ގައުމީ ޓީމުގެ ކުޅުންތެރިންނަށް މުސާރަދޭ އުސޫލަށް ބަދަލު ގެންނަނީ

މުހައްމަދު ޝަނޫން މާޗް 4 2009، 16:02 0 ޚިޔާލު

ޤައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ފައިސާ ދިނުމުގައި ކުރިން ގެންގުޅެމުން އައި އުސޫލު ބަދަލުކޮށް އާ ގޮތަކަށް އެކަން ހަމަޖައްސަމުންދާ ކަމަށް އެފް އޭ އެމުން ބުނެފި އެވެ.

އެފް އޭ އެމުގެ ޕްރެޒިޑެންޓް އަލީ އާޒިމް ވިދާޅުވީ މިއަހަރުން ފެށިގެން ފައިސާދޭނީ އާ އުސޫލުން ކަމަށާއި މުބާރާތެއް ނެތްނަމަ ފައިސާ ނުދޭ ގޮތަކަށް އެކަން ހަމަޖައްސަން ޚިޔާލު ކުރާ ކަމަށެވެ. ”މިހާރުގެ އުސޫލުގެ ދަށުން ކުޅުންތެރިންނަށް އެއްވެސް މެޗެއް ނުކުޅެ ދުވަސްތަކެއް ދިޔަޔަސް ފައިސާ އެބަލިބޭ.“ އާޒިމް ވިދާޅުވިއެވެ. 2005ވަނަ އަހަރުންފެށިގެން ޤައުމީ ޓީމުގެ ކުޅުންތެރިންނަށް ސަރުކާރުން ފައިސާ ދެމުން އަންނައިރު އޮފް ސީޒަނަށްވެސް ފައިސާ ލިބެއެވެ. އަދި ރާއްޖޭގެ މުބާރާތްތައް މެދުކެނޑިފައި އޮންނަ ދުވަސްވަރަށްވެސް އައީ ފައިސާ ދެމުންނެވެ.

ޤައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް މުސާރަ ނުލިބޭތާ ހަ މަސްވެއްޖެކަމަށް ޖަޒީރާ ނޫހުގައި ލިޔެފައިވާ އާޓިކަލް އާއި ބެހޭ ގޮތުން ކުޅިވަރާ ބެހޭ މިނިސްޓްރީން އިއްޔެވަނީ ނޫސް ބަޔާނެއްވެސް ނެރެފައެވެ.

މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނުގައިވަނީ އެ ޚަބަރުގައި އެފް އޭ އެމުގެ ރައީސް އަލީ އާޒިމް ދެއްވާފައިވާ ބައެއް މައުލޫމާތު ތަކަކީ ރަނގަޅު މައުލޫމާތުތަކެއް ނޫން ކަމަށެވެ. އެގޮތުން ޤައުމީ ޓީމުގެ ކުޅުންތެރިންނަށް މުސާރަ އެފް އޭ އެމަށް ފޮނުވާފައިވަނީ ނޮވެމްބަރމަހާ ހަމައަށް ކަމަށް އާޒިމް ވިދާޅުވެފައިވާ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. ”މި މިނިސްޓްރީގެ ރެކޯޑްތަކަށް ބަލާއިރު 1 ޖުލައި 2008ން 31 ޑިސެމްބަރ 2008ގެ ނިޔަލަށް ޤައުމީ ފުޓްބޯޅަ ޓީމުގެ 23 ކުޅުންތެރިންގެ މުސާރައަށްވާ ފައިސާ 28 ސެޕްޓެމްބަރ 2008ވަނަ ދުވަހު ފުޓްބޯޅަ އެސޯސިއޭޝަނާ ވަނީ ހަވާލު ކުރެވިފައެވެ. އަދި 1 ޖުލައި 2008ން 31 ޑިސެމްބަރ 2008ގެ ނިޔަލަށް ޤައުމީ ފުޓްބޯޅަ ޓީމުގެ 8 އޮފިޝަލުންގެ މުސާރަ ފައިސާ 6 ނޮވެމްބަރ 2008ވަނަ ދުވަހު ވަނީ ފުޓްބޯޅަ އެސޯސިއޭޝަނާ ހަވާލު ކުރެވިފައެވެ. ވީމާ 2008ވަނަ އަހަރުގެ ޤައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ދޭންޖެހޭ ފައިސާ މިނިސްޓްރީން ފުޓްބޯޅަ އެސޯސިއޭޝަނަށް ނުފޮނުވާ އޮވެގެން ނުދެވިއޮވެގެންވާނޭ ކަމަށް މި މިނިސްޓްރީއަކުން ޤަބޫލެއް ނުކުރަމެވެ.“ މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ބަޔާނުގައިވަނީ ” 2009ވަނަ އަހަރު ޤައުމީ ޓީމަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ އާ ބެހޭ ގޮތުންވެސް ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ވަނީ މިނިސްޓްރީގެ ސްޕޯޓްސް ޑިޕާޓްމަންޓާ މަޝްވަރާ ކުރައްވާފައެވެ. އަދި މި މަޝްވަރާގައި ޤައުމީ ޓީމުގެ ކުޅުންތެރިންނަށް ކުރިއަށް އޮތްތަނުގައި މުސާރަ ދިނުމުގައި އަމަލުކުރާނެ އުސޫލެއް ހަމަޖައްސަވާފައި މިނިސްޓްރީއަށް ފޮނުއްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އަދި އެ ވިދާޅުވި އުސޫލު މިނިސްޓްރީއަށް އަދިވަނީ ނުލިބިއެވެ. ޤައުމީ ޓީމުގެ މުސާރަ ފައިސާ މިމިނިސްޓްރީން ފުޓްބޯޅަ އެސޯސިއޭޝަނަށް އަބަދުވެސް ފޮނުވަނީ އެއެސޯސިއޭޝަނުން އެކަމަށް އެދުމުންނެވެ. ވީމާ, 2009ވަނަ އަހަރުގެ ފައިސާވެސް, މުސާރަ ދިނުމަށް ހަމަޖެހިފައިވާ އުސޫލާއެކު, ފުޓްބޯޅަ އެސޯސިއޭޝަނުން ހުށަހެޅުއްވުމުން ފޮނުވާނެ ވާހަކަވެސް ދެންނެވީމެވެ.“ ދެ ސަފްހާގެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

މީގެ އިތުރުން ޖަޒީރާގައި ޚަބަރު ޝާއިއުކޮށްފައިވާއިރު ސްޓޭޓް މިނިސްޓަރ ހާމިދު އަބްދުލް ޤަފޫރު ދެއްކެވި ވަރަށް މުހިއްމު ވާހަކަތަކެއް ހިމަނާފައިނުވާ ކަމަށްވެސް މިނިސްޓްރީގެ ނޫސް ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.

އާޒިމް މިއަދު ވިދާޅުވީ ޑިސެމްބަރގެ ފައިސާ ލިބިފައިވާ ކަމަށާއި ފަހުން އެކަން ބެލިއިރު އެފައިސާ ލިބިފައިވާ ކަމަށް ލިޔުންތަކުން ދައްކާ ކަމަށެވެ. ” ކުރީގެ މަސްތަކަށް ކުޅުންތެރިންނަށް ފައިސާ ނުދީހުރީމަ އެ ފައިސާއިން ކުރީގެ މަސްތަކަށް ފައިސާ ދީފަ ވާނީ. އަދި އުސޫލެއް ހަމަޖައްސާ އެކަންތައް މިނިސްޓްރީއަށް ހުށަހެޅުމުގެ މަސައްކަތް މިދަނީ ކުރަމުން“ އާޒިމް ވިދާޅުވިއެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv