ބަހުގެ އިހްތިރާމް ވަރިހަމަ ނުކުރާށެވެ.

އަންވަރު އިބްރާހިމް ޖެނުއަރީ 12 2009، 07:47 0 ޚިޔާލު

ތޮބީއީ ގޮތުން ބަހަކީ ބަދަލުވާ އެއްޗެކެވެ. ބަސް ބަދަލުވަނީ ލަފްޒުތަކާއި, އެލަފްޒުތައް ބޭނުން ކުރާ ހާލަތާއި, ބޭނުންކުރާ މީހުންނަށް އަންނަ ބަދަލުތަކުގެ ސަބަބުންކަމަށް ބުނެވިދާނެއެވެ. ކޮންމެ ނަޒަރަކުން ބަސް ބަދަލުވިނަމަވެސް ވާހަކަ ދައްކާ ބަހުގައި ހުންނަ ‘އަދަބާއި އިހްތިރާމް’ ގެއްލި ދިއުމަކީ ހިތާމަކޮށް އެކަންކަމާމެދު ވިސްނަން ޖެހޭ ކަމެކެވެ. ވިސްނަންޖެހެނީ މިއަދުގެ ބައެއް ޒުވާނުންނާއި, ކުދިންގެ ވާހަކަ ދެއްކުމުގައި އިހްތިރާމް ކުރުމުގެ އުސޫލުތައް ނެތެމުންދާތީ އެވެ.

އެންމެ ގަދީމީ ޒަމާނުގައިވެސް ބަހުގެ ޒަރީއާއިން އިހްތިރާމް އަދާކުރަމުން ގެންދިޔައެވެ. އިސްލާމީ ޙަޟޯރަތުންވެސް މިކަންކަން ސާބިތުވެ އެވެ. މާތް ނަބިއްޔާ ދެއްވެވި އިރުޝާދާއި ދެއްކެވި ނަމޫނާއިންވެސް މިކަން ހާމަވާން އެބައޮތެވެ. އަދި ކުރިއަރާފައިވާ ގައުމުތަކާއި, ހަޟާރަތްތަކުންވެސް ބަހުގެ އިހްތިރާމް އަދާކުރަމުން ދާތަން ފިސާރި ރީތިކޮށް ފެންނަމުން އެބަދެއެވެ. އެހެންކަމުން ކަމަކީ ކިތަންމެހާވެސް މުހިންމު ކަމެކެވެ. ކުދިންގެ އަޚްލާގާއި, ވަޒީފާގެ މާހައުލާއި, މުޖްތަމައުގެ އާދަތައް ރީތިގޮތުގައި ހިފަހައްޓަން ބޭނުންނަމަ ކުރަންޖެހޭ ކަމެކެވެ.

ވިސްނަވާށެވެ! އަޅުގަނޑު ބުނަން މިއުޅެނީ ދަރަޖަ ތަކުގެ ވާހަކައެއް ނޫނެވެ. ދިވެހި ބަހުގެ ކޮންމެ ދަރަޖައެއް ބޭނުންކޮށްގެން ވިޔަސް, ތިމާ ދައްކާ ވާހަކަ ރީތިގޮތުގައި އިހްތިރާމާއެކު ބުނެވިދާނެ އެވެ. ދައްކާ ކޮންމެ ވާހަކައެއް ‘ބާޒާރުމަތީ’ ބަހުރުވައަށް ވެއްޓި, ތިމާ ލޭމައްޗަށް ދާގޮތް ވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. އަޑުގެ ކޮޅަށް ހަޅޭއްލަވާ ގޮތަށް ވާހަކަ ދެއްކުމަކީ ފެޝަނެއްވެސް ނޫނެވެ. ކިޔާއެއްޗެއް އެނެކާއަށް ފަހުމު ނުވާގޮތަށް, ދުލުގައި ވަރުނެތިގެން ވާހަކަ ދެއްކުމަކީ ތިމާގެ މޮޅުކަން އަންގާދޭ ކަމެއްވެސް ނޫނެވެ. ހިތަށް އައިހާ އެއްޗެއް ދުލުން ބޭރުކުރުމަކީ ތިމާގައި ”ގަޓް ހުރިކަން“ އަންގާދޭ ނިޝާނެއްވެސް ނޫނެވެ. ހިތާމައަކީ މިއީ އެވެ. ބަސް ފެޝަނަކަށްވެ, އިހްތިރާމް އަދާކުރުމުގެ ބައި ބަހުގެ ތެރެއިން ބޭރުވަމުން ދިއުމެވެ. ބަސް ފެޝަނަކަށް ވުމަކީ ބަހުގެ އަސްލު ‘ބޭނުން’ ކެނޑޭ ކަމެކެވެ. މިޒަމާނުގައި ‘ފެޝަން’ އަންނަނީ އެ މާނައިގަ އެވެ. ލާހެދުންވެސް ފެޝަނަކަށް ވެއެވެ. ނަތީޖާއަކަށްވަނީ ކަނދޮޅު ދުއްޔެކޭ ހެދުމެކޭ އެއްފަދަ ވުމެވެ. ހެދުމުގެ ބޭނުން ކެނޑުމެވެ. ކޮންމެކަމެއްވެސް ފެޝަނަށް ނިސްބަތް ވެއްޖެނަމަ ވަނީ މިކަހަލަ ގޮތެވެ. ގަބޫލުކުރަންޖެހޭ ހަގީގަތަކީ ކޮންމެ ބަހަކުން ވާހަކަ ދެއްކިނަމަވެސް އިހްތިރާމާއެކު ވާހަކަ ދައްކަން ދަސްކުރަންޖެހޭ ކަމެވެ. މާދަރީ ބަހުން އެކަމަށް ފަރިތަ ނުވާނަމަ އެހެން ބަހަކުން އެކަން ކުރަން އުނދަގޫ ވެދާނެ ކަމެވެ. އަދި އިހްތިރާމެއް ނެތި ވާހަކަ ދައްކަން އާދަވެއްޖެނަމަ އެހެން ބަހަކުން ވާހަކަ ދެއްކިނަމަވެސް އެސިފަ ތިމާގެ ހަށިގަނޑާ ވަކިކުރުވަން އުނދަގޫެވެދާނެ ކަމެވެ.

އިހްތިރާމާއެކު ވާހަކަ ދެއްކުމަކީ އަޚްލާގީ މާތް ސިފައެކެވެ. ތިމާގެ އަޚްލާގުގެ ރީތިކަން އެންމެ ފަސޭހައިން ފެންނަ ސިފައަކީ ވާހަކަ ދެއްކުމުގެ އަދަބުތަކާއި ގަވައިދުތަކާއި ހަމަތަކެވެ. މިސިފަތައް އާލާ ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ މައިންބަފައިން ނެވެ. އެއަށްފަހު ޓީޗަރުން ނެވެ. ކުއްޖާގެ ހަގީގީ މާހައުލަކީ ގެއެވެ. އެގެއިން އެކުއްޖާއަށް އިވޭ އަޑުތަކާއި, ފެންނަ މަންޒަރުތަކާއި, ދިމާވާ ކަންކަމަކީ އިހްތިރާމް އަދާކުރުމުގައި މުހިންމު ކަންކަމެވެ. ބައްޕަ ދަރިފުޅާ މުޚާތަބުކުރާ ގޮތާއި, މަންމަ ކުދިންނާ މުޚާތަބްކުރާ ގޮތާއި, މަންމަ އާއި ބައްޕަ ދައްކާދޭ ނަމޫނާއަކީ ކުއްޖާގެ ތަބީއަތު ބަދަލުވުމުންދާއިރު އެކަންކަމުގެ އަސަރު ކުރާނެ ކަންކަމެވެ. އޭގެ އިތުރުން ސްކޫލުތަކުން ފެންނަ މަންޒަރުތަކާއި, އެކުއުޅޭ ކުދިންގެ ފަރާތުން ލިބިގަންނަ ދަރުސްތަކަކީވެސް އޭގެ އަސަރު ކުރާނެ ކަންކަމެވެ. މިކަންކަމާމެދު ވިސްނައި, ކުދިން ނުވަތަ ދަރިންގައި ހުންނަ ނުރަނގަޅު ސިފަތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެކެވެ.

އޭރުން މަގުމަތީ ހިނގާފައި ދާއިރު މިއިވޭ, އަޑުތައް ނުވަތަ ހުތުރު ބަސްތައް މުޖްތަމައުގައި އާއްމުވެގެނެއް ނުދާނެ އެވެ. އަޅުގަނޑުވެސް ގަބޫލު ކުރަމެވެ. ހުރު ބަސްތަކަކީވެސް މުހިންމު ބަސްތަކެކެވެ. އެއީވެސް ޚަޒާނާއެކެވެ. ނަމަވެސް ޚަޒާނާގައި ހުންނަ ހުރިހާއެއްޗެއް ‘ސޭލް’ އަޅުވަން ވެއްޖެނަމަ ތިމާވެސް އޮންނާނީ ސޭލް އެޅުވިފައެވެ. އެކަކުވެސް އެގޮތެއް ނޭދޭނެ އެވެ. އެހެންކަމަށް ވާނަމަ ކޮންމެ ގޮތެއް ވަރިހަމަވެގެން ފަރުޖެހޭކަށް ނެތެވެ. ބަހުން އިހްތިރާމް އަދާކުރުމަށް ސަމާލުވާށެވެ! މިއަދުގެ ޖީލު އެކަމަށް ހޭލައްވާށެވެ!


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv