭނުން ގޮތެއް ހަދާލާނެ ، ދެން ކިހިނެއް ރާއްޖޭގެ ، ފުޓްބޯޅަ ކުރިއަރާނީ ، ސުޒޭނުމެން ބުނާނެ ، އެއީ ރަތްކާޑު ދައްކަންޖެހޭ ތަނެކޭ ، އެހެނއ އެ ބުނަނީ ، އޭނަޔަށް އޮންނަ ޕްރެޝަރު ކުޑަކުރަން ، ދެން ބުނާނެ ފާޑެއްގެ އށިގަނޑެއްގެ ، ވާހަކަ ، އަށިގަނޑަށް ވުރެ ހުތުރު ކަންނޭންގެ ދޯ ، ރެފްރީން ގަނެލާއިރު ... މޮހޮދު