
ރިޔާޒުގެ އިތުރުން އޭއެފްސީ ކަޕްގެ މެޗުން ޑޯނާއަށްވެސް ފުރުސަތު ގެއްލިއްޖެ
އޭ އެފް ސީކަޕްގައި މިމަހުގެ 10 ވަނަ ދުވަހު އިންޑިއާގެ ޑެމްޕޯ އާއި ސީރިއާގެ އަލް މާޖިދު ކުޅޭ މެޗަށް ރިޔާޒު ރަޝީދުގެ އިތުރުން އިބްރާހީމް ތައުފީގް (ޑޯނާ) އަށްވެސް ނުދެވޭކަން ކަށަވަރުވެއްޖެ އެވެ.
އިންޑިއާގައި ކުޅޭ މިމެޗުން ރާއްޖޭގެ އެލީޓް ގުރޫޕަށް ލިބުނު ފުރުސަތުގައި ޑޯނާއަށް ނުދެވުނީ އޭނާ ހުރީ އަނިޔާގައި ކަމަށް އެފް އޭ އެމުން އޭ އެފް ސީއަށް އަންގާފައިވާތީ އެވެ. އެފް އޭ އެމުން މިދިޔަމަހުގެ 17 ވަނަ ދުވަހު އޭ އެފް ސީއަށް އަންގާފައިވަނީ ޑޯނާ ހުރީ އަނިޔާގައި ކަމަށެވެ. ޑޯނާ ކޫޕާރ ޓެސްޓް ޖެހީ އޭގެ 3 ދުވަސްފަހުން 20 ވަނަ ދުވަހުއެވެ. ޓެސްޓުން އޭނާ ވަނީ ފާސްވެފައެވެ. ނަމަވެސް ޑޯނާ ހުރީ އަނިޔާގައި ކަމަށް އެފް އޭ އެމުން ފޮނުވިއިރުވެސް އޭނާ ކޫޕާރ ޖަހަން އޮތީ ހަމަޖެހިފައެވެ. އަދި އެގޮތަށް ފޮނުވިކަން އޭނާއަށް އެނގިފައިނުވާ ކަމަށްވެސް ވެއެވެ.
އެލީޓް ގްރޫޕްގެ ބަދަލު ރެފްރީ ރިޔާޒު ރަޝީދު އަދިވެސް ހުރީ ކޫޕާރ ޓެސްޓް ނުޖަހާ ކަމަށްވާތީ އޭނާވެސް މި މެޗަކަށް ނުދާނެ އެވެ. އަދި މިއަހަރު ކުރިއަށް ހުރި މެޗުތަކުގައިވެސް އޭނާ ރެފްރީކަން ކުރާނެކަމެއް ޔަޤީނެއް ނޫނެވެ. ސަބަބަކީ މިއަހަރު ރެފްރީކަން ނުކުރާނެ ކަމަށް އޭނާ ބުނެފައިވާތީ އެވެ. އޭނާ މިހާރު ދަނީ ރައްޔިތުންގެ މަޖިލީހުގެ ތ. އަތޮޅުގެ ގޮނޑިއަކަށް ކެމްޕޭން ކުރަމުން ކަމަށް ވެއެވެ.
ރިޔާޒާއި ޑޯނާ މިމެޗަށް ނުދާތީ މިދެމީހުންގެ ބަދަލުގައި ދާނީ އެހެން ޤައުމެއްގެ އެސިސްޓެންޓް ރެފްރީއަކާއި ބަދަލު ރެފްރީއެކެވެ. ނަމަވެސް އެއީ ކޮންބައެއްކަމެއް އަދި ނޭނގެ އެވެ. މިމެޗަށް ރާއްޖެއިން ދާނީ ރެފްރީ އަލީ ސަލީމާއި އެސިސްޓެންޓް ރެފްރީ އަހްމަދު އަމީޒެވެ.
މިމެޗުގެ އިތުރުން އަލީ ސަލީމަށް ދެ ފުރުސަތު ލިބިފައިވާއިރު އަމީޒާއި ޑޯނާއަށްވެސް ވަނީ އިތުރު ފުރުސަތެއް ލިބިފައެވެ.