
މުއްދަތު ހަމަވާ ރިސޯޓްތައް ކުއްޔަށް ދިނުމުގައި ދޮން ހަސަނުގެ ވިސްނުން
ދޮން ހަސަނުގެ އަންހެނުންގެ ގޯތި މޮހޮނާއަށް ކުށްޏަށް ދިނީ 15 އަހަރަށެވެ. އެގޯތީގައި ބޭނުން މަސައްކަތެއް ކުރާށެވެ. މޮހޮނާގެ ތޫނު ވިސްނުމުން އެ ބިންކޮޅުގައި ހެދީ ގެސްޓް ހައުސް އެކެވެ. އެއަށް ފަހު އެގެސްޓް ހައުސްތަކުގެ ކޮޓަރިތައް ކުށްޔަށް ދޫކުރަންފެށި އެވެ.
މޮހޮނާގެ ނަސީބު ފިސާރި ރަނގަޅެވެ. 7 އަހަރު ނުވަނީސް ގެސްޓް ހައުސް ހެދުމަށް ނެގި ލޯނު އަނބުރާ ދައްކާ ޚަލާސް ކުރެވޭ ވަރުވި އެވެ. ބާކީ 8 އަހަރުގެ ފައިދާ މޮހޮނާއަށް ލިބިގެން ދިޔައީ އެވެ. 15 އަހަރުވުމުން މޮހޮނާގެ ގެސްޓް ހައުސްގެ މުއްދަތު ހަމަވި އެވެ. އެހިސާބުން ގޭގެ ވެރިފަރާތް ދޮން ހަސަނަށް ގޯތި ލިބުނީ އެވެ. އެގްރިމެންޓް އޮތް ގޮތުން ގޯއްޗާއި ގޯތީގައި ހުރި ހުރިހާ ތަނެއް ދޮން ހަސަނަށް މިލްކުވި އެވެ.
މިއަދު ދޮންހަސަނުގެ ގޯތީގެ އަގު ކުރަމާ ހިނގާށެވެ. އިހު އެއީ ހުސް ގޯއްޗެކެވެ. މިއަދު މިލިއަން ރުފިޔާގެ އިމާރާތެއް އެބަހުއްޓެވެ. އެއިމާރާތުގައި ޒަމާނީ ފެންވަރުގެ ފަރުނީޗަރ އެބަހުއްޓެވެ. ހިތްފަސޭހަ މާހައުލެއް ގާއިމް ވެފައި އެބައޮތެވެ. އެހެން ކަމުން އެ ގޯތީގެ އަގު މީގެ 15 އަހަރު ކުރިއާ އެއްފަދައެއް ނުވާނެ އެވެ. ދޮންހަސަނު ވިސްނާލުމަށް ފަހު ނިންމީ އިތުރު މީހަކަށް ނުވަތަ މޮހޮނާއަށް ނަމަވެސް, ގޯތި ކުއްޔަށް ދޭނަމަ ގޯތީގެ ‘އަގު’ން ކުއްޔަށް ދޭށެވެ.
ދޮން ހަސަނެކޭ އެއްގޮތަށް ދިވެހިންވެސް މިއަދު މިވަނީ ވިސްނަން ޖެހިފައެވެ. ދިވެހި ދައުލަތުގެ މިލްކިއްޔާތުގައި ހުރި ރަށްތަކެއް ރިސޯޓްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުށްޔަށް ދިނުމަށްފަހު މުއްދަތު ހަމަވާތީ އެވެ. އެރިސޯޓްތަކުން އެންމެ ރަނގަޅު މަންފާއެއް ހޯދޭނެ ގޮތެއް ވިސްނޭތޯ އެވެ. ސަރުކާރުގެ ބަޖެޓަށް ލުޔެއް ލިބޭނެ މަގެއް ފެނޭތޯ އެވެ.
ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ރިސޯޓެއް ތަރައްގީކޮށް, ފައިދާ ހޯދަން ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުން ދެން އިތުރަށް އެފަރާތަށް އެރިސޯޓް ކުއްޔަށް ދޭންވާނީ ވަރަށް ވިސްނާފައި ކަމެވެ. އިހު ކުއްޔަށް ދިން އަގަށްވުރެ ބޮޑު ކުއްޔަކަށް އެ ރިސޯޓް ކުއްޔަށް ދިނަސް އެއީ އަގެއްކަމަށް ގަބޫލެއް ނުކުރެވޭނެ އެވެ. ސަބަބަކީ މިއަދު އެރިސޯޓްތައް ތަރައްގީ ކުރެވިފައިވާތީ އެވެ. އެރިސޯޓްތައް ހެދުމަށް އެއްވެސް ޚަރަދެއް އިތުރަށް ނުދާނެތީ އެވެ. އެތަނުގެ ގުދުރަތީ މާހައުލާއި ވެށީގެ އަގު އަދާކުރެވެން ނޯންނާނެތީ އެވެ. އެހެން ކަމުން ރިސޯޓެއް ތަރައްގީ ކުރުމަށްފަހު އޭގެ މުއްދަތު ހަމަވުމުން ދެން އިތުރަށް އެރަށް ކުއްޔަށް ދޭންވާނީ އަލުން އެރަށް ބީލަމަށް ލުމަށްފަހު އެވެ. ބީލަމަށް ލައިގެން އެރަށް ކާމިޔާބު ކުރާމީހަކު ކާމިޔާބު ކުރަންވީ އެވެ. ހަނދާން ކުރަންވީ ހުސް ގޯންޏަކާއި ފުށް ބަސްތާއަކާ ތަފާތުވާނެ ކަމެވެ.
ރިސޯޓްތަކުގެ މުއްދަތު އިތުރު ކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އިތުރު ކޮށްދެން ޖެހޭނީ ރިސޯޓް އަގުކުރުމަށްފަހު, އެއަގު ދެއްކުމުން ނެވެ. ރިސޯޓް ކުއްޔަށް ހިފުމުން ދައްކަންޖެހޭ ފައިސާ އެއީ އަދި އެހެން އެއްޗެކެވެ.
ތަރައްގީ ކުރެވިފައިވާ ރިސޯޓްތައް ކުއްޔަށްދޭއިރު ވިސްނަންވީ އެހެން ކަމެއްވެސް އެބައޮތެވެ. ކުއްޔަށް ދޭއިރު އާ ފަރާތްތަކަށް އިސްކަން ދިނުމެވެ. މާނައަކީ ރިސޯޓްތައް މިހާރު ހިންގާ ފަރާތްތަކުގެ ބަދަލުގައި އެހެން ފަރާތްތަކަށް އެރިސޯޓްތައް ކުއްޔަށް ދިނުމެވެ. ސަބަބަކީ އަލަށް ރިސޯޓެއް ހަދަން ދިނުމާއި ހަދާފައި އޮތް ރިސޯޓެއް ކުއްޔަށް ދިނުމާ ތަފާތުވާނެ ތީއެވެ. ދަސްކުރާ މީހެއްގެ އަތަށް ބޯކިބާއެއް އެޅުމަށް ސާމާނު ދިނުމާއި, އޭގެ ފުއްގަނޑު ހަދާފައި ފިހަން ދިނުމާ އެއީ ތަފާތު ދެކަމެވެ. ނަމަވެސް އާޚިރު ނަތީޖާއަކީ އެކައްޗެކެވެ. ގަބޫލު ކުރަންޖެހެނީ މިއީ ފަތުރުވެރިކަމުގެ ދާއިރާއިން އާ މަހުޖަނުން ތަކެއް އުފަން ކުރުވުމަށް ދިވެހި ރަންބިސް އަޅާ ކުކުޅުން ވައްޓާލާ ބިހަށްވުރެ އަގު ބޮޑު ބިހެއް ކަމެވެ.
މުއްދަތު ހަމަވެގެން ‘ ޖަވާހިރެއް’ގެ ގޮތުގައި ދިވެހި ދައުލަތުގެ މިލްކަކަށް ވާން ތައްޔާރަށް އޮތް ރިސޯޓްތަކަށް ދެން ހަދާނެ ގޮތެއް އަދި ނޭނގެ އެވެ. ރާއްޖޭގައި އެތައް ސަތޭކަ ފަޅު ރަށް އޮތަސް, އެރަށްތައް ކުއްޔަށް ދެވިދާނެ ކަމަށް ހީކޮށް, އިހު ރިސޯޓްތައް ތަރައްގީކުރި ފަރާތްތަކަށް އެކުލީގެ މުއްދަތު އިތުރު ކުރުމަކީ ‘ބޯ ގޯސް’ ޚިޔާލެކެވެ. ބޯގޯސް ވަނީ އެއީ ތަރައްގީ ކުރެވިފައިވާ ރަށްރަށަށް ވާއިރު އެރިސޯޓްތައް ‘އަގު’ ނުކޮށް, ހަމައެކަނި ކުލި ބޮޑުކުރުމަށް ވިސްނާތީ އެވެ. ދޮން ހަސަނު ވިސްނި ގޮތަށް ހުރިހާ އެންމެންވެސް ވިސްނާނަމަ ހާދަހާވާ ރަނގަޅެވެ.
-
ހޯމަ، ޑިސެންބަރު 15 2008، 10:29
ލިޔުން ތެރިޔާގެ ވިސްނުން ވަރަށްރަގަޅެވެ.މުއްދަތު ހަމަވާ ރިސޯޓްތައް އަލުން ބީލަމަށްލުމަކީ އެކަން ކުރަން ޖެހޭނެ ގޮތެވެ. ބީލަމަށް ނުލާ ރިސޯޓެއްގެ މުއްދަތު އިތުރު ކުރުމެކޭ ބީލަމަށް ނުލާ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ރަށެއް ދިނުން މާރަގަޅެވެ. އޭރުން މިގޮތުން ދެވޭނީ ހަމައެކަނި ރަށެކެވެ، ސަރުކާރަށް މިލްކުވާން އޮންނަ އެތައް ބިލިޔަން ޑޮލަރުގެ މުދާތަކެއް ނުދެވެއެވެ. ރިސޯޓް ތަކުގެ އޯނަރުންނަށް މުއްދަތު އިތުކުރުމަކީ ރާއްޖެގެ ރަށްޔިތުން އެގިހުރެގެން ވެވޭނެ އެންމެ ބޮޑު ހިޔާނަތެވެ. މުއްދަތު އިތުރުކުރުމަކީ މިލިޔަން މިލިޔަންޑޮލަރުގެ ހިޔާނާތެކެވެ. އާފަރާތް ތަކަކަށް ރިސޯތުތައް ދިނުމަކީ ވަރަށް ރަގަޅު ވިސްނުމެކެވެ. އަދި މިހާރު ރިސޯޓް ހިންގަވާ ފަރާތްތަކަށް އާ ސަރަހައްދުތަކުން ރަށްދޫކުރުމަކީ ރިސޯޓް ވިޔަފާރި އިތުރަށް ފުޅާ ކުރެވިދާނެ މަގެކެވެ. މިބޭފުލުންގެ ތަޖުރިބާއާއި، މުއްސަދިކަން ބޭނުން ކުރައްވައިގެން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ފަތުރުވެރިކަން ފުޅާކުރެވިދާނެއެވެ. ތ.އ.ލތފ
-
ހޯމަ، ޑިސެންބަރު 15 2008، 12:53
ފަހުގެ ނޫސްވެރިކަމުގައި އަދި ނުފެނަނަހާ މޮޅު ލިޔުމެއް. ތިލަ އިބާރާތަކުން ފުން މާނަޔަކާއެކު ވަގުތާ ޚާލަތައް ނުހަނު މުނާސަބު ލިޔުމެއް. މުންޗި
-
ހޯމަ، ޑިސެންބަރު 15 2008، 13:08
އަށްސަރި ބަހުން ސާބަސް ދަންނަވަން. ލިޔުން ތެރިޔާ، ތިޔަކަހަލަ ވިސްނުމަކުން ދިވެހި ދަރިންނަށް ވިސްނާދެއްވާ، ތިޔަ ވިދާޅުވިގޮތަށް، ރައީސް މުހައްމަދު ނަޝީދަށް ހިޔާލު ދެއްވެވޭނެ ގޮތެއް ހައްދަވާ، އޭރުން މުހައްމަދު ނަޝީދުގެ އިހްލާސްތެރިކަމާއި، ދިވެހި ދަރިންދެކެ ލޯބިވާވަރު ފެނިގެން ދާނެ. ތިޔަ ހިޔާލު ރައީސް ނަޝީދަށް ވީހާވެސް އަވަހަކަށް ދެއްވަވާ. ސާބަސް ސާބަސް، ކަލޯ ބެއްޔާ
-
ހޯމަ، ޑިސެންބަރު 15 2008، 13:32
ވަރަށް ރަނގަޅު ލިއުމެއް. ކޮންމެ މީހަކަށްވެސް މިލިއުން ދޭހަވާނެ.
-
ހޯމަ، ޑިސެންބަރު 15 2008، 13:56
އަންވަރު އިބްރާހީމްގެ ލިޔުމަށް ހަމަސާބަސް އެކަމަކު ކަންކުރަން ތިބޭ ފަރާތުން ލިޔުމުގައި ލިޔެފައިވާ ގޮތަށް ކަންކޮށްފިނަމަ އެއްފަރާތަކައްވެސް ގެއްލުމެއްނެތް ތިކަހަލަ ލިޔުމަށް އަޅުގަޑުމެންގެ ފަރާތުންވެސް މަރުޙަބާކިޔަން -ޙައްވާ ޢަޝީރާ-
-
ހޯމަ، ޑިސެންބަރު 15 2008، 15:59
ރަގަޅު ލިޔުމެއް. ވާހަކަ ގޯހީ. ހަދާފަ އޮތް ރިސޯޓެއްވެސް، ނުވަތަ ހަދަން ރަށެއް ވިޔަސް ބީލަމަށް ލައިފިނަމަ، އާފަރާތަކަށް އެކަމެއް ނުވާނެ. އެކަން ވޭތުވެދިޔަ މަދު ދުވަސްކޮޅަކަށް ނަޒަރު ހިންގާލިޔަސް އެނގިގެންދާނެ. ރަންބިސް އަޅާ ކުކުޅު އަތުޖެހޭނީ ވަރަށްވެސް ބާރަށް ދުވެވޭ، ކުކުޅު ހިފުމުގެ ހުނަރު ހުރި މީހަކަށް. ނޫނީ އެހުނަރު ހުރިމީހަކު ވާގިވެރިވާ މީހަކަށް. އާޚިރުގަ ޖެހޭނީ ހަމަ އެއްތާކު! ވިސްނަވާލައްވާ!
-
ހޯމަ، ޑިސެންބަރު 15 2008، 18:47
އަލުގަނޑު ހަމަހައިރާން ވާންޖެހޭކަމަކީ ހުރިހައިރިސޯޓް އަޕް މާކެޓް އަށްދިޔައީމަ ދެން އަންނަ އާދައިގެ މީހުންއަންނާނީކޮންތަނަކައްތޯ ވިސްނާލަންއެބަޖެހޭ އަޅެ ކޮންމެރިސޯޓެއްގެއަގު1500.ޑޮލަރަށް ކޮޓަރިއެއް ވިއްކިދާނެތޯ ބަލަލާންވެސްޖެހޭ އެހެންވެ އަލުގަޑު ގޮވާލަންބޭނުން މިކަންދިރާސާކުރަން.ޑޑ
-
ހޯމަ، ޑިސެންބަރު 15 2008، 21:00
ތިޔަލިޔުމުގަ ވާކަންތައްތަކަކީ މިއަދުގެ ސަރުކާރު ހިންގަންތިބި މީހުންނަންނޭގޭނެ ވާހަކަ އެއްކަމަކަށް އަޅުގަޑު ޤަބޫލެއްނުކުރާނަށް އެހެންނަމަވެސް މަޓީގެ މެނޭޖްމަންޓް އަކަށް ތިޔަކަން ނުވިސްނޭނެކަން ކަށަވަރު. ދެން އޮތީ އިޙްލާސްތެރިކަން އޮތްވަރު ބަލާލުން، ރައްޔިތުންގެ މުދާ ނުވަތަ ފައިސާ ނުހައްޤުގޮތުގަދީފިއްޔާ ފަހުން ދެންއަންނަ ސަރުކާރަކުން ކޯޓަށް ދެވޭނެ ކަން ހަމަޔަޤީން. މައުމޫނު ރައްޔިތުންގެ ފައިސާލޯނުގެ ގެތުގަ ކާރިމީހުންނަށްބެހީ މިހާރު މިއޮތީ އެކަންބެލުމުގެ ފުރުސަތު ލިބިފަ. އިޙްލާސްތެރިކަން ބަލަން ތިބެމާ!އިޙްލާސްތެރިކަން ބަލަން ތިބެމާ!އިޙްލާސްތެރިކަން ބަލަން ތިބެމާ!