
ރިސޯޓް މުވައްޒަފުންގެ ހައްގުތައް ހޯދައިދެން ޖެހެއެވެ.
ބަނޑޮސް އައިލެންޑް ރިޒޯޓްގައި މަސައްކަތްކުރާ މުވައްޒަފުން އެތިބީ ފިސާރި ހިތްހަމަ ޖެހިގެން ނެވެ. ވަޒީފާގެ ގާނޫނުގައި ބުނާ ހުރިހާ އިނާޔަތްތަކެއް އެ ރިސޯޓްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބެމުން ދާތީއެވެ. އެ ރިސޯޓްގެ 463 މުވައްޒަފުން ހިތްހަމަ ޖެހިފައި ތިބިނަމަވެސް, ރާއްޖޭގެ ރިސޯޓްތަކުގައި ތިބި ގިނަ ދިވެހިންގެ ހިތުގެ އުދާސްތަކާއި ޖަޒުބާތުތައް ކެކި އުތުރި އަރަމުން އެދަނީ ކޮންމެވެސް ސަބަބުތަކެއް ހުރެގެންކަން ގަބޫލު ކުރަންޖެހެ އެވެ.
ރީތި ރަށުގައި ކުރިއަށްދާ ހަޅުތާލަކީ އޭގެ ބައެކެވެ. އެކަން ހުއްޓާލައިގެން ނުވާނެ އެވެ. މަނަފަރު ރިޒޯޓުގައިވެސް ކުރީ ކުރަންޖެހޭ ހަޅުތާލެކެވެ. އަލިދޫ ރިސޯޓްގައި ކުރި ހަޅުތާލަކީވެސް ގޯސް ހަޅުތާލެއް ނޫނެވެ. މިއިން ކޮންމެ ހަޅުތާލެއްގައި ގޮވާލާފައިވަނީ އެމީހުންގެ ހައްގުތައް ހޯދައި ދިނުމަށެވެ.
ފަހަރެއްގައިވެސް އަޅުގަނޑު ހަޅުތާލަށް ހިތްވަރު ދެނީއެއް ނޫނެވެ. ހިތްވަރު މިދެނީ ހައްގު ހޯދުމަށެވެ. ވަޒީފާގެ ގާނޫނަށް ހުރިހާ ފަރާތަކުން އަމަލުކުރުމަށް ގާނޫނުގައި ބުނެފައިވާއިރު އެއަށް އަމަލު ނުކުރެވޭނަމަ އެއީ ކުށެކެވެ. އެކުށް ކުރާ ބަޔަކަށް އަދަބު ލިބެން ޖެހޭނެ އެވެ. އެކަން ހިނގާ ނުހިނގާ ގޮތް ކަމާ ބެހޭ ފަރާތްތަކުން އަދި ސަރުކާރުންވެސް ބަލަން ޖެހޭނެ އެވެ.
ނަމަވެސް ހިތާމައަކީ ވަޒީފާއާ ބެހޭ ގާނޫނަށް ބަޔަކު ޚިލާފުވާއިރު އެފަރާތްތަކަށް ފިޔަވަޅު އެޅެމުން ނުދާކަމެވެ. އެ ގާނޫނާ ޚިލާފަށް ކަންކަން ކުރަމުންދާ މީހުންނަށް ހިތްވަރުލިބޭ އުސޫލުން ކަންކަން ކުރެވެމުންދާ ކަމެވެ. މިކަމުގެ އެއް މިސާލަކީ ރީތި ރަށަށް ފުލުހުން އަރާކަންތައްތައް ކުރިގޮތެވެ.
ފުލުހުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ފުލުހުން އެރަށަށް އެރީ ހޯމް މިނިސްޓަރުގެ މަޝްވަރާގެ މަތިންކަމަށެވެ. ކޮންމެ މިނިސްޓަރެއްގެ މަޝްވަރާ މަތިން އެރިނަމަވެސް އެރަށުގައިވަނީ ކަންތައް ގަނޑެއް ހިންގާފައެވެ. 13 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބިޑިއަޅުވާފަ އެވެ. ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެފަރާތުން އެއްވެސް ހަތިޔާރެއް ބޭނުން ކުރުމެއްނެތި ކުރިއަށް ދިޔަ މި ހަމަނުޖެހުމުގައި ހިފެހެއްޓި 13 މީހުން ބައިގަޑިއިރަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ. ސުވާލަކީ އެމީހުން ދޫކޮށްލީ ކީއްވެ ހެއްޔެވެ؟ އެމީހުންނަށް އެދުވަހު އަނބުރާ ވަޒީފާ ދިނީ ހެއްޔެވެ؟ އެމީހުން ކުށެއް ނުކުރާކަން ގަބޫލު ކުރެވުނީ ހެއްޔެވެ؟ ނުވަތަ އޯޑަރު ދިން ފަރާތުން އެނބުރި އައުމަށް އެންގީހެއްޔެވެ؟
ގާނޫނު އަސާސީން ލިބިދޭ އަސާސީ ހައްގެއްގެ ރީތިރަށުގެ 200 ވަރަކަށް މުވައްޒަފުން ބޭނުންކުރަމުން ދަނިކޮށް ފުލުހުން ކަންތައް ކުރީ އެންމެ ރަނގަޅަކަށް ނޫނެވެ. ހިއުމަންރައިޓްސް ކޮމިޝަނުން ފާޑުކީ އެހެންވެ ކަމަށް ގަބޫލު ކުރެވެއެވެ. ކޮމިޝަނުން ބުނަނީ ވަޒީފާ އިން ވަކިކޮށްފައިވާ 13 މީހުން ރަށުން ބޭލުމުގެ ތެރޭގައި މުވައްޒަފުންނާ ކުރިމަތިލައި, ލޯ ކަރާ ބާވަތުގެ ސްޕްރޭ އާއި މުގުރު ބޭނުންކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނަނީ އެފަދަ އެއްވެސް އެއްޗެއް ބޭނުން ނުކުރާކަމަށެވެ. އެރަށުގެ މުވައްޒަފުން ބުނަނީ ބޭނުން ކުރިކަމަށެވެ. ބޭނުން ކުރިނަމަވެސް އަދި ނުކުރިނަމަވެސް ސުލްހަވެރި ގޮތުގައި ހަޅުތާލު ކުރަމުންދިޔަ ބައެއްގެ ތެރެއަށް އެފަދަ ގޮތަކަށް ފުލުހުން ވަނުމަކީ މައްސަލަ ގޯސްވެ, އެތައް ބަޔަކަށް އަނިޔާވުމަށް މެދުވެރިވީ މައިގަނޑު ސަބަބެވެ.
ރިސޯޓްތަކުގެ މުވައްޒަފުންގެ ހައްގުތައް އެފަރާތްތަކުން ނުލިބޭކަން ސަރުކާރަށްވެސް އެނގޭއިރު, އަދި ގިނަ ރިސޯޓްތަކުން ވަޒީފާގެ ގާނޫނަށް އަމަލު ނުކުރާއިރު އެއްވެސް ފިޔަވަޅެއް ނާޅަނީ ކީއްވެ ހެއްޔެވެ؟ މިއީ ހާލަތަށް ބަލާއިރު ކުރަން ވަރަށް މުހިންމު ސުވާލެކެވެ. އެއް މައްސަލައަކީ ވަޒީފާގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅަންޖެހޭ ލޭބަ ރިލެޝަންސް އޮތޯރިޓީގެ މަސައްކަތް އެކަށީގެންވާ ގޮތަކަށް ނުހިނގުމެވެ. ދެވަނަ ކަމަކީ ވަޒީފާގެ މައްސަލަތައް ބެލުމަށްޓަކައި އެ ގާނޫނުގެ ދަށުން އުފައްދަންޖެހޭ ޓްރައިބިއުނަލް ގާއިމްވެފައި ނެތުމެވެ. ތިންވަނަކަމަކީ މުއްސަނދިންގެ ނުފޫޒާއި ބާރު ގާނޫނުނާއި ގަވައިދު ތަކުގެ މަތީގައި އޮންނަ އޮތުމެވެ.
ގަބޫލުކުރަންޖެހޭ ހަގީގަތަކީ ރިސޯޓްތަކުގެ މުވައްޒަފުންނަށް މިހައްގު ލިބުނީ ސަލާން ޖަހައިގެން ކަމެވެ. ރީތިރަށުގެ މުވައްޒަފުންހެ ހައްގުތައް ހޯދައިދިނުމަށް ސަރުކާރުންގެ ކަމާބެހޭ ފަރާތްތަކުންނާއި, ސީދާ ރައީސް އޮފީހުގެ މަޝްވަރާތަކާއެކު ރޭގައި އެވަނީ އެކަން ގޮތަކަށް ހައްލުވެފައެވެ. އެކަމަކު އެއީ އެ ރިސޯޓް އެކަންޏެވެ. އެހެން ރިސޯޓްތަކުގެ މުވައްޒަފުންނަށް ދޭންޖެހޭ ހައްގުތައް ކޮބާތޯއެވެ؟ ކޮންމެ ފަހަރަކު ހަޅުތާލު ހެދުމުން ސަރުކާރުގެ ޓީމެއް އެކަން ހައްލުކުރުމަށް އެރަށަކަށް ދާނީތޯ އެވެ؟
މައްސަލައަކީ ވަޒީފާގެ ގާނޫނުން ރިސޯޓް މުވައްޒަފުންނަށް ފަހުން ލިބުނު ހައްގަކީ ރިސޯޓްތަކުގެ މުވައްޒަފުންނަށްވެސް އޮންނަން ޖެހޭނެ ހައްގެއްކަން މަޖިލީހުގެ މެމްބަރުންނަށް ވިސްނިވަޑައިގަތީ ބަޔަކު ނުކުމެ ހަޅޭއްފަޅޭއް ޖެހުމުން ކަމަށްވާތީ އެވެ. އެހައްގު ދެވުނީ ހަޅުތާލަކާ ހަމައަށް ދާނެކަމަށް ބުނުމުން ކަމަށް ވާތީއެވެ. އެއަށްވުރެ ބޮޑަށް ރިޔާސީ އިންތިޚާބުވެސް ކުރިމަތީގައި އޮތުމުން އެނޫން ގޮތެއް ނެތުމުން ކަމަށްވީތީ އެވެ. ކޮންމެ ގޮތަކުން ނަމަވެސް ރިސޯޓްތަކުގެ މުވައްޒަފުންނަށް އެހައްގުތައް ދިނުމަށް ފަހު އެއަށް އަމަލު ނުކުރާނަމަ އެއީ ބޮޑު މައްސަލައެކެވެ. އެކަން ބަލަންވެސް ޖެހޭނެ އެވެ. ފިޔަވަޅުވެސް އަޅަންޖެހޭނެ އެވެ.
އިންސާފުވެރިކަމާއެކު ފިޔަވަޅު އަޅަން ވިސްނިނަމަ, ރީތިރަށަށް ދިޔަ ފުލުހުންގޮސް ހައްޔަރުކުރީކީ އެބުނާ 13 މީހުން ނެއް ނޫނެވެ. އެދުވަހު ހައްޔަރުކުރާނީ ގާނޫނާ ޚިލާފުވި މީހުން ނެވެ. ނަމަވެސް ހިތާމައަކީ އޯޑަރަކުން ނަމަވެސް ކަންތައް ހިނގައިދިޔަ ގޮތެވެ. ގާނޫނު އޮތްތާ ބާއްވާފައި އޯޑަރަށް އަމަލު ކުރެވުނު ކަމެވެ. ކުރެވުނީ ރަނގަޅުކަމެއް ނަމަ, އެ 13 މީހުން ބިޑިއާއެކު ގެނެވުނީ ހެވެ. އެކަން ނުވީ ކުރެވުނު ކަންތައް ގޯސްވީމައެވެ.
މައްސަލައަކީ އެތައް ބަޔަކާ ގުޅިފައިވާ މައްސަލައެކެވެ. ސިޔާސީ މައްސަލައެކެވެ. އިޖްތިމާއީ މައްސަލައެއްވެސް މެއެވެ. ގާނޫނީ މައްސަލައެއްވެސް މެއެވެ. އެންމެ ބޮޑު މައްސަލައަކީ މިމައްސަލަ ހައްލުކުރުމަށް ގާނޫނީ ފިޔަވަޅު ނާޅާތީއެވެ. ރިސޯޓްތަކާ ދެކޮޅަށް ހަރުކަށި ނުވާތީ އެވެ. އެއީ ފަސޭހަ ކަމެއް ނޫން ދެއްތޯއެވެ؟
-
ހޯމަ، ޑިސެންބަރު 1 2008، 11:18
މިލިއުމަކީ ވަރަށްއޮއްޓަރުހުރި އަދުލުވެރިލިއުމެއްކަމަށް ދެކެން ހަގީގީ ގާނޫނާޚިލާފުވާބަކީކޮބައިތޯބަލާ ގާނޫނާޚިލާފުވި ފަރާތްތަކަށް ހައްގު އަދަބުދިނުމަށް ގޮވާލަން ހުޔޮވެރިކަމެއްގެ ސޫރަ މިގައުމުންފޮހެވިގެން ދިޔަނުދިނުމަށް އެމްޑީޕީ އަށްގޮވާލަން އަހަރުމެން އެތައްބުރަމަސައްކަތެއްކޮށްގެން ބަދަލުކުރިވެރިކަން އަމިއްލައެދުންބޮޑު ބައެއްގެ އަތްދަށުގައި ކުރީގައި ތާށިވެފައިއޮތްގޮތަށް ތާށިވިޔަނުދިނުމަށް މިސައިޑު މެދުވެރިކޮށް އެމްޑީޕީއައް ގޮވާލަން،
-
ހޯމަ، ޑިސެންބަރު 1 2008، 11:18
މިލިއުމަކީ ވަރަށްއޮއްޓަރުހުރި އަދުލުވެރިލިއުމެއްކަމަށް ދެކެން ހަގީގީ ގާނޫނާޚިލާފުވާބަކީކޮބައިތޯބަލާ ގާނޫނާޚިލާފުވި ފަރާތްތަކަށް ހައްގު އަދަބުދިނުމަށް ގޮވާލަން ހުޔޮވެރިކަމެއްގެ ސޫރަ މިގައުމުންފޮހެވިގެން ދިޔަނުދިނުމަށް އެމްޑީޕީ އަށްގޮވާލަން އަހަރުމެން އެތައްބުރަމަސައްކަތެއްކޮށްގެން ބަދަލުކުރިވެރިކަން އަމިއްލައެދުންބޮޑު ބައެއްގެ އަތްދަށުގައި ކުރީގައި ތާށިވެފައިއޮތްގޮތަށް ތާށިވިޔަނުދިނުމަށް މިސައިޑު މެދުވެރިކޮށް އެމްޑީޕީއައް ގޮވާލަން،
-
ހޯމަ، ޑިސެންބަރު 1 2008، 12:24
ހީހީހީހީހީ ތިވިޔަފާރިވެރިން ތިބިހާ ހިނދަކު އެއްވެސް ގާނޫނެއް ނޯންނާނެ!މީގެ ތިރީސް އަހަރުކުރިންވެސް،ކިބިގަހެއް ހިފަހައްޓަން ސަޕޯޓް ދީގެންތިބީ ހަމ އެއްކަލަ ވިޔަފާރިވެރިން! މިހާރު ގުލްސަމްޕާ ގަސްވެސް ހިފަހއްޓަން ތިބީއެމީހުން! ދެންކޮން ގާނޫނެއް، ހޯމް މިނސްޓަރަކައް އހުރީ ބޮޑުރިސޯޓް އޯނަރެއް،ޓުއރިޒަމް މިނިސްޓަރަކައް އހުރީ އެ އޯނަރުގެ ރަނިންމޭޓް،އެޓާނީޖެނެރަލް އަކައް އހުރީ އެޕާޓީގެ އިސްފެރާތެއް! ދެން ކޮންގާނޫނެއް އޮންނާނީ،މިބޭފުޅުން ހަމތިބޭނީ ގާނޫނުގެ ތަރަހއިގެ މާމަތީގައި ފިޔަޖަހަޖަހާ،އޅުގަޑުމން ނިކަމެތީން ހަމތިބެންޖެހޭނީ ބިކަހާލުގަ
-
ހޯމަ، ޑިސެންބަރު 1 2008، 12:40
އާ ސަރުކާރު ވެރިކަމާ ހަވާލުވިތާ ގިނަދުވަހެއް ނުވެ މިފެންނަނީ ކުރީގެ ހަނދާންތަކެވެ.ވަކިބއެއްގެ މަސްލަހަތައްޓަކައި، އެއްކަލަ ދަގަޑު ޖަންގިޔާލީބަގަފޮނުވާ، ކަރަންޓް މުގުރާ ޕެޕަރސްޕުރޭ ކުށެއްނެތް މީހުނާ ހަމަލާދިނުމަށް ބޭނުން ކުރުމަކީ ރައްޔިތުންގެ ސަރުކާރެއްގައި ކޮއްގެން ވާނެކަމެއްނޫނެވެ.މި ކަމާ އެކަށޭނަ ފިޔަވަޅު ނާޅާފިނަމަ، އަންނަ ރައްޔިތުންގެ މަޖްލިސް ގެ އިންތިޚާބުގައި ވޯޓުދިނުމުގައި ރައްޔިތުން ވަރައް ރަގަޅައް ފާހަގަކުރަންވާނެ އެވެ.މިހެނީ ޑިމޮކްރަސީ އެއްގައި ރައިއްޔިތުންގެ އަތުގައި އޮންނަ އެއްމެ ގަދަފަދަ ބާރަކީ އެމިހުންގެ ވޯޓެވެ.މިބާރުގެ ބޭނުން ހެޔޮ ގޮތުގައި ނުހިފާފިނަމަ ދެން ވާނެގޮތް މިދިޔަ 30 އަހަރުގެތެރޭގައި ވަރަށް ރަގަޅަށްވަނީފެނިފައެވެ.
-
ހޯމަ، ޑިސެންބަރު 1 2008، 13:03
މިގައުމު މިހަލާކުވެގެން ދަނީ މުއްސަދިން ބަގުޑިބައްދަން އުޅޭތީވެ. މިހާރު ސަންޓްރެވެލް ޝިޔާމު މަޖިލީހުގަ ދައްކާވާހަކަ ބަލާބަލަ. މަސްދާނީ ފެން އޮތްތަނަކަށް. ހަމަ ނިކަމެތިންވާނީ ހަމަނިކަމެތި. މިހާރު ހުރިހާ ވިޔަފާރިވެރިން ބާރު ލާފަ ވަޔާ އޮޔާ އެއްކޮޅަށް ދުއްވާ ނަގަނީ.
-
ހޯމަ، ޑިސެންބަރު 1 2008، 13:13
މިލިޔުން ލިޔުއްވި އިރު ބަނޑޮހުގެ މުވައްޒަފުންނާއި ގުޅާލެވުނު ބާ؟ އެތަނުގެ ކެޕްޓަނުންނާއި ކުރޫއިންގެ ހައްގު ނުލިބޭތީ އެމީހުން ތިބީ މުޒާހަރާ ކުރާ ހިސާބުގައެވެ. ަ ިއޭކޭ
-
ހޯމަ، ޑިސެންބަރު 1 2008، 13:13
ރިސޯޓް ތަކުގައި ތަފާތުކުރުންގިނަވަނީ ރިސޯޓްނުހެދޭ ފެންވަރުގެމީހުންނައްރިސޯޓްދޭތީވެ އެމީހުން ރިސޯޓްމިހަދަނީ ކޮންމެވެސް ބޭރުބަޔަކަށް ދީގެން ވީއިރު އެމީހުން ރިސޯޓް ހިންގާނީވެސް މެނޭޖްމަންޓްގާ ބޭރު މީހުންތިބި ރިސޯޓްތަކުން އަބަދުވެސް ތިމައްސްލަ ދިމާވާނެ ބަޑޮހަކީދިވެހި މެނޭޖްމަންޓް އޮށްނަތަނެއް އެހެންވެ ރަގަޅުވަނީ ވިސްނާ ހޭ އަރާބަލަ އުމަރު ނަސީރު އާ އިބުރާ މިހާރު ބޭނުންވަނީ ބަޑޮސް ރިސޯޓޯ ބަލަ މިއަހަރު ކިތައްރިސޯޓް ހަދަން ބިޑުކާމިޔާބުކި ހެދުނީ ކިތައް ރައް މެކުނު ފުމުނަކަސް ގާހަކަ އަކަށް ނުފުމެވޭނެ ،،،ޖަލީލް
-
ހޯމަ، ޑިސެންބަރު 1 2008، 13:16
ރީތި ރަށުގެ މުވައްޒަފުންގެ މުސާރައަށް ކިހާވަރެއް ދޭ ބާވައެވެ. އެމީހުން އެ އުޅެނީ ކޮން ހައްޤެއް ހޯދަންވެގެން ޖކަމެއް ސާފެއެް ނުވެއެވެ. އަދި އެމީހުން އެކަން ކުރަން ޖެހުނު ސަބާއި ޑިމާންޑްތަކެއްވެސް މީޑިއާއިން އަޅުގަނޑުމެނަށް ކިޔައި ނުދޭން އުޅެނީ ކިއްވެތޯއެވެ. އެމީހުންނާއެކު އަޅުގަނޑުމެން ހަމްދަރްދީ ވަމުއެވެ.
-
ހޯމަ، ޑިސެންބަރު 1 2008، 13:19
ގާސިމްގެ ފަން އައިލެންޑް ބަންދުކުރުމުން ސަރުކާރަށް އެހެރަގެން ގެއްލުނީ ކިހާ ފައިސާއެއް ހެއްޔެވެ؟ އެ ހޯދަން ސަރުކާރުން މަސައްކަތް ނުކުރައްވާނެ ތޯއެވެ. ރިސޯޓް މުވައްޒަފުން އޯނަރުންގެ އަތުން ހައްގު ހޯދަން ވާހަކަ ދައްކާއިރު ސަރުކާރަށްވެސް ރިސޯޓް އޯނަރުންގެ އަތުން ލިބެންވާ ހައްޤުތަކެއް އޮވެއެވެ. އެކަމާމެދު އެއްވެސްއ ޥާހަކައެއް ނުދެކެވެއެވެ. ސަވާދު އެއޫލުއްވަނީ ރައީސްގެ އެޖެންޑާ ތަންފީޒް ކުރައްވަންތޯއެވެ. ނުވަތަ ގާސުިމްގެ އެޖެންޑާ ތަންފީޒު ކުރައްވަންތޯއެވެ.
-
ހޯމަ، ޑިސެންބަރު 1 2008، 13:42
ވަރަށް ރަނގަޅު ލިއުމެއް. އެކަމަކު ކީއްކުރާނީ. ޖުމްޙޫރީ ޕާރޓީން ޖެހޭ ޤާސިމް އާއި ޖާބިރުގެ ވިޔަފާރި ހިމާޔަތް ކުރަން. ގައުމީ ޕާޓީން ޖެހޭ ޔުނިވާރސަލާއި ވީބީގެ ވިޔަފާރި ޙިމާޔަތް ކުރަން. އަމް ޑީ ޕީ އަށް ޖެހޭ 3 އޭ ގެ ވިޔަފާރި ހިމާޔަތް ކުރަން.ދެން ތިބި ބަޔަކު އެބަ ޖެހޭ ޗަމްޕާ ރިސޯރޓްގެ ވިޔަފާރި ހިމާޔަތް ކުރަން. ޢާންމު ދިވެހި ރައްޔިތުންގެ ޙައްޤު ރައްކާތެރި ކޮށްދޭނެ ބަޔަކު ވާނެބާ؟ދިވެހި ރާއްޖޭގައި ޤާނޫނު އެންމެންގެ މައްޗަށް ހަމަ ހަމަޔަށް މިހާރުގެ ސަރުކާރުންވެސް ހިންގާނެކަމުގެ އެއްވެސް ކުލަވަރެއް ނުފެނޭ. ދިވެހި ފަސްގަނޑުގައި ބޭރުމީހުން ދިވެހިންނަށް އިހާނެތިކޮށް ހަދާއިރު އަހަރުމެންނަށް މިޖެހެނީ ކުރާނެކަމެއް ނޭގި ހަމަ ބަލަން ތިބެން. ހިތާމަކޮށް ލަދުގަންނަން ޖެހޭކަމެއް.
-
ހޯމަ، ޑިސެންބަރު 1 2008، 13:46
ވަތަން އެދޭގޮތަކައް މިހާރު މި ގައުމެއް ނުހިގާ...ކޮންމެ ބަޔަކުވެސް ވެރިކަން ލިބުމުގެ ކުރީގައި ވަރަށް ފޮނި ހުވަފެންތައް ދައްކާނެ...ވެރިކަން ލިބުނީމަ ކުރިން ވި ހުވަޔާ އަހުދުތައް ހަންދާނެއް ނުހުންނާނެ.. އެއީ ޕޮލިޓިކްސް ގޭމް...
-
ހޯމަ، ޑިސެންބަރު 1 2008، 14:25
ގާސިމް ހުއްދަދީގެން ރީތިރަށަށް ފުލުހުން ފޮނުވީ، ގާސިމްގެ ރިސޯޓްތަކުގެ މުވައްޒިފުންނަށް މެސެޖެއް ދިނުމުގެ ގޮތުން.
-
ހޯމަ، ޑިސެންބަރު 1 2008، 15:57
މިކަހަލަ ހަޅުތާލު ތައް ހިނގާނެ. މި ކަހަލަ ބޮޑެތިކަންކަން ހައްލުވާން ދުވަސް ނަގާނެ...މަޑު މަޑުން އެންމެންނަށް ވެސް އެބައެއްގެ ސައިޒު އިނގޭނެ....އެބައެއްގެ ހައްގު ހޯދާނީ އެބައެއް...ޤަބޫލުކުރަންޖެހޭ ހަޤީގަތަކީ އަދިވެސް ރާއްޖޭގެ ސިޔާސީ ދާއިރާ ސާފުނުވާކަން....ސިޔާސީ ހެދުން ތުރުކުރައްވައިގެން އެތައް ވިޔަފާރިވެރިންނެއް އެބަތިބި...އިރާދަކުރެއްވިއްޔާ ކުރިމަގު އުޖާލާ ވާނެ...
-
ހޯމަ، ޑިސެންބަރު 1 2008، 16:21
ކުރީގެސަރުކާރުން ރިސޯޓްތަކަށް ދާޓީމުތަކުން ކަންތައްކުރާގޮތަކީ މެނޭޖުމަންޓުން ދައްކާސްޓާފަކާ ސުވާލުކޮށް ކަންކަން އޮޅުންފިލުވުމެވެ. ކަންވާނީވެސް އެހެންނެވެ. ޓީމުދާއިރަށް ފައިސްޓާ ފެންވަރުގައި އެކޮމަޑޭޝަން ހަމަޖައްސަދޭތީ ވާނީވެސް އެހެންނެވެ. ގިނަފަހަރަށް މިނިސްޓްރީން ބަޔަކު އައިކަންވެސް އެނގެނީ ބަޔަކު އައިސްފުރައިގެން ދާފަހުންނެވެ.
-
ހޯމަ، ޑިސެންބަރު 1 2008، 16:31
އަޅުގަޑު ސަރުކާރަށް ގޮވާލަން ގާސިމްއާއި މެދުފިޔަވަޅު އަޅަން ރަގަޅަކަށްނޫން ކަންތަށް އެކުރީ އަކީ....
-
ހޯމަ، ޑިސެންބަރު 1 2008، 19:41
"ބަނޑޮސް އައިލެންޑް ރިޒޯޓްގައި މަސައްކަތްކުރާ މުވައްޒަފުން އެތިބީ ފިސާރި ހިތްހަމަ ޖެހިގެން ނެވެ. ވަޒީފާގެ ގާނޫނުގައި ބުނާ ހުރިހާ އިނާޔަތްތަކެއް އެ ރިސޯޓްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބެމުން ދާތީއެވެ." މިއީދޮގުވާހަކައެއް.