އަލްގައިދާގެ ދެވަނަ ލީޑަރު އޮބާމާ އަށް ވަރުގަދަ މެސެޖެއް ދީފި

އަބްދުﷲ ޒާހިރު ނޮވެންބަރު 19 2008، 18:16 0 ޚިޔާލު

ގިނަ ދުވަސްތަކަކަށްފަހު އަލްގައިދާގެ ދެވަނައަށް އެންމެ ބާރުގަދަ ލީޑަރ އައިމަން އަލް ޒަވާހިރީ އެމެރިކާގެ ރައީސްކަމަށް އިސްވެ ވަޑައިގެންފައިވާ ބަރަކް އޮބާމާ އަށް ވަރުގަދަ މެސެޖެއް ދީފިއެވެ. އަލްގައިދާ އިން އާއްމުކުރި ވީޑިއޯ މެސެޖެއްގައި އޮބާމާ އަޅެއްގެ ގޮތުގައި ސިފަކޮށް އަދި އޭނާ އަކީ އިސްލާމް ދީނުގެ ދުޝްމިނުންގެ ފަރާތަށް އެނބުރިފައިވާ މީހެއް ކަމުގައި ހާމަކޮށްފައިވެއެވެ. މިއީ ދާދި ފަހުން އޮބާމާ ދެއްކެވި ވާހަކަފުޅުގައި އަލްގައިދާ މުޅިން ނައްތާލުމަކީ އޭނާ ވަރަށް އިސްކަމެއް ދެއްވާނެ ކަމެއްކަމުގައި ވިދާޅުވި ވިދާޅުވުމަށް ދިން ރައްދެއްކަމުގައި ބެލެވެއެވެ.

މިދިޔަ އާދިއްތަ ދުވަހު ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވި ގޮތުގައި އުސާމާ ބިން ލާދިން އަތުލައިގަތުން ނުވަތަ މަރާލުމަކީ އެމެރިކާގެ ގައުމީ ސަލާމަތަށްޓަކައި ވަރަށް މުހިއްމު ކަމެއްކަމަށާ އޭނާގެ ދައުރެއްގައި އެކަމަށް ވަރަށް އިސްކަމެއް ދެއްވާނެކަމަށެވެ. އެމެރިކާއިން ބުނާގޮތުގައި މިމެސެޖުގައި އެއްވެސް އާ ނުރައްކަލެއްގެ އިންޒާރެއް ނެތްކަމަށެވެ.

އެމެރިކާގެ ފަރާތްތަކުން ހާމަކުރި ގޮތުގައި މި މެސެޖުގެ ބޭނުމަކީ އަލްގައިދާ އާ އެމެރިކާއާ ދޭތެރޭގައި ވާ ދުޝްމިންކަން ކުރިންވެސް އޮތް މިންވަރަށް އެބައޮތްކަން އޮބާމާ އަށް ހާމަކޮށް ދިނުމުގެ ގޮތުން އާއްމުކުރި މެސެޖެއްކަމަށެވެ. މިޞްރަށް އުފަން ޒަވާހިރީ އަކީ އުސާމާގެ އެންމެ ގާތް އަދި އަލްގައިދާގެ އިސް ތަރުޖަމާނެއްކަމުގައި ބެލެވޭ މީހެކެވެ. ފޮޓޯއާ ވީޑިއޯ ބޭނުންކޮށްފައިވާ މިއޯޑިއޯ މެސެޖު ހަނގުރާމަވެރިންގެ ވެބްސައިޓްތަކުގައި ހާމަކުރެވިފައިވެއެވެ.

ޒަވާހިރީ އޮބާމާ އަށް ބުޝް ހިންގެވި މަގުން ނުހިންގެވުމަށާ މިކަމުގެ ނަތީޖާ ވަރަށް ހިތި ވާނެކަމުގައި އިންޒާރު ދީފައި ވެއެވެ. ޒަވާހިރީ ބުނި ގޮތުގައި އޮބާމާ އކީ މުސްލިމް ބައްޕައެއްގެ ކުއްޖެއްކަމަށާ އެކަމަކު ވެރިކަމުގެ ބޭނުމުގައި ތިމަންނައަކީ ކްރިސްޓިޔަނެއްކަމުގައި ބުނެ ޔަހޫދީންކުރާ އަޅުކަންކޮށް އެމީހުން ރުއްސަން އުޅޭމީހެއް ކަމަށެވެ.

ޒަވާހިރީ ފިލައިގެން އުޅޭކަމަށް ލަފާކުރެވެނީ އަފްޣާނިސްތާނާ ޕާކިސްތާނުގެ ސަރަޙައްދީ ރޮނގުގެ ކައިރީގައެވެ


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv