

ޤައުމީ ފުޓްބޯޅަ ޓީމަށް އެސިސްޓެންޓް ކޯޗުންނާއި ޓްރޭނަރަކު ހޯދަން އިއުލާނުކުރުމުން ކުރިމަތިލީ އެންމެ ތިން ފަރާތުން
އޭ އެފް ސީ ޗެލެންޖްކަޕްގެ ކޮލިފައިންގައި ވާދަކުރާ ޤައުމީ ފުޓްބޯޅަ ޓީމަށް އެސިސްޓެންޓް ދެ ކޯޗުންނާއި ޓްރޭނަރަކު ހޯދަން ކުރި އިއުލާނަށް ލިބުނީ ފިނި ތަރުހީބެއް ކަމަށް ޖަޒީރާއަށް މައުލޫމާތު ލިބިއްޖެ އެވެ.
ދެ ދުވަހުގެ މުއްދަތެއް ދީފައި އެފް އޭ އެމުން ކުރި އިއުލާނާ ބެހޭ މައުލޫމާތެއް އެފް އޭ އެމުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އިތުބާރުހުރި ގޮތަކަށް ޖަޒީރާއަށް އެނގިފައިވާ ގޮތުގައި މިދިޔަ ބުދަ ދުވަހު މުއްދަތު ހަމަވިއިރު ކުރިމަތިލީ އެސިސްޓެންޓް ކޯޗުކަމަށް ދެ ފަރާތަކުންނާއި ގޯލްކީޕަރ ޓްރޭނަރުކަމަށް އެންމެ ފަރާތަކުންނެވެ. އެހެންކަމުން މިއީ ވާދަވެރިކަމެއް ނެތި މީހުން ހޮވޭނެ އަދަދެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެއްފަރާތުން ޝަރުތު ހަމައެއް ނުވެއެވެ.
ކުރިމަތި ތިންފަރާތުގެ ތެރެއިން ނަން ޔަޤީންވީ އޯލް ޔޫތު ލިންކޭޖުގެ ކޯޗު އަހްމަދު މުޖުތަބާ(ފެސްކޯ) އާއި ވީބީގެ ގޯލްކީޕަރ ޓްރޭނަރ ޝާހިދު އެވެ. ފެސްކޯ ކުރިމަތިލީ އެސިސްޓެންޓް ކޯޗުގެ މަޤާމަށެވެ.ޝާހިދު ކުރިމަތިލީ ގޯލްކީޕަރ ޓްރޭނަރުގެ މަޤާމަށެވެ.
ކުރިން ޤައުމީ ޓީމުގެ ގޯލްކީޕަރ ޓްރޭނަރުކަންވެސް ކޮށްފައިވާ ފެސްކޯ ބުނީ އޭނާ އެސިސްޓެންޓް ކޯޗުކަމަށް ފުރަތަމަ ފަހަރަށް ކުރިމަތިލީ އިތުރު ހަރުފަތެއް ކުރިއަށް ޖައްސާލުމުގެ ބޭނުމުގައި ކަމަށެވެ. ”ހުރިހާ އުމުރުފުރާ ޓީމެއްގައި މަސައްކަތް ކުރެވިއްޖެ. ފުރަތަމަ ޑިވިޝަންގައި ކޯޗުކޮށްދެއްވިއްޖެ. އަންހެން ޓީމުގައި މަސައްކަތް ކުރެވިއްޖެ. ޤައުމީ ޓީމުގައިވެސް ކޮންމެވެސް ސިފައެއްގައި މަސައްކަތް ކުރެވިއްޖެ. އެހެންވެ އާ ތަޖުރިބާއެއް ކުރުމުގެ ގޮތުން ކުރިމަތިލީ“ ފެސްކޯ ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން އެންމެ ފަހުން ކުރި އިހްސާން އަބްދުލް ޤަނީ(ސާންތި) އާއި މުހައްމަދު ޝިޔާޒު(މޯހަން) ކުރިމަތިލާފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިމަތިލީ މީހުންގެ އަދަދު މަދުވުމުން އެކަންތަކާ ގޮތެއް ނިންމާނީ އެގްޒެކްޓިވް ކޮމެޓީންނެވެ. ނަމަވެސް އެގްޒެކްޓިވް ކޮމެޓީގެ ބައްދަލުވުމެއް އަދި ނުބާއްވައެވެ.
7000 ރުފިޔާގެ މުސާރައަކަށް އެފް އޭ އެމުން އިއުލާން ކުރި ތިން މަޤާމުގައި މަސައްކަތް ކުރަން ޖެހެނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އަންނަމަހުގެ 30ގެ ނިޔަލަށެވެ. އެހެންކަމުން ބެލެވޭ ގޮތުގައި ޤައުމީ ޓީމުގެ ޕްރެކްޓިސް ފަށާނީ މިމަހުގެ 15 ގައެވެ. ޤައުމީ ޓީމަށް ހަމަޖެއްސި ހަންގޭރީގެ ކޯޗު މިމަހުގެ 12 ގައި މާލެ އަންނަ ގޮތަށް ވަނީ ހަމަޖައްސާފައެވެ.