ހިތް ތިރިކުރެއްވުމުގެ ގޮތުން ރައީސް ނަޝީދު އެޅުއްވީ ކަތިފިޔަވަޅެއް ނޫންބާ؟

އަހުމަދު މުހުސިން ނޮވެންބަރު 20 2008، 08:11 14 ޚިޔާލު

”ގިނަބަޔަކު އެބަ ބުނޭ މިބިލުގެ ވާހަކަ ހުއްޓާލާށޭ. ތިއިނާޔަތްތައް ދޭކަށް ނުޖެހޭނެޔޭ. ތިޔަށްވުރެ މުހިއްމު ކަންތައްތައް އެބަހުއްޓޭ.“ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް އިނާޔަތް ދިނުމާ ބެހޭގޮތުން ޑީއާރުPީ ޕާލަމެންޓްރީ ގްރޫޕުގެ ރައީސާ އަދި ރައްޔިތުންގެ މަޖިލީހުގެ މ އަތޮޅު މެންބަރ އަނީސާ އަހުމަދު ހުށަހެޅުއްވެވި ބިލާ ބެހޭގޮތުން ވާހަކަދެއްކެވި ބައެއް މެންބަރުން ވިދާޅުވިއެވެ.

އާއްމު ރައްޔިތުންގެ ތެރެއިން ގިނަބަޔަކު މިބިލަކަށް ނުރުހެއެވެ. މާބޮޑު އިނާޔަތްތަކެއް ރައީސްކަން ކޮށްފައިވާ މީހަކަށް ދިނުމީ ޤައުމުގެ ބަލިކަށި އިޤްތިސާދަށްވެސް ކެތްވާވަރުކަމަކަށް ނުވާނެތީއެވެ. އަދި ރައީސުލްޖުމްހޫރިއްޔާކަން ކުރާ މީހަކަށްވުރެވެސް ބޮޑު ޚަރަދެއް އެފަދަ މީހަކަށް ކުރެވޭފަދަ ގޮތަކަށް ބިލު އޮތީތީއެވެ. އަދި ބައެއް މެންބަރުން ވިދާޅުވީ މިބިލަކީ ސީދާ މައުމޫނަށް އަމާޒުކޮށް ތައްޔާރުކޮށްފައިވާ ބިލެއް ކަމަށެވެ.

ބިލަށް ވާހަކަދެއްކެވި ހުރިހާ މެންބަރުންވެސް ވިދާޅުވީ ޤާނޫން އަސާސީގެ 128 ވަނަ މާއްދާގެ ދަށުން މިފަދަ ޤާނޫނެއް ހަދަން ޖެހޭ ކަމަށާއި ނަމަވެސް އަނީސާގެ ބިލަށް ބޮޑު ބަދަލެއް ގެންނަން ޖެހޭ ކަމަށެވެ.

ބިލު ހުށަހެޅުއްވި މެންބަރ އަނީސާ އަހުމަދުވެސް ވިދާޅުވީ ބިލު ހުށަހެޅުއްވިއިރު ބިލުގައި އޮތް ބައެއް ކަންތައްތަކަށް ބަދަލު ގެންނެވުމަށް ބޭނުންފުޅުވާ ކަމަށެވެ.

އެގޮތުން އަނީސާ ވިދާޅުވީ ކުރިން ބިލު ހުށަހެޅުއްވިއިރު ޕެންޝަންގެ ގޮތުގައި އޭރަކު ހުންނެވި ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ މުސާރައާއި އެއްވަރުގެ އަދަދެއް އޮތުމުގެ ބަދަލުގައި މުސާރައިގެ ހަތަރުބައިކުޅަ ތިންބައި ދިނުމަށް ބަދަލުކުރަން ފެންނަ ކަމަށެވެ. އަދި އަނބިމީހާއަށް ދޭ އިނާޔަތްވެސް އެއަދަދުގެ ދެބައިކުޅަ އެއްބަޔަށް ބަދަލުކުރުމަށްވެސް ފެންނަކަމަށެވެ. މީގެ އިތުރުން ޗުއްޓީގެ ފައިސާ ދިނުމުގެ ބަދަލުގައި އެލަވަންސެއްގެ ގޮތުގައި ދިނުމަށް ފެންނަ ކަމަށާއި އެ އެލަވަންސަކީ ތިން މަހު ލިބޭ އެއްޗަކާ އެއްވަރު އަދަދަކަށް ހަމަޖައްސަން ފެންނަ ކަމަށެވެ. އަދި ދިރިއުޅޭ އިމާރާތެއްގެ ގޮތުގައި އެފެންވަރުގެ މީހަކު އުޅުއްވާނެ ގެކޮޅެއް ހަމަޖެއްސުމަށާއި އެއީ ކޮންމެހެން މުލީއާގެ ނޫނީ ހިލާލީގެ ހަމަޖައްސަން ނުޖެހޭ ކަމަށެވެ.

ރ. އަތޮޅު މެންބަރު ޝަހީދު ޒަކީ ވިދާޅުވީ ދިރިއުޅޭނެ ގެއެއް ދިނުމަށް ނުފެންނަކަމަށާއި 30 ހާހަށްވުރެ ގިނަ ނޫން އަދަދެއްގެ އެލަންސެއް ލީވިން އެލަވަންސްގެ ގޮތުގައި ދިނުމަށް ފެންނަ ކަމަށެވެ. އަދި ޕެންޝަންގެ ފައިސާގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ މުސާރައިގެ ދެބައިކުޅަ އެއްބައި ދިނުމަށް ފެންނަކަމަށެވެ.

ޝަހީދު ޒަކީ ވިދާޅުވީ ޗުއްޓީގެ ޚަރަދު ދޭކަށް ނުފެންނަކަމަށާ ދަތުރުފަތުރުގެ ޚަރަދުވެސް ދޭން ނުފެންނަ ކަމަށެވެ. ނަމަވެސް ސެކިއުރިޓީގެ ޚިދުމަތް ދެވިދާނެ ކަމަށް ޝަހީދު ޒަކީ ވިދާޅުވިއެވެ.

ޝަހީދު ޒަކީ ވިދާޅުވީ މިބިލުގެ ރޫހަށް ތާއީދު ކުރާ ކަމަށާ ނަމަވެސް މިއީ ވަކިމީހަކަށް އޮތް ބިލެއްކަމަށް ބެލެވޭ ކަމަށެވެ.

ތ. އަތޮޅު މެންބަރ މުހައްމަދު ޝަރީފް ވެސް ވިދާޅުވީ ބޭސްފަރުވާގެ ގޮތުގައި ރާއްޖޭގެ އެހެން ރައްޔިތުންނެކޭ އެއްފަދައިން ބޭސްފަރުވާ ކުރެވޭނެ ހެލްތް އިންޝުއަރެންސް ސްކީމެއްގެ ދަށުން ބޭސް ފަރުވާ ކޮށްދިނުމަށެވެ.

ޝަރީފުވެސް ވިދާޅުވީ ޗުއްޓީ ފައިސާދޭން ނުފެންނަ ކަމަށާ މިބިލަކީ ސީދާ މައުމޫނަށް ޚާއްޞަކޮށްގެން ހުށަހަޅުއްވާފައިވާ ބިލެއްކަމަށް ފެންނަކަމަށެވެ. އަދި މިއެލަވަންސް ތައް ލިބެންޖެހޭނީ ރައްޔިތުން ކުރާ ދަޢުވާތައް ކޮށް ކުށެއް ސާބިތު ނުވެއްޖެ ޙާލަތެއްގައި ކަމަށެވެ.

ތ. އަތޮޅު މެންބަރ ހަސަން އަފީފު ވިދާޅުވީ އަދުލު އިންސާފުގެ ހުރިހާ ބާރެއް އަތްމަތީގައި ބާއްވައިގެން 30 އަހަރު ވެރިކަން ކުރި މީހަކު ކުށްވެރިވާނެތޯ ނުވަތަ ނޫންތޯ ބަލަންޖެހޭނެ ކަމަށެވެ. އަދި ދައުލަތުގެ ނަމުގައި ލިބޭ ހަދިޔާއާ އެހެނިހެން ތަކެއްޗަކީ ވެސް ޚަޒާނާއަށް ރައްދުކުރަންޖެހޭނެ ތަކެތި ކަމަށާ އެކަން ކޮށްފައިވަނީ އެހެންތޯވެސް ބަލަންޖެހޭނެ ކަމަށެވެ.

އަފީފު ވިދާޅުވީ މިޤާނޫނަކީ ވަކި Mީހަކަށް ހެޔޮވަރުކޮށްފަ ފަހާލެވޭ ކޯޓަކަށް ވެގެން ނުވާނެ ކަމަށާ އޭރު ހުރި ރައީސަކަށްވުރެ ޢިއްޒަތްތެރި ވާނެ ކަމަށް ޤާނޫނުގައި ލިޔެވިގެން ނުވާނެ ކަމަށެވެ.

” ދެދައުރަށްވުރެ ގިނަ ދުވަހު ވެރިކަމެއް ނުކުރެވޭނެ ޚުދުމުޚުތާރު ނުވެއެއް. ޚުދުމުޚުތާރުވީމާ އެނެއްކާވެސް ޢިއްޒަތް ދޭންވީތޯ“ އަފީފު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެންބަރު އަހްމަދު ސަމީރު ވިދާޅުވީ ކުށްވެރިނުވެ މަޤާމު ވަކިވީ ކަމަށް ބެލެވޭނީ ކިހިނެއްތޯއާއި މިޤާނޫނުގެ ދަށުން އަދި އެކަކުވެސް ވެރިކަން ކޮށްފައިވާ ކަމަށް ޤަބޫލުނުކުރެވޭ ކަމަށެވެ.

ދ. އަތޮޅު މެމްބަރ އަހްމަދު ނާޝިދު ވިދާޅުވީ މީގެ ކުރިންވެސް ރައީސްކަން ކޮށްފައިވާ މީހުން އެބަތިބި މީހުން ކަމަށާ ކުއްލިއަކަށް މިފަދަ ބިލެއް އައުމާމެދު ސުވާލު އުފެދޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެމްބަރ މުޙައްމަދު ރިޔާޒް ވިދާޅުވީ މިވަގުތު މުހިއްމީ ވެރިކަން ކުރި މީހަކަށް އިނާޔަތް ދިނުމުގެ ބިލެއް ގެނައުން ނޫންކަމަށާ ޤައުމުގެ ޙާލަތު ހާމަކުރުން ކަމަށެވެ. އަދި މައުމޫނު މިހާރުވެސް ކުރައްވަމުން ގެންދަވަނީ ސިޔާސީ ކަންތައްތައް ކަމަށާ ފެބްރުއަރީގެ ފަހުން އެމް.ޑީ.ޕީގެ ވެރިކަން ވައްޓާލާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

ސ. އަތޮޅު މެންބަރ މުހައްމަދު އަސްލަމްވެސް ވިދާޅުވީ މިބިލް ހުށަހެޅިފައިވަނީ ވަކި މީހަކަށް ވާގޮތަށް ކަމަށާއި މީގެ ކުރިން އަސްލަމް ހުށަހަޅުއްވާފައިވާ މިފަދަ ބިލަށް މިހާރުގެ ބިލް ހުށަހެޅުއްވި އަނީސާ އަހްމަދާއި ފުވައްމުލަކު މެންބަރު ޢަބްދުﷲ މަސީހު ދެއްކެވި ވާހަކަ ހަނދާން އެބަހުރި ކަމަށެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވަނީ ކާމިޔާބުގައި ހިތްތިރިކުރުމަށެވެ. އެމޭރުމުން ވިދާޅުވަމުން ނަޝީދު މަޖިލީހުން ބިލެއް ފާސްކުރެވެންދެން އަނީސާގެ ބިލުގައި ހިމެނޭ ހުރިހާ އިނާޔަތަކާއި ރައްކާތެރިކަމެއް ދެއްވާފައެވެ.

”އޮފީސް އޮފް ދަ ޕްރެޒިޑެންޓް އިލެކްޓް“ އިން ނެރުނު ދެންނެވުމެއްގައިވަނީ ”8002 ނޮވެމްބަރ 11 ވަނަ ދުވަހު ވެރިކަމުގެ ދައުރު ނިންމަވާ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ޤާނޫނީ ހަމައިން އަރުވަންޖެހޭ އިނާޔަތްތަކާއި އިމްތިޔާޒްތަކާ ގުޅޭ ގޮތުން ދަންނަވަމެވެ. މިއިނާޔަތްތަކާއި އިމްތިޒާމްތަކާ ގުޅޭ ގޮތުން މިވަގުތު ރައްޔިތުންގެ މަޖިލީހަށް ބިލެއްވަނީ ހުށަހެޅިފައެވެ. ނަމަވެސް އެބިލަކީ މެންބަރަކު ހުށަހަޅުއްވާފައިވާ ބިލެކެވެ. މިފަދަ ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވާފައެއް ނުވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދު ބުނާ ގޮތުން އެބިލާއި ބެހޭ ބަހުސް ބޭއްވޭނެ ކަމަށް ލަފާކުރައްވަނީ މިހާރު ހިނގަމުންދާ ސަރުކާރު ބަދަލުވާ ފަހުންނެވެ. އެހެންކަމުން އެބިލްގެ އަދި އެފަދަ ޤާނޫނެއްގައި ހުންނަންޖެހޭ މައިގަނޑު ސިފަތަކާއި އެއްގޮތް ޤާނޫނެއް ފާސްކުރައްވަންދެން އެފަދަ އިނާޔަތްތަކާއި އިމްތިޔާޒްތައް އެމަނިކުފާނަށް އެރުވުމަކީ މުހިއްމު ކަމެއްކަމުގައި ދެކި އެގޮތަށް އަމަލުކުރުމަށް އަޅުގަނޑު ޤަޞްދުކުރަމެވެ“

މިދެންނެވުމުގައިވާ ”އެފަދަ“ އިނާޔަތްތަކަކީ ކޮބައިތޯ ޖަޒީރާއިން ދެންނެވުމުން އެއޮފީހުން ބުނީ އެއީ އަނީސާ ހުށަހަޅުއްވާފައިވާ ބިލުގައި ހިމެނޭ ކަންތައްތައް ކަމަށެވެ.

އަނީސާގެ ބިލުގައިވާގޮތުން މައުމޫނާ ރަސްމީގޮތުން މުޚާތިބު ކުރުމުގައި ނަމުގެ ކުރިއަށް ”ރައީސް“ މިލަޤަބު ބޭނުން ކުރުމަށާއި, ޕެންޝަންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނަ މީހަކަށް ލިބިދޭ މުސާރައާއި އެއްވަރުގެ އަދަދެއް ލިބިދޭން ޖެހުމާއި, ދިރިއުޅުމަށްޓަކައި އެފެންވަރުގެ މީހަކު ދިރިއުޅުމަށް އެކަށީގެންވާ ފެންވަރުގެ ގެއެއް ނުވަތަ ތަނެއް އެތަން ބެލެހެއްޓުމާއި މަރާމާތު ކުރުމާ ބެހޭ އެންމެހާ ކަންކަމައެކު ދައުލަތުގެ ފަރާތުން ދިނުމާއި, އަނބިމީހާއަށް ބޭނުންވާ އެންމެހާ ސަލާމަތީ ކަންތައްތައް ދިވެހިރާއްޖޭގެ ދިފާއީ ބާރުން ކަނޑައަޅާ ގޮތެއްގެ މަތިން ހަމަޖައްސައި ބަލަހައްޓައިދިނުމާއި, ރާއްޖޭގެ އެތެރޭގައި އެއްގަމު މަގުންނާ ކަނޑުމަގުން ކުރާ ހުރިހާ ދަތުރުފަތުރުގެ އެންމެހާ ކަމެއް ދައުލަތުގެ ޚަރަދުގައި އެމްއެންޑީއެފްއިން ކުރުމާއި, ރާއްޖެއިން އަދި ރާއްޖެއިން ލިބެންނެތް ސިއްޙީ ޚިދުމަތް ދައުލަތުގެ ޚަރަދުގައި ދޭން ޖެހުމާއި, ދިރާސާ ކުރުމަށާއި މުޖުތަމައަށް ފައިދާހުރި މަސައްކަތެއް ކުރުމަށްޓަކައި އެކަށީގެންވާ އިމާރާތަކާއި 10 މުވައްޒަފުންނަށްވުރެ ގިނަ ނޫން އަދަދަކަށް އިދާރީ މުވައްޒަފުން ސަރުކާރު ޚަރަދުގައި ހަމަޖައްސައިދިނުމާއި, ކޮންމެ އަހަރަކު އެއް މަސްދުވަހުގެ ޗުއްޓީއެއް އެމީހަކު އެދޭތަނެއްގައި ހޭދަކުރުމަށްޓަކައި އެންމެހާ ޚަރަދުތައް ދައުލަތުން ދޭންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އަދި ޕެންޝަންގެ ގޮތުގައި ލިބޭ އަދަދުގެ ދެބައިކުޅަ އެއްބައި އާ އެއްވަރުގެ އެލަވަންސެއް އަނބިމީހާއަށް ދޭން ޖެހޭނެކަމަށްވެސް އަނީސާގެ ބިލުގައި އޮވެއެވެ.

އަދި އެންމެ ބިރުހުރި އެއްމާއްދާއަކީ ރައީސްކަމުގައި ހުންނަވައިގެން އޭނާގެ މަޤާމުގެ ހައިސިއްޔަތުން ޤާނޫނާ ޚިލާފް ނުވެ ކޮށްފައިވާ ކަމަކާމެދު ނުވަތަ ނުކޮށް ދޫކޮށްލާފައިވާ ކަމަކާމެދު އެއްވެސް ކޯޓެއްގައި އަދި ޝަރީއަތުގެ މަޖިލީހެއްގައި ދައުވާ ނުކުރެވޭނެ ކަމަށް އޮތް އޮތުމެވެ.

މަޖިލީހުން ފާސް ނުކުރަނީސް މިއިނާޔަތްތައް ދިނުމާމެދު ގިނަބަޔަކު ކަންބޮޑުވާއިރު މިއީ ޤާނޫނީ ގޮތުން ކުރެވިދާނެ ކަމާމެދު ސުވާލު އުފެދެއެވެ.

ފ އަތޮޅު މެންބަރ އަހުމަދު ހަމްޒާ ވިދަޅުވީ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ މީހެއްގެ ފަރާތުން ޤައުމަށް ބޭނުންވާ ލަފަޔާއި ތަޖްރިބާ ހޯދިދާނެ ކަމަށާއި އެފަދަ މީހަކަށް މާލިއްޔަތުން އިނާޔަތާއި ރައްކާތެރިކަން ދޭންވެސް ޖެހޭނެ ކަމަށެވެ. ނަމަވެސް ރައީސްކަމަށް ކުރިމަތިލެވޭގޮތަށް އޮޕޮޒިޝަން ލީޑަރުގެ ގޮތުގައި މަސައްކަތްކުރާ މީހަކަށް ދައުލަތުގެ މާލިއްޔާއިން ފައިސާއާއި ރައްކާތެރިކަން ދީގެން ބެލެހެއްޓުމަކީ ކުރަންޖެހޭނެ ކަމެއް ނޫން ކަމަށް ހަމްޒާ ވިދާޅުވިއެވެ.

”އިދިކޮޅު ޕާޓީގެ ލީޑަރެއްގެ ގޮތުގައި ސިޔާސީ ކަންކަން ކުރާކަށް ދައުލަތުން ފައިސާއާއި ރައްކަތެރިކަން ދޭކަށް ނުޖެހޭނެ. ޤައުމީ ފައިދާއަށް އޭނާގެ މަސައްކަތް ބޭނުންވާނީ“ ހަމްޒާ ވިދާޅުވިއެވެ.

ހަމްޒާ ވިދާޅުވީ މިނޫން ގޮތަކަށް އެކަންކޮށްފިނަމަ އެކުރެވެނީ މައުމޫނު ބަހައްޓަން ނުފެންނަކަމަށް ވޯޓު ދިން 54 ޕަސެންޓް މީހުންގެ ނިންމުމާ ދެކޮޅަށް ކަމަށެވެ.

ލ އަތޮޅު މެންބަރ މޫސާމަނިކު ވިދާޅުވީ އަލިވާގޭގައި މައުމޫނު ބަހައްޓަވައިގެން ސަރުކާރުގެ ސަލާމަތީ ބާރުތައް ބޭނުންކޮށގެން ހިމާޔަތް ދިނުމަކީ ޤާނޫނީ ގޮތުން ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.

”ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ޤާނޫނީގޮތުން ލިބިވަޑައިގަންނަވާ ކޮންބާރެއްގެ ދަށުންތޯ އަލިވާގޭގައި މައުމޫނު ޢަބްދުލް ޤައްޔޫމް ބަހައްޓާފައި އޭނާއަށް ކޮން ޤާނޫނެއްގެ ދަށުންތޯ މިއަދު ހިމާޔަތްދީގެން ދައުލަތުގެ މުދަލާއި ފައިސާ ދީގެން އެގެންގުޅެނީ.“ މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ” މިއަދުން މިއަދަށް ގޮވާލަން އެކަން ހުއްޓާލުމަށް. ދިވެހިރާއްޖެގެ ވެރިކަމުގައި ހުންނަވާ އެއްވެސް މީހަކަށް ޤާނޫނާ ޤަވާއިދާ އެއްގޮތްވާގޮތަށް ނޫން ގޮތަކަށް އެއްވެސް ކަމެއް ނުކުރެވޭނެ. އެމަނިކުފާނުގެ ހެޔޮފުޅުކަމުން މިއަދު އެކަން ކޮށްފިއްޔާ ބައްޕާފުޅަށާއި އާއިލާއަށްވެސް އެމަނިކުފާނު އެއްޗެހި ދެއްވާނެ.“ މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ނަޝީދު ކުރައްވާ ކަންތައްތައް ކުރެއްވުމަށް ގޮވާލައްވާ ކަމަށެވެ.

”އަޅުގަނޑު ވަރަށް އަޑުހަރުކޮށް ގޮވާލަން ރައީސުލްޖުމްހޫރިއްޔާއަށް މިއަދުން މިއަދަށް ދައުލަތުގެ ކަންތައްތައް ކުރުމަށް މަނިކުފާނު ގެންގުޅުއްވާށޭ ޤާނޫނީ އޮނިގަނޑުގެ ތެރޭގައި. މަނިކުފާނުގެ ކެންޕޭނުގައި ވިދާޅުވެފައިހުރި ވާހަކަ އެއީ. މިއަދަކު ހެޔޮފުޅުކަމުން ސަލާމަތީ ބާރުތައް ބޭނުންކުރައްވައިގެން ޤާނޫން އަސާސީ ބުނާގޮތުން އެއްވެސް ކަމެއް ކުރެވޭކަށް ނެތް.“ ނަޝީދު ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް އަދި ގޮތެއް ކަނޑަނާޅުއްވާތީ ޤާނޫނާ އެއްގޮތަށް އުޅުއްވުމަށްޓަކައި ޔާގޫތުގޭގައި އަވަހާރަ ލައްޕަވާފައި, ޚަރަދު ކުޑަކުރެއްވުމުގެ ގޮތުން ރައީސް އޮފީހަށް ބަތްޕާރުސަލް ގެންދަވައިގެން ފަރިއްކުޅުއްވާއިރު ދައުލަތުގެ މުދަލާ ފައިސާ, ކުރިން ވެރިކަން ކުރެއްވި މީހަކަށް ދީގެން އެއުޅުއްވަނީ ބިރުންތޯ އެވެ.

ނަން ހާމަކުރަން ނޭދޭ ޤާނޫނީ ވަކީލަކު ވިދާޅުވީ ނަޝީދަކަށް އެގޮތަށް އެކަމެއް ނުކުރެއްވޭނެ ކަމަށެވެ.

”ސެކިއުރިޓީއެއް ދެވިދާނެ. އެކަމަކު އެހުރިހާ އިނާޔަތްތަކެއް ނުދެވޭ. ދެއްވޭނީ މަޖިލީހުން ގޮތެއް ނިމިގެން“ އޭނާ ވިދާޅުވިއެވެ.

ބަންޑާރަނައިބު އޮފީހުގައި ކުރިން މަސައްކަތްކުރެއްވި އެހެން ޤާނޫނީ ވަކީލަކުވެސް ވިދާޅުވީ އެއްވެސް ޚަރަދެއް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގެ ދަށުން ކަމަށެވެ.

ޤާނޫން އަސާސީގެ 128 ވަނަ މާއްދާގައި ބުނަނީ ”ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުރި މީހަކު ކުށްވެރިނުވެ ޤާނޫނީ ހަމަތަކުގެ މަތިން އެމަޤާމުން ވަކިވެއްޖެނަމަ ދައުލަތުގެ އެންމެ މަތީ ވެރިކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ އިއްޒަތާއި ޤަދަރާއި އެކަށީގެންވާ ފަދަ ރައްކާތެރިކަމާއި މާލީ އިނާޔަތާއި އެހެނިހެން އިނާޔަތްތައް އެމީހަކަށް ޙައްޤުވާނެއެވެ. މިގޮތުން ދެވޭ ރައްކާތެރިކަމާއި އިނާޔަތްތައް ޤާނޫނުގައި ބަޔާންކުރަންވާނެ“ ކަމަށެވެ.

އެފަދަ ޤާނޫނެއް އަދި ނެތްއިރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުތަކުގެ ތެރޭގައިވެސް އެފަދަ ބާރެއް ނެތެވެ.

ޤާނޫން އަސާސީގެ 106 ވަނަ މާއްދާގެ )ރ( ގައި ބުނަނީ ” ރައީސުލްޖުމްހޫރިއްޔާ ވެރިކަން ހިންގަން ވާނީ ޤާނޫން އަސާސީއާއި ޤާނޫނުގައިވާ ގޮތުގެ މަތީން“ ކަމަށެވެ.

ކަންމިހެން ހުރިއިރު ހިތްތިރިކުރަން, ޑިމޮކްރަސީގެ ލާމަސީލު މިސާލު ދައްކަން, ހެޔޮފުޅުކަން ދެއްކުމުގެ ގޮތުންވެސް ރައީސް މުހައްމަދު ނަޝީދު އެކުރެއްވީ ރަނގަޅު ކަމެއް ކަމާމެދު ސުވާލު އުފެދެއެވެ. ޤާނޫނީ ފުށުއެރުމެއް އުޅެއެވެ. ހިތްތިރިކުރަން އެ އެޅުއްވުނީ ކަތި ފިޔަވަޅެއް ނޫންބާވައެވެ؟


    ކިޔުންތެރިންގެ ޚިޔާލު

  1. ޖަޒީރާނޫހުންވެސް މަޖިލިސް ރެކޯޑިންގެނެސްދޭން ފެއްޓެވީތޯ،،ޓީވީންވެސް އެކައްޗެއް ދެންކީކޭ ކިޔާނީ،، މުހުސިން މަޖިލިހަށް ދާކަން އަހަރެމެން ނަށްއެގެއޭ ދެންކޮން އެއްވާހަކަތަކެއް ތަކުރާރުކުރަނީ،، އޮއްޓަރު ހުރި މައުލޫމާތު ގެނެސްދޭންވީންދޯ ،، އަހަރުމެންނަށް ދޭހަވޭ މުހުސިނު ބުނަށްބޭނުންވެގެން އުޅޭވާހަކަ،، އަދި މައުމޫން ދެކެ ރުޅިއަންނަކަންވެސް ތިޔައީ މުޅިން ރަގަޅުގޮތެއް ކަމަކަށް ނުފެނޭ،، އިހަށް މުހުސިންގެ ހިތްތިރި ކުރަންފެނޭ،،، ސޫމައިކަލް،،

    ބުރާސްފަތި، ނޮވެންބަރު 20 2008، 08:42
  2. ދޭން ވީ ހަމަ އެކަނި ޕެންޝަނެކެވެ. 6000 ރުފިޔާ ރަގަޅުވާނެއެވެ. ގެއެއް ނެތް ނަމަ ގޭގެ އެލަވަންސްގެ ގޮތުގައި 6000 ރުފިޔާ ދޭނ1ްވީއެވެ. ޗުއްޓީއަށް ދާނީ ލިބޭލާރި ސޭވް ކޮށްގެން އެހެން ދިވެހިންވެސް ދާގޮތަށެވެ. އިތުރު ޚަރަދެއް އަނބިންނަށް ދޭނެ ކަމެއް ނެތެވެ. ސެކުރިޓީ ދެވިދާނެއެވެ. އަނީސާ މިހާ ބޮޑު އަދަދު ތަކެއް ހުށައެޅުމުގެ ބޭނުމަކީ މަޖިލީހުގެ މެމްބަރުންގެ ސިކުނޑިއާ ކުޅުމަށެވެ. 75000 ހުށައަޅާފައި އެބުނަނީ އޭގެ 66% ރަގަޅުވާނެ ކަމަށެވެ، މީގެ ބޭނުމަކީ ސްޓޭންޑަޑެއް ކަޑައަޅައިގެން މެމްބަރުން ކިތަންމެ އަދަދު ތައް ދަށް ކުރިއަސް އަދިވެސް ފުދޭ ވަރެއްގެ އެއްޗެއް ލިބޭވަރު ކުރުމެވެ.

    ބުރާސްފަތި، ނޮވެންބަރު 20 2008، 09:23
  3. ތިޔަކަން ނޫނަސް ގާނޫނީ ގޮތުން ރައީސުލްޖުމުހޫރިއްޔާ އަށް ނުކުރެއްވޭނޭ ކަންތައްތައް މިހާރުގެ ރައީސުލްޖުމުހޫރިއްޔާ އެބަކުރައްވާ. އަދި ކުރީގެ ރައީސް ޚިޔާރު ކުރެއްވި މަގު ޚިޔާރުކުރައްވާހެންވެސް ހީވާކަހަލަ ގޮތެއް އެބަދިމާވޭ. މީގެ ތެރޭގައި ފާހަގަކުރެވެނީ ޕާޓީ ޕްރޮމޯޓްކުރުމަށްޓަކައި ވަޒީފާ ބެއްސެވުން. ދައުލަތުގެ ޚަޒާނާ އަށް ބުރަވާގޮތަށް މިބާވަތުގެ ކަންކަން ކުރެއްވުމަކީ އެއީ ރަނގަޅު ކަމެއްކަމަކަށް ނުފެނޭ.=ހަސަނު=

    ބުރާސްފަތި، ނޮވެންބަރު 20 2008، 10:38
  4. އަޅުގނޑަށް ދެންނެވެންއޮތީ ބިރުންހުރެ ވެރިކަމެއްނުކުރެވޭނެއެވެ. ހިތްތިރިކުރަންވީ ވަގުތު މިހާރު ވަނީ ފާއިތުވެގޮސްފަ، މިއީ، ހަމަ، އެޑްވައިޒަރ، ޑރ، ހަސަނުގެވެސް ހަމަނިންމުންބާ؟ އަންނިގެ ނިންމުންތައް ތިޔަނިންމާގޮތުން، މިހާރުވެސް އެތަށްބަޔަކު އެމްޑީޕީދެކެ ފޫހިވެއްޖެއެވެ. މާހިރާ

    ބުރާސްފަތި، ނޮވެންބަރު 20 2008، 10:45
  5. އަންނި، ވެރިކަމަށް އައުމުން، އަދި، އަނިޔާވެރިވެރިކަން ނިމުމުން، ދެންވެގެންދާނެގޮތް ހީކުރިގޮތަކަށްނޫން، އަންނި، ކަންތައްތައް މިކުރަމުންގެންދަނީ، ރައްޔިތުންނަށް ފުރިހަމަ ޑިމޮކްރަސީއެއްހޯދާދިނުމަކީ އަނިޔާވެރި ވެރިކަމުގައި ބައިވެރި ވެރިންނަށް ހައްގުއަދަބުދިނުން، އެހެންނޫނީ، ދެރަނިކަމެތިންނަކަށް ތިބުނާ ޑިމޮކްރަސީއެއްނުލިބޭނެ، ވަގުތުފާއިރުނުވަނީސް އަވަސް ފިޔަވަޅުއެޅުއްވުމަށް އަންނިއަށް އަޅުގަނޑު އަޑުހަރުކޮށް ގޮވާލަމެވެ. = ހިންނަވަރު މޯޑް =

    ބުރާސްފަތި، ނޮވެންބަރު 20 2008، 10:50
  6. އަނިޔާވެރިވެރިންނާމެދުގައި ކަންތައްތައް ރަނގަޅަށްކުރާނީ އަދި އެއައްވުރެވެސްބޮޑު އަނިޔާވެރިއެއް، އަންނި، ތިގެންގުޅުއްވާ ސިޔާސަތަކަށް އަޅުގަނޑެއް ތާޢީދެއްނުކުރަން، އަންނިވެރިކަމަށް އެރުމުން އަހަރެމެން ބޭނުންވި މިނިވަންކަމެއް އަހަރެމެންނަކަށް ނުލިބޭ، އަވަހަށް އިސްތިއުފާ ދެއްވާ، ތިހާހިތްތިރި ވެރިއަކަށް މިގައުމަކު އަދިވެރިކަމެއް ނުކުރެވޭނެ، އަންނި، ވެރިކަމަށް އަންނަންވީ، އަދި، ތިރީސްއަހަރުފަހުން، އޭރުންތިޔަ، ހިތްތިރިކަމުގައި ވެރިކަން ކުރެވިދާ ނެއެވެ. އަހަރެމެން ވެރިކަންބަދަލުކުރަން ވޯޓުދިނީ އަނިޔާވެރިން މިގައުމުން ފޮހެލުމުގެ ބޭނުމުގައި، ނަމަވެސް ފެންނަމުންމިދަނީ އެހެންކުލަވަރެއް، ( އައްޑޫ ހުސެއިން )

    ބުރާސްފަތި، ނޮވެންބަރު 20 2008، 10:55
  7. ކުރީގެ ރައީސް އަލްއުސްތާޛް މައުމޫނު ޢަބްދުލް ގައްޔޫމަށް، ޤައުމުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެއްގެ ޙައިސިއްޔުތުން އިނާޔަތްތަކެއް ޤަނޫން ކަނޑަޅައިގެން ލިބެންޖެހޭނެކަމަށް އަޅުގަނޑުވެސް ޤަބޫލުކުރަން. ނަމަވެސް ފ. މެންބަރ އަލްއުސްތާޛް އަޙްމަދު ހަމްޒާ ފާހަގަ ކުރައްވާފައިވާ ގޮތަށް މިހާރުގެ ޤާނޫނު އަސާސީގެ ދަށުށް އަދިވެސް ރައީސްކަން ކުރެއްވުމުގެ ފުރުޞަތު މައުމޫނަށް އެބައޮތް، އަދި އެމަނިކުފާނަކީ ސިޔާސީ ޕާޓީއެއްގެ އެންމެ އިސް ލީޑަރުވެސްމެ.. އެމެރިކާގައިވެސް ވެރިކަން ކުރައްވާފައި މާޤާމުން ޤާނޫނީ ގޮތުން ވަކިވެޑައިގަންނަވާ ބޭފުޅުންނަށް ބޮޑެތި އިނާޔަތްތަކެއް ދެވޭ. ނަމަވެސް އެބޭފުޅުންނަށް ދެން އަލުން ވެރިކަން ކުރެއްވުމުގެ ފުރުޞަތެއް ނޯންނާނެ. އެހެންވީމާ އެފަދަ ބޮޑެތި އިނާޔަތްތަކެއް ލިބެނީ.. ކޮންމެ ރާއްޖޭގައި އެފަދަ ބޮޑެތި އިނާޔަތްތަކެއް ދޭންޖެހޭނެވާހަކައެއް.. ޤައުމުގެ އިޤްތިޞާދު ތަންދޭ ދާއިރާގެ ތެރޭގައި ކުރިން ދެންނެވިފައިވާ އުސޫލުގެ މަތިން މައުމޫނަށް ވެސް މިބުނާ ޢިނާޔަތްތައް ލިބިދެވޭނީ.. އެކަމަކު އެމަނިކުފާނަށް ވެރިކަމަށް ވަޑައިގަތުމުގެ ފުރުޞަތު އޮވެމެ، މިފަދަ ޢިނާޔަތްތަކެއް ދައުލަތުން ލިބިދިނުމަކީ ހަމަޖެހޭ ކަމަކަށް ނޫވޭ..އެހެންނަމަވެސް ކޮންމެވެސް ވަރަކަށް ދިނުމަށް ފެނޭ.. މިސާލަކަށް ދިރިއުޅުއްވާނެ ތަނެއް އަދި ސެކިއުރިޓީ.

    ބުރާސްފަތި، ނޮވެންބަރު 20 2008، 11:10
  8. ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް އަންނަ މިފަދަ ބިލްތަކަކީ ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް އަމާޒުކޮށް އަންނަ ބިލްތައް. އަދި އެފަދަ ގޮތަކަށް އެބިލްތައް އައުމާއެކު މަޖިލީހުގެ މެންބަރުންވެސް އެކަން ބައްލަވައިގަންނަވަނީ އެގޮތަށް. އެ ބިލުގެ ނަމަކަށް "ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ދޭންޖެހޭ އިނާޔަތްތައް" މިހެން އޮތް ނަމަވެސް، އެބިލަކީ ރައީސްކަން ކުރެއްވި މައުމޫނަށް ދޭންޖެހޭ އިނާޔަތްތައް ކަނޑައަޅާފައިވާ ބިލެކެވެ. މިފަދައިން ގާނޫނުތައް ހަދަންވެއްޖެނަމަ އަބަދުވެސް ވާނީ ހަދާ ވަރެވެ. ގާނޫނުއަސާސީގެ މަސައްކަތް ކުރެވެމުންދިޔައިރުވެސް މިފަދަ ކަންތައް ފެނުނެވެ. ރައީސް ކިޔާފަ އޮވެއްޖެނަމަ، ޑީއާރުޕީ މެންބަރުންނަށް ހީވަނީ ޒައީމް ކަމަށެވެ. އެމްޑީޕީ މެންބަރުންނަށް ހީވަނީ އެމީހުންގެ ސިޔާސީ ހަތުރު ކަމަށެވެ. މިފަދަ ވިސްނުމުގައި ތިއްބެވި މެންބަރުން ހުށަހަޅުއްވައި ފާސްކޮށްފައިވާ މާއްދާތައް ގާނޫނު އަސާސީގައި އެބަހުއްޓެވެ. ދުވަސްވީ ވަރަކަށް އެފަދަ މާއްދާތަކުގެ ވާހަކަތައް ދެކެވޭނެއެވެ. މިފަދަ މާއްދާއެއްގެ މިސާލަކީ ވަޒީރުކަމަށް އައްޔަން ކުރާ ބޭފުޅުންގެ މައްޗަށް މަޖިލީހުގެ ރުހުން ހޯދަން ޖެހުމެވެ. ރުހުން ހޯދަން ހަދަންޖެހޭ ގޮތެއް، އިތުރު ތަފްސީލެއް ނެތެވެ. އެކަމަކު ރުހުން ހޯދަންޖެހެއެވެ. މި މާއްދާއަކީ މައުމޫންގެ ކެބިނެޓަށް ދޭތެރެދޭތެރެއިން ބަދަލު ގެންނަމުންދިޔަ ދުވަސްވަރު އަދި ގާނޫނުއަސާސީގައިވެސް މިމަސައްކަތް ކުރިއަށް ދިޔަ ދުވަސްވަރު އިދިކޮޅު ޚިޔާލުގެ ބޭފުޅުން ހުށަހެޅުއްވި މާއްދާއެކެވެ. ބިލުގެ ރޫހަށް ބަލާއިރު ރަނގަޅެވެ. އެކަމަކު ކުރިން ރައީސްކަން ކުރާ މީހަކީ، އޭރަކު ރައީސްކަން ކުރާ މީހާއަށްވުރެވެސް "ހައިބަތު" ބޮޑު މީހަކަށް ވެގެން ނުވާނެއެވެ. އަދި ރައީސްކަމުން ވަކިވާ ކޮންމެ މީހަކީ "ސަރުކާރަށް ބަލަދު އަރާފައިވާ" މީހަކަށް ވެގެން ނުވާނެއެވެ. އެހެންނަމަ، ކުރިއަށް އޮތީ އެފަދަ މީހުން ގިނަވާނެ ދުވަސް ތަކެވެ. މައުމޫނަށް 30 އަހަރު ހުރެވުނަސް، ދެން އެންމެ ގިނަވެގެންވެސް ވާނީ 10 އަހަރެވެ. މިހާރު މައުމޫނެވެ. ދެން ނަޝީދެވެ. ދެން އަނެއް މީހެކެވެ. އަނެއް މީހެކެވެ. ހައްތާވެސް ކުރީގެ ރައީސުންނެވެ. މިފަދަ އެންމެންގެ ހުރިހާ ކަމެއް ސަރުކާރާ މަތިވެފައި އޮތުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. އެހެން ނޫނެވެ. އިނާޔަތެއްގެ ގޮތުގައި މަހު މުސާރައަކާއި، ރާއްޖޭގައި އުޅުއްވާނަމަ ސެކިއުރިޓީ ދިނީމަ ނިމުނީއެވެ.

    ބުރާސްފަތި، ނޮވެންބަރު 20 2008، 11:16
  9. މިފަހަރު މައުމޫނަށް ވެރިކަން ލިބުނުނަމަ އަންނިމެންގެ ދުވަސް ދުއްވާލާނެ..އެކަމް ބަލާބަލަ އަންނި އަށް ވެރިކަން ލިބުމުން މައުމޫނާއި މެދު ކަންތައް ކުރި ރަނގަޅު ގޮތް.

    ބުރާސްފަތި، ނޮވެންބަރު 20 2008، 11:24
  10. ރައީސްކަމުން ވަކިވާ މީހާގެ އަނބި މީހާއަށް އިނާޔަތްތަކެއް ދިނުމަކީ ވަރަށް މޮޔަ ކަމެކެވެ. ސަބަބަކީ އެކަމުގެ ސަބަބުން މުޖްތަމަޢުގަ ބޮޑު ފިތުނަގަނޑެއް އުފެދުމަށް މަގުފަހިވެދާނެތީއެވެ. އޭރުން އަންހެން ވެރިން އެލިބޭ އިނާޔަތްތައް ހޯދަން ރައީސްއާއި ކައިވެނިކުރަން އިސާހިތަކު ތަޅާފޮޅަން ފަށާފާނެއެވެ. އަނެއްކޮޅުން ރައީސްކަން ކޮށް އަވަދިވެފައިވާ މީހާ އޭގެ ނާޖައިޒް ފައިދާނެގުމުގެ ގޮތުން ދުވާލަކު އަންބެއް ނުވަތަ އެއްފަހަރާއިރުއިރުކޮޅާ 4 އަނބިން ގެންގުޅެންފަށާފާނެއެވެ. މިގޮތަށް މިކަން ހިނގަންފަށައިފިއްޔާ ދެންވާނެގޮތާމެދު ވިސްނަންވާނެއެވެ. އެހެންވީމާ ރައީސްގެ އަނބިމީހާއަށް އިނާޔަތްތަކެއް ދިނުމަކީ ރަނގަޅުކަމެއް ނޫނެވެ. އެއީކީ އިންސާފުވެރިގޮތެއްވެސް ނޫނެވެ. ތިޔަށްވުރެ އިންސާފުވެރި އަދި މުޖުތަމަޢަށް ހުރިހާގޮތަކުންވެސް މާ ފައިދާބޮޑުގޮތެއްވެސް އެބައޮތެވެ. އެގޮތަކީ ދިވެހިރައްޔިތުންގެ ޚިދުމަތުގައިތިބޭ ސަރުކާރުކާރު މުވައްޒަފުންގެ އިމިޑިއޭޓް ފެމިލީއަށް އެލަވަންސެއް ދިނުމެވެ.

    ބުރާސްފަތި، ނޮވެންބަރު 20 2008، 12:00
  11. ރައީސް ނަޝީދު ބޭނުންފުޅުވާހާގޮތަކަށް ކަންތައް ކުރިޔަ ދިނުމަކީ ރަގަޅުކަމެއްނޫން. ޚާއްސަކޮށް މައުމޫނަށް އެފަދަ އިނާޔަތްތައް ދެވިގެނެއް ނުވާނެ. އަހަރުމެން މިއުޅެނީ އަގަޔާ އަތާ ދިމާނުވެގެން.

    ބުރާސްފަތި، ނޮވެންބަރު 20 2008، 12:15
  12. ފުރަތަވެސް ކުރަންވީކަމަކީ އޭނާ ހިންގާފައިވާ ޖަރީމާތައް ބަލާ ތަހުޤީޤު ކުރުން.

    ބުރާސްފަތި، ނޮވެންބަރު 20 2008، 12:29
  13. ހިތްތިރި ކުރެވޭނީވެސް ވަކިވަރަކަށް. އަދިވެސް އޭނާގެ ހިތެއް ތިރިއެއްނުވޭ.

    ބުރާސްފަތި، ނޮވެންބަރު 20 2008، 12:31
  14. ގައުމުގެ އަމާން ކަމާ މަސްލަހަތު ދެމެހެއްޓުމަކީ ރައީސް ނަޝީދުގެ ވާޖިބެއް. ތިރީސް އަހަރު ވެރިކަން ކޮއް، އެތައް ބައެއްގެ ނަފްރަތު އަމާޒުވެ، އިންތިޚާބަކުން ފޭލިވެފައިވާ ވެރިޔަކު މަގުމއަދޫކޮއްލުމުން މީހުން އިންސާފު ހޯދާނީ މަގުމަތިންނާ، އަލިވާގޭ ދޮރުމަތިން. ދެން ގައުމު ބޮޑު ހަމަނުޖެހުމަކަށް ދިޔައިމަ އޭގަ ވެސް ޒިންމާވާނީ ހަމަ ރައީސް ނަޝީދު. ގައުމުގެ އަމާން ކަމާ ހަމަޖެހުން ދެމެހެއްޓުމަށް ހުރަސް އަޅާ ގާނޫނެއް ރީކޯ މޫސަ ބުނެދީބަލަ. ރީކޯ އަށް ވެސް ވާގޮތަކީ މާބޮޑަށް އޯވަރވެ، މަމޮޅު ދެއްކޭގޮތް ވަނީހެން އެބަހީވޭ މިހާރު.

    ބުރާސްފަތި، ނޮވެންބަރު 20 2008، 14:34
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv