ސަރުކާރުގެ ޚަރަދުތައް ކުޑަކުރުން: އަރިސް ބޭފުޅުންގެ މުސާރައިން 54 އިންސައްތަ އުނިކޮށްފައިވޭ

މިއުސަމް އައްބާސް ނޮވެންބަރު 25 2008، 09:33 4 ޚިޔާލު

މީގެ 30 އަހަރު ކުރިން ފެށިގެން ރާއްޖޭގައި އުފެދި ފުޅާ ވަމުން އައި ސަރުކާރެއް ވައްޓާލުމަށް ނުކުމެ, މިހާރުގެ ރައީސް މުހައްމަދު ނަޝީދު )އަންނި( އެންމެ ފުރަތަމައަށްވެސް ދައްކަވަން ފެށި ވާހަކައަކީ ރާއްޖޭގެ ސަރުކާރުގެ ހަރަދުތައް ބޮޑު ވާހަކައެވެ.

މީގެ ދެތިން އަހަރު ކުރިން ފެށިގެން އެމްޑީޕީގެ އެކި މުޒާހަރާތަކުގައާއި ޖަލްސާތަކުގައި އެންމެ ހޫނު ބަހުސެއް ކުރިއަށް ދަނީ ސަރުކާރުން ކުރާ ބޭކާރު ހަރަދުތަކުގެ މައްޗަށެވެ. އެކި ގޮތްގޮތުން ކެއުން ބޭއްވުމާއި, ގަނޑުވަރަށް ކުރާ ހަރަދާއި, މިނިސްޓަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކޮށް ސަރުކާރު ވެއްޓުނަ ނުދިނުމަށް ގައުމަށް ނުކަތާ ވަރަށް މިނިސްޓަރުން ފެންވަރުގެ މަގާމުތަކަށް މީހުން ކަނޑައެޅުމުގެ ވާހަކައެވެ.

އޭގެ އެތައް އަހަރެއް ފަހުން އެމްޑީޕީގެ ފަރާތުން ރިޔާސީ ރޭހަށް ނުކުމެ ވަޑައިގެންނެވި އަންނި ރިޔާސީ ރޭހުގެ ފުރަތަމަ ބުރުގައި ބައިވެރިވި ގިނަ ކެންޑިޑޭޓުންގެ އެއްބާރު ލުމާއެކު ވެރިކަމަށް ވަޑައިގަތެވެ. ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް އަންނި ވަނީ ސަރުކާރުގެ ހަރަދުތައް ކުޑަ ކުރެއްވުމުގެ ގޮތުން ރިޔާސީ ގަނޑުވަރުގައި ދިރި ނޫޅުއްވާނެ ކަމަށާއި ކެބިނެޓް ކުޑަކޮށް ސްޓޭޓް މިނިސްޓަރުންނާއި ނައިބުން ފެންވަރުގެ ބޭފުޅުން މަދު ކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.

މައުމޫނުގެ ވެރިކަމުގައި އެންމެ ފަހުން ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައި ވަނީ މިއަހަރުގެ ކުރީކޮޅުގައެވެ. އެގޮތުން އެންމެ ބޮޑު ކުރިއެރުމެއް ދެއްވާފައިވަނީ ދަށް ފަންތީގެ މުވައްޒަފުންނަށް ކަމަށް ބުނެ, އެހެން ނަމަވެސް މިނިސްޓަރުންނާއި މަތީ ފަންތީގެ ހުރިހާ ބައެއްގެ މުސާރަވެސް ވަނީ 60 އިންސައްތަ ބޮޑު ކުރައްވާފައެވެ.

މިނިސްޓަރެއްގެ މުސާރަ ބޮޑުކުރައްވައިފައި ވަނީ 26,500ރ. އިން 42,500 އަށެވެ. މިއީ ކުރީގެ މުސާރައަށްވުރެ 16,000 ބޮޑު އަދަދެކެވެ. އަދި ސްޓޭޓް މިނިސްޓަރެއް މުސާރަ ބޮޑުކުރައްވައިފައި ވަނީ 20,000ރ އިން 32,000ރ. އަށެވެ. މިއީ 12,000ރ. ބޮޑު އަދަދެކެވެ. މީގެ އިތުރުން ވަޒީރުންގެ ނައިބުންގެ މުސާރަ ވަނީ 28 ޕަސެންޓް ބޮޑުކުރައްވައިފަ އެވެ. މިގޮތުން ނައިބުންގެ މުސާރަ ވަނީ 16,000ރ. އިން 20,500ރ. އަށް ބޮޑުކުރައްވައިފަ އެވެ. މިއީ 4500ރ. ބޮޑު އަދަދެކެވެ.

އެހެން ނަމަވެސް ރާއްޖޭގެ ބަޖެޓު ޑެފިސިޓް ވަމުންދާތީ ސަރުކާރުގެ ހަރަދުތައް ކުޑަކުރެއްވުމަށް އެމްއެމްއޭގެ އޭރުގެ ގަވަރުނަރު އަބުދުﷲ ޖިހާދުގެ ގޮވާލެއްވުމަކަށް މަތީ ފަންތީގެ ބޭފުޅުންގެ މުސާރައިން ވަނީ 15 އިންސައްތަ ކަނޑުއްވާފައެވެ. އެހެން ނަމަވެސް އެބޭފުޅުންނަށް ދޭ އިނާޔަތްތަކަށް ބަދަލެއް ގެންނަވާފައެއް ނުވެއެވެ.

މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ޓީޗަރުން ނުކުމެ ކުރި ހަޅުތާލާވެސް ދިމާކޮށް މިނިސްޓަރުންނާއި ނައިބުންނާއި ސްޓޭޓް މިނިސްޓަރުންގެ މުސާރައިން 15 އިންސައްތަ އުނިކުރެއްވުމާ ގުޅިގެން މިނިސްޓަރެއްގެ މުސާރައެއްގެ ގޮތުގައި ޖެހިފައި ވަނީ 36,125ރ އެވެ. އަދި ސްޓޭޓް މިނިސްޓަރަކަށް 27,200ރ ލިބުނު އިރު ނައިބަކަށް 17425ރ ލިބުނެވެ.

މިހާރުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އޭނާ ކުރެއްވި ބައެއް ވައުދުތައް މިހާރުން މިހާރަށްވެސް ފުއްދަވާފައެވެ. އެގޮތުން ވެރިކަމާ ހަވާލުވެ ވިދާޅުވެފައި ވަނީ ރިޔާސީ ގަނޑުވަރުގައި ދިރިނުއުޅުއްވާނެ ކަމަށެވެ. އެއަށް ފަހު ކެބިނެޓް އިއުލާން ކުރެއްވިއިރު މައުމޫނުގެ ސަރުކާރުގައި 22 ވަޒީރުން ކުރައްވަމުންދިޔަ ކަންތައްތައް ވަނީ 14 ވަޒީރުންގެ މެދުގައި ބަހާލާފައެވެ. މައުމޫނުގެ ސަރުކާރުގައި ވަޒީރުންގެ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 1124750 ރުފިޔާ ހަރަދު ކުރައްވަން ޖެހޭއިރު އަންނިގެ ކެބިނެޓަށް ހަރަދު ކުރަން ޖެހެނީ މަހަކު 715750 ރުފިޔާ އެވެ. މިއީ ކުރީގެ ކެބިނެޓަށް ކުރަން ޖެހޭ ހަރަދުތަކުގެ 36 އިންސައްތަ ދަށް އަދަދެކެވެ. އެހެން ކަމުން މިހާރު ކޮންމެ މަހަކު ވަޒީރުންނަށް ދޭން ޖެހޭ މުސާރައާއި އިނާޔަތުން 409,000ރ ސަލާމަތް ކުރެވޭނެ އެވެ.

މައުމޫނުގެ އަރިސްބޭފުޅުންނަށް ވުރެން ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ނަޝީދުކައިރީގައި އެއްބޭފުޅަކު އިތުރު ކުރައްވާފައި ވެއެވެ. މައުމޫނުގެ ސްޓޭޓް މިނިސްޓަރުންގެ އަދަދު 31ގައި އުޅޭއިރު މަހު މުސާރައާއި ލިވިންގ އެލަވަންސްގެ ގޮތުގައި އެބޭފުޅުންނަށް މަހަކު 546600ރ ދޭން ޖެހެއެވެ. އަންނިގެ ސްޓޭޓް މިނިސްޓަރުންނަށް މަހަކު 590800ރ ހޭދަ ކުރަން ޖެހެއެވެ.

ނަޝީދުގެ އަރިސް ބޭފުޅުންނާއި ހިލާފަށް މައުމޫނުގެ އަރިސް ބޭފުޅުންގެ ތެރޭގައި މިނިސްޓަރުންގެ ނައިބުން ވަރަށް ގިނައެވެ. 22 މިނިސްޓްރީއެއް އުފައްދާފައި ހުރި އިރު ބައެއް ތަންތަނުގައި ހަތަރު ނައިބުން މަސައްކަތް ކުރައްވަމުންވެސް ދިޔައެވެ. ނައިބުންގެ ޖުމްލައަދަދެއްގެ ގޮތުގައި 44 ބޭފުޅުން ތިއްބެވިއެވެ.

މައުމޫނުގެ ނައިބުންނަށް މަހަކު 1,426,700ރ ހޭދަ ކުރަން ޖެހޭއިރު ނަޝީދުގެ އަރިސް ބޭފުޅުންގެ ގޮތުގައި މިހާރު ތިއްބެވި ތިން ނައިބުންނަށް ހަރަދު ކުރަން ޖެހެނީ 97275ރ އެވެ. އެހެން ކަމުން ނައިބުންގެ މުސާރައާއި އިނާޔަތުން އެކަނިވެސް 1.3 މިލިއަން ރުފިޔާ ސަލާމަތް ކުރެވެއެވެ.

ޖުމްލަ ގޮތެއްގައި މައުމޫނާ އަންނިއާ ދެ ބޭފުޅުންގެ އަރިސް ބޭފުޅުންނަށް ބަލާއިރު މައުމޫނުގެ އަރިސް ބޭފުޅުންނަށް ސީނިއަރ މިނިސްޓަރުން ނުލާ ތިއްބެވި 70 ބޭފުޅުންނަށް މަހަކު 3.1 މިލިއަން ރުފިޔާ އޮގަސްޓްގެ ފަހުން ހަރަދު ކުރިއިރު އަންނިގެ އަރިސް ބޭފުޅުންގެ ގޮތުގައި ތިއްބެވި 31 ބޭފުޅުންނަށް ހަރަދު ކުރަން ޖެހެނީ 1.4 މިލިއަން ރުފިޔާ އެވެ. މިއީ މައުމޫނުގެ އަރިސް ބޭފުޅުންނަށް ކުރި ހަރަދަށް ވުރެ 1.7 މިލިއަން ރުފިޔާ މަދު އަދަދެކެވެ. އެއީ އިންސައްތައިން ބަލައިފި ނަމަ 54 އިންސައްތަ އެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. އެއްމެ ފަހު ޕެރެގްރާފްގައި ހުރި ޢަދދަުތައް ދިމާނުވޭ.. ރަނގަޅަށް ޗެކްކޮށްލެއްވުމަށް އެދެން.. ނޫނީ ސާފުވާނެ ގޮތަކަށް ލިއުއްވުމަށް އެދެން. (މައުމޫނުގެ އަރިސް ބޭފުޅުންނަށް - 1.3 މިލިއަން ނަޝީދުގެ އަރިސް ބޭފުޅުންނަށް - 4.1 މިލިއަން ނަޝީދުގެ ޚަރަދު ނޫންތޯ ބޮޑީ؟ ދެން އަނެއްކާ ޑިފަރެންސްއަކަށްވެސް 7.1 މިލިއަން ނާންނާނެ އެއްނޫންތޯ؟ އަދަދުތައް އެގޮތަށް އައި ގޮތެއް ސާފުކޮށް އެނގެން އޮތުން މުޙިއްމުކަމަށް ފެނޭ..

    އަންގާރަ، ނޮވެންބަރު 25 2008، 10:00
  2. ޖަޒީރާ ނޫސް ކިޔާއިރު ދިމާވާ އެންމެ ބޮޑު އުދަގޫކަމަކީ ޢަދަދުތައް ލިޔާއިރު ފަރުވާތެރި ނުވުމާއި، ޚަބަރު ތަކުގައި ހަމައެކަނި ގަޑި ޖައްސަވާފައި އެއްވެސް ތަނެއްގައި ތާރީޚު ނުޖަހާ ހުރުމެވެ. މިކަން ޖަޒީރާ ނޫހުން ރަގަޅު ކޮށްފިނަމަ ނޫސް ކިޔާ މީހެއްގެ ހައިސިއްޔަތުން ހަމަގައިމުވެސް އަޅުގަޑަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެއެވެ. މިކަން ކޮށްދެއްވާނެކަމަށް ހީކުރަމެވެ. ޝުކުރިއްޔާ! = ނޫސް ކިޔާ މީހެއް =

    އަންގާރަ، ނޮވެންބަރު 25 2008، 10:44
  3. އަންނިވެރިކަމާ ޙަވާލްވެވަޑައިގެން މިވީކުޑަދވަސްކޮޅުގެ ތެރޭގައި ސަރުކާރުގެ ޚަރަދުތައް ކުޑަކުރެއްވުމުގެ ގޮތުން އަޅުއްވާފައިވާ ތިޔަފަދަ ފިޔަވަޅުތަކަށް މަރުހަބާ ކިޔުމާއެކު ތަޢްރީފް ކުރަމެވެ. އަޅުގަނޑު ޤަބޫލް ކުރާގޮތުގައި، ތީމުގެއަށާއި، ރައީސް އޮފީހަށް ކުރުމަށް އަންނައަހަރަށް ހުށައަޅާފައިވާ ބަޖެޓަކީ އަދިވެސް ބޮޑު ޢަދަދެކެވެ. މިހެން މިދެންނެވީ، ތީމުގެއިން ދެމުންގެންދިޔަ "އެހީ" ގެބައި މިހާރުވަނީ ހެލްތް މިނިސްޓްރީގެ ބަޖެޓްގައި ހިމަނާފައި ކަމުން ޚާއްޞަކޮށް އެތަނުގެ ބަޖެޓް މިހާރަށްވުރެ ކުޑަވާން ޖެހޭނެ ކަމަށް ވިސްނޭތީއެވެ.

    އަންގާރަ، ނޮވެންބަރު 25 2008، 13:03
  4. ކޮބައިތޯ އަންނި (އަނެއް ދިވެހިރާއްޖޭގެ ރައީސް) ކޭމްޕޭނުގައި، ވެރިކަމާ ހަވާލުވާތާ 20 ދުވަހުގެތެރޭގައި ހޯދާނަމޭ ބުނި 300 މިލިއަން އެމެރިކާ ޑޮލަރު؟ ވައުދަށް ހުރުމަތްތެރިކޮށް ނުހިތަނީ މައުމޫން އެކަނިތޯ؟

    އަންގާރަ، ނޮވެންބަރު 25 2008، 15:01
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv