
އިސްލާމް ދިވެހި ޓީޗަރުންނަށް ތަމްރީން ދިނުން
އޮޅުވެލިފުށީގެ މަދްރަސާ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އިސްލާމް ޓީޗަރަކާއި ދިވެހި ޓީޗަރަކު ނެތް މައްސަލަކަމަށް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ. އެއީ ވަރަށް ބޮޑު ތެދުފުޅެކެވެ. މާލޭގަ ބައެއް ސްކޫލުތަކުގައިވެސް ޓީޗަރުން ހަމަވެފައެއް ނެތެވެ. އިސްލާމް އަދި ދިވެހި ޓީޗަރުން ނެތް މައްސަލަ މިވަނީ ދިމާވެފައެވެ. އަދި ކުރިއަށް އޮތްތާ މިކަން އިތުރުވެގެން ދާނެކަމަށް ބުނެވިދާނެ އެވެ.
އިސްލާމް ޓީޗަރުންނާއި ދިވެހި ޓީޗަރުން ނުއުފެއްދުނީ ކީއްވެގެންތޯ ސުވާލު ކުރަން އެބަ ޖެހެއެވެ. އެ ކޯސްތަކަށް ކުރިމަތިލާނެ ބަޔަކު ނުލިބުނީ ހެއްޔެވެ؟ ކޯސްތައް ހެދޭނެ ފެންވަރުގެ ބަޔަކު ނެތީ ހެއްޔެވެ؟ ނުވަތަ ސްކޫލުތަކުގައި ކިޔަވާކުދިންގެ އަދަދު ކުއްލިއަކަށް އިތުރުވީ ހެއްޔެވެ؟ ނުވަތަ ރޭވުންތެރިކަމާއެކީ ކޯސްތަކެއް އިންތިޒާމްކޮށްގެން ކުރިއަށް ނުގެންދެވުނީ ބާއެވެ؟
ގަބޫލުކުރަންޖެހުނީ މައްސަލަތަކެއް ދިމާވެފައި ވާކަމެވެ. އެއްކަމަކީ ކޯސްތަކެއް ހިންގުމަށް އެކަށީގެންވާ ލެކްޗަރަރުން ލިބުމުގެ ދަތިކަމަށް ވެދާނެއެވެ. ހަމައެފަދައިން ތަނުގެ ދަތިކަމާއި, ވަސީލަތްތައް މަދުކަމަކީވެސް ދިމާވެދާނެ މައްސަލަތަކެކެވެ. މިމައްސަލަތައް ހުރިނަމަވެސް ފާއިތުވީ ގިނަ އަހަރުތަކުގައި މިރާއްޖެއަށް ބޭނުންވާ އިސްލާމް އަދި ދިވެހި ޓީޗަރުން ތަމްރީނު ނުކުރެވެންވީ ސަބަބެއް އޮތްކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ.
ކުއްލިއްޔާއިން އިސްލާމް މުދައްރިސުން ތަމްރީނު ކުރުމަށް މަސައްކަތް ކުރާއިރު, ކޮލެޖުން ދަނީ ދިވެހި މުދައްރިސުން ތަމްރީނު ކުރަމުން ނެވެ. ނަމަވެސް މުޅި ރާއްޖެއަށް ބޭނުންވާ ވަރަށް ޓީޗަރުން ހަމަކުރެވޭ ވަރެއް ނުވެއެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަމްރީނު ނުވާ ޓީޗަރުން ގިނައެވެ. އިތުރު ތަމްރީނު ބޭނުންވެފައިވާ ޓީޗަރުން އަދި މާގިނައެވެ. އިސްލާމް ދިވެހި ޓީޗަރުންގެ ތެރޭގައި ‘ އިތުރު ތަމްރީނު ބޭނުން ވެފައިވާ’ ޓީޗަރުން ގިނަކަން ފާހަގަ ކުރެވެއެވެ.
ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވަނީ ރާއްޖެއަށް ބޭނުންވާ ދިވެހި މުދައްރިސުންނާއި އިސްލާމް މުދައްރިސުން ހޯއްދެވުމަށް ވިސްނާ ވަޑައިގަންނަވާއިރު އެކަމަށް ދިގު މުއްދަތެއް ނަގާ ކަމުގައެވެ. ކޮންމެ ގޮތެއްވިޔަސް, އިސްލާމާއި ދިވެހި މާއްދާ ކިޔަވާދިނުމަށް ރާއްޖޭން ބޭރުން ޓީޗަރުން އެތެރެއެއް ނުކުރެވޭނެ އެވެ. އެކަން ކުރެވޭނީ ހަމައެކަނި ދިވެހިން ނަށެވެ. އެދެ މާއްދާ ކިޔަވާދޭން ޖެހޭނީވެސް މާދަރީ ބަހުން ނެވެ. ކަން މިހެން އޮތްއިރު އިސްލާމާއި ދިވެހި މާއްދާ ކިޔަވާދޭ މުދައްރިސުންނަށް ކުރިއަށް ދިއުމަށް ފަސޭހަ މަގުތަކެއް ހުޅުވިފައި އޮތުމުގެ މުހިންމުކަން ބޮޑެވެ. ތަމްރީނު ނުވެތިބި ޓީޗަރުންނަށް އެފުރުސަތު ހުޅުވާދިނުން މުހިންމު މެވެ. އަދި އާ މުދައްރިސުން ތަމްރީނު ކުރުމަށް އިތުރު ކޯސްތަކެއް ހިންގުމަކީވެސް މުހިންމު ކަމެކެވެ.
އިސްލާމާއި ދިވެހި ކިޔަވައިދޭ މުދައްރިސުން މަދުކަމުގެ މައްސަލަ ހައްލު ކުރެވޭނެ ގޮތެއް ވީހާވެސް އަވަހަކަށް ހޯއްދަވައިދެއްވޭތޯ ބައްލަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އެވިދާޅުވުމަށް އަމަލު ކުރެއްވުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކަންކުރަމުން ގެންދާނީ ކޮންގޮތަކަށް ބާއެވެ؟ މުދައްރިސުން ބޭނުންވާ އިތުރު ތަމްރީނުގެ ފުރުސަތު ހުޅުވާލާނީ ކިހިނެއްބާއެވެ؟ އާ ބަޔަކަށް ކޯސްތަކެއް ހިންގާނީ ކޮން އުސޫލަކުން ބާއެވެ؟ ދިގު މުއްދަތު ނަގާނަމަ ސްކޫލުތަކަށް ބޭނުންވާ ޓީޗަރުން ނުލިބިގެން ކުރަމުންދާ ޝަކުވާތަކަށް ނިމުމެއް ގެނެވިދާނެބާއެވެ؟
” އަހަރެންނަށް ހެޔޮ ސްކޫލުން ވަކިކުރިޔަސް. ކޯހުގައި އަހަރެން ބައިވެރިވާނަން. ފެކަލްޓީން އަހަރެންނަށް ފުރުސަތު ދީފިނަމަ ސްކޫލުން ވަކިވެގެން އަހަރެންދާނީ ކޯހަށް. އެއީ އެ ފުރުސަތަކީ ފަސޭހައިން ލިބޭނެ ފުރުސަތަކަށް ނުވާތީ.“ މިއީ ޓީޗަރަކު ނެތިސް, ކޯހަށް ދޫނުކުރާނެކަމަށް ސްކޫލުން ބުނަމުންދާތީ ޓީޗަރަކު ދެއްކި ވާހަކައެކެވެ. މިފަދައިން ބުނަމުން ގެންދާ އެތައް ޓީޗަރުންނެއް އެބަތިއްބެވެ. އެޓީޗަރުން ބުނަމުންގެންދަނީ ނުކިޔަވާ ފަރުޖެއްސެން ނެތްކަމަށެވެ. ލިބޭ ފުރުސަތުތައް ދޫކޮށްލައިގެން ވާން ނެތްކަމަށެވެ. އެކަމަކު ގިނައަދަދެއްގެ ޓީޗަރުން އެއްފަހަރާ ކޯސްތަކަށް ފޮނުވޭން ނެތްކަމަށް ސްކޫލުތަކުގެ ވެރިން ދަނީ ވިދާޅުވަމުން ނެވެ.
އެއީވެސް ތެދެކެވެ. އެއްފަހަރާ ޓީޗަރުން ކޯސްތަކަށް ދިއުމުން ދެން ކިޔަވާދޭން ތިބޭނީ ކޮންބައެއް ހެއްޔެވެ؟ އެމީހުން ކުރަމުން އައި މަސައްކަތް ކުރާނެ ބަޔަކު އެބަތިބި ހެއްޔެވެ؟ އެފަދަ ބަޔަކު ތައްޔާރު ވެފައި ނެތުމަކީ ޓީޗަރުންގެވެސް ކުށެއް ނޫނެވެ. އެޓީޗަރުންގެ ކުރިއެރުމާއި, ގާބިލްކަން އިތުރު ކުރުމަށް ލިބޭ ފުރުސަތު ދޫކޮށެއް ނުލެވޭނެ އެވެ.
ތަމްރީނުވެފައިވާ ދިވެހި އިސްލާމް ޓީޗަރުން ސްކޫލުތަކަށް ބޭނުން ވެއެވެ. ގާބިލް ޓީޗަރުން އުފެއްދުމަކީ މިއަދު ކޮންމެހެންވެސް ބޭނުން ކަމެކެވެ. އެކަން ކުރެވޭނީ މިއަދު ތިބި ޓީޗަރުންނަށްވެސް އިތުރު ތަމްރީނު ދެވިގެން ނެވެ. އެކަމަށް ފުރުސަތު ހުޅުވާލައިގެން ނެވެ. ވިސްނަންވީ އެތަމްރީނު ޓީޗަރުންނަށް ދޭނެ ގޮތެކެވެ.
-
އަންގާރަ، ޖެނުއަރީ 27 2009، 09:52
ދިވެހި ކޯސްތަކަށް އަހަރަކު އެތައް ކުދިންނެއް ކުރިމަތިލާކަން ފެކަލްޓީގެ ސްޓޫދެންޓް ސާވިސްގެ ރިކޯޑުތައް ބެއްލެވުމުން އެނގިވަޑައި ގަންނަވާނެއެވެ. މީގެ ތެރޭގައި ކިޔަވާދިނުމުގެ އެތައް އަހަރެއްގެ ތަޖުރިބާ ތިއްބެވި ބޭފުޅުންވެސް ހިމެނޭއިރު އެފަދަ ބޭފުޅުންނަށް ފުރުސަތު ނުދެއްވަނީ ކީއްވެތޯއެވެ.ވީއިރު މިކަމުގެ ޒިންމާ ނަގަންޖެހޭ ބަޔަކު ތިބެންޖެހޭނެއެވެ.
-
އަންގާރަ، ޖެނުއަރީ 27 2009، 11:13
މިރާއްޖޭގައި އިސްލާމް ދިވެހި ކިޔަވައި ދެއްވަމުން ގެންދެވި ބޭފުޅުންގެ ތެރޭގައި ގިނަ ޢަދަދެއްގެ އުމުރުން ދުވަސްވީ ބޭފުޅުންވެސް ތިއްބެވިކަން އަޅުގަނޑު ދެނަހުރިން . ސިވިލްސަރވިސްގެ ޤާނޫނަށް ޢަމަލުކުރުމަށް ޢުމުރުން 65 އަހަރު ވެފައިވާތީ މިފަދަ އެތައް ބޭފުޅުން މިހާރު ބާކީ ކުރެވިފައި . މިއާވެސް އިސްލާމް ދިވެހި ކިޔަވައިދެއްވާނެ ޓީޗަރުން ގެ ޢަދަދު މަދުވުމަށް ދިމާވެފައިވާ މައްސަލައަށް އިތުރުވި އިތުރު މައްސަލައެއް ކަން ހަނދާންކޮށްދެން .
-
އަންގާރަ، ޖެނުއަރީ 27 2009، 11:28
ވިސްނާވަރުގެ ކަމެއްނޫން މީ ތަންރީން ނުލބޭ ސްކޫލްތަކަށް އިސްކަންދީގެން އެތަންތަނުން ޓީޗަރުންގެނެސް ހަމަ ފަށައިގަންނަންވީ އެމީހުން މާލޭގައި ތިބޭނެ ގޮތްވެސް ހަމަޖައްސަންވީ! މިއަހަރުވެސް ފެށިދާނެ. ޤަވާޢިދުތަކާއި ކުރައިޓީރިއާތަކަށް ބަލަންތިބެގެން ތިކަމެއް ދުވަހަކުވެސް ނުވާނެ!
-
އަންގާރަ، ޖެނުއަރީ 27 2009، 12:30
ތަމްރީނުވެފައިވާ ދިވެހި އިސްލާމް ޓީޗަރުން ސްކޫލުތަކަށް ބޭނުން ވެއެވެ. މިކަމުގައި އަންވަރަށް ފާހަގަ ނުކުރެވި މިއޮތީ ގިނަރައްތަކުގައި ސެކަންޑަރީއަށް ކިޔަވައިދެއްވަން ފެށި އިރު މުދައްރިސުންއުފެއްދުމަށް ސަމާލުކަން ނުދެވުނީއެވެ.
-
އަންގާރަ، ޖެނުއަރީ 27 2009، 13:34
މައްސަލަ ވަރަށް ސާފު. ޙައްލުވެސް ވަރަށް ސާފު. ސެކަންޑްރީ ދިވެހި، އިސްލާމާއި ދިވެހި ޑިޕްލޮމާއާއި ޑިގްރީ ހެއްދެވި ބޭފުޅުންގެ މަތީ އިންސައްތައެއް މަސައްކަތްކުރަމުން ގެންދަވަނީ މާލޭގެ ސްކޫލުތަކުގަ. ޚާއްޞަކޮށް ސެކަންޑްރީ ދިވެހި އިސްލާމް ކޯސް ހެއްދެވި ވަރަށް ގިނަ ޢަދަދެއްގެ ބޭފުޅުން މާލޭ ޕްރައިމަރީ ސްކޫލްތަކުގަ އެބައުޅުއްވާ. ހަމަތަކާއި އުސޫލުތަކާ ޚިލާފަށްވިޔަސް މާލޭ ސްކޫލްތަކުގެ ވެރިންނަގާފަ ބާކީ އަތޮޅުތަކަށް މިލިބެނީ. ރާއްޖޭގެ ސްކޫލްތަކަށް ވާވަރަށް ދިވެހި އިސްލާމް މުދައްރިސުން ތަމްރީންވެފަ އެބަތިބި. ބައެއް ސްކޫލްތަކުގައި ބޭނުންވާވަރަށްވުރެ އިތުރަށްވެސް އެބަތިބި. މީ ސިސްޓަމުގެ ދޯހަޅިކަމުގެ މައްސަލައެއް.
-
އަންގާރަ، ޖެނުއަރީ 27 2009، 13:53
އިސްލާމާއި ދިވެހި ކިޔަވައިދޭ މުދަށްރިސުން މިހާރުން މިހާރަށްވެސް ތަމުރީނުކުރަން ލަސްވެއްޖެ. ރާއްޖޭގެ އެކި ދާއިރާ ތަކުގައި ކޯސްތަށް ހިންގައިގެން ނަމަވެސް މިކަމަށް އަވަސް ޙައްލެއް ގެންނަންވެއްޖެ. ޒާހިދު
-
އަންގާރަ، ޖެނުއަރީ 27 2009، 17:00
ދިވެހިކޯސް ހަދައިގެން މާލެއިން ނޫންތަނަކުން ވަޒީފާ ބޭނުންނުވެގެން ތިބި ޓީޗަރުންވެސް އެބަތިބި. އެމީހުން ތިބީވެސް ގޭގަ. -ހަމީދު