ގައުމީ ޓީމުގެ ކުޅުންތެރިންނަށް މުސާރަ ނުލިބޭތާ ހަ މަސްވެއްޖެ

މުހައްމަދު ޝަނޫން މާޗް 2 2009، 17:42 0 ޚިޔާލު

ޤައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ސަރުކާރުން ދެމުން އަންނަ ފައިސާ ނުލިބޭތާ 6 މަސްދުވަސްވެފައިވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

އެފް އޭ އެމުގެ ޕްރެޒިޑެންޓް އަލީ އާޒިމް މިއަދު ވިދާޅުވީ އެފް އޭ އެމުން ކުޅުންތެރިންނަށް ނުދީ އޮންނާނީ ތިންމަހުގެ މުސާރަ ކަމަށެވެ. ”މިނިސްޓްރީން މިދިޔައަހަރުގެ ނޮވެމްބަރާ ހަމައަށް އެފް އޭ އެމަށް ފައިސާ ލިބިފައިވަނީ. އެހެން ނަމަވެސް ޖުލައިމަހު އަޅުގަނޑުމެން އެފް އޭ އެމާ ހަވާލުވިއިރުވެސް ކުޅުންތެރިންނަށް ދިނުމަށް ލިބިފައިވާ ފައިސާ އެހެން ކަންތައްތަކަށް ޚަރަދު ކުރެވިފައިވަނީ. އެހެން ނަމަވެސް އޭގެ ފަހުންވެސް ކުޅުންތެރިންނަށް މުސާރަ ދީފައިވާނީ. މިހާރު ނުދެވި އޮންނާނީ މިދިޔައަހަރުގެ ސެޕްޓެމްބަރ, އޮކްޓޫބަރ އަދި ނޮވެމްބަރގެ ފައިސާ“ އާޒިމް ވިދާޅުވީ އެ ފައިސާ މިމަސް ނިމުމުގެ ކުރިން ކުޅުންތެރިންނަށްދީ ނިންމާނެ ކަމަށެވެ.

އާޒިމް ވިދާޅުވީ މިދިޔައަހަރުގެ ޑިސެމްބަރަށާއި މިއަހަރުގެ ފާއިތުވެދިޔަ ދެމަހަށް މިނިސްޓްރީން ފައިސާ ނުލިބޭތީ އެކަމާ މެދު އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ. ”އެއީ އެފް އޭ އެމުގެ ފައިސާއިން ދެމުން އައި އެއްޗެއް ނޫން.“ އާޒިމް ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް ޔޫތު އެންޑް ސްޕޯޓްސްގެ ސްޓޭޓް މިނިސްޓަރ ހާމިދު އަބްދުލް ގަފޫރު ވިދާޅުވީ ޤައުމީ ޓީމުގެ ކުޅުންތެރިންނަށް މިހާރުވެސް ފައިސާދޭނެ ކަމަށާއި އެ ފައިސާ އެބަހުރި ކަމަށެވެ. ”ނަމަވެސް އަޅުގަނޑުމެން ބަލަން ބޭނުންވޭ ކޮން އުސޫލަކުން ކިހިނެތްތޯ ފައިސާ މިދެނީ. ޤައުމީ ޓީމުގެ ކުޅުންތެރިންނަކީ ދާއިމީ ވަޒީފާގައި ތިބި ބައެއް ނޫން. އެހެންވެއްޖިއްޔާ ޤައުމީ ޓީމުގެ ހަރަކާތެއް ނެތި ގިނަ ދުވަސްތަކެއް ދިޔައިރު ކޮން އުސޫލަކުންތޯ އެމީހުން ޓީމުގައި ތިބީ. އަލަށް އަރަމުން އަންނަ ކުޅުންތެރިންނަށް އޮތީ ކޮން ފުރުސަތެއްތޯ؟ ޓީމުގައި ހިމެނޭ ކުޅުންތެރިއަކު ހުއްޓާލައިފިނަމަ ވާނީ ކިހިނެތްތޯ؟ މިއީ ސާފުވާން ޖެހޭ ކަންތައްތަކެއް.“ ހާމިދު ވިދާޅުވިއެވެ. ހާމިދު ވިދާޅުވީ އެ މައްސަލަ މިހާތަނަށް އޭނާ އާއި ހަމައަށް އައިސްފައިނުވާ ކަމަށެވެ. ”ސަރުކާރު ބަދަލުވުމަކުން ކުޅުންތެރިންނަށް ލިބެންޖެހޭ މިފަދަ ކަންތައްތަކަކަށް ބަދަލެއް ނާންނާނެ. އެހެން ނަމަވެސް ފައިސާ ޚަރަދު ކުރެވެން ޖެހޭނީ ޖަވާބުދާރީ ވެވޭފަދަ ގޮތަކަށް.“ ހާމިދު ވިދާޅުވިއެވެ.

ހާމިދު ވިދާޅުވީ ކުރިއާ ޚިލާފަށް އެފް އޭ އެމަކީ މިހާރު މަދަނީ ޖަމްއިއްޔާއެއް ކަމަށާއި އިންތިހާބު ކުރެވިފައިވާ ހިންގާ ކޮމެޓީން ކުޅުންތެރިންގެ މުސާރައިގެ އުސޫލުތަކެއް ނިންމާފައި އޮންނަން ޖެހޭނެ ކަމަށެވެ. ”އެގޮތަށް އެކަން ހުށަހެޅުމުން މިނިސްޓްރީން އެ ފައިސާ ދޫކުރާނެ.“ ހާމިދު ވިދާޅުވިއެވެ.

ހާމިދުގެ ވާހަކައަށް ޖަވާބުދެއްވަމުން އާޒިމް ވިދާޅުވީ ސަރުކާރު ބަދަލުވިއަސް ކުޅުންތެރިންނަށް ދެމުން އައި ފައިސާއަށް ބަދަލު އަންނާނެ ކަމަށް ޤަބޫލު ނުކުރާ ކަމަށެވެ. ”އެހެން ކަންތައްތަކަށްވެސް މިނިސްޓްރީން ކުރިން ދެމުން އައި އުސޫލުން ފައިސާ ދެމުން އަންނަނީ. އެހެންވެ މި ކަމަށް ވަކި ގޮތެއް އޮތްކަމެއް އެނގިފައެއް ނެތް. މިކަމަށް ވަކި ގޮތަކަށް އެދެން ޖެހެންޏާ އެގޮތަކަށް އެދިގެންވެސް ފައިސާ ހޯދަން އެފް އޭ އެމުން މަސައްކަތް ކުރާނެ“ އާޒިމް ވިދާޅުވިއެވެ.

ޤައުމީ ޓީމުގެ ކުޅުންތެރިންގެ މުސާރައިގެ މައްސަލަ މިއަދު ހާމަކުރީ ވިކްޓަރީގެ ނޫސްކޮންފަރެންސްގައި ޖެނެރަލް ސެކްރެޓަރީ އަހްމަދު މަރުޒޫގެވެ. މަރޭ ވިދާޅުވީ ޤައުމީ ޓީމުގެ ކުޅުންތެރިންނަށް މުސާރަ ނުލިބޭތާ 5 މަސްދުވަސްވެފައިވާ ކަމަށާއި އެކަމުގެ ޕްރެޝަރު ކްލަބަށްވެސް އަންނަމުންދާ ކަމަށެވެ. ”ކުޅުންތެރިން އެމީހުންގެ ދިރިއުޅުމުގެ ކަންތައްތައް ބައްޓަން ކޮށްފަ މިހުންނަނީ ޤައުމީ ޓީމުން ލިބޭ ފައިސާއަށްވެސް ބަރޯސާވެގެން. އެފައިސާ ނުލިބި 5 މަސްވީމަ ކޮންމެ ގޮތެއްވިއަސް އެކަން ކުޅުންތެރިންގެ ފަރާތުން ފެންނާނެ.“ މަރޭ ވިދާޅުވިއެވެ.

އެ މައްސަލައިގައި ވިކްޓަރީން އެފް އޭ އެމާ އެއްވެސް ސިފައެއްގައި ވާހަކަ ދެއްކިންތޯ އެހުމުން މަރޭ ވިދާޅުވީ އެ ހައިސިއްޔަތު ވިކްޓަރީއަށް ނުވެސް ނެތް ކަމަށެވެ. ”ވިކްޓަރީން ވާހަކަ ދެއްކުމެކޭ ކުޑައްޓޭގެ މަންމަ އެފް އޭ އެމުގައި ވާހަކަ ދެއްކުމެކޭ އެއްވެސް ތަފާތެއް ނެތް. އެހެން ނަމަވެސް މާދަމާ ވިކްޓަރީން އެފް އޭ އެމާ އެވާހަކަ ރަސްމީކޮށް ދައްކާނަން. އަދި ސިޓީވެސް ފޮނުވާނަން.“ މަރޭ ވިދާޅުވިއެވެ.

ޤައުމީ ޓީމުގެ ކުޅުންތެރިންނަށް މުސާރަދޭން ފަށާފައިވަނީ 2005ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެންނެވެ. ވަކި ހިސާބަކުން ކުޅުންތެރިން ކެޓަގަރައިޒްކޮށް ތިން ކެޓަގަރީއަކަށް ބަހާލައިގެން މުސާރަ ދެމުން އައެވެ. އޭރު އޭ ކެޓަގަރީއަށް 4000 ދޭއިރު ބީ ކެޓަގަރީއަށް ދެނީ 3500 އެވެ. ސީ ކެޓަގަރީއަށް 3000 ރުފިޔާ އެވެ. ނަމަވެސް ސާފްޗެމްޕިއަންޝިޕްގެ ތެރޭގައި ޤައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންގެ މުސާރަ އެއްވަރުކޮށް 4000 ރުފިޔާދޭން އޭރުގެ ކުޅިވަރާ ބެހޭ މިނިސްޓަރ މުހައްމަދު ވަހީދުއްދީން ނިންމެވިއެވެ. އަދި 5000 ރުފިޔާއަށް މުސާރަ ބޮޑުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން އެންމެ ފަހުން ޤައުމީ ޓީމުގެ ކުޅުންތެރިންނަށް ތިންމަހުގެ މުސާރަދިންއިރު ވަނީ 5000 ރުފިޔާއަށް ބޮޑުކޮށްފައެވެ. އެފަހަރު މުސާރަ ދިނީ ސާފްޗެމްޕިއަންޝިޕްގެ ޓީމަށެވެ. 6 މަހުގެ މުސާރައިގެ ގޮތުގައި ޤައުމީ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް 30000 ރުފިޔާ މިހާރު ލިބޭނެ އެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv