ކުޑަކުދިންނާއެކު ތަކުރާރުކޮށް އެއްޖިންސުން ގުޅުން ހިންގަމުންދިޔަ ދެމީހަކު ހައްޔަރުކޮށްފި

އަހުމަދު މުހުސިން މާޗް 5 2009، 17:31 13 ޚިޔާލު

ތަކުރާރުކޮށް ކުޑަކުދިންނާއެކު އެއްޖިންސުން ގުޅުން ހިންގަމުންދިޔަ ދެމީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ބެލެނިވެރިންގާތު ކުދިންނަށް ވަޒީފާދޭންކަމަށްބުނެ ކުޑަކުދިންތަކެއް ގެނެސްގެން އެއްޖިންސުން ޖިންސީގުޅުން ހިންގަމުންދާތީ ފުލުހުން ހައްޔަރުކުރީ ޅ ނައިފަރު މިސްކިތްދޮށުގޭ އުމުރުން 33 އަހަރުގެ އަހުމަދު އިބްރާހީމް ކިޔާ މީހެކެވެ.

ޝަހީދު ހުސައިން އާދަމް ބިލްޑިންގުގައި ބުރާސްފަތި ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ފަރާތުން ސަބް އިނިސްޕެކްޓަރ މިރުފަތު ފާއިޒް ވިދާޅުވީ މިމީހާ 17 އަހަރުގެ ފިރިހެން ކުއްޖަކާއެކު އެއްޖިންސުން ޖިންސީގުޅުން ހިންގަމުންދާ ކަމުގެ މައްސަލައެއް މިދިޔަމަހުގެ 21ވަނަ ދުވަހު ހުށަހެޅުމުން ހިންގި ޚާއްޞަ އޮޕަރޭޝަންގައި އެމަހުގެ 23ވަނަ ދުވަހުގެރޭ މީނާ އޭރު ކުއްޔަށް ހިފައިގެން އުޅޭ ހ އަލިނަރުމާގޭ އެޕާޓްމަންޓަކަށް ފުލުހުންގޮސް ބެލިބެލުމުން 17 އަހަރުގެ މިފިރިހެންކުއްޖާއާއި 14 އަހަރުގެ ފިރިހެންކުއްޖަކު ގޮވައިގެން އެކޮޓަރީގައި އުޅެނިކޮށް އަތުލައިގަނެވުނު ކަމަށެވެ.

މިރުފަތު ވިދާޅުވީ މީނާ މިކުދިން ގެނެސްގެން އުޅެނީ އެކުދިންނަށް އޭނާ ވަޒީފާ ދޭނެ ކަމަށް ބުނެގެން ކަމަށެވެ.

އެގޮތުން 14 އަހަރުން ދަށުގެ ކުއްޖާގެ ބެލެނިވެރިން ގާތު, މީނާ އެކުއްޖާ ގެންދަނީ ޖަރުމަނު ވިލާތުގެ ދެމަފިރިއަކު ކައިރީ މަސައްކަތް ކުރަން ކަމަށާއި ދުވާލަކު އެމީހުންނަށް (ބެލެނިވެރިންނަށް) 15 ޑޮލަރު ދޭނަކަމަށް ބުނެފައިވާކަމަށެވެ.

މިރުފަތު ވިދާޅުވީ 17 އަހަރުގެ ކުއްޖާ ގެނެސްގެން އުޅެނީ އޭނާއަށް ވަޒީފާއެއް ނުލިބިގެން އުޅެނިކޮށް އެކުއްޖާއަށް މަހަކު 600 ޑޮލަރު ލިބޭނެ ވަޒީފާއަކަށް ކަމަށާއި އަދި މީނާ ގެނައީ މަސްދަތުރުތަކުގައި ގެސްޓުން ގޮވައިގެން ދަތުރުކުރަން ކަމަށް ބުނެގެން ކަމަށް ތަހުގީގަށް އެނގިފައިވާކަމަށެވެ.

”މީނާ ކުދިންނަށް ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރުވާފައިވަނީ މީނާގެ މޮބައިލް ފޯނުގައި މީނާ ހަދާފައި އިންނަ އެގްރީމެންޓެއްގައި“ މިރުފަތު ވިދާޅުވިއެވެ.

މިރުފަތު ވިދާޅުވީ މީނާގެ ކުށުގެ ރެކޯޑަށް ބަލާއިރު, މީނާއަކީ 2002ވަނައަހަރު 17 އަހަރުގެ ފިރިހެން ކުއްޖަކައެކު އެއްޖިއްސުން ޖިންސީގުޅުން ހިންގާކަމުގެ މައްސަލައެއް ހުށަހެޅިފައިވާކަމަށާއި, 2004ވަނައަހަރު 13 އަހަރުގެ ކުއްޖަކާއެކު އެއްޖިންސުން ޖިންސީގުޅުން ހިނގާފައިވާކަމަށް އަދި 2005ވަނައަހަރު މާރާމާރީއެއް ހިންގުމުގެ ކުށުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

މީގެ އިތުރުން މިމީހާ އެއްޖިންސުން ގުޅުންހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި 2007ވަނައަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް މިރުފަތު ވިދާޅުވިއެވެ.

މިރުފަތު ވިދަޅުވީ މިމީހާއަކީ މިހާރުވެސް 2006ވަނައަހަރުގެ އޭޕްރީލް 15ވަނަ ދުވަހު 13 އަހަރުގެ ކުޑަކުއްޖަކައެކު ބަދްއަޚްލާޤީ އަމަލު ހިންގި މައްސަލައިގައި 3 އަހަރަށް އަރުވާލާފައި ހުއްޓާ އެރަށުން ފިލައިގެން އައިސް އުޅޭ މީހެއް ކަމަށެވެ.

މިރުފަތު ވިދާޅުވީ މިތަނުން 17 އަހަރުގެ ފިރިހެންކުއްޖާ އޭނާގެ އަތްދަށުން ސަލާމަތްވާން އުޅުމުން މިމީހާ އިނީ އެކުއްޖާގެ ދަރިއަކަށް ބަލިވެ ކަމަށް ބުނެ ބިރުދައްކާފައިވާ ކަމަށެވެ.

”އޭނާ އެކުއްޖާގާތު ބުނެފައިވަނީ ކަލޭގެ ދަރިއަކަށް މިހާރު އަހަރެން މީނީ ބަލިވެޔޭ. ކަލޭގެ މަންމައާއި ބައްޕަ ވަކިވެފައިވާތީ ކިހާ ދެރަނިކަމެތިގޮތަކަށް ނޫންހޭ ކަލެއަށް ކަންތައްތައް މިދިމާވަނީ. ތިމަންނަ މީނީ ކަލޭގެ ދަރިފުޅަކަށް ބަލިވެއޭ. ކަލޭ ވަކިވީމާ މިކުއްޖާވެސް ކިހާ ނިކަމެތި ވާނެހޭ ކިޔައިގެން ބިރުދައްކާފައިވޭ“ މިރުފަތު ވިދާޅުވިއެވެ.

މިރުފަތު ވިދާޅުވީ މީނާ މިކުދިންނައެކު އިތުރު ކުއްޖަކު ގެންގުޅުނު ކަމުގެ މައުލޫމާތެއްވެސް ލިބިފައިވާކަމަށެވެ.

މިރުފަތު ވިދާޅުވީ ކުރިން ރިސޯޓެއްގައި ވަޒީފާ އަދާކުރި މިމީހާ ފައިސާ ހޯދަނީ ކިހިނެތްކަމެއް އަދި އެނގިފައި ނުވާކަމަށެވެ.

ޝަހީދު ހުސައިން އާދަމް ބިލްޑިންގުގައި ބުރާސްފަތި ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޔުނިޓުގެ އިންޗާޖް އިނިސްޕެކްޓަރ ހަސަން ހަބީބު ވިދާޅުވީ 35 ކުއްޖަކާއެކު އެއްޖިންސުން ގުޅުން ހިންގައިގެން ހައްޔަރުކުރި މީހާގެ މައްސަލައިގައި އިތުރަށް ހިންގި އޮޕަރޭޝަނުގައި އެފަދަ ދެވަނަ މީހަކު މިދިޔަމަހުގެ 19ވަނަ ދުވަހުގެރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހަބީބު ވިދާޅުވީ އެމީހަކީ މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު 7660 އުމުރުން 40 އަހަރުގެ މޫސާ އިސްމާއީލް ކަމަށެވެ.

ހަބީބު ވިދާޅުވީ ބޮޑުތަކުރުފާނުމަގުގައި ގާޑިޔަލެއް ހިންގާ މިމީހާ ގިނައަދަދެއްގެ ކުޑަ ފިރިހެންކުދިންނަށް ފައިސާއާއި އެހެނިހެން ހަދިޔާ ދީ, އެކުދިން ހޮޓާތަކަށް ގެންގޮސް ކާންދީ ކަންތައްތައް ކޮށްދީގެން އެކުދިންނާއެކު ގާތްގުޅުމެއް އުފައްދައިގެން އޭގެތެރެއިން ބައެއް ކުދިންނާއެކު އެއްޖިންސުން ޖިންސީގުޅުން ހިންގާފައިވާކަން ވަނީ ތަހުގީގަށް އެނގިފައި ކަމަށެވެ.

ހަބީބު ވިދާޅުވީ 35 ކުދިންނާއެކު ޖިންސީ ގުޅުން ހިންގައިގެން ހައްޔަރުކުރި ގ ވޭރުގޭ ހުސައިން ފަޒީލާއި މި މޫސާ އިސްމާއީލްގެ އިތުރުން މިމައްސަލައިގައި އުމުރުން 18 އަހަރު ނުފުރޭ 6 ކުއްޖަކާއި 18 އަހަރުގެ ހަމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

”މީގެ ތެރެއިން ގިނަ ކުދިންގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް ދަނީ ލިބެމުން. އަދި އެކުދިންގެ ބެލެނިވެރިންގެ ފަރާތުންވެސް ތަހުގީގަށް ވަރަށްބޮޑު އެއްބާރުލުމެއް ވަނީ ދީފައި.“ ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދަޅުވީ ކުދިންގެ ފަރާތުން ލިބޭ މައުލޫމާތުގެ އެހީގައި މިކަމުގައި ޝާމިލްވާ އިތުރުމީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ހަބީބު ވިދާޅުވީ މިމައްސަލައިގައި ހިމެނޭ 18 އަހަރު ނުފުރޭ ކުދިންނަށް, މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމެލީގެ ދަށުން ހިނގަމުން އަންނަ ޖެންޑަރ އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސްގެ ފަރާތުން ފަރުވާ ދިނުމުގެ މަސައްކަތްތަކެއ ދަނީ ކުރަމުން ކަމަށެވެ.

ހަބީބު ވިދާޅުވީ ކުރިން ހައްޔަރުކޮށްފައިވާ ފަޒީލާ މިމީހާއާއި ގުޅުންހުރި ކަމަށް އެނގިފައި ނުވާކަމަށާއި ނަމަވެސް ފަޒީލައެކު ގުޅުން ހިންގާފައިވާ ކުދިންގެ ތެރެއިން ބައެއް ކުދިންނާއެކު މިމޫސާ އިސްމާއީލްވެސް އެގުޅުން ހިންގާފައިވާ ކަމަށެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ކިހާ ދެރަކަމެއް ދޯ. މިފަދަ މީސްމީހުންނަށް ހަރުކަށި އަދަބު ދިނުމަށް ގާނޫނު ތަކާއެއްޗެހި ހަދަން ވެއްޖެ އެންނު. މި އޮތްގެން ފެންނަނީ އެބުނާ ތިރީސް އަހަރުގެ ތަރައްގީ. މިފަދަ މީސްމީހުން ނަށް މަތީ ބޭބޭފުޅުންގެ ވެސް ހިތްވަރު ލިބިގެންނޭ މިހިސާބަށް ކަންތަށް ގޮސްފަ މިއޮތީ.

    ބުރާސްފަތި، މާޗް 5 2009، 21:26
  2. ދެން ރެކޯޑް ހަދަން ދޫކޮށްލާ އަވަހަށް!!! އަދި ފަޚުރުވެރިކަމާއެކީ ބުނާނެ މިވެނި އެވެނި ކަމެއްގެ މިތައް ރެކޯޑް އެބައޮތޭ! ތި އަތުލާ މީހުންނަށް އިސްލާމްދީނުގަ އޮންނަ އަދަބުދީބަލަ! ޔަގީނުންވެސް ތި ރެކޯޑް ހަދާކަށް ނުތިބޭނެ.

    ހުކުރު، މާޗް 6 2009، 00:22
  3. މަޖާ ކަމެއް ހެން ހީވަނީ. އެންމެން ތިކުޅު ކުޅޭނީ އޭގައި ލައްޒަތެއް އުޅޭތީތާ. އެކަމަކު އިސްލާމް ދީނުގައި ޙަރާމް ކުރެއްވީމަ ކިތަންމެ ބޭނުން ވިޔަކަސް ނުކުރެވޭނެތާ. އެމީހުންނަށް އަދި ނުވިސްނެނީ ކަންނޭގެ.

    ހުކުރު، މާޗް 6 2009، 08:59
  4. މީ ކިހާ ދެރަކަމެއް. މި ރިޕޯޓް ކިޔާލީމާ ހީވަނީ ފިލްމީ މަންޒަރެއް ސިފަވާހެން.މިޒަމާނަކީމޯބައިލް ފޯނާއެހެންވެސް ގޮތްގޮތް ހުންނަޒަމާން. އެހެންވީއިރުން އެކުދިންނަށް މައިންބަފައިން ކާރީ ނުބެނެވެނީ ކީއްވެ ކަންތައް ވަމުންދާގޮތް. ހީވަނީ މިހާވަރަށް ކަންތައްދާއިރު މައިބަފައިންނަށް ވެސް ކޮންމެވެސް ވަރަކަށް އެގޭނެހެން. 17 އަހަރު 14 އަހަރޭ ބުންޏަސް އެއީ ކުޑަކުދިންނެއް ނުން، ފިރިހެނަކު ބަލިވެ ނުއިންނާނެކަން ވިސްނާލީމަ އިގޭނެ. މިއީ ތުއްތު ކުދިންތަކެއް ނޫން އެވަރު ނޭގޭކަށް.. 18 އަހަރު ވެއްޖެނަމަ އެ ބޮޑުމީހަކަށް ވާފަދައިން ،ކޮބައިބާ 17 އަހަރު 14 އަހަރުވީމާ ތަފާތަކީ އެކުދިންނަށްވެސް އިގޭނެ ކަޑައެޅިގެން މި ކުރެވެނީ ނުބައި ކަމެއްކަން. ވީއުރުސަލާމަތް ނުވެވެން ވީ ކީއްވެ. ހީވަނީ އެކުދިން ސަލާމަތްވާންވެގެން ބުނާ އެއްޗެއް ހެން. ސަލާމަތްވާނެ ކޮންމެވސް ގޮތެއް އޮންނާނެ. ކުޑަކުދިންނޭ ކިޔަފަ އެކަށީގެންވާ އަދަބު ނުދިނުން ވަނީ މިފަދަ ނުބައި މީހުންގެ އަމަލަތައް އިތުރަށް ކުރިއަށް ގެންދިއުމަށް އެޅޭ ބާރަކަށް.މިކަހަލަ ނުބައި މީހން އެއްފަހަރު ކުށްކުރުމުން އެމީހުންނާ މެދު ހަރުކަށި ފިޔަވަޅުނާޅާ ދޫކޮށްލެވެނީ ކީއްވެގެންބާ.

    ހުކުރު، މާޗް 6 2009، 09:04
  5. އިސްލާމުދީނުން އެއްކިބާވެފައިވާ މިފަދަނުބައި ނުލަފާމީހުންނަށް ވީ އެންމެއަވަހަކަށް ހައްގު އަދަބު ދިނުމަށާއި، އަދި، މިފަދަމީހުން މުޖުތަމައުގެތެރެއަށް ފަސޭހައިންދޫނުކުރެއްވުމަށް އަދުގެ ސަރުކާރަށް އާދޭހާއެކު އަޅުގަނޑުގޮވާލަމެވެ. ( މާއިރާ )

    ހުކުރު، މާޗް 6 2009، 10:39
  6. މަރުވަންދެން ޖަލުގެ ކުޑަގޮޅީގައި ބަންދުކުރޭ މިނޫންއަދަބެށް އެދެމީހުންނަދީގެން ކުޑަކުދިންނެށް ސަލާމަތެނުވާނެކަންޔަގީން އެމް.އޭ.އެފް

    ހުކުރު، މާޗް 6 2009، 14:10
  7. މިފަދަ މީހުންނަކީ އަޅުގަޑުމެންގެ މުޖްތަމަޢުތެރެއަށް މިނިވަންކަމާއެކު ދޫކޮށްލެވިފައިވާ ބަޔަކަށް ވުމުން. އަދި ކުރިން މިކަނަތައް ސިއްރުކުރުމުގެ ނަތީޖަ މިފެންނަނީ. އިންސާނިއްޔަތުގެ އެއްވެސް ކަންފުޅެއްނެތް ވަހްސީ ޢަމަލުތައް ހިންގާ މީހުންނަށް މަރުގެ އަދަބުވެސް ދޭންވި. މައުސޫމް ތުއްތުކުދިން ގެ އިތްފަތް ނަގާލާ މިފަދަ މީސްތަކުން މި އިސްލާމީ މުޖްތަމަޢު ގައި އުޅޭކަމީ ކުރިމަގު ނާމާންވުމުގެ އަލާމާތެއް. އެއްޖިންސްގެ ގުޅުން ހިންގާ މީހުންނަށް މީގެ ކުރިންވެސް އެކަލާނގެ ކޯފާފޮނުއްވިކަން އެނގޭއިރު މިފަދަ ޢަމަލުތައް ކުރުމުގައި އެއްވެސް ބިރެއްނެތް. ލޫތްގެ ފާނު ގައުމުގެ މީހުންނާ ކުރިމަތި ބިރުވެރި ކޯފާ ހަނދާނަށް ގެނެސް މިދިވެހި ރާއްޖޭގައި މިފަދަ ޢަމަލްތައްކުރާ މީހުން ހޯދާ އެމީހުންނަށް ސަރުޢިގޮތުން ދެވެން އޮތް އެންމެ ބޮޑު އަދަބުދެއްވާ. އަވަސް ފިޔަވަޅުއަޅުއްވާ.

    ހުކުރު، މާޗް 6 2009، 14:13
  8. ކުޑަ ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުން މިއީ އަހަރެންގެ ޒިންމާއެކޭ ބުނެލުމަކުން ނުފުދޭނެ...........!!!!!!!!! އެއާއި އެއްގޮތަށް އަމަލް ކުރެވޭނަމަ މިހެނެއް ނުވާނެ!... އަހަރެން އެދެނީ މިއަދުގެ ސަރުކާރުން މިކަމާ ވިސްނާގެން ކުރީގެ 30 އަހަރުގެ ވެރިކަމާއި ޙިލާފަށް މިފަދަ ލާދީނީ ކަންކަން ކުރާމީހުން ހޯދާ އެމީހުންނަށް ހަރުކށި އަދަބު (ދީނުގައިވާ ހުކުމް) ދިނުމަށެވެ..... "ވިސްނާނެތްނަމަ ގެނބިގެން ދާނޭ ގިސްލާ އުމުރަށް ރޯންގެހިދާނޭ" "މައިން"

    ހުކުރު، މާޗް 6 2009، 22:09
  9. މިކަމާ ދެކޮޅަށް އަޑު އުފުލާލި ޕާޓީ އެއްވެސް ނެތް. ކޮބާތަ؟ އިސްލާމިކް މިނިސްޓްރީ ، ބުރުގާ ނާޅާ އަންހެނުން ނަރަކައަށް ވައްދާ އަންހެނުންގެ ނުބައި ނުލަފާ ވާހަކައާއި އެމީހުންގެ ނުބައިވާހަކަ އަބަދު ދީނީ ކަމެއްގެ ގޮތުގައި ކިޔާކިޔާ ފިރިހެނުން އަންހެނުންދެކެ ފޫހިވަނީ ތޯއްޗެއް؟

    ހުކުރު، މާޗް 6 2009، 22:16
  10. ދިރާސާ ތަކުން ދައްކާގޮތުގައި، ފިރިނެއްގެ ހޯމޯން އެއްޖިންސުގެ ގުޅުމުން އިތުރަށް ތަރަށްގީވެއްޖެ ނަމަ، އެކަންތަކުރާރު ވާނެއެވެ. މި ކުދިންނަށް ރަނގަޅު ފަރުވާ ނުދެވިއްޖެ ނަމަ މުސްތަގުބަލުގައި އެކުދިން އެކަން ތަކުރާރު ކުރާނެއެވެ. މި ސާލަށް ބަލާނަ މާލޭގައި އެއްޖިންސުގެ ގުންހިންގާކަމަށް މަޝްހޫރު ވެފައިވާ ފަރާތްތަކަކީ ކޮންމެވެސް މީހެއްގެ ފަރާތުން އެކަން ތަޖުރިބާކޮށް، ދެވަނަ ފަހަރަށް ވެސް ތަޖުރިބާ ކުރުމުގެ ނިޔަތުގައި އެކަންކޮށް، ދެން އެންމެ ފަހުން ނުހުއްޓިފައިވާ މީހުންނެވެ. ފިރިހެންނުންގެ އެއްޖިންސުގެ ގުޅުން ހިންގުމަކީ، ގިނަފަހަރަށް އާއިލާގެ (ކާބަފައިން) ފަރާތުން ވާރުތަކުރާ ހޯމޯން ތަކުގެ ތެރޭގައިވާ އެއްޗެކެވެ. ނަމަވެސް ހާލަތު މެދުވެރިވާ ގޮތަކުން އެހޯމޯންތައް "ޑޯމަންޓް" ސްޓޭޖުގައި ހުންނަނީއެވެ. އެކްޓިވް ވާ ހާލަތައް ދިމާވެއްޖެ ނަމަ، (ޚާއްސަކޮށް ޅައުމުރުގައި ) އެކަން ނުހުއްޓޭނެއެވެ. ހަމައެކަ އޮތް ހައްލަކީ މާތްﷲ އެންގެވޮގޮތެވެ، އެކަލާނގެ ހުކުމެވެ.

    ހޮނިހިރު، މާޗް 7 2009، 02:44
  11. ސުބުހާނަﷲ! މިފަދަ ކުށްތައް ކުރާ މީހުންނަށް ހަރުކަށި އަދަބު ލިބެން ޖެހޭނެ. ކޮބާ އަދާލަތުގެ ޢިލްމުވެރިން މިހާރު. ތިބީ ނިދިފަތޯ؟ މިފަދަ ކުށްތަކުގައި ހިފޭ މީހުން މިހާ ގިނަ އިރުވެސް ހަމަ ތިބި ބައެއްކަން ވެސް ނޭގޭ. މީގެ ކުރިން މިފަދަ ކަމެއް ހަމަ ވާއިރަށް ކުރީގެ ސަރުކާރުންކުރުވާ ކަމެކޭ އަނެއް ކަމެކޭ ކިޔާފަ ވާހަކަ ދައްކާ އަޑު އިވޭ! އެކަމަކު މިހާރު އެކަމާ ބަހެއް ބުނެލާނެ ފެންވަރުގެ ޢިލްމުވެރިއަކުވެސް ނެތީބާ! ދެން ތި 17 އަހަރުގެ ކުއްޖާއަށް ހަމަ ނޭގެނީބާ ފިރިހެނުން ބަލިވެ ނީންނާނެކަން. މިފަދަ ޒަމާނެއްގަ ތަންކޮޅެއް ހޭޖެހޭ ކަހަލަ ބަހަނާއެއް ދެއްކި ނަމަ ޤަބޫލު ކުރެވުނީސް. ކުށުން ބަރީޢަ ވާން އެނޫން ބަހަނާއެއް ދަންކަން ނޭގުނީތަ ހަމަ؟؟؟ 100 % މުސްލިމު ޤައުމެކޭ ބުނާތީވެސް ލަދު ގަނޭ!! އިސްލާމީ ޝަރީޢަތުގަ ކަނޑަ އަޅުއްވާފައިވާ އަދަބުތއއް ތަންފީޒު ކުރެވޭނަމަ މި ޤައުމު މި ހާލަތަށް ވެއްޓިގެން ނުދިޔައީސް ކަން ޔަޤީން.

    ހޮނިހިރު، މާޗް 7 2009، 04:17
  12. މި މީހުންނަށް އަދަބެއް ދިނުމުގެގޮތުން އާއްމުގޮތެއްގަ ރާއްޖެތެރޭގެ ރަށްތަކަށް އަރުވާލަނީ. މިގޮތަށް ކަންތައް ކުރީމަ އެ މީހުންނަށް މި ހޯދަދެވެނީ އަނެއްކާވެސް އެފަދަ މާކެޓެއް ނޫންތޯ؟ ރާއްޖެތެރޭގެ ރަށްރަށުގަ ކުދިން އާއްމުކޮށް މަގިތައް މަތީގަ އުޅޭނެ. މިފަދަ މީހުން ހަމަ މަރުވަންދެން ޖަލުގަ ބައިތިއްބަންވީ. އެއް ގޮޅިއެއްގަ އެފަދަ އެންމެން ބޭތިއްބީމަ އެމީހުން ނުޖެހޭނެއެއްނު އިތުރު މާކެޓެއް ހޯދާ އިތުރު ކުދިންތަކެއް ހަލާކުކުރާކަށް.

    ހޮނިހިރު، މާޗް 7 2009، 09:46
  13. ތިކަންތައް ހުއްޓޭނީ އިސްލާމްދީނުގަ އޮންނަ އަދަބު ދީގެން..ރަށަކަށް އަރުވާލުމަކުން ތިކަން އިތުރުވާނީ...

    ހޮނިހިރު، މާޗް 7 2009، 09:58
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv