ދިވެހި މާއްދާއަށް ކުދިން ދަށްވުމުގެ ޒިންމާ ނަގާނީ ކާކު؟

އަންވަރު އިބްރާހިމް ފެބްރުއަރީ 9 2009، 18:01 2 ޚިޔާލު

ގްރޭޑް 10 ގައި އުޅޭ ދަރިވަރުން އެންމެ ޖެހިލުންވާ މާއްދާއަކީ ދިވެހި މާއްދާއެވެ. މިކަން އެންމެ ފަހުން ތަޖްރިބާ ކުރި ކުދިންގެ ދުލުން އެދަނީ އެވާހަކަތައް ކިޔާދެމުން ނެވެ.

” އަހަރެން ޓެސްޓް ހެދިއިރުވެސް, ޔަގީންކަން އޮތް ދިވެހިން އޭ އެއް ގެނެވޭނެކަން. ސްކޫލުންނެގި ކޮންމެ އިމްތިހާނަކުން ދިވެހިން ދިޔައީ އޭ ހޯދަމުން. އޭއެއް އެކަންޏެއް ނޫން. ގްރޭޑުން އެންމެ މަތީ މާކުސްވެސް ދިޔައީ ލިބެމުން. ނަމަވެސް އެސްއެސްއީ އިމްތިހާނުގައި ‘ބީ’ އެއް ލިބުނީމާ އަހަރެން ވަރަށް ދެރަވި. ގައިމު މަސައްކަތްކުރިން. އުންމީދުވެސް އޮތް. ނަމަވެސް މިހެންވާންވީ ކީއްވެގެންކަމެއް އަހަރެންނަކަށް ނޭނގޭ.“ ތައުލީމީ ހަޔާތުގައި ހޭދަކުރި 10 އަހަރުގައި ދިވެހިން އޭ ހޯދި ދަރިވަރަކު ބުންޏެވެ.

ސުވާލަކީ މިހެންވީ ކީއްވެހެއްޔެވެ؟ މިސުވާލަށް ދެވޭނެ އެންމެ ފަސޭހަ ޖަވާބަކީ އެއީ ދަރިވަރު ޓެސްޓް ހެދިގޮތުން ނެވެ. މާކުސް ލިބޭނީ ދަރިވަރު ޓެސްޓް ހަދާފައިވާ ގޮތަކަށެވެ. އެއީ ތެދެކެވެ. މާކުސްދެނީ ދަރިވަރުގެ ޕޭޕަރަށެވެ. ޕޭޕަރު ރަނގަޅަށް ހަދާފައި ވާނަމަ ދަރިވަރަށް ލިބޭ މާކުސް މައްޗެވެ. ޕޭޕަރުގައި ހުރި ސުވާލުތަކުގެ ޖަވާބު ގޯސްނަމަ ލިބޭމާކުސް ދަށްވާނެ އެވެ.

މިއީ އެންމެނަށްވެސް އެނގޭ ކަންކަމެކެވެ. އެންމެނަށް ނޭނގެނީ ދަރިވަރުން އެގޯސް ހަދާގޮތެވެ. 10 އަހަރު ކިޔެވުމަށްފަހު އިށީންނަ އިމްތިހާނުން ފާސްނުވާ ސަބަބެވެ. ސްކޫލުގައި ކޮންމެ އަހަރަކު މަތީ މާކުސްހޯދާ ކުދިން ސީ, ނުވަތަ ޑީ, ލިބެންޖެހޭ އަސްބާބެވެ. އެހެން މާއްދާތަކަށްވުރެ ބޮޑަށް މާދަރީބަހަށް ކުދިން ދައްވަމުން އަންނަ ސަބަބުތަކެވެ. މިސުވާލުތަކަށް ޖަވާބުދެވޭނީ އެ ކުދިންނަކަށް ނޫނެވެ. މިކަންކަމުގެ ހައްލު ހޯދޭނެ ގޮތްތަކާއި, ހައްލު ހޯދުމަށް މަސައްކަތް ކުރަންވީ ފަރާތްތަކަށެވެ.

ޕަބްލިކް އެގްޒެމިނޭޝަނުން ބުނަނީ ކުދިން ތައްޔާރު ވާންޖެހޭނީ ‘ޕޭޕަރަށް’ ނޫން ކަމަށެވެ. ނުވަތަ އެކުދިން ތައްޔާރު ކުރަންޖެހޭނީ އިމްތިހާނަށް ނޫން ކަމަށެވެ. ހަމައެކަނި އިމްތިހާނަށް ތައްޔާރު ވަމުންދާނަމަ ނުވަތަ ކުރުވަމުންދާނަމަ ފާސްނުވުމުގެ މައްސަލަތައް ދިމާވުމަކީ ދުރުކަމެއް ނޫންކަމަށެވެ. އެއީވެސް ތެދެކެވެ. އެތެދުކަން އެހެން އޮތްއިރު ދިވެހި ރާއްޖޭގައި އެހެން މާއްދާތަކަށް ކުދިން ތައްޔާރު ކުރާގޮތް ވިސްނާލުމަކީ ނެތްކަމެއް ނޫނެވެ. އެހެން މާއްދާތަކުން ކުދިންގެ ނަތީޖާ ރަނގަޅުވާނަމަ އެރަނގަޅުކަން އަންނަނީ ހަމަ އިހުގެ ޕޭޕަރުތައް ދިރާސާކޮށް, އޭގެ މައްޗަށް މުދައްރިސުން ކުރުވާ މަސައްކަތުންކަމަށް ބުނެވިދާނެއެވެ. މިއީ ދެބަސްވެވެން ނެތް ހަގީގަތެވެ. ދިވެހި މުދައްރިސުންގެ އަމިއްލައަށް ކޮށްދޭ މަސައްކަތަށްވުރެ, އިނގިރޭސި މާއްދާ ކިޔަވާދޭ މުދައްރިސުން އަމިއްލައަށް ކޮށްދޭ މަސައްކަތް ކުޑަކަން ގަބޫލުކުރަންޖެހެ އެވެ.

ޓެސްޓް ޕޭޕަރު އެކުލެވިފައިވާ ގޮތް, ނުވަތަ ޕޭޕަރު މާކުކުރާގޮތް ބަދަލުވުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. މައްސަލައަކީ ބަދަލުވި ބަދަލުވުމުން ކުދިންނަށް ނޭދެވޭ އަސަރެއް ކުރުމެވެ. ކުދިން ވަކިގޮތަކަށް ހޭނުވި ހޭނުވުމެވެ. ޕޭޕަރަށް ތައްޔާރުކުރުވި ކުރުވުމެވެ. އޭގެ ނަތީޖާއަކީ ދިވެއްސަށް މޮޅު ކުދިންނަށްވެސް, ދިވެހި މާއްދާއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދުމަށް ހުރަސް އެޅިގެން ދިއުމެވެ. 10 އަހަރު ކުރި މަސައްކަތުގެ ނަތީޖާގެ އެންމެ މީރު ރަހަ ލަހަ އަރުތެރޭ ލާގޮތް ނުވުމެވެ. ޒިންމާ ނަގާނީ ކާކު ހެއްޔެވެ؟ ހަގިގީ މައްސަލަ ދިމާވި ކިހާހިސާބަކުން ހެއްޔެވެ؟

ކުޑަ މިސާލެކެވެ. އަމީނިއްޔާއިން މިދިޔަ އަހަރު ދިވެހި މާއްދާ ހެދިކުދިންގެ ނަތީޖާ ހީކުރިވަރަށްވުރެ ދަށެވެ. ސްކޫލުން އުންމީދުކުރި ގިނަ ކުދިންތަކަކަށް އޭ ލިބިފައެއް ނުވެއެވެ. ސްކޫލަށް އެކަން ފާހަގަވެގެން މިނިސްޓްރީގައިވަނީ އެކަންތައް ބަލާދިނުމަށްވެސް އެދިފައެވެ.

ގައިމުވެސް ކިޔަވާދިނީ ކުރިންވެސް ކިޔަވާދިން ތަޖްރިބާކާރު މުދައްރިސުން ނެވެ. ކިޔަވާދެމުން ގެންދިޔައީ އެއްސިލަބަހަކަށެވެ. ދެމުންގެންދިޔައީ އެއް ތަމްރީނު ތަކެކެވެ. ތަފާތުވީ އިހުކިޔަވާދިން ކުދިންނަށް ހޯދުނު ނަތީޖާއާއި ނިމިދިޔަ އަހަރުގެ ކުދިންނަށް ހޯދުނު ނަތީޖާއެވެ.

ސުވާލަކީ މިތަފާތު އަންނަން ޖެހުނީ ކީއްވެހެއްޔެވެ؟ އެއީ ކުދިންގެ މައްސަލައަކުން ހެއްޔެވެ؟ ޓީޗަރުންގެ ސަބަބުން ހެއްޔެވެ؟ މާކުކުރި ގޮތުން ހެއްޔެވެ؟ މިނިސްޓްރީގެ ސަބަބުން ހެއްޔެވެ؟ މިއީ ޖަވާބު ހޯދަންޖެހޭ ސުވާލުތަކެކެވެ. ޚާއްސަކޮށް މިނިސްޓްރީން އަވަސް ފިޔަވަޅު އަޅަންޖެހޭ މުހިންމު މައްސަލަ އެކެވެ.

ކުއްޖެއްގެ 10 އަހަރުގެ އުންމީދީ މަސައްކަތަށް ވީނުވީއެއް ނޭނގުމަކީ ކުޑަކަމެއް ނޫނެވެ. އަމިއްލަ ބަހުން އޭ ފާސް ނުލިބިގެން ޓޮޕްޓެން ގެ 1ވަނަ ބީވެގެން ދިއުމަކީ އާދައިގެ ކަމެއް ނޫނެވެ. މާދަރީބަހުގެ އުނދަގޫކަން ކުދިންގެ ސިކުނޑިތަކަށް ވަންނާނެފަދަ ހާލަތެއް މެދުވެރިވުމަކީ ފިޔަވަޅެއް ނާޅާ ދޫކޮށްލަން ވާވަރުގެ ކަމެއްނޫނެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ދިވެހި ބަހުގެ އިމްތިޙާނުގެ ކަންތައްތައް ބަލަހައްޓަން ހުންނަ މައި އޮފީސް ކަމުގައި ވާ "ޕަބްލިކް އެގްޒަމިނޭޝަން" ގައި ދިވެހި މާއްދާގެ ކަންތައްތަކާ ޙަވާލުވެ ހުންނަނީ ކިހާ ވަރަކަށް ދިވެހި ބަހާއި ބަސް ކިޔަވައިދިނުމަކީ ކޮންކަހަލަކަމެއްކަން ދަންނަ މީހެއްތޯ ސުވާލު އުފެދެއެވެ. މިހެން މި ދެންނެވީ، ހައެއްކަ އަހަރު ވަންދެން މާކު ކުރަމުން އައި ގޮތް އެއްވެސް ޓިޗަރަކަށް ނާންގާ ބަދަލުކޮށް، ފުރަތަމަ ވެސް އާ ގޮތަކަށް މާކުކުރުމުގެ ތަޖުރިބާ އެތައް ހާސް ދަރިވަރުންތަކެއްގެ އިމްތިޙާނު ކަރުދާސްތަކުން ތަޖްރިބާ ކުރެވިގެން ދިއުމަކީ ބޮޑު މައްސަލައެކެވެ. މިއީ ކިޔަވާ ކުދިބައެއްގެ މުޅި ދިރިއުޅުން ހަލާކުކޮށްލުމަށް ޤަޞްދުގައި ޕަބްލިކް އެގްޒަމިނޭޝަނުން ހިންގާފައިވާ ބޮޑުވެގެންވާ ޖަރީމާއެކެވެ. ދަރިވަރުންނަށް މުދައްރިސުން ބުނެދެމުން، އޮޅުން ފިލުވައިދެމުން ގެންދިޔަ މާކިންގް ސްކީމަކާ ތަފާތު މާކިންގ ސްކީމަކަށް މާކުކުރުމުން ވާނެ ގޮތް އެ އޮތީ ވެފައެވެ. އެކަމަކު މިކަމާ އަޑު އުފުލާނެ ފަރާތެއް ނެތެވެ. ސަބަބަކީ ޕަބްލިކް އެގްޒަމިނޭޝަނުގައި ތިއްބަވާ ބޭފުޅުންނަކީ، މި ފަދަ ކަންތައްތައް ޤަބޫލުކުރައްވާ ބަޔަކަށް ނުވުމެވެ. ބިނާކުރުވަނިވި ފާޑެއް ކިޔައިފި މީހަކާ އިނދިކޮޅަށް ތާކުންތާކު ނުޖެހޭ ބަޔާންތައް މީގެ ކުރީގައި ވެސް، ނެރެފައިވާތީއެވެ. ެ. (ދިވެހި މުދައްރިސެއް)

    އަންގާރަ، ފެބްރުއަރީ 10 2009، 09:51
  2. ކުރިން ޕޭޕަރު މާކުކުރިގޮތާއި މިފަހަރު މާކުކުރިގޮތް ވަރަށް ތަފާތެވެ. މިފަހަރު ދިވެހި ޕޭޕަރު މާކުކުރީ ރުބްރިކަށެވެ. މިކަމުގެ ސަބަބުން މޮޅުކުދިން ދަށްވެގެން ދެއެވެ. އަމީނިއްޔާ ކުދިންގެ ފާސް އިންސައްތަ މިފަހަރު ވަކިދަށެއް ނޫނެވެ. މައްސަލައަކީ އަމީނިއްޔާއަށް 40 ހަކަށް އޭ ލިބުމެވެ. އަމީނިއްޔާގެ ގިނަކުދިންނަކީ ދިވެހީގެ އަދަބުގެ ތައާރަފުގެ ބައި ދަސްކުރާ ކުދިންނެއް ނޫނެވެ. އެކުދިންނަކީ ޕޭޕަރުގައި އޮންނަ ތަރުޖަމާގެ ބައި ރަގަޅަށް ހަދާކުދިންނެވެ. މިފަހަރު ތަރުޖަމާ ނެތުމުން އެކުދިންނަށް އެންމެ އެކަށީގެންވާ މާކުސް ނުލިބިދާނެ ކަމަށް ލަފާކުރެވެއެވެ. އަދިއެހެންމެ މިފަހަރު ރުބްރިކު މާކިންގއެއް އޮތްކަމެއް ކިޔަވައިދިން ޓީޗަރުންނަށާއި ދަރިވަރުންނަށް އެގިފައެއް ނެތެވެ. ވުމާއެކު ސްކޫލުގައި މާކުކޮށްފައި ވަނީ ކުރިންވެސް މާކުރާ ގޮތަށެވެ. އެގޮތަށް މާކުކުރިނަމަ ކުދިންނަށް އިތުރަށް އޭ ލިބިދާނެ ކަމަށް ލަފާކުރެވެއެވެ. ރިސާޗު ހަދާފަރާތެއް

    އަންގާރަ، ފެބްރުއަރީ 10 2009، 13:43
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv