ރިވަލްސާ ބަލިކޮށް ތަށި އެއާޕޯޓަށް
9 ވަނަ ޤައުމީ ނެޓްބޯޅަ މުބާރާތުގައި މުޅިން އަލަށް ތައާރަފްކުރި ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން އެއާޕޯޓްސް ރެކްރިއޭޝަން ކްލަބް ހޯދައިފި އެވެ.
އެޓީމު ޗެމްޕިއަންކަން ހޯދީ ރޭ ކުޅެވުނު ފައިނަލު މެޗުގައި ސްޕޯޓްސް ކްލަބް ރިވަލްސާ އަތުން މޮޅުވެގެންނެވެ. މުބާރާތުގެ ލީގު ބުރަށް ބެލިއިރު ރިވަލްސާ ވަރުގަދަކޮށް ފެނުނު ނަމަވެސް ކުރިން މިދެޓީމު ކުޅުނު މެޗުންވެސް މޮޅުވެފައިވަނީ އެއާޕޯޓެވެ. ނަމަވެސް އޭރު ރިވަލްސާ އޮތީ ކުރިން ކުޅުނު ދެމެޗުންވެސް މޮޅުވެ ފައިނަލަށް ހޮވިފައި ކަމުން އެމެޗުގެ މުހިއްމުކަމެއް އެޓީމަކަށް ނެތެވެ.
ފައިނަލު މެޗުން ރިވަލްސާ ބަލިވި ނަމަވެސް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ރިވަލްސާގެ އަހްމަދު ނަޖީލެވެ. އޭނާ ވަނީ މުޅި މުބާރާތުގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ. ނަތީޖާއެއްގެ ގޮތުން މުބާރާތުގެ އެންމެ މޮޅު ޝޫޓަރަކަށްވެސް ހޮވުނީ އޭނާ އެވެ. މި މުބާރާތުގެ އެންމެ މޮޅު އެޓޭކިން ޕުލޭޔަރަކަށް ހޮވުނީ އެއާޕޯޓްސްގެ ޒަކަރިއްޔާ އަބްދުއްލަތީފެވެ. އެންމެ މޮޅު ޑިފެންސް ކުޅުންތެރިއަކަށް ހޮވުނީ ރިވަލްސާގެ ހުސައިން ހަލީމެވެ.
އެންމެ މޮޅު ސެންޓަރ ކޯޓު ކުޅުންތެރިއަކަށް ހޮވުނީ އެއާޕޯޓްގެ އިބްރާހީމް ޔާދެވެ.
ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެއާޕޯޓްގެ އިބްރާހީމް އިޔާޒެވެ.
އަންހެން ޑިވިޝަންގެ ފައިނަލު މެޗު މިއަދު ހަވީރު ކުޅެވޭނެ އެވެ. ބައްދަލުކުރާނީ ވިޔަންސާ އާއި ހުޅުމާލެ ސްޕޯޓްސް އެވެ.