ކުރީގެ ރައީސާއި މިހާރުގެ ރައީސްގެ ތަފާތެއް

އަންވަރު އިބްރާހިމް ޑިސެންބަރު 29 2008، 10:33 16 ޚިޔާލު

ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބުދުލްގައްޔޫމާއެކު ފުރަމާނަ ދަތުރުފުޅެއްގައި ބައިވެރިވުމުގެ ފުރުޞަތު އަހަރެންނަށް ލިބުނެވެ. އަދި އެދަތުރުގައި އެމަނިކުފާނަށް ބޭނުން ސުވާލެއް ހުށަހެޅުމުގެ ފުރުސަތުވެސް ލިބުނެވެ. އެފުރުޞަތުގެ ބޭނުން ކޮށް އަހަރެން ހުށަހެޅީ އެތައް ދުވަހަކު ހިތުއަޅައިގެން ހުރި ސުވާލުތަކެކެވެ.

” ސްޕީޗް ދެއްވުމުގެ ކުރިން ފަރިތަކުރައްވަމުތޯ؟ ލިޔުއްވަނީ އަމިއްލަފުޅަށްތޯ؟ ގެންގުޅުއްވަނީ ކޮން އުސޫލެއްތޯ؟ ކުއްލިއަކަށް ވާހަކަފުޅު ދައްކަވަން ޖެހިވަޑައިގެންފިނަމަ ކަންތައް ކުރައްވަނީ ކޮންގޮތަކަށްތޯ؟ “ މިއީ އަހަރެން ކުރި ސުވާލުތަކެވެ.

އޭގެ ޖަވާބުގައި މައުމޫނު ވިދާޅުވީ ކޮންމެ ސްޕީޗެއްވެސް އެބޭފުޅާ ދެއްވަނީ މަދުވެގެން ދެތިންފަހަރު ފަރިތަކުރައްވާފައި ކަމަށެވެ. ދެއްވާ ސްޕީޗް ދެތިންފަހަރު ވިދާޅުވާކަމަށެވެ. ސްޕީޗް ތައްޔާރު ކުރައްވަނީ އެމަނިކުފާނު ދެއްވާ ‘އައިޑިއާ’އާ ތަކުގެ މައްޗަށް, އެކަމަށް ކަނޑައަޅާފައި ތިބޭ ބަޔަކު ކަމަށެވެ. ކުއްލި ހާލަތްތަކުގައި އެހާގިނައިން ވާހަކަ ދައްކަވަން ޖެހިވަޑައި ނުގަންނަވާ ކަމަށާއި ވަރަށް މަދުފަހަރަކު ވާހަކަ ދައްކަވަން ޖެހިވަޑައިގެން ނަމަވެސް އެފަދަ ވަގުތު ތަކުގައި ވާހަކަ ދައްކަވަނީ ވަރަށް ވިސްނަވައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ އަހަރެން ކުރި ސުވާލުތަކަށް މައުމޫނު ދެއްވި ޖަވާބެވެ.

ހަގީގަތުގައި މައުމޫނަކީ ވާހަކަ ދެއްކުންތެރިކަމުގެ ފަންނުގައި ވަރަށް ފުންނާބު އުސް ބޭފުޅެކެވެ. ޚާއްސަކޮށް ތަގްރީރު ކުރެއްވުމުގައި މި ރާއްޖެ ދުށް އެންމެ މޮޅު އެއް ބޭފުޅާކަމަށް އަހަރެން ގަބޫލުކުރާ އެއް ބޭފުޅަކީވެސް މައުމޫނެވެ. އެއީ ކުރީގެ ރައީސެވެ.

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދަކީވެސް, ވާހަކަދެއްކުންތެރިކަމުގެ ފަންނަން ބަލާއިރު ވަރަށް މޮޅު ވާހަކަ ދެއްކުން ތެރިއެކެވެ. އާއްމު ތަންތާނގައި, ގިނަ ބައެއްގެ ކުރިމަތީގައި ނަޝީދާ އެއްފެންވަރަށް ވާހަކަ ދެއްކުމުގެ ކުޅަދާނަކަން ލިބިފައިވާ މީހުން ވަރަށް މަދެވެ. އޯޑިއެންސާ ގުޅުން ބާއްވާ ގޮތާއި, މިސާލު ޖައްސަވާ ގޮތާއި, ފަށްކުރައްވާ ގޮތާއި, ރާގަށް ގެންނަވާ ބަދަލުތަކަކީ ނަޝީދުގެ ވާހަކަ ދެއްކުންތެރިކަމުގެ ހުނަރުގެ ތެރެއިން ފާހަގަ ކުރެވޭ ކަންކަމެވެ. މި ފަހުގެ ތާރީޚްގައި ފެނިގެން ދިޔަ މޮޅު ވާހަކަދެއްކުން ތެރިންގެ ލިސްޓްގައި ނަޝީދު ހިމެނިވަޑައިގަންނަވަ އެވެ.

ނަމަވެސް ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްޕީޗްތަކަކީ އެހެން މީހުން ދެމުންދާ ސްޕީޗްތަކާ ތަފާތު ސްޕީޗްތަކެއް ކަމެވެ. ރައީސްގެ ސްޕީޗްތަކަކީ ގައުމީ ތަރިކަ އެކެވެ. ފަހުގެ ޖީލުތަކުން ދިރާސާ ކުރާނެ ސްޕީޗްތަކެކެވެ. އެއަށް ފާޑުވެރި ނަޒަރަކުން ބަލާނެ ސްޕީޗް ތަކެކެވެ. އެހެން ކަމުން ރައީސް ކަމުގެ ކުރީގައި ދެއްވި ސްޕީޗްތައް ބެއްލެވުމެއް ނެތި, (ހިތްޕުޅުން) ދެއްވި ނަމަވެސް, ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވާއިރު ދެއްވާ ކޮންމެ ސްޕީޗެއް (އަހަރެންގެ ނަޒަރުގައި) ދެއްވަންވާނީ ލިޔުއްވާ, އެއިން ކުށް ކަނޑުއްވާ, ތާރީޚަށް ދޫކޮށްލެވޭ އަމާނާތެއްގެ ގޮތުގަ އެވެ.

ދަންނަވަން މިއުޅެނީ ރައީސް ނަޝީދު ހިތްޕުޅުން ދެއްވާ ސްޕީޗްތައް ކަމުނުދާ ވާހަކައެއް ނޫނެވެ. އެސްޕީޗްތައް ‘ދެރަ’ ވާހަކައެއްވެސް ނޫނެވެ. އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ ކުޅަދާނަ ވާހަކައެއްވެސް ނޫނެވެ. 30 އަހަރު, އަހަރަކު އެތައް ސްޕީޗެއް ދެއްވި ބޭފުޅަކާ އަލަށް މަގާމާ ހަވާލުވެ ވަޑައިގެންނެވި ބޭފުޅަކާ (މިއަދު) އެއްފަދައެއް ނުވާނެ އެވެ. އިހުގެ ރައީސް ވެރިކަމާ ހަވާލުވެވަޑައިގެން ދުވަސްވަރު ދެއްވި ސްޕީޗްތަކަށްވުރެ މިހާރު ވެރިކަމުގައި ހުންނަވާ ރައީސް އެދެއްވާ ސްޕީޗްތަކުގެ ފެންވަރު (ވާހަކަދެއްކުންތެރިކަމުގެ ހުނަރަށް ބަލާއިރު) މޮޅެވެ.

އެ މޮޅުކަން ދެމެހެއްޓޭނީ ލިޔުއްވައިގެން ސްޕީޗް ދެއްވާނަމަ އެވެ. ލިޔުއްވާ ސްޕީޗް, ލިޔުއްވާ ގޮތަށް ވިދާޅުވުމަކީވެސް ހުނަރެކެވެ. ކުރީގެ ރައީސުލް ޖުމްހޫރއިއްޔާ އެކަމަށް ފިސާރި މޮޅެވެ. އެމޮޅުކަން ހޯދުމަށް ވަގުތު ނަގާނެ އެވެ.

އެމެރިކާގެ 16 ވަނަ ރައީސް އަބްރަހަމް ލިންކަން އަކީ އޭނައާ ވާދަ ނުކުރެވޭ ވަރުގެ މޮޅު ވާހަކަ ދެއްކުންތެރިއެކެވެ. ނަމަވެސް އޭނާ ވައިޓް ހައުސްއަށް ވަދެވަޑައިގެންނެވުމަށް ފަހު )(ރައީސްކަން ލިބިވަޑައިގަތުމަށްފަހު) ކުރިން ލިއުއްވުމަކާއި ނުލާ އެއްވެސް ތަގްރީރެއް ނުކުރައްވައެވެ. އޭނާގެ ކެބިނެޓާއި މުޚާޠަބް ކުރައްވައި ދައްކަވާ ނުރަސްމީ ވާހަކަފުޅެއްކަމުގައި ވިޔަސް މެއެވެ. އެއީ ޤާނޫނީ ގޮތުން އޭނާއަށް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެކެވެ. ސަބަބަކީ ތާރީޚަށްޓަކައި ރައްކާކުރަން ޖެހޭ އެފަދަ ތަގްރީރުތައް ކުށެއް ޖެހުމުން ސަލާމަތް ކުރައްވަން ޖެހުމެވެ. ނަމަވެސް އެބޭފުޅާވެސް ނޯޓަކާއި ނުލައި އެއްތަގްރީރު ކުރެއްވި އެވެ. އެއަށް ފަހު އޭނާ ވިދާޅުވީ ހަމައެކަނި ނޯޓް ގެންގުޅުމަކީ ވާހަކަ ދައްކާ މީހުން ފޫހިވެ އޮޅުންއަރާ ކަމެއް ކަމުގަ އެވެ.

ވާހަކަ ދެއްކުމުގެ ރޮނގުގައި ލިންކަންއަށް ފާޑުކިޔާލެވޭނެ މީހަކު އަހަރެމެންގެ ތެރޭގައެއް ނެތެވެ. ނަމަވެސް އަހަރެމެންގެ ތެރޭގައިވެސް މޮޅު ވާހަކަ ދެއްކުންތެރިން އެބަތިއްބެވެ. ކުރީގެ ރައީސާއި މިހާރުގެ ރައީސަކީވެސް މޮޅު ވާހަކަ ދެއްކުންތެރިން ނެވެ. ނަމަވެސް ދެބޭފުޅުން ގެންގުޅުއްވާ ‘މެތަޑް’ ތަފާތެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ރައީސް މައުމޫނާ ޚިލާފަށް ނަޝީދު ގިނައިން ދެއްވަނީ ލިޔުއްވުމެއްނެތި، ފަރިތަކުރެއްވުމެއްނެތި ދެއްވާ ސްޕީޗްތަކެވެ. އަދި އެފަދަ ތަގުރީރުތަކާއި ބަސްފުޅުތަކުގައި ދިވެހިބަހުގައި ހިމެނޭ ކުށްބަސްތައްވެސް ބޭނުންކުރައްވައެވެ. މިސާލަކަށް ދަންނަވާނަމަ "ބުނެފަކާ" ލިޔެފަކާ" މިފަދަ ބަސްބަހެވެ. އަދި ބައެއްފަހަރު، ސުވާލާ ނުގުޅޭ ޖަވާބު ދެއްވައި، ބޭކާރު ވާހަކަތައް ގިނަކުރައްވާތަނާއި، އެއް ވާހަކައެއް ތަކުރާރު ކުރައްވާތީ އެކަމުން އެނގެނީ، ރައީސް ނަޝީދު ތައްޔާރުވެވަޑައިގަތުމެއްނެތި ވާހަކަދައްކަވާކަމެވެ. އެމަނިކުފާނުގެ ތަގުރީރުތަކުގެ އޮއްޓަރު ރަނގަޅުކޮށް، ފޭރާން ހެޔޮކޮށް، ބަސްކޮށާރު މުއްސަނދިކުރެއްވުމަށް ކުރިއަށް އޮތްތާނގައި ސަމާލުކަން ދެއްވާނޭކަމަށް ގަބޫލުކުރެވެއެވެ. އެކަމަކު މޮޅަށް ވާހަކަތަކެއް ދެއްކެވިޔަސް އަމަލީ ގޮތުން ކަންކަން ނުފެންނަނަމަ ރައްޔިތުންނަށް ކުރާނެ ފައިދާއެއް ނެތެވެ. މައުމޫންގެ ތިރީސް އަހަރު ނިމުމަކަށް ގެންނަށް ދިވެހިންގެ ގިނަބަޔަކު ނުކުތީ މިދެންނެވި ސަބަބާ ހުރެއެވެ. މީމު

    ހޯމަ، ޑިސެންބަރު 29 2008، 11:34
  2. ރައީސް ނަޝީދުގެ ވާހަކަފުޅުތަކުގައި ގަދީމީ ދިވެހި ފާޑުވެރިކަން ހިމެނެއެވެ. އެކަމާއި ވަރަށް ހިތްހަމަޖެހެއެވެ. އަދި ވަރަށް މޮޅު ކަމަށް ވެސް ގަބޫލުކުރެވެއެވެ. ނަޝީދު ލިއުއްވާފައިވާ ތާރީޚީ ފޮތް ދަގަނޑު ދަހަނާ އާއި މިވޭތުވެދިޔަ ދެތިން އަހަރެއްގައި ލިއުއްވާފައިވާ މަޒުމޫނުތައް ކިޔާލުމުން ދޭހަވެގެންދަނީ ދިވެހި ބަހުން ލިއުއްވުމުގައި ހުރި ކުޅަދާނަކަމާއި ގާބިލްކަމެވެ. އަދި ސްޓޭޖް ތަކުގައި ދެއްވާފައިވާ ތަގުރީރުތަކަކީ ވާހަކަ ދެއްކުމުގެ ކުޅަދާނަކަމާއި ދިވެހި ބަސް ބޭނުންކުރެއްވުމުގެ ނަމޫނާ ކަންކަން ހާމަވެގެންދާ ތަގުރީރުތަކެކެވެ. ލިޔުންތެރިޔާ ބުނެފައިވާ ފަދައިން ލިއުއްވައިގެން ކުރިން ތައްޔާރުވެ ވަޑައިގެން ނަޘީދު ތަގުރީރު ކުރައްވާނަމަ އެމަނިކުފާނަށްވުރެ ވަކި މޮޅު ބޭފުޅަކު މިކަމަށް ހުންނާނެއެކޭ އަޅުގަނޑު ބުނާހިތެއް ނެތެވެ. =ޒ

    ހޯމަ، ޑިސެންބަރު 29 2008، 12:02
  3. mމީމު ދިޔަވިދާޅުވޫ ރަގަޅު ވާހަކައެއް މުޙަންމަދު ނަޝީދަކީ އާބޭފުޅަކަށްވެފައި ވަރަށްގިނަ ކުށްބަސް ބޭނުންކުރައްވާ. "އުސޫލެއްގެ ގޮތުން" މިއީ ވަރަށް ގިނައިން ޖުމްލައެއް ނިމޭތާގަ އަދި ފެށެތާގަ މެދުތެރޭގަ ބޭނުންކުރާބަހެއް. މަގައުމުގަ ތިބި ދިވެހިބަހަށް މޮޅެތި ބޭފުޅުން މިކަންކަމަށް ވިސްނަވާ ނަޝީދަށް ޓްރޭނިންގ ޕްރޮގްރާމެއް ހިންގަންފެނޭ

    ހޯމަ، ޑިސެންބަރު 29 2008، 12:05
  4. ޒައީމު މައުމޫނު ލިޔުއްވާ ފަރިތަކޮށް ބަސްކޮށާރު ރީތި ކޮށް ދެއްވާ ސްޕީޗް ތަކުގައި ރައްޔިތުން ނަށް އޮޅުވާލުމުގެ ހުނަރު ވެސް އެހާ މޮޅެވެ. ނުވެމްބަރ 3 ގެ ހާދިސާ އާއި ގުޅިގެން ފުރަތަމަ ދެއްވި ސްޕީޗް ގައި ކުޑަކޮށް ވެސް ކުރިން އިގުނު ނަމަ ސަލާމަތީ ފިޔަވަޅު އަޅާނެވާހަކަ، ހަމަ އެދުލުން ރައްޔިތުންގެ މަޖްލިސް އަށް ދެއްވި ސްޕީޗް ގައި ކުރިން އެގިފަ އޮތްވާހަކަ.

    ހޯމަ، ޑިސެންބަރު 29 2008، 12:09
  5. މިހެން މިކަން އޮތްއިރު ހީކޮއްލަބަލަ ގާސިމު ރައީސަކަށް ހޮވުނުނަމަ ކިހިނެތްވީސް. އެކަމަކު އޭނަޔަށްވެސް ވޯޓޮ ދިންމީހުން އެބަތިބި. އަނެއްކަމަކީ، ދޭ ސްޕީޗް މޮޅުވެގެން 30 އަހަރުވީއިރު ވީކަމެއްކޮބާ؟؟ އެހެންވީމާ މާމޮޅު ވާހަދައްކަން ދެންއުޅުމުގެ ބޭނުމެއް ނެތް. ކަން ކުރަންވީ.

    ހޯމަ، ޑިސެންބަރު 29 2008، 12:48
  6. ތިލިޔުން ލިޔުއްވި ބޭފުޅާ ތިއުޅުއްވަނީ މިކަހަލަ ލިޔުންތައް ލިޔުއްވައިގެން އަދިވެސް ދިވެހި ރައްޔިތުންނަށް އޮޅުވާލަން ދެނެއް އޮޅުވައެއް ނުލެވޭނެ، މައުމޫން އާއި އެއްވަރުކުރުވަންވީނޫންތޯ މޮޔަނާސިރާ އާއި /ތުރުކީ

    ހޯމަ، ޑިސެންބަރު 29 2008، 13:18
  7. ތި ސްޕީޗް ތަކުގެ ތަފާތަކީ ތީ އަދި މުޅިން އެހެންކަމެއްނޫން ހެއްޔެވެ؟. ގައުމު ހިންގުމުގެ ތަފާތު ތަކަށާ، ޚާރިޖީ ސިޔާސަތަށާ، ރައްޔިތުންގެ އާންމު ހާލަތު ބަދަލު ކުރުމަށް ކުރި/ކުރާ މަސައްތަކަށާ ތައުލީމީ، ސިއްހީ ދާއިރާ ތަކަށް ގެނެސްފަހުރި / ގެންނަމުންދާ ބަދަލުތަކަށް ބަލާލާ ލިޔުމެއްކަމަށް ހީކޮށް ކިޔަންފެށީވެސް. މީ ހަމަ ކޮލަމް އެއް ފުރާލަން ލިޔެފަ އޮތް ހާސަރެއް!

    ހޯމަ، ޑިސެންބަރު 29 2008، 13:34
  8. މިހާރުގެ ސީނިޔަރ ބޭފުޅުން ވާހަކަދައްކަވާއިރު ވަރަށް ގިނައިން"ފަކާ" ބޭނުންކުރެއެވެ. މިސާލަކަށް ތިކަން އެގިފަކާއެއްނެތް! މިފަދަ ގޮތަކަށް ބަސްބޭނުންކުރެއެވެ. މިއީ މިހާރުގެގޮތްކަމަށް ވެދާނެއެވެ.ރައީސް ނަޝީދުގެ ވާހަކަފުޅުގައިވެސް ވަރަށް ގިނައިން ނޭނުންކުރައްވައެވެ. ރައީސް އަރިހު މިފާހަ ދެއްނެވުމުގެ ފުރުސަތުލިބޭތޯ ވަރަށް އުޅެއަދި އެފަދަ ފުރުސަތެއް ނުލިބެއެވެ. އެފަދަ ބެފުޅުން ވާހަކަ ދައްކަވާއިރު މިފަދައިން ބަސްބޭނުންކުރުމަކީ ހުތުރުކަމެކެވެ. އަބުދުލް

    ހޯމަ، ޑިސެންބަރު 29 2008، 13:52
  9. ރައީސް ނަޝީދު ދައްކަވާފައިވާ ވާހައެއް ލިޔެގެން މީހަކު ކިޔަން އުޅެފިނަމަ ބޯ ހަލާކުވާވަރުވާނެއެވެ. ދެކޮޅުނުޖެހޭ އިބާރާތްތަކާއި ވިދާޅުވާ އުޅުއްވާ ވާހަކަ ބޭނުންކުރެއްވި ބަހުގެ މާނަ ދިމާނުވާފަހަރު ގިނައެވެ. މޮޅު ވާހަކަދެއްކުންތެރިންގެ ވާހަކަ ދެއްކުން މިގޮތަކަށް ނުހުންނާނެއެވެ. އިބްރާހީމް ޝިހާބު، މައުމޫނުފަދަ ބޭފުޅުން ވާހަކަފުޅުގައި ވަރަށް ނާދިރުގޮތަކަށްނޫނީ މިފަދަ ދެކޮޅުނުޖެހޭ އިބާރާތްތައް ނުހުރެއެވެ.

    ހޯމަ، ޑިސެންބަރު 29 2008، 14:00
  10. ލިޔެފަރިތަކޮށްގެން ވާހަކަދައްކާ މީހަކާ، އެއްޗެއް ނުލިޔެ، ނުބަލާ ހިތުގެ އަޑިން ތިމާގެ ވިސްނުން ދުލުން ބޭރުކުރާ މީހުނާ ތަފާތުވާނެ. ލިޔެ ފަރިތަކޮށްގެން ފަށުވިކޮށްގެން ވާހަކަދައްކާ މީހުން މަތިއޮމާންކުރުމަށާ އޮޅުވާލުމަށްވެސް އެހާ މޮޅުވާނެ. ހިތުގެ އަޑީގައޮންނަ އެއްޗެކާ ދުލުން ބޭރުކުރާ ވާހަކަވަރަށް ތަފާތުވާނެ. ތިދެބޭފުޅުންނަކީ ވާހަކަދެއްކުމުގައި މުޅިން ތަފާތު ދެސްޓައިލްއެއް ގެންގުޅުއްވާ ދެބޭފުޅުން. ނަޝީދަކީ އެބޭފުޅާގެ ސްޕީޗްތަކުން އަޅުގަނޑުމެނާ ވަރަށް ބީރައްޓެހި ރީތި ދިވެހިބަސްތަކެއް ތަޢާރަފުކޮށްދެއްވި ބޭފުޅެއް. ވާހަކަދެއްކުމުގައި ވަރަށް އިނގިރޭސި ލަފުޒުތައް ބޭނުންނުކޮށް ރީތި ދިވެހި ލަފުޒުތައް ބޭނުންކުރައްވާ ދިވެހި ރައްޔިތުނާ ވަރަށް ގާތުން މަސައްކަތްކުރައްވާ ވެރިއެއް. ކޮންމެ ފަހަރަކު ލިޔެތައްޔާރުކޮށްގެން ވާހަކަދައްކަވާ ވެރިން ވަރަށް ރއްޔިތުންނާ ދުރުވާނެ. މީޑިޔާއާވެސް ދުރުވާނެ. ކަންތައްތައް ހާމކުރުމުގެ ބަދަލުގައި ސިއްރުކުރާނެ. ހާސް

    ހޯމަ، ޑިސެންބަރު 29 2008، 14:36
  11. މި ލިޔުމާއި އަދި އެއްވެސް ކޮމެންޓެއްގެ އަގެއް އޮތް ކަމަކަށް ނުދެކެން. އެއީ، ކޮންމެހެން ނުޖެހޭ މަތި އޮމާން ކޮށްފަ ކުށެއް ނުޖެހި ވާހަކަ ދައްކާކަށް. އަދުލު ވެރިކަމާ އެކު ވެރިކަން ކުރުން މުހިއްމީ. އަޅުގަނޑު މައުމޫނަށް ވޯޓް ނުދިނީ ބޮޑެތި އުސް އިމާރާތް ތަކެއް ނެތިގެނެއް ނޫނޭ. އަދުލު ވެރި ނުވީމަ.ނަޝީދުވެސް އަދުލުވެރިކަމާ އެކު ވެރި ކަންނުކުރެވެންޔާ އިސްތިއުފާދީ. މަތި އޮމާން ކޮށްފަ ރީތި ވާހަކަ ތަކެއް ދެއްކުމެއްނޫން މުހިއްމީ.

    ހޯމަ، ޑިސެންބަރު 29 2008، 14:43
  12. އަންނި ދިވެހި ބަހުން ވާހަކަ ދައްކާއިރު، އެއްގޮތަކަށްވެސް އިގިރޭސިބަސް ބޭނުންނުކުރާތީ ވަރަށް އުފާވޭ..!! ފުލޯޓިންގ އޮޕީނިއަން

    ހޯމަ، ޑިސެންބަރު 29 2008، 14:55
  13. ބަހަކީ ގުދުރަތީ އެއްޗެއް. ބަޔަކު ހަދާއެއްޗެއްނޫން. އެހެންމެ ބަހުގެ އަދީބުން ހަދާ ބަސްތައް ހިގާގޮތް އަވަސްވާނެ، ބަސް ނޭގޭ މީހަކު ހަދާ ބަސްތަކަށްވުރެ. މިސާލަކަށް: ކޮބާ އައްބާސް މެންހެދި "މާލަން" ތަކާ "ގިމަތަ" ތައް. މާގިނައެއްކޮށް އަޑެއްނީވޭ. އެކަމަކު އައްނި ހެދި "ކަންމަތީ ފިހާރަ" "ހެޔޮ ވެރިކަން" "އަނެއް ދިވެހި ރާއްޖެ" ފަދަ ބަސްތައް މަޝްހީރު ވީ ކިހާ އަވަހަކަށް.

    ހޯމަ، ޑިސެންބަރު 29 2008، 16:06
  14. ތިބުނުއްވީ ހަމަ އެންމެ ރަނގަޅު ވާހަކައެއް. މައުމޫނާއި ނަޝީދާއި ތަފާތު ކުރެވޭނެ އެއްގޮތެއްވެސް ނޯންނާނެ! މި އީ ހަމަ މައުމޫންގެ ތިރީސް އަހަރުވީ ހުދުމުޙްތާރު ވެރިކަން އަނބުރާ ގެނައުމަށްޓަކައި ލިޔެފަ އތް ލޔުމެތް.. ލިޔުން ތެރިޔާއަށް ހަނަދާން ކޮށްދޭން ބޭނުންވޭ މިހާރު ދެން ކޮންމެ އެއްޗެކޭ ކިޔައިގެން ރައްޔިތުންގެ ބޮލަށް ސަވާރުވާން އުޅުނަސް ދެނެއް އެކަމެއް ނުވާނެ. މިހާރު ރައްޔިތުންނެއް މައުމޫންގެ މޮޅުކަން ބަލައެއް ނުގަންނާނެ. ތި ވިދާޅުވާ ގޮތަށް މައުމޫން ގެ މޮޅުކަން ބަލައިގަންނަނަމަ މައުމޫން މިހާރުވެސް ހުންނާނީ ވެރިކަމުގަ.

    ހޯމަ، ޑިސެންބަރު 29 2008، 16:56
  15. އަޅެ އިނގިރޭސި ވިލާތުގެ ރާނީ ނުވަތަ އެމެރިކާގެ ރައީސް ވާހަކަދައްކަވާއިރު ނުބައިކޮށް އިގިރޭސި ބަސް ބޭނުންކުރާނަމަ އެމީހުންގެ ރައްޔިތުން ކިހާ ހޭނެ. މަލާމާތް ކުރާނެ. އެހެންވީމަ ރައީސް ނަޝީދުވެސް ޖެހޭނެ އަހަރެމެންގެ ބަހުން ރީތިކޮށް ވާހަކަ ދައްކަން ދަސްކުރަން. މީހާ ކިތައްމެ މޮޅަށް އޮއްޓަރުހުރި ވާހަކަ ދެއްކިޔަސް ނުބައިކޮށް ހަމަނުޖެހޭ ބަސްކޮށާރަ ބޭނުންކުރަންޏާ އަޑުއަހާ މީހުންނާ ދިރާސާކުރާމީހުންގެ ކުރިމަތީގައި އެއީ މޮޅު މީހަކަށް ނުވާނެ. އަހަރެމެން ޒުވާނުންބޭނުންވަނީ އަހަރެމެންގެ ބަސްވެސް އެނގޭ އަދި އެއަށް އިހުތިރާމު ކުރާ ވެރިއެއް.

    ހޯމަ، ޑިސެންބަރު 29 2008، 18:07
  16. އެމީހެއްގެ ނެތް ހުނަރެއް ހުރިކަމަށް ހަދަން ކިތަންމެ މަސައްކަތެއް ކުރިއަސް އެކަމެއް ނުވާނެ. ޙަޤީޤަތްވާނީ ޙަޤީގަތަށް. މިހާރުގެ ރައީސަކީ މިޤައުމުދުތް އެންމެ ވަރުގަދަ، ސިޔާސީ އެކްޓިވިސްޓް، އަދި ކުރީގެ ރައީސް މައުމޫނަކީ ޢިލްމުވެރި ބަސްމޮށުންތެރި، ދޫހެލޭ، އެހެންނަމަވެސް، ބައެއްފަހަރު ބަހާ ޢަމަލާ ދިމާނުވާ ބޭފުޅެއް. އަދި ޤައުމުގެ ތަރައްޤީގެ ރަންޒަމާން ދެއްކި ބާނީ. -އ.މ.ސ-

    ހޯމަ، ޑިސެންބަރު 29 2008، 18:14
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv