އާސެނަލް އިނގެރޭސި އެފްއޭކަޕްގެ ކުއާޓަރ ފައިނަލަށް

މުބާރިކް ރަފީއު މާޗް 9 2009، 11:51 0 ޚިޔާލު

އިނގެރޭސި އެފްއޭކަޕްގެ ފަސްވަނަ ބުރުގައި ރޭ އާސެނަލާއި ބާންސްލީ ބައްދަލުކުރި މެޗު 3-0 އިން އާސެނަލް ކާމިޔާބުކޮށް މުބާރާތުގެ ކުއާޓަރ ފައިނަލަށް ހިނގައްޖެއެވެ.

ރޭ އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅެވުނު މިމެޗުގައި އެޓީމަށް ލަނޑު ޖަހައިދިނީ ވެލާ، އެޑުއާޑޯ އަދި އެބޫއޭއެވެ. މީ އެޑުއާޑޯ މި ސީޒަންގައި އާސެނަލް ޓީމަށް ކުޅެދިން ދެވަނަ މެޗެވެ. އޭނާ އެންމެ ފަހުން ކުޅުނީވެސް އެފްއޭކަޕްގެ މެޗެކެވެ.

އެފްއޭކަޕްގެ ކުއާޓަރ ފައިނަލްގައި އާސެނަލް ބައްދަލުކުރާނީ ހަލްސިޓީ އާއިއެވެ. އެމެޗު އޮންނާނީ މާޗު 17 ނުވަތަ 18 ގައި އާސެނަލްގެ ދަނޑުގައެވެ.

އެފްއޭކަޕްގެ ސެމީ ފައިނަލަށް ޗެލްސީއާއި މެންޗެސްޓަރ ޔުނައިޓެޑު ވަނީ ހޮވިފައެވެ. ސެމީގެ އެއްފަޅީގައި ޔުނައިޓެޑު ބައްދަލުކުރާނީ އެވަޓަންއާއި އެވެ. ޔުނައިޓެޑު ސެމީ އަށް ދިޔައީ ކުއާޓަރ ފައިނަލްގައި ފުލަމް އާއި ބައްދަލުކޮށް 4-0 އިން މޮޅުވެގެންނެވެ. ޗެލްސީ ސެމީ އަސް ދިޔައީ ކުއާޓަރ ފައިނަލްގައި ކޮވެންޓްރީ އާއި ބައްދަލުކޮށް 2-0 އިން މޮޅުވެގެންނެވެ. ޗެލްސީ ބައްދަލުކުރަން ޖެހޭ ޓީމެއް އެނގޭނީ އާސެނަލް އާއި ހަލް ސިޓީގެ މެޗަށްފަހުއެވެ.

137 އަހަރުގެ ދިގު ތާރީހެއް އޮތް މިމުބާރާތުގެ ފައިނަލް މިއަހަރުވެސް އޮންނާނީ ވެމްބްލީ ސްޓޭޑިއަމްގައެވެ.—


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv