ރައްޔިތުންގެ މަޖުލީހުގެ އިންތިހާބު ކާމިޔާބު ކުރާނީ ކޮން ބައެއް؟

މިއުސަމް އައްބާސް މާޗް 7 2009، 10:04 7 ޚިޔާލު

ރާއްޖެއަށް ގެނެވުނު ސިޔާސީ ބަދަލުގެ ތެރޭގައި އެކި ކަހަލަ ކެމްޕޭންތައް އެކި ގޮތްގޮތަށް ކުރެވެމުން ދިޔަ އެވެ. އޭގެ ތެރޭގައި މިފަހަރު މިއީ އަހަރުމެންގެ ފަހަރު ކަމަށްވެސް އެއްބައި ފަރާތްތަކުން ބުނަމުން ދިޔަ އެވެ.

ދެން އުފެދޭ ސުވާލަކީ 30 އަހަރުގެ ވެރިކަން ވައްޓާލުމަށްފަހު އުފެދޭ ސަރުކާރުގެ އެއްބާރު ކަމުގައިވާ ގާނޫނޫ ހަދާ މަޖުލީސް ކޮންޓްރޯލް ކުރާނީ ކޮންބައެއް ބާވައެވެ؟ މިފަހަރުގެ މަޖުލީހަކީ ކޮންބައެއްގެ އެއްޗެއްބާ؟ އެވެ.

މަޖުލީހުގެ އިންތިހާބު ބޭއްވޭނެ ވަކި ތާރީހެއް ކަނޑަނޭޅި އުޅެނިކޮށް ސިޔާސީ ޕާޓީތަކުން ވަނީ މިއީ ތިމަންނަމެންގެ ފަހަރު ކަމަށް ބުނެ 60 ގޮނޑި ނުވަތަ 50 ގޮނޑި ކާމިޔާބު ކުރާނެ ކަމަށް ބުނަން ފަށާފަ އެވެ. ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މައުމޫނު އަބުދުލް ގައްޔޫމު އިސްވެ ހުންނަވާ ޑީއާރުޕީން ވަނީ އެޕާޓީން ރިޔާސީ އިންތިހާބުގައި ގޮވަން ފެށި ގޮވުންތައް ގޮވަން ފަށާފައެވެ.

ރާއްޖޭގައި އިސްލާމުދީން ސަލާމަތް ކުރުމަށާއި ގައުމު ހެޔޮ މަގަށް އެޅުވުމަށް އެޕާޓީއަށް 60 ގޮނޑި ކޮންމެހެން މުހިއްމު ކަމަށެވެ. އުފެދޭ ސުވާލަކީ ގައުމުގައި އިސްލާމުދީން ދެމި އޮންނާނީ, ނުވަތަ ގައުމު ހަމަ މަގަށް އެޅުވޭނީ ދިވެހި ރައްޔިތުންގެ ޕާޓީއަށް 60 ގޮނޑި ދީގެން ބާއެވެ؟ ނުވަތަ އެއީ ވެރިކަމުގައި ވަކި ބަޔަކު ބައިތިއްބައިގެން ނޫނީ ނުކުރެވޭނެ ކަމެއްބާއެވެ؟

ދެން އޮތް މިހާރު ވެރިކަން ކުރާ ޕާޓީ އެމްޑީޕީން ބުނެފައި ވަނީ އެޕާޓީ 50 އަށްވުރެ ގިނަ ގޮޑި ކާމިޔާބު ކުރާނެ ކަމަށެވެ. އެހެން ކަމަށްވާނަމަ ޑީއާރުޕީއަށް 60 ގޮޑި ނަގާފައި, އެމްޑީޕީން 50 ގޮޑި ކާމިޔާބު ކުރާނެ ނަމަ މަޖުލީހުގައި ހިމެނޭ ޖުމްލަ 77 ގޮޑިއަށްވުރެ މަޖުލީހުގެ ގޮޑި އިތުރުވެގެންދާނެ އެވެ.

ހަސަން ސައީދު އިސްކޮށް ހުންނަވައިގެން އުފެއްދެވި ގައުމީ ޕާޓީންނާއި އައިޑީޕީން ބުނެފައި ވަނީ 15 ގޮޑި ކާމިޔާބު ކުރުމަށް ޓާގެޓްކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ޕާޓީތަކުންނާއި އާންމު ވަކިވަކި މެމްބަރުން މަޖުލީހުގެ އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުންދާއިރު ޕާޓީތަކުގައި ތިބި މެމްބަރުންނާއި ޕާޓީއަކަށް ނުވަދެ ތިބި އާންމުން އަޅާ ކިޔަން އެބަޖެހެއެވެ.

މި އިންތިހާބުގައި 214،324 މީހުންނަށް ވޯޓު ދެވޭހިދު, އަދި 13 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރެވިފައި ވާއިރު ޕާޓީތަކުގެ ދަފުތަރުގައި މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ނިޔަލަށް ތިބީ 90،116 މީހުން ނެވެ. މިއަދަދަށް ބަލާއިރު ޕާޓީތަކުގައި ތިއްބެވި މެމްބަރުން ޕާޓީތަކަށް ވޯޓް ދެއްވައިފިނަމަ ކާމިޔާބު ކުރެވޭނީ ޖުމްލަ 32 ގޮޑި އެވެ. ބާކީވާ 45 ގޮޑި ކާމިޔާބު ކުރާނީ ޕާޓީތަކަށް ނިސްބަތް ނުވާ މެމްބަރުން ނެވެ.

މި އިންތިހާބު ބޯމަތިވެގެން އަންނަ އިރު އެހެން ކަމަކަށްވެސް ވިސްނާލަން ޖެހެއެވެ. ރާއްޖޭގައި މިހާތަނަށް އެންމެ ބޮޑު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ގޮސްފައި ވަނީ ކުރިން ވެރިކަން ކުރަމުންދިޔަ ކަމަށް ބުނާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އެވެ. އެޕާޓީގެ ދަފުތަރުގައި 30 ހާހަށްވުރެ ގިނަ މެމްބަރުން އެބަތިއްބެވެ. ދެން އުފެދޭ ސުވާލަކީ މި މެމްބަރުން ހަމަ ވަފާތެރިކަމާއެކު ޑީއާރުޕީއަށް މި އިންތިހާބުގައި މަސައްކަތް ކޮށްދޭނެ ބާއެވެ؟

ޑީއާރުޕީގައި ރަށްރަށުގައި ގިނަ ފަހަރު އިސްކޮށް ހަރަކާތްތެރިވެފައި ވަނީ ކަތީބާއި އޮފީހުގެ މުވައްޒަފުންނާއި ސަރުކާރުގެ އެކިއެކި މުވައްޒަފުން ނެވެ. އެހެން ނަމަވެސް އެމީހުންނަށް މިފަހަރުގެ އިންތިހާބުގައި ހަރަކާތްތެރިއެއް ނުވެވޭނެ އެވެ. އަދި ސަރުކާރު ބަދަލުވުމާ ގުޅިގެން މި މީހުން އިންތިހާބުތަކުގައި ހަރަކާތްތެރިވުމަށް މަޖުބޫރުވާ ހާލަތުވެސް ވަނީ ބަދަލުވެފައެވެ. އަދި އެމްޑީޕީއާ އެހެން ޕާޓީތަކުގެ ހާލަތަކީވެސް މިއީ އެވެ.

މި އިންތިހާބަކީ ރިޔާސީ އިންތިހާބާ ހިލާފަށް އެދާއިރާއަކުން އެންމެ ގިނަ ވޯޓު ލިބޭ މީހަކީ އިންތިހާބު ކާމިޔާބު ކުރާ މީހާ ކަމަށްވާ އިންތިހާބެކެވެ. ވަކި އިންސައްތައަކަށް ވޯޓު ނުލިބުނަސް ދެވަނަ ބުރަކަށްދާކަށް ނުޖެހެއެވެ.

މަތީގައި ބަޔާންވެދިޔަ އުސޫލުން އެންމެ މަތިން ލިބޭ މީހަކު އިންތިހާބު ކާމިޔާބު ކުރާއިރު ސިޔާސީ ޕާޓީތަކުން ވާދަ ކުރެވޭ ފުރަތަމަ އާންމު އިންތިހާބުގައި ކޮންމެ ދާއިރާއަކަށް އެވްރެޖުކޮށް ހައަކަށް ވުރެ ގިނަ މެމްބަރުން ކުރިމަތިލާނެ ކަމަށް ބެލެވެއެވެ. އެހެންކަމަށްވާ ނަމަ އިންތިހާބު ކާމިޔާބު ކުރުމަށް މާގިނަ ވޯޓުތަކެއް ބޭނުމެއް ނުވާނެ އެވެ.

ރިޔާސީ އިންތިހާބުގައި ޕާޓީތަކުގެ ފޯރި ވަރަށް ގަދައަށް ރަށްރަށުން ވަނީ ފެނިގެން ގޮސްފައެވެ. އެހެން ނަމަވެސް އާންމު އިންތިހާބުގައި ޕާޓީގެ ރޫހު މަޑުވެ, ވަތަނީ ރޫހެއް ހިގަން ފަށާނެ ކަމަށް ބޮޑަށް ބެލެވެއެވެ. އެކަން އެގޮތަށް ދިމާވާން ގިނަ ސަބަބު ތަކެއްވެސް އެބަހުއްޓެވެ.

ރިޔާސީ އިންތިހާބުގައި ގިނަ ބަޔަކު ވޯޓުދީފައި ވަނީ ބަދަލަކަށެވެ. އެހެން ނަމަވެސް އެއާ ހިލާފަށް ގިނަ ބައެއްގެ ވިސްނުން ވަނީ ބަދަލުވެފައެވެ. އިންތިހާބީދާއިރާއެއްގައި އާންމުކޮށް ތިންރަށެއް ހިމެނޭއިރު ކޮންމެ ރަށެއްގެ ރައްޔިތުންވެސް ބޭނުންވަނީ އެރަށެއްގެ މީހަކު މަޖުލީހުގެ މެމްބަރަކަށް ހެދުމަށެވެ. އެހެން ކަމުން ވަރަށް ބާރަށް ވަތަނީ ކެމްޕޭނެއް ދަނީ ކުރެވެމުން ނެވެ.

ވަތަނީ ރޫހެއް ހިނގަމުންދާއިރު މި އިންތިހާބު ކާމިޔާބުކުރެވޭނެ ކަމަށް ބޮޑަށް ބެލެވެނީ އެދާއިރާއެއްގެ އެންމެ ބޮޑުރަށުގެ އެންމެބޮޑު އާއިލާގެ އެންމެ ބޮޑު އުއްމީދަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ނަމަވެސް އެހެން ބޭފުޅުންނަށް އޮތް އުއްމީދުވެސް ވަކި ކުޑައެއް ނޫނެވެ.

މި އިންތިހާބު ކާމިޔާބު ކުރުމުގައި ދެން ރައްޔިތުން ބަލާނެ އެއް ކަމަކީ ކުރިއާ ހިލާފަށް ރައްޔިތުންގެ އަޑު އަހާ, ދޫހެލޭ މީހަކު ގެނައުމަށެވެ. އެހެންކަމުން އަންނަ މަޖުލިސް ކޮންމެ ބަޔަކު ކާމިޔާބު ކުރިއަސް ވެގެންދާނީ ޒުވާނުންގިނަ އަދި ދޫހެލޭ ބަޔަކު ތިބި މަޖުލީހަކަށެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. we cant forget the fact that maumoon alone managed to get 80,000 votes. and this election may prove very dissapointing for reformists.. because reformists are divided and if people who voted for maumoon voted for drp candidates then, this election will be the end of democracy in the maldives

    ހޮނިހިރު، މާޗް 7 2009، 12:35
  2. ކޮބާތަ ޑިމޮކްރަސީ އަކީ؟ ގިނަ ދިވެހިން ޑީއާރުޕީއަށް ވޯޓު ދޭނަމަ، އެއީވެސް ޑިމޮކްރަސީ؟ މައުމޫނުގެ ވެރިކަމުގައި ޑިމޮކްރަސީގެނެސް ދީފިކަން ދައްކައިދިން އެންމެ ކުލަގަދަ ހެއްކަކީ މައުމޫނު ކުރިމަތިލައި، މައުމޫނު ބަލިވުން. ޑިމޮކްރަސީ ނެތްނަމަ އެހެން ނުވީސް.

    ހޮނިހިރު، މާޗް 7 2009، 13:59
  3. 60 ގޮނޑި ޑީ އާރުޕީ އިން ހޯދިޔަސް ބަކީ 17 ގޮނޑި އެހެން ޕާޓީތަކަށް ލިބޭނެތާ. އެހެން ވެއްޖެނަމަ ޑީ އާރުޕީ އެބުނާ ރާއްޖޭގައި އިސްލާމުދީން ސަލާމަތް ކުރުމަށާއި ގައުމު ހެޔޮ މަގަށް އެޅުވުމަށް އޮތްފުރުސަތު ވަރަށް ކުޑަ. ސަބަބަކީ މިގައުމުގަ ޒިނޭ ކުރުމާ ބަދުއަހުލާގީ އަމަލް ހައްދު ފަހަނަ އަޅާއި ދިއުމާއި، ވައްކަމާ، މަގުފޭރުމާ، ކަޓަރުއެޅުމާ، މީހުން މެރުމާ، ނިވާކަން ކުޑަ ހެދުން ލައިގެން މަގުމަތީގަ އުޅުމާ، ދީނީ ހަމަ ނުޖެހުމާ، އެއްޖިންސުން ޖިންސީ ގުޅުން ހިންގުމާ، ރޭޕް ކުރުމާ މިހެންގޮސް ކިޔާނެކަމެއް ނެތް ހުރިހާ ފާސިދު ނުބައި ނުލަފާ ކަންތައް ފެތުރުނީ ވޭތުވެދިޔަ 25 އަހަރު 100 ޕަސެންޓުން ރައްޔިތުންގެ މަޖިލިސް ޑީއާރުޕީ ނުވަތަ މައުމޫން ކޮންޓްރޯލް ކޮށްގެންތިއްބަތާ ދޯ. އެހެން ވީމަ މަޖިލިހުގެ 60 ގޮނޑިން ކުރެވޭނެ ކަމެއް ޑީއާރުޕީ އަށް އޮތްކަމަކަށް އަޅުގަނޑަކަށް ނުފެނެ. =ނައިންޓެ=

    ހޮނިހިރު، މާޗް 7 2009، 14:46
  4. ބަލަ..!! ފާއިތުވި 30 އަހަރު، އަދުލް އިންސާފު ގާއިމު ކުރުމުގެ ނިޒާމާއި ރައްޔިތުންގެ މަޖިލިސް މުށުތެރެއަށް ލައިގެން ދިވެހި ފަސްގަނޑުގައިވެސް ކުރިއަށް ގެންދިޔައީ ޑިމޮކްރަސީތަ؟؟ ބަލިވީމަ "ރިވެތި ޑިމޮކޮރަސީ ފެނުނީ..... ހިޔަޅަށް މޭބިސްކަދުރު ހިތިވާނެ....!!!

    ހޮނިހިރު، މާޗް 7 2009، 15:08
  5. އޭރު 80000ވޯޓް މައުމޫނަށް ލިބުނަކަސް މިހާރަކު ނުލިބޭނެ. މައުމޫނާއި ޑީއާރޕީގެ ޙަޤީޤަތް އެހެރެދަނީ ހާމަވަމުން. ދިވެހިން ދެއިރު ހަމައަށް ކާންނުލިބިފައި ތިބިއިރު މައުމޫނާއި ޑީއާރޕީގެ އިސްވެރިން ދިޔައީ ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވަމުން.ކުރިއަށް އޮތް އިންތިޚާބަށް ޚަރަދުކުރަމުން އެދަނީވެސް އެފައިސާއަށް. ކުރިއަށް އޮތް 10އަހަރު ދުވަހަށް ބޭނުންވާވަރަށް އެއިންކޮންމެމީހަކަށް ބައެއް ލިބުނު. ޑީއާރޕީގެ ނިކަމެތި މެމްބަރުންނަކަށް އެޕާޓީގެ ޙަޤީގަތެއް ނޭގޭނެ. އެނގޭވަރަކުން އެމެމްބަރުން އެޕާޓީއާއި ދުރަށް ދާނެ. ބަލަ މައުމޫނަކީ ރަންތައްޓަކަށް ނޫނީ ބޮޑުކަމުވެސް ނުދެވޭ މީހެއްކަން ދިވެހިންގެ މަދުބަޔަކަށް ނޫނީ ކުރިއަކުން ނޭގޭ!

    ހޮނިހިރު، މާޗް 7 2009، 15:14
  6. މަޖިލިސް އިންތިޚާބުގައި ކަން ހިނގާފާނެ ގޮތްތަކެއް ތިޔަ ލިޔުއްވީ. ވަރަށް ރަނގަޅު ދިރާސާއެއް މީ. ހަމަ މިކަހަލަ އެހެން ދިރާސާއެއް " ބަންޑާރަ.ކޮމް " ކިޔާސައިޓަކުން އަހަރެން ދުށިން،

    ހޮނިހިރު، މާޗް 7 2009، 16:23
  7. ޑީ.ރާރު.ޕީ ގައި ތިބީ އެޕާޓީއަށް ތެދުވެރިން ވަފާތެރިން. ދެފަހަރު ދެގޮތަށް އޮއި ދެމޭ ފެންގަނޑެއްނޫން.

    ހޮނިހިރު، މާޗް 7 2009، 17:00
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv