
ރައްޔިތުން މަޖިލީހުގެ އިންތިހާބު މެއި މަހުގެ 9ވަނަ ދުވަހު ބާއްވާގޮތަށް ހަމަޖައްސާ, ކުރިމަތިލުމުގެ ފުރުސަތު ހޮނިހިރު ދުވަހު ހުޅުވާލަނީ
ރައްޔިތުން މަޖިލީހުގެ އިންތިޚާބު މޭ މަހުގެ 9ވަނަ ދުވަހު ބާއްވާގޮތަށް ހަމަޖައްސައި, ކުރިމަތިލުމުގެ ފުރުޞަތު އަންނަ ހޮނިހިރު ދުވަހު ހުޅުވާލާގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާ އެކަން މިއަދު އިއުލާން ކޮށްފި އެވެ.
މިއަދު މެންދުރު ފަހު, ދަރުބާރުގޭ ފަންސަވީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު އިބްރާހީމް ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ މިމަހުގެ 7ވާ ހޮނިހިރު ދުވަހު ކަމަށާއި އެ ދުވަހުގެ ހެނދުނު ނުވައަކުން ފެށިގެން މި މަހުގެ 22ވަނަ ދުވަހުގެ މެންދުރު ފަހު ތިނެއް ޖަހަންދެން އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މުހަންމަދު އިބްރާހިމް ވިދާޅުވީ އިންތިޚާބާ ބެހޭ ގޮތުން ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއި ފޯމްތައް ހުށަހެޅުމަށް ހަމަޖެހިފައިވަނީ ކުރިން ނަސަންދުރަ ޕެލަސް ހޮޓާ ހިންގި އިމާރާތުގައި ގާއިމުކޮށްފައިވާ އިންތިޚާބާ ބެހޭ މައި މަރުކަޒަށް ކަމަށެވެ.
މުހަންމަދު އިބްރާހިމް ވިދާޅުވީ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ބޭނުންވާ ބަޖެޓް ހަމަޖެހިފައިވާ ކަމަށާއި އެކަމަށް އެއވެސް ދައްޗެއް ނުވާކަމަށެވެ.
” ސަރުކާރުން އެކަންވަނީ ފަހިކޮށްދެއްވާފައި. އެކަމުގައި އެއްވެސް ދައްޗެއް ނުވޭ. ރިޔާސީ އިންތިޚާބަށް ހިނގި ޚަރަދަށް ވުރެ ކުޑަ ޚަރަދަކުން މި އިންތިޚާބު ނިންމާލެވޭނެ ކަމަށް އަންދާޒާ ކުރަނީ.“ މުހަންމަދު އިބްރާހިމް ވިދާޅުވި އެވެ.
ކުރިއަށް އޮތް އާންމު އިންތިހާބުގެ ވޯޓު ނެގުން އޮންނާނީ މެއި މަހުގެ ނުވަ ވަނަ ދުވަހުގެ ހެނދުނު 9:00ން އެ ދުވަހުގެ ރޭގަނޑު 8:00އަށް ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުންވަނީ އިއުލާން ކޮށްފަ އެވެ.