ސަޕޯޓަރުން ދަނޑަށް އެރި މައްސަލާގައި ނިލަންދޫ ބަލިވިކަމަށް ނިންމާ ބޮޑު އަދަބެއްދީފި

މުހައްމަދު ޝަނޫން މާޗް 9 2009، 18:19 3 ޚިޔާލު

ޒޯން 5ގެ ފުޓްބޯޅަ މުބާރާތުގައި ނިލަންދޫ ޖަމްއިއްޔަތުލް ޝަބާބާއި ފެލިދޫ ޒުވާން އެކުވެރިންގެ ދިރުން ހޮނިހިރު ދުވަހު ބައްދަލުކުރި މެޗުގައި ނިލަންދޫގެ ސަޕޯޓަރުން ދަނޑަށް އެރުމުން ހުއްޓާލި މެޗުގެ މައްސަލަ އެފް އޭ އެމުގެ ޑިސިޕްލިނަރީ ކޮމެޓީން ނިންމައިފި އެވެ.

މާއެނބޫދޫގައި ކުރިއަށްދާ މުބާރާތުގައި ދެ ޓީމުވެސް ލީގު ބުރުގައި ކުޅެން ޖެހުނު ފަހު މެޗު ހުއްޓާލިއިރު ދެ ޓީމު އޮތީ 1-1 ލަނޑުން އެއްވަރުވެފައެވެ. ނަމަވެސް ޑިސިޕްލިނަރީ ކޮމެޓީން ނިންމީ އެމެޗުން 0-2 ލަނޑުން ފެލިދޫ ޓީމު މޮޅުވީ ކަމަށެވެ. އެއީ ދަނޑަށް އެރީ ނިލަންދޫގެ ސަޕޯޓަރުން ކަމަށްވާތީ އެވެ. މީގެ އިތުރުން ނިލަންދޫ ޖަމްއިއްޔަތުލް ޝަބާބުގެ ޓީމު ވަނީ 10000 ރުފިޔާއިން ޖޫރިމަނާވެސް ކޮށްފައެވެ. މީގެ އިތުރުން ވަކިވަކި ކުޅުންތެރިންނަާއި އޮފިޝަލުންނަށްވެސް ވަނީ ބޮޑެތި އަދަދުތަކެއް ދީފައެވެ.

ނިލަންދޫ ޓީމުގެ ކޯޗު ހަމްދުﷲ ފެނާންޑޯ ވަނީ 4 މެޗަށް ސަސްޕެންޑްކޮށް 4000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. ނިލަންދޫ ޓީމު އޮފިޝަލު އަބްދުލް މުހުސިން އަލީވެސް ވަނީ 4000 ރުފިޔާއިން ޖޫރިމަނާކޮށް 4 މެޗަށް ސަސްޕެންޑްކޮށްފައެވެ. މެކާނޯ މުހުސިންގެ ގޮތުގައި މަޝްހޫރުވެފައިވާ މުހުސިނަކީ އެފް އޭ އެމުގެ އިންތިހާބުގައި ހިންގާ ކޮމެޓީގެ ގޮނޑިއަކަށް ވާދަކޮށްފައިވާ ފަރާތެކެވެ.

ނިލަންދޫ ޓީމުގެ ދެ ކުޅުންތެރިންނަށްވެސް ވަނީ އަދަބު ދީފައެވެ. އެއީ އެޓީމުގެ ޖާޒީ ނަންބަރު 6 އަބްދުލް ހަސީބާއި ޖާޒީ ނަންބަރު 10 އަބްދުލް ޖަލީލެވެ. މިއިން ކޮންމެ ކުޅުންތެރިއަކުވެސް ވަނީ 2 މެޗަށް ސަސްޕެންޑްކޮށް 4000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

އެފް އޭ އެމުން މި ނިންމުމުގެ ސަބަބުން ނިލަންދޫ ޓީމު ވަނީ މުބާރާތުން ކަޓާފައެވެ. އަދި ފެލިދޫ ވަނީ ސެމީއަށް ހޮވިފައެވެ.

ޝަބާބުގެ މެނޭޖަރ އަލީ ވަހީދު ބުނީ ނިންމުމާމެދު ވަރަށް ހިތްހަމަ ނުޖެހޭ ކަމަށެވެ. ”އަހަރެމެންގެ ބަޔަކަށް އަދަބު ދިނުމަކުން މައްސަލައެއް ނެތް. އެކަމަކު އިދިކޮޅު ޓީމުގެ ކުޅުންތެރިން ކުރި ކަންތައްތަކަށްވެސް ބަލާ އަދަބު ދެވެން ޖެހޭނެ. ކުޅުންތެރިއެއްގެ ލޯމަތި އަމިއްލައަށް ފަޅައިގެން ގޮސް ފަހާ ހިސާބަކަށް ކަންތަކެއް ނުދާނެތާ“ އަލީ ވަހީދު ބުންޏެވެ.

މީގެ ދެހަފްތާއެއްހާ ދުވަސްކުރިން ދ. އަތޮޅު މުބާރާތުގައި ކުޑަހުވަދޫ ރޭނިސް ގިންތި އާއި މާއެނބޫދޫ ޒުވާނުންގެ ޖަމްއިއްޔާ ކުޅުނު ފައިނަލު މެޗުގެ 81 ވަނަ މިނެޓްގައި ކުޑަހުވަދޫ ސަޕޯޓަރުން ދަނޑަށް އެރުމުން މައްސަލަ ނިންމީ ތަފާތު ގޮތަކަށެވެ. އެފަހަރު އެފް އޭ އެމުން ނިންމީ އޭރު އޮތް ނަތީޖާގައި މެޗު ނިމުނީ ކަމަށާއި ރޭނީސް ގިންތި 10 ހާހުން ޖޫރިމަނާ ކުރީ ކަމަށެވެ.

ނިލަންދޫގެ ސަޕޯޓަރުން ދަނޑަށް އެރީ އެޓީމުގެ ކުޅުންތެރިންނަށް އިދިކޮޅު ކުޅުންތެރިން ހަމަލާދޭއިރު އެތަން ރެފްރީއަށް ނުފެންނަކަމަށް ބުނެއެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ތިއީ ވަރަށް ރަނގޅު އަދަބެއް. އެހެންނަމަވެސް އެފްއޭއެމް އިން އެއް ބާވަތެއްގެ މައްސަލަ އެއްގޮތަކަށް ނިންމުން ރަގަޅުވާނެ!! ރަށް ރަށުގައި ކުޅޭއިރު ސަޕޯޓަރުން ދަނޑަށް އެރުމަކީ މުޅި ފުޓުބޯޅައަށްވެސް ހުރި ބިރެއް. އެފްއޭއެމަށް ސާބަސް ރައްދުކުރަން!!

    ހޯމަ، މާޗް 9 2009، 20:11
  2. އެފްއޭއެމް ގެ ތިޔަ ނިންމުމާއި މެދު ހަމަ އަންތަރީސްވަން. ރެފްރީއަށް މަންޒަރު ނުފެނުނު ކަމުގައިވިޔަސް ހަމަ ޔަޤީނުންވެސް ލައިންސްމަނަށް އެމަންޒަރު ފެންނަންވާނެ. އެހެންކަމުން ހަމައެކަނި ނިލަންދޫ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް އަދަބުދިނުމުން ދޭހަވަނީ އެފްއޭއެމް ވަކި ފަރާތަކަށް ޖެހިފައިވާކަން. ނަމަވެސް ނިލަންދޫގެ ސަޕޯޓަރުންގެ އެ ޢަމަލުވެސް ކުށްވެރިކުރަން.

    އަންގާރަ، މާޗް 10 2009، 11:28
  3. ތިއީ ރަނގަޅު ނިންމުމެއް. އެކަމަކު އިނދިކޮޅު ޓީމު ކުޅުންތެރިން ކުޅުމުން ބޭރުގައި ކޮށްފައިވާ ކުށްތަކަށްވެސް އެކަށީގެންވާ އަދަބެއް ދޭންވާނެ! އޭރުން އިންސާފުވެރި ނިންމުމަކަށްވާނީ.

    އަންގާރަ، މާޗް 10 2009، 15:39
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv