
އަޣްލަބިއްޔަތުގެ ހިތިރަހަ ޑީއާރުޕީ ކަރުބުޑުގައި ކޭތޭއިރު އެމްޑީޕީންވެސް ގާނޫނު އަސާސީ ރޫހާ ފެޔަށް
”މި 29 މެންބަރުން ތިބެގެންނެއް ރައްޔިތުންނަށް ފައިދާހުރި ޤާނުން އަސާސީއެއް ނުހެދޭނެ“, ”މިތާ މިއޮތީ އެކެއްގެ ބާރު. އެއްބައެއްގެ ބާރު. އެމީހުން ބޭނުންވާގޮތަށް މިތަނުގައި ކަންކަން ނިންމަމުން މިދަނީ. މިއީ ރައްޔިތުންނަށް ފައިދާކުރާނެ ކަމެއް ނޫން“ މިއީ ޤާނޫން އަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ކުރިއިރު ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ވަރަށް އަސަރާއެކު ދެއްކި ވާހަކަތަކެކެވެ. ޤާނޫން އަސާސީ އިސްލާހުވެ ނިމުން ލަސްވެގެން ދިޔަ އެއްސަބަބަކީވެސް މިއީއެވެ. އަޣްލަބިއްޔަތު އޮތް ޕާޓީން ނިންމާ ނިންމުން އެގޮތަށް ނިންމިޔަ ނުދޭން ކުރަމުންދިޔަ ހަނގުރާމައެވެ. ނިޒާމީ ނުކުތާއާއި, ޒުވާބާ, މޭޒުމައްޗަށް އެރުންފަދަ ކަންތައްތައް މަޖިލީހުގެ ތަޅުމުން ފެނިގެންދިޔައީ މިސަބަބުތަކާހުރެއެވެ.
އޭރުގެ އިދިކޮޅު މީހުން ޚާއްޞަކޮށް އެމްޑީޕީން ފާހަގުކުރިއެއްކަމަކީ ވަގުތީ ސަރުކާރެއް ޤާއިމް ކުރުމެވެ. ވެރިއަކަށް ކުރިމަތިލާ މީހަކު ވެރިއަކަށް ނުހުރެ އެހެންމީހަކު ނުވަތަ ކޮމެޓީއަކުން ވެރިކަން ހިންގުމެވެ. އިންތިޚާބުގައި ފޯރާނެ ނުފޫޒާ އިންސާފްވެރިކަމާއި އަމާން އޮމާންކޮށް ކަންކަން ނިންމޭނެ ހަމައެކަނިގޮތަކީ އަދި ދުނިޔޭގެ އެހެންތަންތަނުގައިވެސް ކަންކުރާގޮތަކީ އެއީ ކަމަށް ބުނެއެވެ.
ރިޔާސީ އިންތިޚާބުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާ ކޮންމެވެސް ވަރަކަށް މިނިވަން މާހައުލެއް އުފެއްދުމަށް އިދިކޮޅު މީހުން ލައްކަ ވާހަކަދެއްކިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އައްޔަންކުރާ 8 މެންބަރުން ބައިތިއްބުމަކީ ގޯހެއްކަމާ އެހެން ނުހެދުމަށް ރޮއެ އާދޭސް ކުރިއެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުތައް ކުޑަކުރުމަށް ކާޅުގޮވާހެން މަޖިލީސް ތެރޭގައި އިދިކޮޅު މެންބަރުން ގޮވާނެގިއެވެ.
ނަމަވެސް އޭރު އަޣްލަބިއްޔަތު އޮތް ޑީއާރުޕީން އެވާހަކަތަކަށް ދެމުން ގެންދިޔައީ ބީރު ކަންފަތެކެވެ. ކަހާތަން ހިރުވާވެސް ނުލިއެވެ. ”ބާރު މިއޮތީ ތިމަންމެންގެ އަތުގައޭ ހަދާނީ ހަދާނެ އެއްޗެކޭ“ ބުނާބީދައިން ކަންކޮށް ނިންމާލިއެވެ.
އިސްލާހުކުރަން ފޮނުވި ޤާނޫން އަސާސީގެ ނަން އަލުންހެދި މުޅިން އާ ޤާނޫން އަސާސީއަކަށް ބަދަލުކޮށް ތިރީސް އަހަރު ވެރިކަންކުރި މީހަކަށްވެސް ކުރިމަތިލެވޭނޭގޮތަށް ޤާނޫން އަސާސީ ހަދާ ނިންމާލިއެވެ. ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށާ އިންތިޤާލީ މަރުހަލާ ދިގުދަންމާލުމަށް އަދި ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު އޮންނާނޭގޮތް ހެދުމަށް 8 މެންބަރުން ތިބޭގޮތަށް އިންތިޤާލީ ބާބު ”ހިލާލި“އެވެ.
”އިންތިޤާލީ މަރުހަލާ އޮތީކީ އެންމެ ރަނގަޅަކަށް ނޫން.“ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންނާއި ޤާނޫނީ ވަކީލުންގެ ބަހަކީ މިއެވެ.
ރައްޔިތުންނަށް އެއްޗެއް ވިސްނިގެން 30 އަހަރުވީ އާއިލީ ވެރިކަން ނިމުމަކަށް ގެނައި ގެނައުމާއެކު އެފުށް މިފުށަށް ޖެހުނެވެ. ތިމާމެން ވެރިކަމުން ވައްޓާ ނުލެވޭނެޔޭ ހީކޮށް އަޣްލަބިއްޔަތު އޮވެގެން ނިންމިނިންމުން ބޮޑު ވޭނަކަށްވިޔެވެ. މަޖިލީހުގެ އަޣްލަބިއްޔަތު ގެއްލި އަތްދަށުން ބާރުތައްގޮސް ބާރު ނުދޭން އުޅުނު މީހުންނަށް ބާރު ލިބުނީއެވެ. އިދިކޮޅު މީހުން ވެރިކަމަށް އައިސް ވެރިކަމުގައި ތިބި މީހުންގެ ކަރުގައި އިދިކޮޅު މީހުންގެ ފާސް އެޅުވުނެވެ. ވެރިކަމުގައި ތިބޭއިރު ދޭން ރޭވި ބާރުތައް ކުރީގެ އިދިކޮޅު މީހުންނެވެ. ”ފަސްމުގޫ ދޫވެ ނަނުބައި ކޮޅަށް ދިޔައީއެވެ“ ”މަރިޔަނބު ގެއްލި, ކަތިވަޅި ގެއްލި ކޮށި ދަނޑުވެސް ވީތަނެއް ނޭނގޭހާ ނިކަމެތިވީއެވެ“
އަޣްލަބިއްޔަތު އޮވެގެން ޑީއާރުޕީން ނިންމި ނިންމުންތަކުގެ ބާރުގައި ފަހުން ވެރިކަމަށް އައި އެމްޑީޕީން ކަންކުރާގޮތް ޑީއާރުޕީއަށް ކަމުނުގޮސްގެން އެވާހަކަ ދެއްކޭކަށްވެސް ނެތެވެ. އެކަންކަމާ ވާހަކަދެއްކީމާ ކުދިވެރިންވެސް ތިބެ ޖަހަނީ ޖޯކެވެ. ރައްޔިތުންގެ ޙައްޤު ފެނި އަޣްލަބިއްޔަތު އޮތްމީހުން ކަންކުރަނީ ހިތުހުރިގޮތަކަށޭ ޑީއާރުޕީގެ މެންބަރުން ވިދާޅުވީމާ މަޖިލިސް ބަލަންތިބޭ މީހުންގެ ގާތަށް އަންނަނީ ނުބައި ޒާތެއްގެ ހިންޏެކެވެ. ނިޒާމީ ނުކުތާ ނަގާ ވަށްވަށް ޖައްސާލީމާ ބޭލެނީ އަމިއްލަ މީހާގެ ސޯޓެވެ.
”ޑީއާރުޕީއަކަށް ވާހަކަދެއްކޭކަށްނެތް. ކޮންމެވެސް އެހެން ޕާޓީއަކުން އެވާހަކަދައްކަންވީ. އެމީހުންނަކީ 30 އަހަރު ހުރިހާ ބާރެއް ލިބިގެންތިބެ މިކަންކަން ނުކުރި މީހުން. ދެން މި 100 ދުވަހުގެ ތެރޭގައި އެމީހުންނަށް ކިޔޭނީ ކޮންއެއްޗެއް. އަނެއްކާ މިކަންތައްތައް މިހެން މިކުރެވެނީވެސް އެމީހުންގެ ބާރު އޮވެގެން ކަންކުރިގޮތަކުން ކުރެވޭ ކަންތައްތަކެއް“ އަދާލަތުޕާޓީއަށް ނިސްބަތްވާ މީހަކު ބުންޏެވެ.
ނަމަވެސް ކުރީގެ ފޮރިން މިނިސްޓަރ އަދި މައުމޫނުގެ ސަރުކާރުގައި އިސްމަޤާމުތަކެއް ފުރުއްވި ޑީއާރުޕީގެ މެންބަރ އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރ ޢަބްދުﷲ ޝާހިދު ވަނީ މިހާރު މިއޮތް ސަރުކާރަށް 100 ދުވަސްފުރުނުރޭ ދިއެފްއެމް މެދުވެރިކޮށް މިސަރުކާރަށް ވަރަށްބޮޑަށް ފާޑު ވިދާޅުވެފައެވެ.
ޝާހިދުގެ ވާހަކައިގައި އެންމެބޮޑަށް އަމާޒުކުރެއްވީ މިހާރު މިއޮތް ސަރުކާރުން ޤާނޫން އަސާސީއާ ޚިލާފަށް އަދި ޤާނޫން އަސާސީގެ ރޫހާ ޚިލާފަށް ކަންތައްތައް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެއެވެ. އަދި މަޖިލީހުގައި އެޕާޓީން އެކަމާދެކޮޅަށް އަޑު އުފުލަމުން ގެންދަވާ ކަމަށާއި މަޖިލީހުގައި އަޣްލަބިއްޔަތު ނެތީމާ ކުރެވޭނެކަމެއް ނެތީ ކަމަށެވެ.
މަޖިލީހުގައި އަދި މިހާތަނަށް މިސަރުކާރުން ޤާނޫން އަސާސީއާ ޚިލާފަށް އަދި ޤާނޫނުގެ ރޫޙާ ޚިލާފަށް ކަމެއް ނުވަތަ ކަންތައްތަކެއް ކުރާތީ ޑީއާރުޕީން އަދި އެހެންބަޔަކުވެސް މަޖިލީހަށް މައްސަލައެއް ހުށަހަޅާފައެއް ނުވެއެވެ. މަޖިލީހުގެ ފްލޯގައިވެސް އެކަމާބެހޭ ވާހަކަތަކެއް ދައްކާފައެއްވެސް ނެތެވެ.
ނަމަވެސް ޤާނޫން އަސާސީގެ ރޫޙާ ޚިލާފަށް ބައެއް ކަންތައްތައް އެމްޑީޕީގެ ސަރުކާރުން ކުރާ ކަމުގެ ތުހުމަތު ޑީއާރުޕީގެ އިތުރުން އެހެން ބައެއް މީހުންވެސް ކޮންމެވެސް ވަރަކަށް އެބަކުރެއެވެ. ގިނަ މީހުންވެސް ފާހަގަކުރާ އެއްކަމަކީ އަދި ޑީއާރުޕީންވެސް ފާހަގަކުރާ ބޮޑު ކަމަކީ ޤާނޫނު ނެތި ރަށުކައުންސިލަރުންނާ އަތޮޅު ކައުންސިލަރުން އުފައްދާ އުފެއްދުމެވެ.
ނަންހާމަކުރަން ނޭދޭ ޤާނޫނީ ވަކީލަކު ވިދާޅުވީ ޤާނޫނުގެ ރޫހާ ޚިލާފް ކަންތައްތަކެއް ކުރާކަމަށް ހީވާކަހަލަ ކަންތައްތަކެއް މިހާރު މިއޮތް ސަރުކާރުން ކުރަމުން އެބަގެންދާ ކަމަށެވެ.
”ޤާނޫން އަސާސީގެ ރޫހާޚިލާފްކަމަށް ހީވާކަހަލަ ބައެއް ކަންތައްތައް އެބަކުރޭ. އެއީ އަދި ޤާނޫން އަސާސީގެ ރޫހާ ޚިލާފް ކަމެކޭއެއް ނޫން މިދަންނަވަނީކީ“ އެވަކީލު ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުން އެވަކީލުވެސް ފާހަގަކުރެއްވި އެއްކަމަކީ ކައުންސިލަރުން އައްޔަން ކުރެއްވުމުގެ ވާހަކައެވެ.
ބައެއް އެހެންމީހުން އެއީ ޤާނޫން އަސާސީގެ ރޫޙާ ޚިލާފަށް ރައީސް ނަޝީދުގެ ސަރުކާރުން ކުރައްވާ ކަމެއް ކަމަށް ބުނާ އެކަމަކު ޑީއާރުޕީން އެއީ ޤާނޫން އަސާސީއާ ޚިލާފް ނުވަތަ ޤާނޫން އަސާސީގެ ރޫހާ ޚިލާފްކަމެއް ކަމަށް ވާހަކަނުދައްކާކަމެއް އެބައޮތެވެ. ރާއްޖޭގައި ވެރިކަންކޮށްފައިވާ މީހުންނަށް ރައްކާތެރިކަމާއި އިނާޔަތްދިނުމުގެ ޤާނޫނު ފާސްނުވަނީސް އެންމެފަހުން ރާއްޖޭގައި ރައީސްކަން ކުރެއްވީ ޑީއާރުޕީގެ ޒައީމް މައުމޫނު ޢަބްދުލް ޤައްޔޫމަށް އިނާޔަތްތަކާއި ސެކިއުރިޓީ ދޭ ދިނުމެވެ.
ރައްޔިތުންގެ މަސްލަހަތަށާއި ގާނޫނާ ފުށުއަރާގޮތަށް ނިންމުންތައް ނިންމަވަމުންގެންދާކަމަށް ވިދާޅުވެ ރައީސުލްޖުމުހޫރިއްޔާގެ އެޑްވައިޒަރުކަމުން ޑރ. ހަސަން ސައީދުވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.
އިސްތިއުފާ ދެއްވުމުގެ ގޮތުން ޑރ ހަސަން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ”ކަންކަން ނިންމެވުމުގެ ކުރިން އެޑްވައިޒަރެއްގެ ހައިސިއްޔަތުން އޭނާގެ ފަރާތުން ރައީސް ނަޝީދަށް އަރުވަންޖެހޭ މަޝްވަރާ އެރުވުމަށްޓަކައި, އެކަންކުރެވޭނެ އެންމެ އެދެވޭ އިންތިޒާމެއް މިއަދާހަމައަށް ވެސް ވަނީ ހަމަޖައްސަވައި ނުދެއްވާ ކަމަށެވެ.
” އޭގެ ނަތީޖާއެއްގެ ގޮތުން ނުހަނު ބޮޑެތި އިގްތިޞާދީ އިޖްތިމާއީ ދުސްތޫރީ އަދި ގާނޫނީ މައްސަލަތައް ރައްޔިތުންގެ މަސްލަހަތަށާއި އަދި ރާއްޖޭގައި ހެދިފައިވާ ގާނޫނާ ފުށުއަރާގޮތަށް ނިންމެވުމުން ނުވަތަ ނިންމަވަން ގަސްދުކުރައްވާކަން އެނގުމުން އެއާ ފުށުއަރާގޮތަށް މަޝްވަރާ އަރުވަންޖެހޭ ހާލަތްތައް ދަނީ ގިނަވަމުން“ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތާއީދު ހޯދުމުގެގޮތުން ދެއްވި އިސްތިއުފާއެއް ނަމަވެސް އެއިސްތިއުފާ ދެއްވަމުން ފޮނުއްވި ސިޓީގައި ޑރ ހަސަން ވިދާޅުވެފައިވެއެވެ.
ކޮންމެއަކަސް ޑީއާރުޕީގެ އަރުގައި އަޣްލަބިއްޔަތުގެ ހިތިރަހަ ކިތައްމެ ރަނގަޅަކަށްވެސް ލައިފިއެވެ. ވެރިކަމަކުން ނުވެއްޓޭނެޔޭ ހީވެ އެވެރިކަން ކުރަން ފަހިކުރުމަށް އޭރު އޮތް އަޣްލަބިއްޔަތު ބޭނުންކޮށްގެން ފޭއްސި އިލޮށިގަނޑު އަމިއްލަ ލޮލަށް އަމާޒުވެއްޖެވެ.
ހިތާމައަކީ އެޔެއް ނޫނެވެ. އެވެރިންކުރިކަމަކުން މިހާރު އޮތް ސަރުކާރަށް ލިބުނު ބާރާއި އާރުގެ އެންމެ ބޮޑު މިންވަރު ބޭނުންކޮށްފާނެތީއެވެ. ކަންކުރުމުގެ ބާރު ލިބިދީފައި އޮތަސް ޤާނޫން އަސާސީގެ ރޫހާ ޚިލާފްވެދާނެތީއެވެ. އެއަސާސީގެ ރޫހާ ފެޔަށް ދާހެން ހީވާތީއެވެ. އަދި ހިނގައިދާނެތީއެވެ.
-
އަންގާރަ، ފެބްރުއަރީ 24 2009، 18:27
މިއީ ވަރަށް ރަނގަޅަށް ދިރާސާކުރެވިގެން ލިޔެފައިވާ ލިޔުމެއްކަމުގައިދެކެން. މިގޮތުގައި ލިޔުންތައް ލިޔެ ވަކި އަތަކަށް ނުޖެހި ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަކީ އަބަދުވެސް އެދޭ އެދުމެއްކަމުގައި ދަންނަވަން.