ދިވެހިންގެ ހިތްހެޔޮ ކަމުގެ ނަތީޖާ

އަންވަރު އިބްރާހިމް ފެބްރުއަރީ 2 2009، 18:06 1 ޚިޔާލު

ދިވެހިންނާއި އަވައްޓެރި ގައުމުތަކުގެ ރައްޔިތުންނާމެދު އޮންނަނީ ވަރަށް ޚާއްސަ ގުޅުމެކެވެ. އެގުޅުން އުފެދިފައިވަނީ މިއަދަކު އިއްޔަކު ނޫނެނެވެ. މާކުރިންވެސް މިރާއްޖެއިން ދިޔައީ ބިދޭސީންނަށް ‘ޖާގަ’ ދެމުންނެވެ. އެޖާގައިގެ ބޭނުން ކޮށްގެން ދިވެހިންގެ ވިޔަފާރި ބިދޭސީންގެ ‘އަތްދަށުލިކަން’ ތާރީޚްގެ ފަތްފުށްތައް ދިރާސާ ކުރުމުން އެނގެއެވެ. އޭގެ ކުރިންވެސް އެކިއެކި ރަސްރަސްކަލުންގެ ޒަމާނުގައި މިރާއްޖޭގެ ރަށްރަށުގައި ބިދޭސީން އުޅެމުންދިޔަކަން ސާބިތުވާން އެބައޮތެވެ.

ބިދޭސީންގެ ވާހަކަ ދައްކާނަމަ ދިވެހިންގެ އިތުބާރު ބިދޭސީންނަށް ވިއްކާލި ވާހަކަ ދައްކަން ޖެހެއެވެ. ފިހާރަތަކާއި, ރެސްޓޯރަންޓްތަކާއި, ގޭގޭގެ ތަޅުދަނޑިތައް ދިވެހިންގެ އަތުން ބީވެ, ބިދޭސީންގެ އަތަށް އަރަންޖެހުނީ މި އިތުބާރު ބިދޭސީންނަށް ވިއްކާލުމުން ނޫންތޯއެވެ؟

އަޅުގަނޑުމެންގެ ދަރިންގެ ހުރިހާ ކަމެއް މިއަދު ބަލަހައްޓަނީ އެމީހުން ނޫންތޯއެވެ؟ ފެންވަރުވަނީ އެމީހުން ނެވެ. ރީތުކުރުވަނީ އެމީހުން ނެވެ. ކާންދެނީ އެމީހުން ނެވެ. ނުވިތާކަށް ނާނާ ކިޔައި ނިންދަވަނީވެސް އެމީހުން ނެވެ.

ގޭތެރޭގެ މާހައުލުން ނެއްޓިގެން ދަރިން ސްކޫލަށް ދާއިރު މަގުމަތިން ފެންނަ ބިދޭސީން މަދެއް ނޫނެވެ. ދަރިވަރުން ސްކޫލަށް ވަންނައިރު, ގޭޓް ހުޅުވާދެނީ ބިދޭސީ އެކެވެ. ކިޔަވާދޭ ގިނަ ޓީޗަރުންނަކީ ބިދޭސީން ނެވެ. ކެންޓީނަށް ދާއިރު އެތަނުގައި ހެދިކާ ވިއްކަން ތިބެނީވެސް ބިދޭސީން ނެވެ. ހުރިހާކަމެއް ކުރަމުން މިގެންދަނީ އެމީހުން ނެވެ. އެމީހުން ވަރެއް ނެތިގެން ނެވެ. ނަތީޖާއަކީ ގައުމުގައި ހުރި ބައެއް މަސައްކަތްތަކަކީ އެމީހުން ކުރަންޖެހޭ މަސައްކަތްތަކެއް ކަމުގައި ބައެއް ފަރާތްތަކަށް ގަބޫލު ކުރެވުމެވެ. ޚާއްސަކޮށް ކުޑަކުދިންނަށް އެކަން ވިސްނެން ފެށުމެވެ.

ކެންޓީނެއްގައި ހެދިކާ ވިއްކަން ދިވެއްސަކު ހުރެއްޖެނަމަ ‘ބަންގާޅިއެކޭ’ ބުނެވެނީ އެހެންވެ އެވެ. މަސައްކަތު މީހަކަށް އުޅޭނަމަ ‘އޮރިއެކޭ’ ބުނަނީ އެނިޔަތުގަ އެވެ. އެއީ ހަމައެކަނި ބިދޭސީ މީހާ ނިކަމެތި ކުރުމަށް ބޭނުން ކުރެވޭ ލަފްޒުތަކެއް ނޫނެވެ. އެމީހާ ކުރާ މަސައްކަތުގެ ފެންވަރާއި, އެކަމާމެދު ދެކޭގޮތް އެންގުމަށް ބޭނުންކުރެވޭ ލަފްޒުތަކެކެވެ. އެހެންވީ, އެމަސައްކަތްތަކުން ދޭސީން އެކަހެރިވެ, ބިދޭސީންނަށް އެޖާގަ ހުސްކުރުމުން ނެވެ.

ބިދޭސީން މިރާއްޖޭގައި އުޅެނީ ފިސާރި މިނިވަންކަމާއެކު އެވެ. ބޭނުން ގޮތަކަށް ބޭނުން ކަމެއް ކުރުމުގެ ފުރުސަތު ގިނަ ބިދޭސީންނަށް އޮންނަނީ ދީފައެވެ. ދިވެހިންގެ ހިތްހެޔޮކަން ބިދޭސީންގެ ހިތްތަކަށް ލާދިނުމުގެ ނަތީޖާއަކީ ގޭގައި ގެންގުޅެން ކަމުނުދާ ބިދޭސީ މީހާވެސް އެނބުރި ގައުމަށް ފޮނުވާލުމުގެ ވިސްނުން ދިވެހިންގެ ބޮލަށް ނައުމެވެ. އޭގެ ބަދަލުގައި އެގޭގައި ގެންގުޅެން ކަމުނުދާނަމަ އެހެން ގެއެއްގެ މީހެއްގެ ގާތު މީހަކު ހުރިކަމަށް ބުނެ, އެހެން ގެއަކުން އެ ބިދޭސީ މީހާއަށް ފުރުސަތު ހޯދައިދިނުމެވެ. އެކަމުގެ ނަތީޖާއަކަށްވީ ނެތް ވަޒީފާތަކަށްވެސް ބިދޭސީން ގެނެވުމެވެ. ގައުމު މިހާލަތަށް ދާންޖެހުނީ އެހެންވެ އެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުންގޮސް, މިއަދު އެމީހުންވެސް ދެބަޔަކަށް މިވަނީ ބެހިފައެވެ. އެއްބަޔަކީ ގަވައިދާ އެއްގޮތަށް އުޅޭ ބިދޭސީން ނެވެ. އަނެއްބަޔަކީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ނެވެ. ގަވާއިދާ އެއްގޮތަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު 77,000 އަރާއިރު, ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު ޔަގީން ކުރެވޭނެ ގޮތެއް ނެތެވެ. އަދި އެމީހުން އުޅޭތަނެއް, ހޯދޭނެ ގޮތެއްވެސް ‘އީޖާދު’ ވެފައެއް ނެތެވެ. ބުނެވޭގޮތުގައި މި އަދަދު ގާތްގަނޑަކަށް 10,000 ވުރެ މަދެއް ނުވާނެއެވެ.މިހިސާބަށް ކަންތައް ދިޔައިރު އަޅުގަނޑުމެން ހޭއަރައި ވިސްނާކަށް ނުވޭތޯއެވެ؟

ހިތްހެޔޮކަމަކީވެސް އިމެއްގެ ތެރޭގައި އޮންނަން ޖެހޭނެ ކަމެވެ. ހިތްހެޔޮކަން ހައްދުފަހަނަ އެޅުމުގެ ސަބަބުން މިއަދު މުޅި ގައުމުގައި ގަވައިދާ ޚިލާފު އެތައް ބިދޭސީންނެއް އެބަތިއްބެވެ. މިބިދޭސީން އިތުރުވެގެން ދިޔަނުދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންއެބަޖެހެ އެވެ. އެއީ މިއަދު ގައުމީ ވާޖިބެކެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ބިދޭސީން ރާއްޖެ ގެންނަން މިޖެހޭ ސަބަބާއި މެދު ވިސްނާލާއިރު އެމީހުންގެ ސަބަބުން ރާއްޖެއަށް ކުރާ ފައިދާގެ މަށްޗައް ވިސްނާލުން ވަރަށް ވެސް މުހިއްމު......؟ އމ

    އަންގާރަ، ފެބްރުއަރީ 3 2009، 11:41
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv