

އާސަރުކާރުގެ ރިޔާސީ ބަޔާނުން ބާސަރުކާރުގެ ވަތުބަތާނަ
”މިފަހަރު އިތުރަށް ހަރުދަނާ ކުރުމެއް, އިތުރަށް ތަރައްޤީ ކުރުމެއް, ވައުދުމައްޗަށް ވައުދެއް ނެތް ދޯ. ވެދާނެ އާ ރައީސެއް ވީމާ އެރައީސްގެ ފުރަތަމަ އަހަރު ކަމަށް ވީމަކަމަށްވެސް“ އެކުގައި އުޅުނު ނޫސްވެރިއަކު ބުނެލިއެވެ.
ތެދެކެވެ. ނިމިގެންދިޔަ 30 އަހަރުގެ ސަރުކާރުން މިފަހަކަށް އައިސް ޚާއްޞަކޮށް ފަހުދެއަހަރު ނުވަތަ ތިން އަހަރު އިއްވެވި ރިޔާސީ ބަޔާނުގައި އެންމެގިނައިން ބޭނުންކުރި ޖުމްލައަކީ ”އިތުރަށް ހަރުދަނާކުރުން ނުވަތަ އިތުރަށް ތަރައްޤީ ކުރުމެވެ.“ އޭގެ އިތުރަށް އޮތީ ވައުދުމައްޗަށް ވައުދުވުމެވެ.
މިދިޔައަހަރުގެ ރިޔާސީ ބަޔާނަށް ބަލާއިރު ފާހަގަކޮށްލެވޭ ބައެއް ކަންތައްތަކުގެ ތެރޭގައި ރައްޔިތުންނަށް ހެލްތުއިންޝުއަރެންސް ސްކީމް ތައާރަފް ކުރުމާއި, ސުނާމީގައި ހާލުގައިޖެހިފައިތިބި މީހުން ދާއިމީ ހިޔާތަކަށް ބަދަލުކޮށް ނިންމުމާއި, މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން ޔުނިވަރސިޓީއަކަށް ބަދަލުކުރުމާއި, ބޯހިޔާވަހިކަމުގެ ސިޔާސަތު އެކުލަވާލާ ތަންފީޒް ކުރުމާއި, އާބާދީ ތަރައްޤީ އެއްފަސްކުރުން އަދި ބަނދަރު ނުހެދޭ ހުރިހާ ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ފެށުން ފަދަ ކަންކަމަކީ އޭގެ ކުރީ ދެއަހަރުވެސް ތަކުރާރު ކުރެއްވި ވައުދުތަކެވެ.
މިކަކަން ނިންމާނުލެވެނީސް މިދިޔައަހަރުގެ ނޮވެމްބަރު 11ގައި ރައްޔިތުން އޭރުގެ ރައީސް ދުރުކޮށް އެހެން ރައީސަކު އެވަނީ އިންތިޚާބުކޮށްފައެވެ. އިއްޔެމީ އެސަރުކާރުގެ އާ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނުގެ ރިޔާސީ ބަޔާން އިއްވެވި ދުވަހެވެ.
ވެރިކަމާ ހަވާލުވުމާއެކު, ”ނާކާމިޔާބުގައި ހިތްވަރު ގަދަކޮށް, ކާމިޔާބުގައި ހިތްތިރިކުރުމަށް“ ގޮވަލައްވަމުން އައި ނަޝީދުގެ ރިޔާސީ ބަޔާން ވެގެން ދިޔައީ އިހުއޮތް ސަރުކާރަށް އުއްކެވި އޮއްގައު ތަކަކަށެވެ. ސަރުކާރުގެ ބިތުފަންގި ނަގައި, 30 އަހަރުވީ ވެރިކަމުގެ ވަތުބަތާނަ ހާމަކޮށްލި ރިޔާސީ ބަޔާނަކަށެވެ.
”މައުމޫނުވެސް އިންނަވާނެތާ އެބަޔާން ބަލަން. ނޫނޭވާ އަޅާލައިފި“ ރިޔާސީ ބަޔާން ޓީވީން ބެލި އެމްޑީޕީގެ އެކްޓިވިސްޓަކު ބުންޏެވެ.
ނަޝީދުގެ ރިޔާސީ ބަޔާނުގައި މައިގަނޑުގޮތެއްގައި ދެއްކެވީ ތިން ވާހަކައެކެވެ. ރާއްޖޭގެ އިޤްތިސާދު ވަރަށް ނާޒުކު ވަޅުގަނޑަކަށް ވެއްޓިފައިވާ ވާހަކައާއި އެވަޅުގަނޑަށް ވެއްޓުނު ގޮތާއި އެވަޅުގަނޑުން ނަގައިދުނުމަށް މިސަރުކާރުގެ ހިތްވަރު ހުރިކަމުގެ ވާހަކައެވެ.
އެގޮތުން ނަޝީދު ވިދާޅުވީ ރާއްޖޭގައި ތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވެފައިވަނީ ކުރީގެ ސަރުކާރުން އިތުރަށް ފައިސާ ޗާޕް ކުރުމުގެ ސަބަބުން ޑޮލަރު ލިބުން ދަތިވެފައިވާތީކަމަށެވެ. އަދި އެކަމުގެ ސަބަބުން މިދިޔައަހަރު ނިމުނުއިރު 1.4 ބިލިއަން ރުފިޔާއިން ޑެފިސިޓް (ދަރަނި) ވެރިވެ މަހެއްގެމައްޗަށް އެވްރެޖްކޮށް 116.75 ޖެހޭ ކަމަށެވެ.
”އިތުރަށް ޚަރަދުކުރި ފައިސާ ސަރުކާރަށް ހޯދާފައިވަނީ ފައިސާ ޗާޕު ޖަހައިގެން. ފައިސާ ޗާޕުޖެހިކަމުން މިއަދު މިވަނީ ތަކެތީގެ އަގު އުފުލި 2008ގެ އިންފްލޭޝަން ރޭޓް މިހާރު މިހުރީ 12.4 ގައި.“ ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ނަޝީދުގެ ފުރަތަމަ ގަޅިގަނޑު އެއްލިއެވެ.
ރާއްޖޭގައި ޑޮލަރުގެ ތާށިކަން މިއުޅެނީވެސް އެކަމުގެ ސަބަބުންކަމަށް ވިދާޅުވެ އެއިލްޒާމުވެސް ކުރީގެ ސަރުކާރުގެ ބޮލުގައި ނަޝީދު އެޅުވިއެވެ.
އެބައި ނިންމަވާލައްވަމުން ނަޝީދު ވިދާޅުވީ ”މިކަމަށް އަވަސް ހައްލެއް ގެނައުމަކީ ވަރަށް މުހިއްމުކަމެއް ކަމަށާއި މިކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދައިދޭނަން ކަމަށެވެ.“
ދިވެހިސަރުކާރުން ބޮޑެތި ލޯނުތައް ނަގާ ވާހަކައަކީ އަބަދުވެސް މިފަހަކަށް އައިސް ރައްޔިތުން ދައްކާވާހަކައެވެ. އަދި އެލޯނުތަކުން ރައްޔިތުންނަށް ކުރާ މާބޮޑު ކަމެއް ނެތި ސަރުކާރުގެ ރިކަރަންޓް ޚަރަދުތައް އެއިން ފުއްދާލައިގެން ދަރަނިވެރިވާ ވާހަކައަކީ އެންމެންނަށްވެސް އެނގޭ ވާހަކައެކެވެ.
އެއިލްޒާމް ކުރީގެ ސަރުކާރުގެ ބޮލުގައި އަޅުވަމުން ނަޝީދު ވިދާޅުވީ މިދިޔައަހަރުއެކަނިވެސް 100.80 މިލިއަން ޑޮލަރުގެ ލޯނު ނަގާ, ސަރުކާރުގެ މުޅި ޖުމްލަ ބޭރުގެ މާލީ އިދާރާތަކާއި ބޭންކުތަކަށް ދަރާފައިވާ ދަރަނި 460.86 މިލިއަން ޑޮލަރަށް އަރާފައި ކަމަށެވެ.
އެއީ ޖީޑީޕީގެ 38 ޕަސެންޓް ކަމަށްވާއިރު, މިދިޔައަހަރުގައި ސަރުކާރު ހިންގުމަށް އެއަހަރު ލިބުނު އާމްދަނީގެ 89 ޕަސެންޓް ބޭނުންކޮށްފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.
ދެން ނަޝީދު ނެންގެވީ ސީދާ ޕޮއިންޓެވެ ރާއްޖެ މިހާރު ވެއްޓިފައި މިއޮތް އިޤްތިސާދީ ފުންވަޅުގަނޑަށް ވެއްޓިފައިވަނީ ނިމިގެންދިޔަ ސަރުކަރުގެ އިސްރާފާއި ސަރުކާރުގެ ބޮޑެތި ޚިޔާނާތްތަކުގެ ސަބަބުން ކަމަށް ވިދާޅުވެ މުޅިރާއްޖެއަށް ފެންނަގޮތަށް ހުންނަވައިގެން އެސަރުކާރު ފަޟީޙަތް ކޮށްލެއްވިއެވެ.
ފުރަތަމަފަހަރަށް ރާއްޖޭގައި ބޭއްވި ގިނަޕާޓީތައް ވާދަކުރި ރިޔާސީއިންތީޚާބުން ރާއްޖޭގެ ރައީސްކަމާ ހަވަލުވެވަޑައިގެންނެވި ނަޝީދުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަމުން ވިދާޅުވީ މިރާއްޖޭގެ އިޤްތިސާދީ އަދި މާލީ ހާލަތު މިއަދު މިއޮތް ނާޒުކު ފައްތަރަށް ދިއުމުގެ އެންމެ ފުޅާވެގެންވާ އަސްލަކީ ކުރީގެ ސަރުކާރުގެ އިސްރާފާއި ބޭކާރު ޚަރަދު އިތުރުވެގެންވާ މިންވަރާއި ސަރުކާރުގެ ކޮރަޕްޝަނަށް އޮތް ދަރަޖަ ކަމަށެވެ.
އޮޑިޓަރ ޖެނެރަލްގެ ކޮންމެ ރިޕޯޓެއް އިނގިލި ދިއްކުރަމުންދާތަން މިފެންނަނީ އެތައް އެތައް ބިލިއަން ރުފިޔާގެ ގެއްލުމާ ކޮރަޕްޝަނާ ނާޖާއިޒް ފައިދާއަށް ކަމަށާއި ސަރުކާރު ހިއްސާވާ ބޭންކުން އާދަޔާ ޚިލާފަށް ގިނަ ރުފިޔާ ވަރަށް މަދު މީސްކޮޅަކަށް ބަހާފައިވާކަމަކީވެސް އޭގެ އެއްސަބަބު ކަމަށެވެ.
ނަޝީދުގެ އެވާހަކަތައް ނިންމަވާލައްވަމުން ވިދާޅުވީ މިހާރު މިއޮތް ފުންވަޅުގަނޑުން ނަންގަވާނެ ކަމަށެވެ. ”ދުނިޔޭގެ އިޤްތިސާދަށް އަންނަ ހީނަރުކަމެއްގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް އިތުރަށް އަސަރު ކުރާނެ. ޓުއަރިސްޓުން އައުން މަދުވާނެ. އާމްދަނީ ދަށްވާނެ. އެހެނަސް މިކަންކަން ހައްލުކުރުމަށް ބޭނުންވާ ރިޒާރވްއެއް މިއަދަކު އުފެދިފައެއްނެތް. ހޯދިފައެއް ނެތް. ކުރިއަށް މިއޮތް ތާނގައި ސަރުކާރުގެ އާމްދަނީ ދަށްވެގެން ދާނެ. މިހެންވާން ޖެހުނީ އެކަން ފޫބެއްދުމަށްޓަކައި ލިބުނުއިރު ފަހަށް ރައްކާކޮށްފައި ނެތުމުން ރިޒާވްއެއް އުފެއްދިފައި ނެތުމުން. މިކަން މިހެން އޮތް ހިނދުވެސް ރަނގަޅު ރިޒާވެއް އުފައްދާ ހަރުދަނާ އިޤްތިސާދީ ސިޔާސަތެއް މިސަރުކާރުން އުފައްދާނަން“ ނަޝީދު ވިދާޅުވިއެވެ.
ކޮންމެއަކަސް އިޖުތިމާއީ ކަންކަމާ ގުޅޭގޮތުން ދެއްކެވި ބައެއް ވާހަކަތަކާއި ސެހެރީގައިދެއްކެވި ޑިމޮކްރަސީގެ އުސޫލު އިތުރަށް ހަރުދަނާކޮށް ޖަވާބުދާރީވާން ތައްޔާރަށް އޮންނާނެ ކަމަށް ވިދާޅުވުމުގެ އިތުރުން ދެއްކެވި މައިގަނޑު ވާހަކައަކީ މިއީއެވެ.
މިއީ ތިރިކުރެއްވި ހިތް ނެންގެވި ނެންގެވުމަކަށް ވިޔަސް އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކުރިން ކުރީގެ ސަރުކާރު އިތުރަށް ސައިޒަށް ކަނޑާލެއްވުމަށް ބޭނުންކުރެއްވި ހަތިޔާރެއް ނަމަވެސް އެނގޭހާ އެއްޗަކީ މައުމޫނުގެ 30 އަހަރުވީ ސަރުކާރުގެ ވަތުބަތާނަ ރައީސް ނަޝީދު ނަންގަވައިފިކަމެވެ.