ހުކުރު ޚުތުބާ

އަންވަރު އިބްރާހިމް ޖެނުއަރީ 6 2009، 18:41 1 ޚިޔާލު

ހުކުރުން ފައިބައިގެން އަންނަނިކޮށް ދިމާވި ދެ ރައްޓެހިންވެސް ދެއްކީ ހުކުރުގެ ވާހަކައެވެ. އެކަކު ބުނީ މިހާރަކަށް އައިސް ހުކުރު މާދިގުވެގެން ދާކަމަށެވެ. އޭނާ ބުނަމުން ދިޔައީ ދިގުމިން ކަނޑައެޅިފައި ނުވިނަމަވެސް އާއްމުކޮށް ނިމޭގަޑިއެއް އޮންނަން ވާނެ ކަމަށެވެ.

އެނެއް އެކުވެރިޔާ ދެއްކީ ހުކުރު ޚުތުބާގެ ފުރިހަމަ ވާހަކައެވެ. ޚުތުބާ ދިގުވިނަމަވެސް އެއަޑުއަހަން ކިތަންމެ އިރަކުވެސް އިނދެވިދާނެ ވާހަކައެވެ. އެޚުތުބާއަށް ޝައުގުވެރިކަން އުފެދޭ ވާހަކައެވެ.

ޚިޔާލަކީ ތަފާތު އެއްޗެކެވެ. އެއްބަޔަކަށް އެއްގޮތް ކަމުދާއިރު އަނެއްބަޔަކަށް ކަމުދަނީ އޭގެ އިދިކޮޅު ގޮތެވެ. ނުވަތަ އެނޫން ގޮތްގޮތެވެ. ގަބޫލުކުރަންޖެހޭ ހަގީގަތަކީ މި ފަހަކަށް އައިސް އިސްލާމީ މަރުކަޒުގައި ދޭ ޚުތުބާތަކަކީ ފެންވަރު ރަނގަޅު އަދި މުޖްތަމައާ ގުޅޭ, ހާލަތާ ގުޅޭ ޚުތުބާތަކެއް ކަމެވެ. ޝައިޚް ޝަހީމް ދެއްވާ ޚުތުބާތަކަކީ ގިނަ ބަޔަކު އެއަށް އިންތިޒާރު ކުރާ ޚުތުބާތަކެއް ކަމެވެ.

މަރުކަޒުގައި ހުކުރު ދުވަހު ދެމުންދާ ޚުތުބާގައި ދައްކާ ވާހަކަތަކާއި, އެވާހަކަތަކުން ކުރާ އަސަރާއި, އެއަށް މީހުންދޭ ޝައުގުވެރިކަން އިތުރުވަމުން ދާކަން ފާހަގަ ކުރެވެއެވެ. ނިދި ތާއްޔަށް ޖެހޭ މީހުންގެ ލޯތައް ހުޅުވިފައި ތިބޭތަން ފެނެއެވެ. ޒުވާނުންނާއި ކުޑަކުދިން އެޚުތުބާތަކުގެ އަޑު އެހުމަށް އިހުގައި ނުދޭ ސަމާލުކަން ދެމުންދާތަން ފެނެއެވެ.

ޚުތުބާއަށް އާއްމުންދޭ ސަމާލުކަން މިހާރަށްވުރެ އިތުރު ކުރުމަކީ މުހިންމު ކަމެކެވެ. ގޭގައި ތިބޭ އަންހެނުންނަށްވެސް އެޚުތުބާތައް އަޑުއިވި, ބެލޭނެގޮތް އިންތިޒާމް ހަމަޖެހިފައިވާއިރު އެކަމަށް ބާރުއެޅުމަކީވެސް ކުރަންޖެހޭ ކަމެކެވެ. ހުކުރު ދުވަހު އަންހެންވެރިންގެ ކަމަކީ ހަމައެކަނި ކެއްކުން ކަމުގައި ހެދުމަކީ ބޯދާ އާދައެއްކަމުގައި މިއަދު ހަދަން ޖެހެއެވެ.

ހުކުރުގެ ވަގުތު ދިގުވުމުގެ ވާހަކަ ދައްކާއިރު އަޅުކަމަކަށް ކުޑަވަގުތު ކޮޅެއް އިތުރުވުމަކީ މައްސަލައެއްކަމަށް ދެކިގެން ނުވާނެއެވެ. ނަމަވެސް ހުކުރު ކުރުން ނިމޭނެ ވަގުތެއް އެނގިފައި އޮތުމަކީ ނެތްކަމެއް ނޫނެވެ. އެކަމުން ފަސޭހަތަކެއް ލިބޭނެކަމެއްވެސް މެއެވެ. ވަގުތުގެ މައްސަލަ ހައްލުކުރުމަށް ‘ޚުތުބާ ކުރިއަށް ގެންދާނެގޮތް’ އާއްމު ކުރުމަކީ ކުރެވިދާނެ ކަމެކެވެ. އެގޮތުން ލިޔެފައިވާ ޚުތުބާއަކާ ނުލާ, ހުކުރު ކުރާނެ މިސްކިތްތައް އާއްމު ކުރުމުން އެމިސްކިތްތަކުގެ ހުކުރު ދިގުވެގެން ހިނގައިދާނެކަން ނުވަތަ ސީދާ ގަޑިއަށް ނުނިންމިދާނެކަން ދެނެގަނެވޭނެ އެވެ. މިފަދަ ކަމެއް ކުރުމަކީ މުހިންމު ކަމެކެވެ.

ހުކުރު ޚުތުބާއަކީ އެއަށް ވަރަށް ގިނަބަޔަކު ސަމާލުކަންދޭންޖެހޭ އެއްޗެކެވެ. އެ ހަފްތާއަށް ދޫކުރާ މެސެޖުގެ ފުރިހަމަ ބޭނުން ހިފަންޖެހޭ އެއްޗެކެވެ. ގައުމަށާއި އުންމަތަށް ދިމާވެފައިވާ ކަންކަމުގެ މަތިން ހަނދާން ކޮށްދެންޖެހޭ އެއްޗެކެވެ. އެހެންކަމުން ކޮންމެ ޚުތުބާއެއްވެސް ކުރިއަށް ގެންދަނީ ޚާއްސަ މައުޟޫއެއްގެ ތެރޭން ނެވެ. ކަނޑައެޅިފައިވާ ދާއިރާއެއްގެ މައްޗަށެވެ.

ހުކުރު ދުވަހުގެ ޚުތުބާތައް ދޭނެ ދާއިރާތައް ކުރިން އެނގުމަކީވެސް އެއަށް ޝައުގުވެރިކަން އުފެއްދުމަށް ކުރެވިދާނެ ކަމެކެވެ. ކޮންމެ މަހަކުވެސް ހުކުރު ކުރާނެ ދާއިރާތަކާއި ދުވަސްތަކާއި ހުކުރު ކުރާނެ ފަރާތްތައް އާއްމު ކުރުމަކީ އެކަމަށް އިތުރު ޝައުގެއް އުފެދިދާނެ ކަމެއްކަމަށް ގަބޫލު ކުރެވެއެވެ.

މީގެ އިތުރުން ޚުތުބާ މެދުވެރިކޮށް ސީދާ ދިވެހިންނަށް ނުވަތަ ޚާއްސަ ބަޔަކަށް އަމާޒުކޮށް މެސެޖް ދިނުމަކީ މުހިންމު ކަމެކެވެ. އެކަމުގެ ސަބަބުން ކަމުގެ މުހިންމުކަމާއި ބޭނުންތެރިކަމާއި ހައިބަތު އެނގިގެންދެއެވެ. މިސާލަކަށް މިސްކިތްތައްމަރާމާތު ކުރުމަށް ވިޔަފާރިވެރިންނަށް ގޮވާލުމުން އެކަމަށް ގޮވާލިކަން ހުރިހާ ވިޔަފާރިވެރިންނަށްވެސް އެނގޭނެ އެވެ. އެއަށް ޖަވާބުދާރީވާގޮތްވެސް މީހުން ބަލާނެ އެވެ. އެކަމަށް ޝައުގުވެރިކަން ފާޅުކުރާ މީހުންވެސް އެނގޭނެ އެވެ. އެއީ މުހިންމު ކަންކަމެކެވެ.

ހިތުން ޚުތުބާ ކިޔަމުންދާއިރު, ޖެހިދާނެ ކުށަކުން ސަލާމަތްވުމަށް ކުރިޔާލާ ތައްޔާރު ވުމަކީވެސް މުހިންމު ކަމެކެވެ. ތައްޔާރުވެގެން ޚުތުބާދޭނަމަ އަޑުއަހާމީހުންވެސް އެއަށް ތާއްޔާރުވާނެ އެވެ. މިހާރު ހުކުރު ކުރިއަށް ދަނީ އެގޮތަށެވެ. އަޑުއަހާމީހުން އެދަނީ އެކަމަށް ތައްޔާރުވެގެން ނެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. މިޙަރުވެސް ޙުކުރު ޚުތުބާ ނުބަލައި ކިޔަނީ 2 މިސްކިތެއްގައެވެ. އަޅުކަމުގައި ވަގުތުކޮޅެއް އިތުރު ވުމަކީ އެއީ މައްސަލައެއްކަމަކަށް އަޅުގަނޑު ނުދެކެމެވެ. ވަގުތު ގިނަވާކަމަށްވަ ނަމަ ޚުތުބު ލިޔެގެން ކިޔާ މިސްކިތަކަށް ދިއުން އަނގަޅުވާނެއެވެ. އިސްލާމީ މަރުކަޒައް ދާނީ ދިގުވިޔަސް ހެޔޮކަމަށް...

    ބުދަ، ޖެނުއަރީ 7 2009، 08:29
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv