ފިޔޯރި ރައްޔިތުން ނުކުމެ ހަތްގަޑިއިރުވަންދެން ޓްރާންސްޕޯޓް މިނިސްޓަރު ރަށު ބަންދުކޮށްފި

މިއުސަމް އައްބާސް ޑިސެންބަރު 19 2008، 17:35 0 ޚިޔާލު

އަންނަ އަހަރުގެ ބަޖެޓްގައިވެސް ގދ.ފިޔޯރީ ބަނދަރު ހަދައިދިނުމަށް ހިމަނާފައި ނުވާ ކަމަށް ބުނެ ފިޔޯރީ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ހިފެހެއްޓި ޓްރާންސްޕޯޓް މިނިސްޓަރު ހަތް ގަޑިއިރަށް ފަހު ފުލުހުންގެ އެހީގައި އެރަށުން ފުރާވަޑައިގެންފި އެވެ.

އިއްޔެ ހަވީރު ފަހެއް ޖެހިއިރު ފިޔޯރީއަށް ވަޑައިގެންނެވި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަސްލަމު އެރަށުގެ ބަޔަކު ނުކުމެ ހިފަހައްޓަފައި ވަނީ ރޭ 6:30 ހާއިރުއެވެ. އެރަށު ކަތީބު މުހައްމަދު ސައީދު ވިދާޅުވީ ފުލުހުންގެ އެހީގައި އަސްލަމް ފުރާ ވަޑައިގެންނެވީ އެއްވެސް ހަމަނުޖެހުމެއް, އަދި ކުރިމަތި ލުމެއްވެސް ނެތި ކަމަށެވެ. އެރަށުން އަސްލަމަށް ފުރާވަޑައިގެންނެވުނީ ރޭ 1:45 ހައިރު ކަމަށް ކަތީބު ވިދާޅުވެއެވެ.

” ރައްޔިތުން އެދެމުން ދިޔައީ ބަނދަރު ހަދައިދޭނެ ދުވަހެއް ހާމަކޮށް ދިނުމަށް. ފުރާވަޑައިގަތުމުގެ ކުރިން ރައްޔިތުންނާ ބައްދަލުކޮށް އަސްލަމް ވިދާޅުވީ ވަކި ތާރީހެއް ހާމަކުރެވެން ނެތް ކަމަށާއި އެހެން ނަމަވެސް ކުރެވެންހުރި ހުރިހާ މަސައްކަތެއް މިރަށު ބަނދަރު ހަދައިދިނުމަށް ކޮށްދެއްވާނެ ކަމަށް“ ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ފުރިޔަނުދީ ހިފެހެއްޓި ޓީމުގައި ހިމެނޭ މީހަކު ބުނީވެސް މިނިސްޓަރު ފުރާވަޑައިގަތުމާ ހިސާބަށް އެއްވެސް ކަހަލަ ހަމަނުޖެހުމެއް އަދި ކުރިމަތި ލުމެއްވެސް ހިގާފައި ނުވާ ކަމަށާއި މިނިސްޓަރު ފުރާވަޑައިގެންފައި ވަނީ ފުލުހުންގެ އެހީގައި ކަމަށެވެ.

” ފުރާވަޑައިގަތުމަށް ފުލުހުންގެ ލޯންޗަށް އަރާވަޑައިގަތުމުން އޭގެ އަލިގަނޑު އެތަނަށް އެއްވެ ތިބި މީހުންގެ މޫނަށް އެޅުމުން ބައެއް މީހުން ލޯންޗާއި ދިމާލަށް ގައު އުކި“ އެމީހާ ކިޔައިދިނެވެ.

އެރަށުން ވާހަކަދެއްކި މުހައްމަދު ބުނީ އޮފީސް ކައިރިއަށް އެއްވެ ތިބި މީހުންނާ ދިމާކޮށް ބައެއް މީހުން ގައު އުކި ކަމަށާއި އެމީހުން މަސައްކަތް ކުރަމުން ދިޔައީ ހަމަނުޖެހުމެއް އުފެއްދުމަށް ކަމަށެވެ.

” ދޭތެރެ ދޭތެރެއިން އެއްވެފައި ތިބި މީހުންނާ ދިމާލަށް ގައު އުކަމުންދިޔަ. އެހެން ނަމަވެސް އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނެތި އެކަން ނިމިގެން ދިޔައީ“ މުހައްމަދު ކިޔައި ދިނެވެ.

އެރަށުން ވާހަކަދެއްކި އެހެން މީހަކު ބުނީ އަސްލަމް ފުރާވަޑައިގެންނެވި ނަމަވެސް އެރަށު ރައްޔިތުން ތިބީ ސަރުކާރުން އެކަމަށް އިޖާބަ ނުދެއްވާ ނަމަ ރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތައް ބަންދު ކުރުމަށް ތައްޔާރަށް ކަމަށެވެ.

” ސަރުކާރުން މިހުރިހާ ދުވަހުވެސް ދެކެމުން އައީ ފިޔޯރީއަކީ ފަޅު ރަށެއް ކަމަށް. ފަޅު ރަށެއްގައި އޮފީހާއި ކޯޓްފަދަ ތަންތަނެއްވެސް ނުހުންނާނެ. އެހެން ކަމުން ސަރުކާރުން މިކަމަށް ޒިންމާދާރު ގޮތެއްގައި ޖަވާބުނުދޭނަމަ އާދިއްތަ ދުވަހުން ފެށިގެން އޮފީހާ ކޯޓް ބަންދު ކުރުމަށްވެސް މިދަނީ ވިސްނަމުން. އަދި މިރަށުގައި އޮތް ބާ ފާލަންގަނޑު މިއަދު ހަވީރު ރޫޅާލުމުގެ މަސައްކަތް ކުރެވޭނެ“ އެރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.

ޖަޒީރާއަށް މައުލޫމާތު ދެއްވަމުން އަސްލަމް ވިދާޅުވީ އަމަނިކުފާނު ފިޔޯރީއަށް ވަޑައިގެންނެވީ ރައްޔިތުންނާ ބައްދަލުކޮށް ސަރުކާރުގެ ސިޔާސަތުތައް ހާމަކޮށްދިނުމަށް ކަމަށެވެ. އެގޮތުން އިއްޔެ ހަވީރު އެރަށުގެ ބަނދަރާއި ބެހޭ ގޮތުން ސުވާލު ކުރި ބަޔަކަށް އެކަން ވެފައިވާ ގޮތް ވަރަށް ސާފުކޮށް ކިޔައިދެއްވި ކަމަށާއި އެހެން ނަމަވެސް ފުރަންދިޔަ ވަގުތުގައި ބަޔަކު ނުކުމެ ފުރިޔަ ނުދީ ހިފެހެއްޓީ ކަމަށެވެ.

” އެމީހުންނަށް އަޅުގަނޑު ކިޔައިދިނިން އަންނަ އަހަރުގެ ބަޖެޓްގައި މުޅިން ހިމަނާފައި ވާނީ މިހާރު ހިނގާ މަޝްރޫއުތައް ކަމަށް. އިތުރު މަޝްރޫއެއް ހިމަނާފައި ނުވާނެ ކަމަށާއި ފިޔޯރީގެ ބަނދަރުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައި ނުވާ ކަމަށް. އެހެން ނަމަވެސް ދަތުރު ފަތުރު ކުރުމުގެ ނިޒާމުގެ ތެރެއިންވެސް މިކަންކޮށްދެވޭނެ ގޮތެއް އޮތްތޯ ބަލަމުންދާ ކަމަށާއި އެހެންގޮތަކުން ނަމަވެސް ކިރިޔާވެސް ގޮތެއް އޮތްތޯ ބަލަމުންދާ ކަމަށް އަޅުގަނޑު ބުނިން.“ ފިޔޯރީ ރަށްވެހިގޭގައި ރޭ ބަންދުވެ ހުންނަވައި ޖަޒީރާއަށް ދެއްވި އިންޓަރވިއުއެއްގައި އަސްލަމް ވިދާޅުވެފައި ވެއެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv