އައިޑީޕީން ބޭއްވި މަސްވެރިންގެ މުޒާހަރާ 24 ގަޑިއިރަށްފަހު ހުއްޓާލިއިރު މަގުސަދު ހާސިލުނުވާކަމަށް އުމަރު ނަސީރު އެއްބަސްވެވަޑައިގެންފި

މާޗް 8 2009، 19:52 20 ޚިޔާލު

މުޙައްމަދު ޝަފީޢު

އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައި.ޑީ.ޕީ) އިން މަސްވެރިންނާ ގުޅިގެން ބޭއްވި މުޒާހަރާ 24 ގަޑިއިރު ފަހުން ހުއްޓާލިއިރު, މުޒާހަރާގެ މަޤުސަދު ޙާސިލު ނުވާކަމަށް އައި.ޑި.ޕީގެ ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރު މިހެން ވިދާޅުވީ އައި.ޑީ.ޕީން މަސްވެރިންނާއި ގުޅިގެން މިދިޔަ ހުކުރު ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާއާއި ގުޅިގެން ޖަޒީރާއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އުމަރު ވިދާޅުވިގޮތުގައި މިމުޒާހަރާއިން ޙާސިލުކުރަން ބޭނުންވި މަޤުސަދެއް ޙާސިލު ނުކުރެވޭ ކަމަށާއި, ނަމަވެސް ޒަމާންތަކެއް ވަންދެން މަސްވެރިންނަށް ދައްކަން ނުކެރުނު އެތައް ވާހަކައެއް ދެއްކުމުގެ ފުރުސަތު ހޯދައިދެވުނު ކަމަށެވެ.

”މުޒާހަރާގެ ހުރިހާ މަޤުސަދެއް ޙާސިލެއް ނުވޭ. އެކަމަކު ޒަމާންތަކެއް ވަންދެން މަސްވެރިން ތިބި ހަމަހިމޭންކަން ބްރޭކު ކުރެވިއްޖެ (ފޫއަޅުވާލެވިއްޖެ.) އަދި އެކްޕޯޓަރުންގެ ފަރާތުން މަސްވެރިންނަށް ލިބޭ ގެއްލުންތަކުގެ ވާހަކަ ސަމާލުކަމަށް ގެނެވިއްޖެ“ މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އުމަރު ވިދާޅުވިއެވެ.

މަސްވެރިން އެދޭ ކަންތައްތައް ލިޔުމަކުން ހުށައެޅުމަށް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުން އުމަރު ވިދާޅުވީ, ލިޔުމަކުން އެފަދަ ކަންތައްތައް ހުށަހަޅަން ނުޖެހޭނެ ކަމަށާއި, ސަރުކާރަށް ރައްޔިތުންގެ އިޙުސާސްތައް އެނގެންޖެހޭނެ ކަމަށެވެ. ”ރާއްޖޭގައި އޮންނަނީ ކޮމިއުނިޒަމް އެއްނޫން. ލިޔެގެން, ބޮޑު ބިއުރޯކްރަސީއެއްގެ ދަށުން ކަންތައް ކުރާނީ ކޮމިއުނިޒަމްގައި. ޕްރެސް ސެކްރެޓަރީއަށް ނޭނގެނީ ކަންނޭނގެ މިއީ ޑިމޮކްރަސީއެއްކަން“ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންގެންދާ އުމަރު ވިދާޅުވިއެވެ.

މިމުޒާހަރާގެ ކުރިން އައި.ޑީ.ޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައި.ޑީ.ޕީން ވަނީ, އެޕާޓީން މުޒާހަރާކުރާ ކަންތައްތައް ޙައްލުކުރުމަށް ސަރުކާރާއި މަޝްވަރާ ކޮށްފައިނުވާނެކަމަށާއި, ސަރުކާރާއި މަޝްވަރާ ކުރުން މުހިންމުކަމަށް ނުދެކޭ ކަމަށް ބުނެފައެވެ. އަދި މިއީ ސިޔާސީ ޕާޓީއަކުން ކުރާކަމަކަށް ވާތީ, މިކަމުގައި ސިޔާސީ ކުލަ ޖެހޭނެ ކަމަށްވެސް އެބައްދަލުވުމުގައި އައި.ޑީ.ޕީން ހާމަކުރިއެވެ.

މިދިޔަ ހުކުރުދުވަހު މެންދުރުފަހު ރައީސް އޮފީސް ކުރިމަތިން ފަޅުތެރޭގައި ބޭއްވި މިމުޒާހަރާ އައި.ޑީ.ޕީން ފެއްޓީ, މުޒާހަރާ ނިންމާނީ މިކަމަށް އެކަށީގެންވާ ޖަވާބެއް ސަރުކާރުގެ ފަރާތުން ލިބުމުންކަމަށް ބުނަމުންނެވެ. އެހެން ނަމަވެސް, 24 ގަޑިއިރު ފަހުން އިއްޔެ ހަވީރު މުޒާހަރާ ނިންމާލިއިރު ސަރުކާރުން ރަސްމީ ސިފައެއްގައި މިކަމަށް ޖަވާބެއް ދެއްވާފައެއްނުވެއެވެ. އުމަރު ވިދާޅުވީ މުޒާހަރާ ނިންމާލީ މަސްވެރިން އެކަމަށް އެދުމުން ކަމަށެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ސާބަހޭ ޢުމަރު. ސަރުކާރު ޒިންމާދާރު ކުރުވުމަށް ތިޔަ ކުރައްވާ މަސައްކަތަށް ސާބަސް. މ.ޝ

    އާދިތްތަ، މާޗް 8 2009، 20:08
  2. ދެން އެހެންވީމަ ޢުމަރަށް ވެރިކަން ލިބިއްޖެޔާ އެއްވެސްކަހަލަ ޕޭޕަރ ވޯކެއް ނޯންނާނެ ދެއްތޮ. ހަމަ ރައީސަށްވެސް ޕޯނުން ގުޅާލަންވީ . ދެން އެކަމަކު ރައީސަށް ކުރެވޭނީ ހަމައެކަނި ފޯނަށް ޖަވާބު ދިނުމެއްނު. އުމަރުގެ ވިސްނުމާ.............

    އާދިތްތަ، މާޗް 8 2009، 21:42
  3. ދެން އެހެންވިއްޔާ އުމަރު ވެސް އެއޯ ކޮމިއުނިޒަމް އޭ ކިޔާފަ ބުނަންވީނު މީހަކީ ކާކު ކަން އަންގައިދޭ ލިޔުމެއްވެސް ގެންގުޅޭކަށް ނުޖެހޭނޭ.... ކޮންމެ ހެން ބަޖެޓެއްވެސް ފާސް ކުރާނެ ކަމެއް ނެތޭ، އެމީހަކަށް ބޭނުން ކުރެވުން ވަރަކަށް ބޭނުން ކުރާށޭ... އެއީ އޭ ޑިމޮކްރަސީއަކީ.. އުމަރަކީ ސިޔާސީ މައިދާނަށް ނުކުތުމަށް ކުފޫ ހަމަ ނުވާ ބޭފުޅެއް....ކިކިކިކިކ

    އާދިތްތަ، މާޗް 8 2009، 21:47
  4. އުމަރަކީ ސާބަސް ހައްގުމީހެއްނޫން. އަދި ކެރޭމީހެއް ކީއްކުރަން ގައުމަށް ހެޔޮއެދޭމީހެއްނޫން. މިއީ ސަކުވާ ކުރުމާ ޖެއްސުން ކުރަންވީ ވަގުތެއްނޫން. އިކްތިސާދީ ވަޅުގަނޑެއްގެ ތެރޭގައުމުވާހިނދު މިވަރުދަނެ އެކުވެރުކަމާއެކު އާރޫހަކާއެކު މަސައްކަތް ކުރަންޖެހޭވަގުތެއްގައި ބަޔަކަށް ވަސްވާސްދީގެން މަގުފުރައްދަން ނޫޅެމަޑުން ހުރުމަށް ނަސޭހަތްތެރިވަން. ޢަލީ

    އާދިތްތަ، މާޗް 8 2009، 21:52
  5. ސިޔާސީ ޕާޓިތަކުގެ ގަވާއިދުގައި (3000 މީހުން ހަމަވުމުން ނޫނީ) ޕާޓީއެއްކަމަށް ޤަބޫލުނުކުރެވޭނެކަމަށް ބުނެފައި ވަނިކޮށް، އެންމެ 1100 ވޯޓު ލިބުނު މީހަކު ސިޔާސީ ޕާޓީއެއްގެ ނަމުގައި ވާހަކަ ދައްކަން ކެރޭކަމީ "ލަދުކަމެއް" އުމަރައް ސަލާމް

    އާދިތްތަ، މާޗް 8 2009، 22:06
  6. ދެން މުޒާހަރާގެ އެންމެ ބޮޑު ބޭނުމަކީ މުޒާހަރާކުރާ މީހުން ހިތްހަމަ ނުޖެހޭ ކަންތައްތަކެއް ހުރިކަން ސަރުކާރަށް އަންގާލުންނޫންތޯ؟ އެހެން ވީމަ އެގޮތުން ބަލާ އިރު މަޤްޞަދު ވެސް ޙާޞިލްވެއްޖޭ ދެންނެވޭނީ

    އާދިތްތަ، މާޗް 8 2009، 22:42
  7. އިސްލާމިކު ޑިމޮކުރެޓިކް ޕާތީއޭކިޔާތީ ލަދުވެސް ގަނޭ.ދީނީގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް އެއްވެސް ކަމެއް ނުކުރާ ތާންގައި ދީނީއިލްމުވެރިންނާ ދެކޮޅަށް ވާހަކަ ދެއްކުން ނޫންކަމެއް ނުކުރޭ.މިހާރު ހީވަނީ ކޮންޓޮރެކްތަރަށް މުޒާހަރާ ކޮށްދޭ ބައެއްހެން.

    އާދިތްތަ، މާޗް 8 2009، 23:07
  8. އުމަރުގެ އަމަލުތަކުން އެނގި ހާމަވަނީ އޭނާ ހެޔޮއެދެނީ ގައުމަށް ނޫންކަމެވެ. އޭނާ އިސްލާހުކުރަން ބޭނުންވަނީ އިސްލާހަށް ބޭނުންނުވާ ކަންކަމެވެ. އޭނާގެ އެންމެބޮޑު ބޭނުމަކީ ނޫސްތަކުގެ ފަލަ ސުރުޚީން ޖާގަ ހޯދުމެވެ. ހައްލަކީ އުމަރު ނޫންކަން ރައްޔިތުން އަންގައިދިނުމުންވެސް އެކަން ގަބޫލުނުކޮށް އެއުޅެނީ އެހެންވެއެވެ.

    އާދިތްތަ، މާޗް 8 2009، 23:35
  9. އުމަރު ނަސީރު ގެ ތިހުންނަނީ 9 އަހަރުގެ ކުއްޖެއްގެ ސިކުނޑި. ތަނަކުން ހިރަފުސް ފޮޅާލަން ވިޔަސް މުޒާހަރާއެއް ތިޔަކުރަނީ. އެހެން ނޫނަސް އުމަރު ރައްޔިތުންގެ ބޮލަށް އެރިގެން ތިކުރާ މުޒާހަރާ ތަކުގެ ސަބަބުން ރައްޔިތުންނަށް ވަނީ ގެއްލުން. އެއް ދުވަސް ކޮޅެއްގައި ބަޔަކަށް ކާންނުދީ ބައިތިއްބައިގެން ބަނޑުހައި ހޫނު ކަމހުގެ މުޒާހަރާ އެއް ކޮއްފި. މިފަހަރު ބަޔަކު މަހައް ދިޔަނުދީ ބައިތިއްބައިގެން ތިޔަ މުޒާހަރާ ކުރީ.އަދި މީގެ ހެއްވާ ކަމަކީ މުޒާހަރާ ފަށައިފަ އިރުކޮޅެއް ތެރޭ އުމަރު ގެއްލޭނެ.

    އާދިތްތަ، މާޗް 8 2009، 23:47
  10. އުމަރަށް ހަމަ ސާބަސް! އުމއރުގެ މަސައްކަތުން އެމްޑީޕީގެ މެމްބަރުންގެ ގޮތެއްނެތް ކަން ހާމަ ކޮށް ދެވިއްޖެ ހަޤީޤީ މަޤްސަދެއް އެއީވެސް އެންމެން އަމިއްލަ އެދުމައިގެން ތެޅިގަތް އިރު ވެސް އުމަރަށް ހުރެވުނު ހަރުދަނާ ކަންމަތީ.

    ހޯމަ، މާޗް 9 2009، 07:05
  11. އުމަރުގެ‮ މުޒާހަރާ‮ އަށް‮ ސާބަސް،‮ ވޯޓެއްނޫން‮ މުޙިންމީކީ،‮ މުޙިންމީ‮ ނުކުމެ‮ ހަޅޭލަވާކަން‮ ރައްޔިތުންނަށް‮ އެންގުން‮.‮ އަދި‮ ހިތުގައި‮ އުފެދޭ‮ އުދާސް‮ ގަނޑު‮ ފިލުވާލަން،‮ އެކަން‮ ކުރެވިއްޖެ‮.‮ އަހަރެން‮ ދެން‮ އެދެނީ‮ ކުޑަކުދިންނާ‮ ބެހޭ‮ މީހުންގެ‮ މައްސަލައިގައާއި‮ މާރާ‮ މާރީ‮ ގެ‮ މައްސަލައިގައި‮ އުމަރު‮ ނުކުންނަށް‮،‮ އަދި‮‮ ޖިންސީ‮ ވިޔަފާރި‮‮ ‮ ދިވެހިންގެ‮ އަތްމައްޗަށް‮ ގެނެސް‮ ދެއްވިހެން‮ ދިވެހި‮ މަސައްކަތްތެރިންގެ‮‮‮ ހައްޤުގައި‮ ބަންގާޅީ‮ ލޭބަރުންވެސް‮ ބޭރު‮ ކޮއްދޭން‮ ‮.‮.‮.‮ ސާބަހޭ‮ އުމަރު‮ ސާބަހޭ‮ ‮

    ހޯމަ، މާޗް 9 2009، 09:08
  12. އުމަރު ތިޔައީ ގައުމެއްގެ ވެރިކަމަށް ކިހާ އެކަށީގެންވާ މީހެއްކަމަށްބާ އުމަރު ދެކެނީ. ޕާޓީހަދަންވެގެން ނަމަކަށް އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ ނަމުން ޕާޓީއަށް ނަންދިނީ ކިހާސަޕޯޓެއް ދިވެހި ރައްޔިތުންގެ ފަރާތުން ލިބޭނެކަމަށްބާ! ދެން އެއަށްފަހު ޕާޓީ ރަޖިސްޓަރީވުމުން އިސްލާމްދީނަށް އުމަރު ހޯދަދިނީ ކިހާވަރެއްގެ ނަޞްރެއްބާ! އަދި ހަމަ އަނގަ އޮތަސްކަމަކުނުދާނެ. ރައްޔިތެއްގެ މިފަދަ ސުވާލުތަކަށް އުމަރުވެސް ޖަވާބުދޭންޖެހޭނެ. ރާއްޖޭގަ 3 ވަނައަށް އެންމެބޮޑީ އުމަރުގެ ޕާޓީކަމަށް ވާހަކަ ފަތުރާއިރު މިދިޔަ ރިޔާސީއިންތިޚާބުން އުމަރުޕާޓީގެ ރަޖިސްޓަރީގައި ތިބިއަދަދުގެ ވޯޓުވެސް އުމަރަށް ނުލިބޭކަމަށް ގަބޫލުނުކުރަނީ ކީއްވެބާ! ދިވެހިރައްޔިތުންގެ ނަމުގައޭކިޔާފަ ރައްޔިތުންގެ ނަމުގަ އަނގަހުޅުވޭކަށް ނޯންނާނެ އުމަރަކަށް. ކޮންމެސް ވަރަކަށް ލަދުހަޔާތްވެސް ހުންނަންވާނެ ދެއްތޯ. މެކުނު ފުމުނަސް ގާހަކަ އަކަށް ނުފުމެވޭނެ އޭބުނާ ދިވެހި މުހާވިރާ އުމަރަށް އަޑުނީވެނީތަ؟ އުމަރަކަށް މައުމޫނަކަށްވެސް އަންނިއަކަށްވެސް އަދި ހަސަން ސައީދަކަށްވެސް ނުވެވޭނެ. ބަޔަކު ރާއްޖެއަށް ޑިމޮކްރަސީ ގެންނަން ފޫގަޅައިގެން ނިކުތްއިރު އުމަރު ކޮބައިބާ! މިހާރު މާވަރުގަދަ ސިޔާސީ މީހަކަށްވެގެން އުޅެން ލަދެއްވެސް ނުގަނޭތަ؟ -ދިވެއްސެއް-

    ހޯމަ، މާޗް 9 2009، 09:20
  13. ތާކުން ތާކުނުޖެހޭ ކަންތައްތަކާ މުޒާހަރާކުރުމަށްވުރެ އިސްލާހުކުރަންޖެހޭ ކަންތައްތައް އިސްލާހުކުރިއްޔާ ރަގަޅެވެ. ސިޔާސީ ޕާޓީއަކުން ތިކަންކުރާއިރު ރާއްޖޭގެ އެތައްކުޑަކުދިންނާއި ބެހި އެކުދިން ހަލާކުގެތެރެއަށް ވައްޓާލި ވަހުށީ މީހުންގެ ޕޯސްޓަރުނެރެ އެފަދަ މީހުންނަށް ހައްޤު އަދަބު ދިނުމަށް ބާރުއެޅުން މާރަގަޅެވެ. އެކަމަކު އުމަރު ތިހުންނަނީ މިފަދަ ކަންތައްތަކާ "ކަހާތަން ހިރުވާވެސް ނުލައެވެ". ރައްޔިތުންދެކެ ލޯބިވާބަޔަކު ނަމަ މިމީހުންނަށް ހައްގު އަދަބު ހޯދައިދީ... ދިޔެ

    ހޯމަ، މާޗް 9 2009، 10:48
  14. ތިރީސް އަހަރު ގެ ދިގުވެރިކަމުގައި ރައްޔިތުންނަށް ގެއްލި ދިޔަ ޙައްޤު ހޯއްދަވައި ދެއްވަން މަސައްކަތް ކުރާނަމަ ރަނގަޅު ސަޕޯޓެއް ލިބުނީސް، ތިފަދަ ވިޔާނުދާ މުޒާހަރާއިން ވާނީބޭޒާރު ދެލޯފުޅާ..

    ހޯމަ، މާޗް 9 2009، 13:00
  15. އިސްލާމިކް ޑިމޮކްރެޑިކް ޕާޓީއޭ ކިޔާކަށް ލަދެއްވެސްނުގަނޭތަ..؟ ސިޔާސީމީހުން ނިކުންނާނީ ސިޔާސީ ކަންތަކުގަ..! އިސްލާމިކް ޕާޓީ ނުކުންނަންޖެހޭނީ އިސްލާމީކަންތަކާ ގުޅުންހުރި ކަންކަމުގައި.. މިސާލެއްގެ ގޮތުންބައްލަވާ އަދާލަތު ޕާޓީ މިހާރު އެތިބީ ދިވެހިރާއްޖޭގެ އިސްލާމީ ކަންތަކުގެ އެންމެއިސްސަފުގައި.ކުރިންވެސް މިހާރުވެސް އެޕާޓީން ވާހަކަ ދައްކަނީ އިސްލާމީ ކަންކަމުގައި ...ބަލަ އުމަރާ އެ ޕާޓީގައި ދިވެހިރާއްޖޭގައި ހިނގާ ކަންތަކާ ވާހަކަދެއްކޭވަރުގެ މާ ގާބިލު މާ މޮޅޭތި މީހުންވެސް އެބަތިއްބޭ .. އުމަރާ ބަލަ އަ.އި.ޑީ.ޕީ އުވާލާ މިއީ އެންމެ ރަނގަޅު ގޮތް= އައިޑީޕީގެ މެންބަރެއް= ހުސެން

    ހޯމަ، މާޗް 9 2009، 13:15
  16. ޢުމަރަކީ ހަމަޖެހޭ މީހެއްނޫން. ކީއްތަ ވާނީ އެއްފަހަރު ސަބުމެރިންގެ ޓިކެޓުގެ އަގު އިޤުތިޞާދަށް ވިސްނާފައި ހެޔޮކުރިއްޔާ! މުޅި ދުނިޔެ ބަނޑަށް ޖެހޭ އިރު ތީ ކުރާ ދެކޮޅު ނުޖެހޭ ކަންތައް. މާރުކޭޓުން މަސްވެރިން ވިއްކާ މަހުގެ އަގު ބޮޑުވެގެން މުޒާހަރާ އެއް ނުކުރަންތަ؟ ތިގޮތަށް މާ ދޫހެލޭ ކަމަށް ހެދިގެން އުޅުނު އެންމެން މިހާރު ރައްޔިތުން ޤަބޫލެއް ނުކުރޭ. ދައްކަވާ ވާހަކަ އަކާއި ޢަމަލާއި ދިމާނުވޭ/ އޭގެ ތެރޭގައި ހިމެނޭ ބޭފުޅުން އެދުވަނީ އެއްޕާރޓީން އަނެއް ޕާރޓީއަށް. އެއްތާކު މަޑުވެ ރައްޔިތުންގެ ވެހާއި ލާބަޔަށް މަސައްކަތް ކުރާނެ ފުރުޞަތު ނުހޯދާ. އަދި ދެން މިސަރުކާރުން ކުރި ވަޢުދުތައް ނުފުއްދޭނެކަމަށް ނުބުނެވޭނެ. އަޅުގަނޑަށް ހީވަނީ އިޤުތިޞާދާ ދޭތެރޭ އެއްޗެއް ނޭގޭ މީހަކު ރައީސްކަމަށް ކުފޫ ހަމަނުވާނެހެން. ދެންވެސް ކޫދަކުދިން ކުރާކަހަލަ ކަންތައް ނުކުރައްވާތި!

    ހޯމަ، މާޗް 9 2009، 13:24
  17. އުމަރު ބޭނުންވަނީ މުޒާހަރާ ކޮށްގެން އަންނިއަށް ވާން! އެކަމެއް ނުވާނެ! ދުވަހަކުވެސް ނުވާނެ! އަންނި މުޒާހަރާ ކުރީ ހުދުމުހުތާރު އަނިޔާވެރިޔަކާ ދެކޮޅަށް. އުމަރު ތިޔަ މުޒާހަރާ ކުރަނީ ރައްޔިތުން އިންތީހާބު ކޮށްފައިފާ ސަރުކާރަކާ ދެކޮޅަށް. ހާސްބައި ތަފާތު... ދިވެހި ދަރިއެއް.

    ހޯމަ، މާޗް 9 2009، 14:54
  18. ރަށްޔިތުން ތަމްސީލް ކުރާ ވެރިޔަކު އެންމެ ދޯންޏެއްގެ ފަޅުވެރިންނާއިއެކު މުޒާހިރާއެއް ނުކުރާނެ! ރަށްޔިތުން ތިބީ ދުނިޔޭގެ އިޤުތިސާދައް އައި ބަދަލާއި އެކުވެސް އާސަރުކާރުން ކޮށްދޭނެ ކަންތަކަށް އިންތިޒާރު ކޮށްގެން! ރަށްޔިތުން ވަރަށް ބުރަމަސައްކަތުން ހޯދާއިގަތް ކަމެއްގެ ފޮނި ނުފެންނަނީސް ވެރިކަމާއި ޢިއްޒަތާއި ނޫސްތަކުގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދުމައް މަސައްކަތް ކުރާމީހަކު ދޯންޏަކަށް އަރާ ކުރާ ކަމަކާއި ރަށްޔިތުންނަކާއި ކީއް. ފުރަތަމަ ރަށްޔިތުންގެ މީހަކަށް ވޭވޭތޯ ބަލާބަލަ!އޭރުން ތިޔަކުރާ ކަންތައް ބަލައިގަނެވޭނީ = ހުއްސަށި =

    ހޯމަ، މާޗް 9 2009، 14:58
  19. ބަލަ ކިހިނެއް މިވީ! އުމަރު ބުނިއަޑު މަ އެހިން ތޯއްޗެ، ދެތިން ހަފުތާވިޔަސް މައްސަލަ ހައްލު ނުވަންޏާ ގުޑާވެސް ނުލާނަމޭ.

    ހޯމަ، މާޗް 9 2009، 15:27
  20. ކޮމެންޓް ކުރި ހުރިހައި ބޭފުޅުންނަށް.. ވެދުންސަލާމާއިއެކު ދަންނަވަމެވެ... ޤައުމީ ކަންކަމުގަ ނިކުންނަންޖެހެނީ ހަމަ އެކަނި ޕާޓީތަކަކުން ނޫންކަން ހަނދާން ބަހައްޓާތި.. ވޯޓްލެވޭ މީހުންގެ އަދަދު 212،450 އަށް އަރާ، ޕާޓީ ތަކުގަ އުޅޭ މީހުންގެ އަދަދު އުޅެނީ 80،000 ގަ.. މާނައަކީ ޕާޓީއަކަށް ސަޕޯޓްނުކުރާ 125،000 މީހުން އެބަތިއްބޭ.. ޕާޓީ ޕޮލިޓިކްސްއާއި ހެދި މިޤައުމު މިއޮއް ހަލާކުވަނީ.. މީތޯ އަޅުގަނޑުމެން ނުލިބިގެން ތެޅުނު ޑިމޮކްރަސީއަކީ ؟؟؟؟؟؟؟؟؟ ޖަވާބުދެއްވަބަލަ.. ޤައުމީ ކަންކަމުގަ ޕާޓީގެ ހަމަޖެހުމަށް ބެލުންތޯ މުހިންމީ... ޤައުމު ހެޔޮމަގަށް އެޅުވުމަކީ ހަމަ ކޮންމެ މީހެއްގެވެސް ޒިއްމާ.. އެންމެ ދުރުގަ އޮތް ރަށުގެ އެންމެ ފަގީރު ގޭގަ އިން އެންމެ ފަގީރު މަންމަވެސް އެކަމަށް މަސައްކަތްކުރަންވާނެ.. ފުރަތަމަ ތިމާމެން ބަލަންވީ ތިމާގެ އާއިލާ ހަމައަކަށް އެޅުވޭތޯ ނޫންތަ.. އެކަހަލަ އެތައް އާއިލާއެއްގެ މައްޗަކަށްނޫންތަ ޤައުމު ބިނާވެފައޮންނަނީ.. މީހަކު ކަމެއްކުރާއިރަށް އަނގަފުރާފަ އަނގަތެޅުމަށްވުރެން ތިމާގެ ޒިންމާ ތިމާއަށް އުފުލޭތޯ ބަލާބަލަ.. އެކަމާ ވިސްނާލުމަށް އެކަނި ވަގުތުކޮޅެއް ހޭދަކޮށްލިއްޔާވާތީ ކީއްތޯ..... މިއޮތީވާ ޤައުމެއް.. 300،000 މުސްލިމުން ހަމަނުވާތަނަކަށް މިއޮއްވަމުންދާގޮތެއްދޯ... ޔާ ﷲ ... އަޅަމެން ސަލާމަތްކުރައްވާންދޭވެ.. މާތް ﷲ މިންވަރުކުރައްވާ އިރާދަކުރައްވާގޮތެއްގެމަތިން އަޅަމެން އެންމެނަށް ހެޔޮވިސްނުންދެއްވާ މިޤައުމު އެކުވެރިކުރައްވާންދޭވެ..

    ހޯމަ، މާޗް 9 2009، 17:42
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv