މުޒާހަރާ ކުރުމާއި އޮފީސް ބަންދުކުރުން

އަންވަރު އިބްރާހިމް ޑިސެންބަރު 22 2008، 12:56 8 ޚިޔާލު

ގދ. ފިޔޯރީ ބަނދަރު ހެދުމުގެ މަސައްކަތް މި އަހަރުގެ ބަޖެޓްގައި ހިމަނާފައި ނުވާތީ ރައްޔިތުން ނުކުމެ ވަނީ ރަށު އޮފީސް ބަންދުކޮށްފަ އެވެ. މޮޅަދޫ ސްކޫލުގައި ގްރޭޑް އަށެއް އުފައްދައި ނުދީގެން އެ ރަށުގެ ގިނަ ބަޔަކު ނުކުމެ ރަށު އޮފީސް ހިސޯރުކުރި އެވެ. އިނގުރައިދޫގައި އަޅާ އިންޖީނުގޭގެ ހަރަދުތައް ރައްޔިތުންނަށް ނާންގާ ކަމަށް ބުނެ އެ ރަށު ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ރަށު އޮފީސްވެސް ހިސޯރުކުރި އެވެ. ތޮއްޑޫގައި ދަނޑުބިން ދޫކުރުން ލަސްވެގެން އެ ރަށު ރައްޔިތުންގެ ބަޔަކު ނުކުމެ ރަށު އޮފީހުން ބަންދުކުރި އެވެ. ކޮލަމާފުށީގައި ގާޒީއަކު ނެތިގެން ކައިވެނިތަކެއް ނުކުރެވިގެން ޒުވާނުން ނުކުމެ ކޯޓްގައި ބޮޑު ތަޅު އެޅުވި އެވެ. މަޑުވަރީ ރައްޔިތުން އުޅެންޖެހޭ ހާލުގެ ސަބަބުން ވަނީ މުޒާހަރާކޮށް ފައެވެ. މިއީ މިއަދުގެ ސަރުކާރު ބަދަލުވީ ފަހުން ވީހާ ކަންކަމެވެ.

ރާއްޖޭގެ އެކިހިސާބުތަކުން މުޒާހަރާތަކާއި އޮފީސް ބަންދުކުރުންތަކާއި ހިސޯރުކުރުންތައް ފެންނައިރު މިއީ އާއްކަމެއް ނޫނެނެވެ. މިކަން އިހުގެ ސަރުކާރު އޮތްއިރުވެސް ދިޔައީ ކުރަމުން ނެވެ. ނަމަވެސް ތަފާތަކީ މިހާރު އެކަން ކުރާ މީހުން ނެވެ. މިހާރު އެކަންކަން ކުރަމުން މިދަނީ އިހު ކުރިމީހުންނެއް ނޫނެވެ. އިހު އެކަން ކުރަމުން ދިޔައީ ކުރީގެ ސަރުކާރާ ދެކޮޅު މީހުން ނެވެ. މިހާރު އެކަން ކުރަމުން މިގެންދަނީ މިހާރުގެ ސަރުކާރާ ދެކޮޅު މީހުން ނެވެ.

ކޮންމެ ބަޔަކު މުޒާހަރާ ކުރިނަމަވެސް, ކޮންމެ ބަޔަކު ނުކުމެ އޮފީސް ބަންދުކުރި ނަމަވެސް އެކަން އެކުރަނީ ކޮންމެވެސް މަގުސަދެއްގަ އެވެ. ނޭނގެނީ ހަގީގީ މަގުސަދެވެ. ލޯމަތިން ފެންނަ މަގުސަދު ގޯހެއް ނޫނެވެ. މަޑުއްވަރީ ރައްޔިތުން އެހާލުގައި އުޅޭއިރު ސަރުކާރުގެ ސަމާލުކަމަށް އެކަން އަންނަން ވާނެ އެވެ. ތޮއްޑޫ ރައްޔިތުންގެ ދަނޑުވެރިކަން މަރުވިޔަ ދީގެން ނުވާނެ އެވެ. ގާޒީން ނެތިގެން ކައިވެނި ނުކުރެވޭ ހާލަތެއް އައިސްގެން ނުވާނެ އެވެ. ހައްތާވެސް މުހިންމު ކަންކަމެވެ. ކޮންމެހެން ކުރަންޖެހޭ ކަންކަމެވެ.

ގަބޫލު ކުރަންޖެހޭ ހަގީގަތަކީ މުޒާހަރާ ކުރުމާއި, އަޑުއުފުލުމާއި, ހިސޯރުކުރުމާއި, ތަންތަން ބަންދުކުރުމަކީ ރާއްޖެއަށް އައި ސިޔާސީ ބަދަލުގެ ތެރެއިން ރާއްޖެއަށް އުފަންވި ކަންކަން ކަމެވެ. މިކަމުގައި ނަގާ ކިޔާއުޅުނީ ނިމިދިޔަ ސަރުކާރާ ދެކޮޅު މީހުން ނެވެ. އެއީ އެކަން ވާނެވެސް ގޮތެވެ. މިއަދުވެސް ކަންވަނީ އެހެންނެވެ. މިއަދު މުޒާހަރާތަކުން ފެންނާނީ މިހާރު އޮތް ސަރުކާރާ ދެކޮޅު މީހުން ނެވެ. މާދަމާ ފެންނާނީ މާދަމާ އޮންނާނެ ސަރުކާރާ ދެކޮޅު މީހުން ނެވެ.

ސަރުކާރާ ދެކޮޅުވުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކީ މައްސަލައަށް ހައްލު ހޯދުމަށްވުރެ ބޮޑަށް އެހެން މައްސަލަތައް ކުރިއަށް ނެރޭތީ އެވެ. ކޮންމެ އެއްވުމެއް ސިޔާސީ ކުރަން ބަޔަކު މަސައްކަތް ކުރާތީ އެވެ. މުޒާހަރާ ކުރާ ކޮންމެ ބަޔަކު މުޒާހަރާ ކުރަނީ ސަރުކާރާ ދެކޮޅުވުމުންނެއް ނޫނެވެ. އެކަން ކުރަނީ ކޮންމެވެސް ކަމަކާ ދެކޮޅު ވުމުން ނެވެ.

މިސާލަކަށް ރިސޯޓްމުވައްޒަފުންގެ ވަޒީފާގެ ހައްގުތަކަށް ބަލަމާ ހިނގާށެވެ. އެހައްގުތައް ނުލިބިގެން ރިސޯޓްތަކުގެ މުވައްޒަފުން ބައެއް ރިސޯޓްތަކުގައި ހަޅުތާލު ކުރިއެވެ. އެއީ ސިޔާސީ ކަމެއް ނޫނެވެ. ސިޔާސީ ކުލަޖައްސަންވީ ކަމެއްވެސް ނޫނެވެ. އެއަށްވުރެ ބޮޑަށް އެއީ އިންސާނީ ހައްގުތަކާ ގުޅިފައިވާ ކަމެކެވެ. ނަމަވެސް ފެނިގެން ދިޔައީ އެކަމުގައިވެސް ސިޔާސީ ކުލަޖެހިގެން ދިޔަތަނެވެ. މިއީ ހިތާމަކުރަންޖެހޭ ކަމެކެވެ.

ކޮންމެ ކަމެއް ސިޔާސީ ކަމަކަށް ހެދުން ރަނގަޅެއް ނުވާނެ އެވެ. އޭރުން އެކަމުގެ މަގުސަދު ގެއްލެއެވެ. މިހާރުވެސް މުޒާހަރާ ކުރަންވީ އެވެ. އަޑު އުފުލަންވީ އެވެ. ހައްގުތައް ނުލިބޭނަމަ އެހައްގު ހޯދުމަކީ ތިމާގެ އަމިއްލަ ކަމެކެވެ. ނަމަވެސް އެހައްގު ހޯދުމަށް ފައިނަގާއިރު އަނެކާގެ ހައްގު ގެއްލިގެންދާނަމަ އެއީ ތިމާގެ ހައްގު ފަދައިން އަނެކާގެ ހައްގުވެސް ގެއްލޭނެ ކަމެއްކަން ދަންނާށެވެ. އޮފީސް ބަންދުކުރިނަމަވެސް ކުރަންވާނީ އެއުސޫލުން ނެވެ. މުޒާހަރާ ކުރުމުން ހިތްހަމަ ނުޖެހޭ މީހުން ތިބޭނެ އެވެ. އިއްޔެވެސް އެފަދަ މީހުން ތިއްބެވެ. މުޒާހަރާތަކާ ދެކޮޅު މީހުން ތިއްބެވެ. ނަމަވެސް އެމީހުން ތިބީ މަޑުން ނެވެ. މިއަދުވެސް މުޒާހަރާ ކުރެއެވެ. އަޑުއުފުލަ އެވެ. ނަމަވެސް މިއަދު މުޒާހަރާ ކުރާ މީހުންނާ ދެކޮޅަށް މުޒާހަރާ ކުރާމީހުންވެސް ފެންނަމުން އެބަދެއެވެ.

މިއީ ނުރައްކާތެރި ކަމެކެވެ. ހަމަނުޖެހުން ހިނގުމަށް ހުޅުވޭ އެންމެ ފަސޭހަ މަގަކީ މިދެންނެވި މަގެވެ. ކަމަކާ ދެކޮޅަށް އަޑުއުފުލާ މީހުންނާ ދެކޮޅަށް ހަމައެތަނުގައި ތިބެ އަޑުއުފުލުމުގެ ފުރުސަތު ދިނުމަކީ ރީތި ޑިމޮކްރަސީ އެއްނޫނެވެ. އެއީ ހުތުރު ޑިމޮކްރަސީ އެވެ. ބަޔަކު ނުކުމެ އަޑުއުފުލަނީ އެހައްގު ހޯދުމަށެވެ. އެހައްގު ހޯދިޔަ ނުދިނުމށް އަޑުއުފުލުމަކީ ހުތުރުކަން ބޮޑު ކަމެކެވެ. އެއީ މައްސަލަ އެކެވެ. އެހެން ވިޔަދީގެން ނުވާނެ އެވެ. އޭރުން އިހު ދެއްކި ނަމޫނާވެސް އެ ގެއްލުނީ އެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. މިއީކީ މައްސަލައެއްނޫން، ނަމަވެސް ސަރުކާރުގެ ތަންތަން ބަންދުކުރުޔަދީގެންނުވާނެ، އެއީކީ، ހަމަ އެކަނި ސަރުކާރާ އިދިކޮޅު މީހުންގެ އިފީހެއް އެކަންޏެއްނޫން، = މުޅަދޫ މަޖީދު =

    ހޯމަ، ޑިސެންބަރު 22 2008، 16:52
  2. ހިންހަމަނުޖެހޭ ބަޔަކުވެރިކަންކުރިޔަސް މިއީތެޅެންވާނެގޮތެއްނޫން، މިއީ، ﷲ ގެ ނިންމެވުން، މުސްލިމުން އިހުތިރާމުކުރަންޖެހޭނެ، ކުރެވުނުކަންތައްތައް ހިތައްއަރާ އަތުންފައިން ގޯސް ނަހަދާ މައިތިރިވެބަލާ، ޑިމޮކްސަރީ ހަޖަމުނުކުރެވޭ މީހުންނަކީ ﷲ ގެ ނިންމުންތަކައްވެސް އިހުތިރާމު ކުރަންއެނގޭނެ ބައެއްނޫނެވެ. ( ހިންނަވަރު މާކޯސް )

    ހޯމަ، ޑިސެންބަރު 22 2008، 16:56
  3. އާސަރުކާރަށް ފުރުސަތެއް ނުދީ މުޒާހަރާ ކުރުމާއި އޮފީސް ބަންދުކުރުމުގެ ކަންތައް ފެށިގެން މިއުޅެނީ ޑީއާރުޕީގެ މެންބަރުންގެ ކެތްތެރިކަމެއް ނެތީމައެވެ. ދިވެހިންގެ ގިނަބަޔަކު މައުމޫންގެ ސަރުކާރާ ދެކޮޅަށް ނުކުތީ، ބުނެކިޔައި މަޝްވަރާއާއި އާދޭސްކޮށް ކޮޅުން ނުލައިގެންނެވެ. ފަންސަވީސް އަހަރު ކެތްކުރުމަށް ފަހު އެވެ. އެހެންނަމަވެސް މިއަދު މައުމޫންގެ ސަޕޯޓަރުން އެއުޅެނީ މަސްދުވަހަށްވެސް ކެތްކޮށްލަން ނުކެރިގެންނެވެ.

    ހޯމަ، ޑިސެންބަރު 22 2008، 17:18
  4. ސުލްހަވެރި ކަމާއިއެކު ތަންތަނަށް އެއްވުމާއި، އިޚްތިޖާޖު ކުރުމަކީ ޑިމޮކްރެޓީކް އަސާސް ތަކުގެ ތެރެއިން އެއްމެ މުހިއްމު އެއްއަސާސް. އެހެންނަމަވެސް މިކަން ކުރަންވާނީ ޤާނޫނީ ހުދޫދުގެ ތެރެއިން ކަމަށް އަޅުގަނޑު ޤަބޫލު ކުރަނީ. މިލިއުމަށް މަރުހަބާ ކިޔަން. ގިނަބޭފުޅުން މިސަރުކާރުވެސް މިއަޅުވަނީ 30 އަހަރުވަންދެން ވެރިކަން ކުރި ސަރުކާރާ. މިހެންވެ ކަންނޭގެ ނަތިޖާ ނުނެރެވިގެން މިއުޅެނީ. އަޅުގަނޑު މިހުއްނަނީ ރައްޔިތުންގެ މަޖިލިސް އިންތިޚާބުވެ، ކައުންސިލް އިންތިޙާބުވެ، ލާމަރުކަޒީ އުސޫލުން ސަރުކާރު ސަރުކާރުގެ ގޮތުގައި ހިގަންދެން.މިއަށްފަހު އެކަށީގެންވާ މުހުލަތެއް ދީފަ ކަންކަން ރަނގަޅު ނުވާނަމަ، ދެންވީ އިޚްތިޖާޖާ ކުރަން. މިއީ އަޅުގަނޑު ޤަބޫލުކުރާ އުސޫލަކީ. ވަރަށް ކައިރިން އެޅުގަނޑުވެސް ވާނުވާ އެބަބަލަން. އަދި އަޅުގަނޑަށް މާއަވަސް. ސިވާސް

    ހޯމަ، ޑިސެންބަރު 22 2008، 17:18
  5. ސަރުކާރެއްގައި ކުށްވެރިންގެ ސަފުތައް ކުރިއަރަމުންދާނަމަ އެތަނެއްގެ އާންމު ރައްޔިތުންނުކުމެ އޮފީސް ބަންދުކޮށް ހަދާނެއެވެ. ކުރީގެ ސަރުކާރުންވެސް ގައުމީ އިސްކަމެއްދިނީ ކުށްވެރިން އުފައްދައި އެމީހުންގެ ފައިދާ ސިޔާސީގޮތުން ނަގާށެވެ. މިހާރުގެ ސަރުކާރުން ބޭނުންވީ ކުރީގެ ސަރުކާރުން އުފެއްދި ކުށްވެރިންގެ ނިވަލުގައިތިބެގެން ސިޔާސީ ފައިދާ ނަގާށެވެ. ގާނޫނު ހިންގުން އެންމެންގެ މެދުގައި އެއްހަމަވެގެންނޫނީ މިގައުމަށް ދެން ހަމަޖެހުމުގެ ނޭވާއެއް ނުލެވޭނެއެވެ. - ހަސަނު-

    ހޯމަ، ޑިސެންބަރު 22 2008، 17:35
  6. އެއީ އެމްޑިޕީގެ ގުރާސްރޫޓޫންނަށް ހަޖަމުނުކުރެވިގެން ވާގޮތެއް ...ސުޖާ

    ހޯމަ، ޑިސެންބަރު 22 2008، 18:30
  7. މި އޮތީ އެއްކަލަ އެމް.ޑީ.ޕީ މީހުން ފޭހުނު އިލޮށިގަނޑު އެމީހުން ލޮލަށް ހެރޭ ދުވަސް އައިސްފަ! އަދި މިއެއް ނޫން މިރާއްޖޭން ފެންނާނެ ކަންތައްތަކަކީ، މިއަށްވުރެ ދަށުދަރަޖައިގެ އަމަލުތައްވެސް ކުރިޔަށް އޮތްތަނުގައި ފެންނާނެ. އެމް.ޑީ.ޕީން މިކަހަލަ މުޒާހަރާތައް ކުރަމުން ދިޔައިރު ކުރީގެ ސަރުކާރުގެ ސަޕޯޓަރުން ތިބީ ބަލަހައްޓައިގެން. އެކަމަކު އެކަންތައް ދަސްކޮށްދިންމީހުންނަކަށް ޑިމޮކްރަސީ އަކީ ކޯއްޗެއްކަމެއް ނޭގުނު. ބަޔަކު މުޒާހަރާ ކުރާއިރަށް އެމީހުންނާ ދިމާކުރަންޖެހޭ! ބަލަ މިއީތޯ އަންނި ވިދާޅުވި ޑިމޮކްރަސީ އަކީ! =ބޮޑޭ=

    ހޯމަ، ޑިސެންބަރު 22 2008، 20:26
  8. ކުރިން ދިވެހިން ކުރީ 30 އަހަރުގެ ނެގި މަޑު ސަރުކާރެއް ވައްޓާލުމަށް ކުރި މުޒާހަރާއެވެ. މިހާރު މިއޮތީ އަދި ދެމަސްނުވާ ޅަ ސަރުކާރެކެވެ. މިސަރުކާރު ޒިންމާދާރުކުރުމަށް އަދި މުޒާހަރާކުރަންވާނީ ސުލްހަވެރިކަމާއި އެކުގައިކަމަށް ގަބޫލުކުރަމެވެ. ރަހީނުކުރުމުގެ އަމަލުތައް އަދި ހިންގައިގެން ނުވާނެއެވެ. ނަމަވެސް ސުލްހަވެރިކަމާއި އެކު އަޑުގަދަނުކޮށް ހިނގާލުމަކީވެސް މުޒާހަރާއެކެވެ. ތަނެއްގައި އިށީނދެތިބުމަކީވެސް މުޒާހަރާއެކެވެ. ހަދާންވަނީ ކަރޮޕްޝަނާއި ދެކޮޅަށް ޗައިނާގައި ހިންގި މުޒާހަރާއެކެވެ. މިމުޒާހަރާގައި އެމީހުންގެ ޓީޝާޓުގައި ޖަހާފައިވަނީ "އަހަރެމެންގެ އަތްތައް ސާފެވެ". މިފަދައިންނެވެ. ދެން އެމީހުން ކުރި ކަމަކީ އަގަމަތީ ޓޭޕްއަޅައިގެން އަތުގައި ހުދުކުލަ އުގުޅައިގެން ހިނގާލީއެވެ. މުޒާހަރާކުރިޔަސް އަދި ސަރުކާރުން ކަމެއް ކުރާކަށް ނުޖެހެއެވެ. ނަމަވެސް އެއީ ހަމައެކަނި ދެވޭ މެސެޖެކެވެ. 18 އަހަރުން މަތީގެ ރައްޔިތުންނަށް ވޯޓުލެވޭ ގޮތަށް ހަމަޖެއްސުމަށް އެމްޑީޕީންވެސް މުޒާހަރާކުރިއެވެ. އާޓިފިޝަލްގައި އަދި މަޖިލިސް ދޮރުމަތީގައިވެސްއެވެ. މަޖިލިސް މެމްބަރުން ހިސޯރުކޮށް ވަކިގޮތަކަށް ވޯޓުލާން މަޖުބޫރެއް ނުކުރެއެވެ. ނަމަވެސް މަޖިލީހުން އެގޮތަށް ފާސްކުރީ ޒުވާނުން އެދިން މެސެޖްގެ ސަބަބުންނެވެ. މުޒާހަރާގެ ބޭނުމަކީ މެސެޖް ދިނުމެވެ. މިދިޔަ ސަރުކާރުން މަދުބަޔެކޭ އެކަން ކުރީ ބުންޏަސް މިސަރުކާރުން މުޒާހަރާކުރީ މަދުބަޔެކޭ ނުބުނާނެއެވެ.

    އަންގާރަ، ޑިސެންބަރު 23 2008، 09:13
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv