އެންމެ ޒިންމާދާރު މީހުން ހަޅުތާލު ކުރުމުގެ ބޭނުމަކި ކޮބާ؟

އަލީ ސަވާދު މާޗް 4 2009، 17:37 19 ޚިޔާލު

މިއަދު އަޅުގަނޑުމެންނަށް އިވެމުންދަނީ އެކިއެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުން މުސާރައިގެ ޝަކުވާތަކެއް ކުރަމުންދާ ވާހަކައެވެ. ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް އެއްބިލިއަން ރުފިޔާގެ ކުރިއެރުމެއް ގެނައުމުންވެސް މުސާރަ ކުޑަވީކަމަށް ބުނެ ޝަކުވާ ކުރުން މިއޮތީ އާންމު ކަމަކަށް ވެފައެވެ. ގާނޫނު އަސާސީންނާއި ގާނޫނުން ލިބިދޭ ހައްގުތަކުގެ ބޭނުން ހިފާނެ ކަމުގެ ބިރު ދައްކާ ހަޅުތާލުވެސް ކުރަނީއެވެ. މިކަންތައް މިހެން ހިނގަމުންދާއިރު އުފެދޭ ސުވާލަކީ މިކަންކަމުގެ ސަބަބުން ގައުމަށް ކިހާވަރެއްގެ ނުރައްކަލަކާ ކުރިމަތިލާން ޖެހިދާނެތޯއެވެ؟

ޢެއްވެސް މީހަކު ދެބަސްނުވާނެ ފަދައިން, މުޅި ދުނިޔެއަށްވެސް މިވަނީ އިގްތިސޯދީ ހީނަރުކަމަކާ ކުރިމަތިލާން ޖެހިފައެވެ. ބޮޑެތި ކުންފުނިތަކުން އެތަކެއް ހާސް މީހުން ވަޒީފާއިން ވަކިކޮށް އެފޮނުވާލަނީ އެކުންފުނިތަކަށް ދިމާވެފައިވާ ގެއްލުންތައް ފޫބުއްދެއަށްޓަކައެވެ. ޢެކިއެކި ކާރުޚާނާތަކުން ވަނީ އެމީހުންގެ އުފެއްދުންތައް މަދު ކުރަންފަށާފައެވެ. މިކަމާ އެކުންފުނިތަކުގެ މުވައްޒަފުންވެސް ވަނީ ޝަކުވާކުރަން ފަށާފައެވެ. ވަޒީފާއިން ވަކިކުރާތީ ހަޅުތާލުވެސް ކުރިއަށް ގެންދެއެވެ. ޢެހެންނަމަވެސް އެކުންފުނިތަކުގެ ވެރިންނަށް އެފަދައިން ކަންތައް ކުރުމަށް މިއަދު ވަނީ މަޖުބޫރުވެފައެވެ.

މިއީ ދުނިޔެއިން ފެންނަން ހުރި ހަގީގަތްތަކެވެ. ޢެހެންނަމަވެސް މިއަދު އަޅުގަނޑުމެންގެ ތެރެއިން ބައެއް ފަރާތްތަކުން މުސާރަ ބޮޑު ކޮށްދިނުމަށް އެދި ތަކުރާރުކޮށް ކުރަމުންދާ ޝަކުވާތަކާއި މެދު މިވަނީ ފުންކޮށް ވިސްނަންޖެހިފައެވެ. ޓީޗަރުންގެ މުސާރަ ބޮޑުކޮށް ނުދީފިނަމަ ކުރާނެ ކަމަށް ބުނަމުންދާ ހަޅުތާލާއި ޑޮކުޓަރުންނާއި ނަރުހުންގެ ހަޅުތާލުތަކަކީ އެއާއި މެދު ފުންކޮށް ވިސްނާ އަވަސް ހައްލުތަކެއް ބޭނުންވެފައިވާ ސީރިއަސް މައްސަލަތަކެކެވެ.

އިގްތިސޯދަކީ ކޮބައިކަމާއި މިފަދަ ދަނޑިވަޅެއްގައި މުސާރައަށް ގެންނަ ކޮންމެ ކުރިއެރުމަކާއި އެކު ގައުމުގެ އިގްތިސޯދަށް ކުރާނެ ބޮޑެތި އަސަރުތައް އާންމު ފަރުދުންނަށް ނޭގުނު ނަމަވެސް މުދައްރިސުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. ވަކިއަދަދަކަށް ވުރެ ބޮޑު އަދަދެއް ނުދެއްވައިފިނަމަ ކިޔަވައިދޭން ނުނިކުންނާނެ ކަމަށް ބުނަމުންދާއިރު, މާދަމާ ގައުމަށް ވެގެންދާނެ ގޮތްވެސް އެންމެ ރަނގަޅަށް އެނގޭނޭ އެއްބަޔަކަށް ވެގެންދާނީ ހަމަ ޓީޗަރުންނެވެ.

ދެން ތިއްބެވީ ޑޮކުޓަރުންނާއި ނަރުހުންނެނެވެ. ބަލިމީހުންނަށް ވަރަށް ފުރިހަމަ ކަމާއެކު ދެމުންދާ އަޅާލުމާއި އެހީތެރިކަމަށް ކުޑަވެސް ފަރުވާ ކުޑަކަމެއް ކުރިމަތިވެއްޖެނަމަ, ދެން ވެގެންދާނެ ގޮތްވެސް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ހަމަ އެޑޮކުޓަރުންނާއި ނަރުހުންނަށެވެ. ޢެތަކެއް ހާސް ބަލިމީހުންގެ ހައްގުތަކެއް ގެއްލިގެންދާއިރުވެސް ތިމާމެންގެ އަމިއްލަ ހައްގުތަކެއް ހޯދަން މިއަދު ނިކުމެވަޑައިގަތުމުގެ ސަބަބުން, ރައްޔިތުންގެ ތެރެއިން ބައެއްގެ ހިތުގައި ނަމަވެސް އުފެދިގެންދާނެ ނަފުރަތު ކަމާއި މެދު ވެސް އެފަރާތްތަކުން ވިސްނާލަން ޖެހެއެވެ.

ކޮންމެ ބަޔަކުވެސް މިއަދު ބުނަމުން ގެންދަނީ އެއީ މިގައުމުގައި ތިއްބެވި އެންމެ ޒިންމާދާރު ވަޒީފާ އަދާ ކުރަމުންދާ މީހުންކަމެވެ. ޢެހެންކަމުން ލިބެންޖެހޭނީ ބޮޑު މުސާރަކަށެވެ.

އެހެންކަމަށްވާނަމަ ޒިންމާދާރު ވަޒީފާ އަދާ ނުކުރައްވާ ފަރާތަކީ ކޮބައިތޯއެވެ. މަސައްކަތު މީހުންގެ މަސައްކަތް ހުއްޓާލައިފިނަމަ ދެން ވާނީ ކިހިނެއްތޯއެވެ. ފުލުހުންނާއި ސިފައިން އެމީހުންގެ ވަޒީފާ އަދާ ކުރުން ހުއްޓާލައިފިއްޔާ ދެން ވާނީ ކިހިނެއްތޯއެވެ. އޮފީސްތަކުގެ ސެކްރެޓަރީންނާއި ފައިސާގެ ކަންތައް ބަލަހައްޓާ މީހުން ވަޒީފާ އަދާ ކުރުން ހުއްޓާލައިފިއްޔާ ދެން ވާނީ ކިހިނެއްތޯއެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ހުރިހާ ސިވިލް ސާވެންޓުން މަސައްކަތް ހުއްޓާލައިފިނަމަ ވާނީ ކިހިނެއްތޯއެވެ. އެހެންކަމަށްވާނަމަ އެބުނާ ޒިންމާދާރު ނޫން ވަޒީފާއެއް ކޮބައިތޯއެވެ؟ ޖުމުލަ ގޮތެއްގައި ބުނާނަމަ ކޮންމެ ބަޔަކީވެސްވެސް އެމީހުން އަދާ ކުރާ ވަޒީފާގެ ގޮތުން ޒިންމާދާރު ބަޔެކެވެ.

ކަންމިހެން ހުރިނަމަވެސް, އެފަރާތްތަކުން ދައްކަވާ ވާހަކަތަކަށްވެސް ބީރު ކަންފަތެއް ދީގެން މިއަދު ތިބެވޭކަށް ނެތެވެ. ޢެފަދަ ޝަކުވާތައް އުފެދެން ޖެހުމުގެ އެންމެ ބޮޑު އެއް އަސްލަކަށް ވެފައިވަނީ ދިރިއުޅުމުގެ އަގު އިންތިހާއަށް މައްޗަށް ދިއުން ކަމަށްވެސް ވެދާނެއެވެ. އެހެންކަމަށް ވާނަމަ އެކަމަށް ސުލްހަވެރި ހައްލެއް ގެނައުމަށް ދިރިއުޅުމުގެ އަގު ތިރި ކުރެވެން އޮތް ހުރިހާ ގޮތެއް ހޯދުމަކީ މިއަދުގެ ސަރުކާރުގެ ޒިންމާއެކެވެ. ޓީޗަރުންނާއި ޑޮކުޓަރުންނަށް ނުވަތަ އެނޫންވެސް ބަޔަކަށް ގައުމުގެ އިގްތިސޯދީ ހާލަތު އޮޅުން ނުފިލާނަމަ އެކަންވެސް ކުރުމަކީ ސަރުކާރުގެ ޒިންމާއެކެވެ.

މިޒިންމާ މިއަދު އަދާ ނުކުރެވިއްޖެނަމަ އެކިއެކި މަގުސަދުތައް ހާސިލް ކުރުމުގެ ބޭނުމުގައި ނަމަވެސް މުވައްޒަފުންނަށް ލިބިގެންވާ ހަޅުތާލު ކުރުމުގެ ހައްގުގެ ބޭނުން ހިފުމަކީ އެކަށިގެންވާ ކަމެކެވެ. އިންސާނުންނަކީ ދުވަހަކުވެސް އެމީހުންގެ ހިތް ފުރޭނޭ ބައެއް ނޫނެވެ. މިއަދު ޑޮކުޓަރުން, މާދަމާ ޓީޗަރުން, ހަޅުތާލު ކުރާނެއެވެ. ޢަދި ކޮންމެ ދުވަހަކު ގުރޫޕެއް މުޒާހަރާ ކޮށް މިގައުމު ހުއްޓުމަކަށް އަތުވެދާނެއެވެ. އެންމެންވެސް ނުކުންނާނީ ތިމަންނަމެންނަކީ އެންމެ ޒިންމާދާރު މީހުންނޭ ބުނެއެވެ. ހުރިހާވެސް ގެއްލުމާއި ނިކަމެތި ކަމެއް ލިބިގެންދާނީ ވާއެއްނުވާއެއް ނޭގިފައިތިބި ނިކަމަތިންނަށެވެ. އޭރުން އެމީހުންގެ ހައްގު ހޯދަން ނިކުންނާނެ ބަޔަކުވެސް ނުތިބޭނެއެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ލިޔުމަން މަރުހަބާ! ގުރޭޑު7ގެފެންވަރުނެތް އެއްވެސްއެއްޗެއްނުކިޔަވާ ނުވަތަމަޢުހަދުން 6މަސް ދުވަހުގެ މުދިންކޯސްހަދައިގެން ވަޒީފާގައިހުރިމުދިމަން ސިވިލްސާރވީސްއިން ކަޑައެޅިމުސާރައަކީ 14000ރުފިޔާ މަޢުހަދުންދެއަހަރުގެ ގާޒީކޯސްހަދައިގެންވަޒީފާގައިހުރި މެޖިސްޓްރޭޓަންމަހަކު 25000ރުފިޔާ މުސާރަކަޑައަޅާފައި މަދުވެގެން ފަސްއަހަރުއަންއަހަރު ދިހައަހަރުކިޔަވައިގެން ޑިޕްލޮމާ ޑިގްރީ މާސްޓަރ ހަދައިގެން ޓީޗަރެއްގެބުރަމަސައްކަތްކުރާ ބޭފުޅުންނާއި ޕުރިސިޕަލުން ނަން 8000ރުފިޔާ ޑޮކުޓަރަކަން 11000ރުފިޔާ މީއިންސާފުތޯ ކޮބައިތޯ ތަޢުލީ މީފެންވަރާ ތަޢުލީމަންހޭދަކުރި ވަގުތާއި ކުރާމަސްއްކަތުގެ އަގު މިކަންތެއްތެއް އަޅައިކިޔައިލަބަލަ ޤައުމުގެ މަސްލަހަތު ހަލާކުކުރަނީކޮންބަޔެއްކަން އަމިއްލަފުޅައް ވިސްނާލަބަލ؟

    ބުރާސްފަތި، މާޗް 5 2009، 11:20
  2. އެއީ މުޅިންވެސް ސިޔާސީ ބޭނުމުގައި ކުރާ ކަމެއް. ވަކި ބަޔަކު އަޑީގައި ތިބެގެން ކުރުވާ ކަމެއް. މިގައުމުގައި ވަޒީފާތަކުން މީހުން މަދު ނުކުރާތީ ޝުކުރު އަދާ ކުރަންޖެހޭ.

    ބުރާސްފަތި، މާޗް 5 2009، 11:29
  3. l ލިއުމަށް މަރުހަބާ!ނަމަވެސް ލުއުންތެރިޔާ ވިސްނާލަން ޖެހޭކަންތައްތަކެއް އެބަހުރި ޑޮކުޓަރުންނަކީ 8 އަހަރުގެ ކިޔެވުމަށްފަހު ގައުމަށް ޚިދުމަތްކުރާބައެއް އެބޭފުޅުންނަށް ލިބޭމުސާރައަކީ 11000 ރުފިޔާ ޓީޗަރުންނަކީ ސީދާ އެކަމާބެހޭ ތަމްރީނުލިބިގެން ޚިދުމަތް ކުރާބައެއް މާސްޓާރސް ހެއްދެވުމަށްފަހު ވަޒީފާއަށް ވަންނަ ޓީޗަރެއްގެ މުސާރައަކީ 8695ރުފިޔާ މަގުމަތިން ހޯދާފައި ވަޒީފާދޭ ރަށު ކައުންސެލަރެއްގެ މުސާރައަކީ 15000 ރުފިޔާ މިއީ ޢާންމުކޮށް ރައްޔަތުންނަށް އެގޭ ޒިންމާދާރުކަމެއް.

    ބުރާސްފަތި، މާޗް 5 2009، 12:09
  4. ކުރީގެ ސަރުކާރުން ކޮށްފައިވާ ނުރަނގަޅުކަންތަކުގެ ހިތިރަހަޔާއި ނުބައިވަސް ދިވެހިރާއްޖެއިން ފުހެވުނުދުވަހަކުން ރާއްޖޭގެ ޙާލަތު ރަނގަޅުވާނެ. ކުރީގެ ސަރުކާރުގައި ތިބިވެރިންގެ ދޯހަޅި ހިންގުމުންނާއި ނުލަފާކަމުން ނަގާފައިވާ ނާޖާއިޒުފައިދާ ނެގުން އަނބުރާ ގެނައުމަށް ކުރާ އެކިއެކި މަސައްކަތުގެ ނަތީޖާ މިފެންނަނީ! ދިވެހިން މައުމޫނުގެ ދަޅަޔަށް ނުހެއްލޭނެކަން އޭނަގެ ސަރުކާރުގެ މީހުނަށްއަދިވެސް ޤަބޫލުކުރަންދަތި. އެބަޔެއްގެ ޙާލަތު ނިޔާކުރައްވާނީ އެބަޔަކު އެބަޔެއްގެ ޙާލަތު ނިޔާކުރަންބޭނުންވާގޮތަކަށް. ދިވެހިން މިކަން ހަނދާން ބަހައްޓައި ވިސްނުން ރަނގަޅުކޮށް ރަނގަޅު ޙާލަތަށް ގެންނަން އެދޭނަމަ، އެކަންވާނެ. ވިސްނާ

    ބުރާސްފަތި، މާޗް 5 2009، 12:17
  5. ކީއްވެތަ ތިބުނާ މުސާރަ ކުޑަވެގެން މިދިޔަ އަހަރު ތިބަޔަކު ހަޅުތާލުނުހެދީ. އޭރު ހަޅުތާލު ހަދާވަރަށް މުސާރަ ކުޑަ ނޫނީތަ؟ ނޫނީ މިހާރު ހަޅުތާލުތިކުރަނީ ބައިގަނޑެއް ފަހަތުގަ އޮވެގެން ވަކި މަގްސަދަކަށްތަ؟ ވެރިކަމެއް ނުވެއްޓޭނެ ކިތަންމެ ހަޅުތާލެއްކުރިޔަސް. ހަމަ ތިބެންޖެހޭނީ...

    ބުރާސްފަތި، މާޗް 5 2009، 12:42
  6. އޮޅުވާ ނުލައްވާ، ޓީޗިން ޑިޕްލޮމާ ކޯސް ހަދަނީ 1 ނުވަތަ 2 އަހަރުން. ޑިގްރީ ހަދަނީ 3 އަހަރުން. މާސްޓާސް ހަދަނީ ޖުމުލަ 4 އަހަރުން. 4 އަހަރުވެސް ހިނގަނީ މެދު ނުކެނޑި ޑިޕްލޮމާއިން ފެށިގެން ހަދަން. ޑިގްރީ 3 އަހަރަކީވެސް ޑިޕްލަމާ އަހަރުތަކާ އެކީ ގަ ގުނާ އަހަރުތަކެއް. އެހެންވީމަ އޮޅުވާ ނުލައްވާ. ޓީޗަރުންނަށް ހަމަ ލިބެނީ ހައްގު އަދަދު. ސިޔާސީ ބޭނުންތަކަށް ދޮގުތައް ފެތުރުން ހުއްޓާލާ. މިއީ ގައުމުގެ ގޮވުން. އެގޮވުން ތަކަށް އިޖާބަދީ.

    ބުރާސްފަތި، މާޗް 5 2009، 12:58
  7. މުހިސިނުއާއި ތިއުޅޭ ލަތީފްމެން ސިވިލްސާރވީސްއިން އިސްތިއުފާދިނުންނުން ރަންގަޅުގޮތެއްނެތް މިހެންމިބުނީ އެމީހުން އުޅެނީ އަބަދުވެސް ކަންކުރަނީ ކުރީގެ ޤައުމުގެ ވެރިކަންކުރި މީހުންގެ އެދުމުގެ މަތިންނެވެ. އެހެންވެ ލަތީފްވެސް އިސްތިއުފާދީ އަދި މުހިސިނުވެސް އިސްތިއުފާދީ އެއަރުން ތިކަން ރަންގަޅުވާނެ

    ބުރާސްފަތި، މާޗް 5 2009، 13:13
  8. lިޓީޗަރުންނާއި ޑޮކްޓަރުން އަދި ނަރުހުންގެ ޒިންމާ ހާމަކޮށްދިނުމަށް ލިޔުންތެރިޔާ މަސައްކަތްކުރެއްވިއިރު، އެމީހުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށް ހިތުގައި ކުޑަވެސް މިންވަރެއް ނެތް. ސިޔާސީ މަޤާމުތަކުގޮތުގައި މިސަރުކާރުން އުފެއްދި ރަށު ކައުންސިލުތަކުގައި ތިބި "އުޑެއް ބުޑެއް ނޭންގޭ ގޮނބާ" ތަކަށް 1600 ރުފިޔާ ދޭއިރު، ކިޔަވައިގެން ތިބި މީހުންނަށް އޭގެ ދެބައިކުޅަ އެއްބައިތޯ ޙައްޤުވާނީ. ވަކިފަރާތަކަށް ބުރަވެ ތިބރ ކުރެވޭ މިފަދަ ނޫސްވެރިކަމުގެ ސަބަބުން މުޖުތަމަޢުގައި މިއަދު ކިޔަވައިގެންތިބި މީހުންގެ ޙައްޤުތައް ނެތިދާކަން ހަނދާންކޮށްދެން.

    ބުރާސްފަތި، މާޗް 5 2009، 13:23
  9. މަޖޫރީ ޕާރްލިމެންޓުގެ 50 މީހުން އަމިއްލަޔައް ރައްޔިތުންގެ ފައިސާ އިން ބޮޑުމުސާރައެއް ނަގަން ފެށީމަ ރައްޔިތުން އެހެން މަޑުން ތިބެން ޖެހޭތޯ! ރައްޔިތުންގެ ފައިސާ ރައްޔިތުންނައް ވެސް ލިބެންޖެހޭނުންތޯ ؟ ހަމައެކަނި ފައިސާ ލިބެންޖެހެނީ 50 މަޖޫރީންނަތޯ؟

    ބުރާސްފަތި، މާޗް 5 2009، 13:39
  10. ޓީޗަރުންވެސް ޑޮކްޓަރުންވެސް ނަރުހުންވެސް ހަޅުތާލުކުރާ އެންމެބޮޑު މައްސަލަޔަކީ އިންސާފެއް ނެތުން. މިއިންސާފު އެންމެފުރަތަމަ ނަގާލި ބަޔަކީ މަޖްލިސްމެންބަރުން. އެހީސާބުންފެށިގެން ސިޔާސީ ބޭނުންތަކުގަޔާއެކު ވަކިބަޔަކަށް ބޮޑުމުސާރަދީދީ ބަޖެޓުގައި ހުރި ފައިސާކޮޅު ހުސްވާއިރު އަދިވެސް ކަންބޮޑުވަނީ ބަޔަކު ހަޅުތާލުކޮށްފާނެތީ. ތިމަންނާމެން ކުރާކަންތައްތައް ތަންކޮޅެއް އިންސާފުވެރި ގޮތަކަށް ހަމަހަމަކޮށް މުސާރައިގެ ކުރިއެރުންދޭނަމަ، މިވަރެއްނުވީސް.

    ބުރާސްފަތި، މާޗް 5 2009، 14:19
  11. އެއްވެސް އެއްޗެއް ކިޔުމުގެ ބޭނުމެއްނެތް... އަޑެއްނީވޭނެ.. މިއީތޯ ދިވެހިންނަށް ގެނެސްދެއްވި ހެޔޮ ވެރިކަން.. ޖަޒިރާ ނޫހަކަށް މިހާރުގެ ސަރުކާރުގެ އެއްވެސް ގޯސްކަމެއް ނުފެންނާނެ.. އިނގޭނޫންތޯ ނޫހުގެ ކުލައިންވެސް. މީހުން މުޒާހަރާ ކުރަނީ އެހެން ގޮތެއް ނެތިގެން. މޮޅެތި ލިޔުންތައް ލިޔުނަކަސް ނުނިމޭނެ...

    ބުރާސްފަތި، މާޗް 5 2009، 14:23
  12. ވަރަށް ރަނގަޅު އިބްރަތްތެރި ލިޔުމެއް. ކޮމެންޓް ކުރާއިރު ތަންކޮޅެއް ހަމަޖެހޭ ގޮތަކަށް ކުރޭ، މުދިމަށް ސާދަހާސް، ޑޮކްޓަރަކަށް އެގާރަ ހާހޭ ނުކިޔާ، ރަނގަޅަށް މައުލޫމާތު ހޯދައިގެން ކޮމެންޓް ކުރުމަށް ނަސޭހަތްތެރިވަން. ފިތުނަ ނުއުފައްދާ!

    ބުރާސްފަތި، މާޗް 5 2009، 15:18
  13. އަސްލު ހަގީގީ ނަޒަރަކުން ބަލައިފިނަމަ ޑަކްޓަރުންގެ މުސާރަވަރަށް ކުޑަ އޭގެ މިސާލެއްގެ ގޮތުން މެޑިކަލް އޮފިސަރެއްގެ މުސާރަ އާއި އެހެނުހެން އެލަވަންސް ތައްލައިގެން ކުރީގައި ލިބޭ 17000ރ އެކަމަކު މިހާރު އެބޭފުޅުންނަށް މިލިބެނީ ރ12000 މީއިންސާފުތޯ އެބޭފުޅުން އެކަންތައްކުރީ ވަރއް ރަނގަޅަށް.މުސާރަ ބޮޑުކުރީއޭ ކިޔާފަ މުސާރައަށް ތަންކޮޅެއް ބޮޑު ކޮއްފަ ހުރިހާ އެލަވަންސް އެއް ކަނޑާލީ މީމިކުރި ކަމަކީ މީ ވަރަށް ދެރަކޮށް ވަރަށް ނާއިންސާފުން ކޮށްފައިވާ ކަމެއް މިކަމަށް އަލުން ވިސްނަވާ ހައްލެއް ލިބޭނެކަމަށް ހީކުރަން

    ބުރާސްފަތި، މާޗް 5 2009، 16:02
  14. މައްސަލައަކީ މުސާރަ ބޮޑު ނުކުރުމެއްނޫނެވެ. މައްސަލައަކީ މުސާރައިގެ ތަފާތު ބޮޑުކަމެވެ. މުޅިދުނިޔެ އިޤްތިސާދީ އަނދަވަޅަކަށް ވެެއްޓިފައި އޮތް އިރުވެސް މެންބަރުންނަށް 62500 އަދި ސްޓޭޓް މިނިސްޓަރުންނަށް ވެސް 50000 އަދިހަމަ މިނިސްޓަރުންނަށް ވެސް 60000 ގާތް ގަޑަކަށް ލިބެއެވެ. ވީއިރު މާލޭގެ ކުލި ދަނީ މައްޗަށެވެ. ތަކެތީގެ އަގު ދަނީ ދުވަހެއް ދުވަހެއް ބޮޑުވަމުންނެެވެ. ވީއިރު ނުކައި ނުބޮއެ އުނު އޮރިޔާން ނިވައި ނުކޮތް ވަޒީފާ އަދާ ކުރާނީ ކިހިނަކުންތޯއެވެ. ގޯތި ގެދޮރަށް ވެސް ހައްލެއް ލިބިފައިވާ ނަމަތާއެވެ. ކޮންެމެ ޖަލްސާައަކު 10،000 ނުވަތަ 20،000 ނުވަތަ އެއްލައްކަ ފްލެޓް އަޅައިދޭނަމޭ ވިދާޅުވަނީއެެވެ.އެވަޢުދުތަކަށް އަމަލީ ސިފައެއް ފެންނަ ތަނެއް ނާދެއެވެ. އަދިވެސް ތިޔަ ވިދާޅު ވަނީ ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި އެހެނިހެން ސީވިލް ސާރވެންޓްްން ހަމަ ކެތްތެރިވާށެ ތޯއެވެ. 'މުޒާހަރާ' އަކީ މިއަދުގެ ސަރުކާރު އެއެއްގެ ޙައްޤު ހޯދުމަށް އޮތް އެންމެ ރަނގަޅު ވަޞީލަތް ކަމަށް ނަމޫނާ ދައްކަވާފައެވެ. ޑރ.ހަސަން ވެސް ވިދާޅުވެފައި ވެއެވެ. އެމީހެއްގެ ހައްޤު ހޯދަން ޖެހޭނީ މަސައްކަތް ކުރާށެވެ. އެޙައްޤު ތަބަަކަކަށް ލައިގެން އައިސް މީހަކު ނުގެނެސްނޭނެއެވެ. އެހެންވީމާ އަޅުގަނޑަށް އެބޭފުޅުން އެކުރައްވަމުންދާ މުޒާހަރާގައި އެއްވެސް މައްސަލައެއް ހުރިކަމަކަށް ނުފެެނެއެވެ. އެއީ ޙައްގު ހޯއްދަވަން ހައްގު ގޮތުގައި ކުރައްވާ ހައްގު ޖިހާދެކެވެ. މ.ޝ

    ބުރާސްފަތި، މާޗް 5 2009، 16:41
  15. އަލީ ސަވާދުމެން ފަދަ ބޭފުޅުންނަށް ކަންތައްތައް ބަލައިގަނެވޭ ގޮތުން ހަމަ ހައިރާންވަން. ގައުމެއްގެ އިގްތިސާދު ދަށްވެގެން އުޅޭއިރު މުސާރަ ކުޑަވާންވީ ވަކި ބަޔަކަށް ހެއްޔެވެ. އާއްމުންނަށް ހުރިހާ އެންމެންވެސް ކުރަނީ ޚިދުމަތެވެ. އެކަމަކު ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް މުސާރަތައް ކަޑައެޅިފައި ހުންނަނީ ވަކި ހަމައަކުންނެވެ. ދޭ ޚިދުމަތާއި އެޚިދުމަތެއް ދިނުމަށް ތައްޔާރުވާން ކުރަންޖެހޭ މަސައްކަތަކަށް ބިނާކޮށްފައެވެ. އަދި އެކަމުގައި ހުރި އުދަގޫކަމާއި ޚިދުމަތުގައި ތިބޭއިރު ނަގަންޖެހޭ ޒިންމާއަށް ބިނާކޮށްފައެވެ. ރާއްޖޭގައި މިހުރިހާ ކަމެއް މިއޮތީ އިދިކޮޅަށެވެ. ހުރިހާ ޓީޗަރުންނާއި ނަރުހުންނާއި ޑޮކްޓަރުން އެމީހުންގެ މަސައްކަތް ހުއްޓާލާފައި މުދިމުކަން ކުރިއަށްވެސް މިއަށްވުރެ ރަގަޅުވާނެއެވެ. މިފަދަ ލިޔުންތައް ނޫސްތަކުގައި މިލިޔަނީވެސް ކޮންމެވެސް ސިޔާސީ މީހެއްގެ ނުފޫޒުގައެވެ.

    ބުރާސްފަތި، މާޗް 5 2009، 18:19
  16. ކޮންމެ މީހަކު ވެސް ފީލްޑް ސެލެކްޓްކުރަނީ އެމީހަކު އިންޓަރެސްޓް ހުންނާތީ ދޯ! ހިއެއްނުވޭ މުސާރައަށްބަލާގެން ހެނެއް. ތިގޮތަށް ޑޮކުޓަރުންނާއި ޓީޗަރުންނަށް އިނާޔަތް ކުޑަވެގެން ނުވަތަ މުސާރަ ކުޑަވެގެން ޝަކުވާ ކުރާއިރު ދެންތިބި ކުދިން ކިޔަވައިގެންތިބީ ޕުރޮފެޝަނަލް ދާއިރާތަކަކުން ނޫންހެއްޔެވެ. މިސާލަކަށް އައިޓީ ދާއިރާއިން ކިޔަވާގެންތިބި މީހުން މުޒާހަރާކުރަންވެއްޖިއްޔާމު ތިތިބަ ހުރިހާއެންމެނަށް ވުރެ އެމީހުންގެ ސައިޑް މޮޅުވާނެކަން ޔަގީން.

    ބުރާސްފަތި، މާޗް 5 2009، 20:13
  17. ޖަޒީރާއަކީ މިހާރު މިޤައުމުގައި ފިތުނަ އުފައްދާ މިހާރުގެ ސަރުކާރު ދިފާޢުކުރުމުގައި ވަރަށް ރަނގަޅަށް މަސައްކަތްކޮށްދޭ ފަރާތެއްކަން ޝުކުރުވެރިކަމާއެކު ފާހަގަކުރަން. އަދި މިފަދަ ލިޔުންތަކަށް ކޮމެންޓް ކުރާ ބޭފުޅުންވެސް އެފަދަ ފިތުނަ އުފައްދާ މީހުންނަށް އޮޅުވާލަން މަސައްކަތްކުރާކަން ފާހަގަކުރަން. މިސްކިތު ބަންގިގޮވާ މީހާއަށް 14 ހާސް ރުފިޔާ ލިބެއޭ ބުނެ މިފަދަ ދޮގުވާހަކަ ކަނޑައެޅިގެން ދައްކެކުމަކީ ކިހާވަރެއްގެ ކަމެއްތޯ ކޮމެންޓު ލިޔުނު މީހަކު ވިސްނާލާފައެއް ނެތް. އެމީހުން އެމަސައްކަތްކުރަމުން އަމިއްލަ އިތުރު މަސައްކަތެއްކުރުމާއި، ގޭތެރޭގެ މަސައްކަތްކުރަމުންދާ އުނދަގޫ ގޮތްތައް ވިސްނެނީ ކިތައް މީހުންނަށްތޯ ސުވާލު އުފެދޭ! އެހެންވީމާ ލިޔާ އެއްޗެއް ރަނގަޅު ޞައްޙަ މަޢުލޫމާތު ހޯދުމަށްފަހު ލިޔުން މުހިންމު. ހަމަ އެގޮތަށް ޓީޗަރުންނާއި ނަރުހުންނަށްވެސް ރަނގަޅު މުސާރައެއް ލިބެންޖެހޭނެ. އެމީހުން އެހޯދުމަށް މަސައްކަތްކުރެވުނު ގޮތަކަށް މަސައްކަތް ކުރަންޖެހޭނެ. ސަރުކާރުގައި ފައިސާގެ ދަތިކަން އެނގެނީ ސަރުކާރުގައި މަސައްކަތްކުރާ ސިވިލް ސާވަންޓުންނާއި، ސިޔާސީ ނޫން މީހުންގެ މުސާރަ ބޮޑުކޮށް ރަނގަޅު އެއްޗެއް ދޭންވީމާ. ސިޔާސީ މަގާމެއް އުފައްދާފަ ބޮޑު މުސާރަ ދިނުމާއި، މިނިސްޓްރީތަކަށް ސްޓޭޓް މިނިސްޓަރުންނާއި، ނައިބުންނާއި، މިމަގާމުތަކާއި އެއްފެންވަރުގެ މަގާމްތައް އުފައްދަން ވީމާ ސަރުކާރުގައި ފައިސާހުރޭ. އެހެންވީމާ ޓީޗަރުންނާއި ޑޮކްޓަރުންނަށް އެމީހުންނަށް ކުރަންޖެހޭ މަސައްކަތަކީ ރިސްކީ މަސައްކަތަކަށްވާތީއާއި، ބޮޑު ޒިންމާއެއް އުފުލަންޖެހޭ ކަމަކަށްވާތީ އެބޭފުޅުންނަށް ކުރިން ލިބެމުންއައި އެއްޗަކުން މަދުވެފައިވާ މިންވަރު ކޮންމެ ގޮތަކަށްނަމަވެސް ހޯދުމަށް މަސައްކަތްކުރުމަކީ އެންމެ ރަނގަޅުކަމެއް. އަދި އެކަން ކުރުމަށްވެސް ގޮވާލަން.

    ބުރާސްފަތި، މާޗް 5 2009، 21:48
  18. ޑޮކްޓަރެއްގެ ކައިރިން ޑޮކްޓަރުކަން ކިޔަވަން ޤަސްދުކުރީ ކީއްކުރަންތޯ ސުވާލުކޮށްބަލާށެވެ. އެމީހުން ބުނާނީ އިންސާނިއްޔަތަށް ޚިދްމަތް ކުރަން ބޭނުންވާތީ ކަމަށެވެ. ބޮޑުމުސާރަ ހޯދުމަށޭ އޭގެތެރެއިން އެކަކުވެސް ބުނިއަޑު އިވިފައެއް ނެތެވެ. ޞިއްޙީ ދާއިރާއަކީ މަދުލާރި ލިބޭ ދާއިރާއެއްނަމަ ގިނައިން ލާރި ބޭނުމިއްޔާ އެހެން ދާއިރާއެއް ޚިޔާރުކުރަންވީނޫން ހެއްޔެވެ. އެ މީހުން އެދާއިރާ ޚިޔާރުކުރީ ސަރުކާރުން ބުނެގެންހެއްޔެވެ. އޭރަކު ހުންނެވި ރައީސަކު ބުނެގެން ހެއްޔެވެ. ނޫނީ ސިވިލް ސަރވިސްއިން ބުނެގެން ހެއްޔެވެ.

    ހުކުރު، މާޗް 6 2009، 00:01
  19. ސަރުކާރަށް ވިކިފަ ތިބި ބައެއްނެރޭ ނޫހެއްގަ ދެން މިކަހަލަގޮތަކަށް ލިޔުންތަށް ހުންނާނީ...ކޮމެންޓްވެސް ޖަހަނީ އެބީދައިން..

    ހުކުރު، މާޗް 6 2009، 16:06
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv