ނިޒާމު ކަޅައިދޫއާ ހަވާލުވެއްޖެ

މުހައްމަދު ޝަނޫން ނޮވެންބަރު 19 2008، 17:52 0 ޚިޔާލު

މިއަހަރުގެ ޒޯންލީގުގެ ޗެމްޕިއަން ކަޅައިދޫ ޒުވާނުންގެ ޖަމްއިއްޔާ ޓީމު އަންނަ އަހަރު ފުރަތަމަ ޑިވިޝަންގައި ވާދަކުރާއިރު ކޯޗަކަށް ހުންނާނީ މުހައްމަދު ނިޒާމު ކަމަށް ހަމަޖައްސައިފި އެވެ.

ނިޒާމު (ފޮޓޯ) ކޯޗަކަށް ހަމަޖެއްސިކަން އިއުލާން ކުރުމާއި ކްލަބާ ބެހޭ މައުލޫމާތު ދިނުމަށް މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކްލަބްގެ މުއައްސިސް އަބްދުއްރައޫފް ވިދާޅުވީ އެ ކްލަބްގެ ކޯޗަކަށް އަންނަ އަހަރު ހުންނާނީ ނިޒާމު ކަމަށާއި އަންނަމަހުގެ 15 ގައި ޕްރެކްޓިސް ފަށަންވެސް ހަމަޖައްސާފައިވާ ކަމަށެވެ. ”ކުރިން ހުރި ކޯޗު އަންނަ ގޮތަށް އޮތްނަމަ ރާވާފަ އޮތީ ރަށުގައު މަހެއްހާ ދުވަހު ޕްރެކްޓިސްކޮށްފަ ޓީމު މާލެ އަންނަ ގޮތަށް. ނަމަވެސް މިހާރު ހަމަޖައްސާފަ މިއޮތީ ޑިސެމްބަރ 15 ގައި މާލޭގައި ޕްރެކްޓިސް ފަށަން.“ ރައޫފް ވިދާޅުވިއެވެ.

ރައޫފް ވިދާޅުވީ މިއަހަރު ބޮޑު ކާމިޔާބެއް ހޯދާ ދިވެހިލީގުގެ ގަދަ 6 ޓީމުގެ ތެރެއިން ޖާގަ ހޯދި ޓީމަށް ކުޅުނު ކުޅުންތެރިން އަންނަ އަހަރުވެސް ތިބޭނެ ކަމަށާއި އޭގެ އިތުރުން 5 ކުޅުންތެރިއަކު މިހާރު ޓީމާ ގުޅިފައިވާ ކަމަށެވެ. އެ ކުޅުންތެރިންނަކީ ވިކްޓަރީއަށާއި އާރު އެލްސީއަށް ކުޅުނު އަބްދުލް މުހައިމިނާއި ވެލެންސިއާއަށް ކުޅުމަށްފަހު މިއަހަރު އޭ ވައި އެލްއަށް ދިޔަ ހަބީބާއި ވެލެންސިއާއަށް ކުޅުނު އިބްރާހީމް ޝަހީދާއި ވިޔަންސާގެ ހުސެން ސަނާހާއި މާޒިއާގެ އާދަމް އިބްރާހީމެވެ. ”މި ކުޅުންތެރިންގެ އިތުރުންވެސް އިތުރު ދެ ކުޅުންތެރިއަކު ހޯދަން މަސައްކަތް ކުރަމުން މިދަނީ. އެކަމަކު އަދި މުޅިން ފައިނަލެއް ނުވޭ.“ ރައޫފް ބުންޏެވެ.

ރައޫފް ވިދާޅުވީ ގާނާއިން ދެ ކުޅުންތެރިން އަންނަމަހުގެ ކުރީކޮޅު އަންނާނެ ކަމަށާއި އޭގެ ތެރެއިން އެކަކީ މިއަހަރުވެސް ކުޅުނު ވާހިދު ކަމަށެވެ. ”ކުރިން ވާހިދު ނުގެންނަ ކަހަލަ ގޮތަކަށް އޮވެ މިހާރު އަނެއްކާވެސް އަންނަ ގޮތަށް އޮތީ މީގެ އިތުރުންވެސް ބިދޭސީ ކުޅުންތެރިއަކާއި ކީޕަރެއް ގެންނަ ގޮތަށް އޮތީ.“ ރައޫފް ވިދާޅުވިއެވެ.

ރައޫފް ވިދާޅުވީ ޓީމަށް އެންމެ ބޮޑުވެފައިވަނީ ކީޕަރެއްގެ މައްސަލަކަމަށާއި ބިދޭސީ ކީޕަރެއް ގެންނަނީ އެހެންވެގެން ކަމަށެވެ. ”މިހާރު މި ބަލަނީ އަންނަމަހުގެ 5 ނޫނީ 6 ހިސާބުގައި ކުޅުންތެރިން ގެނެވޭތޯ.“ ރައޫފް ވިދާޅުވިއެވެ.

ކުޅުންތެރިން އެޓީމަށް ގެނައީ ކިހާވަރެއްގެ އަގެއްގައިތޯ ސުވާލު ކުރުމުން ރައޫފް ވިދާޅުވީ އެއީ ހާމަކުރާ އެއްޗެއް ނޫން ކަމަށާއި ނަމަވެސް ކޮންމެ ކުޅންތެރިއަކަށްވެސް އެކަށީގެންވާ އެއްޗެއް ދީފައިވާނެ ކަމަށެވެ.

ނިޒާމު ބުނީ އޭނާއަށް އިތުރު ދެ ޓީމަން އޮފާރ ލިބިފައިވަނިކޮށް ކަޅައިދޫ އާއި ހަވާލުވީ ސަބަބުތަކެއް ހުރެގެން ކަމަށެވެ. ”އެއްކަމަކީ އެމީހުންގެ މިއަހަރުވެސް ރަނގަޅު ޓީމެއް އޮތް. އަނެއްކާ އެޓީމުގެ ތެރެއަށް ރަނގަޅު އިތުރު ކުޅުންތެރިންތަކެއް މި އިތުރުވީ, އެހެންވެ ޓީމު އިތުރަށް ރަނގަޅޫ ކުރުމުގެ ފުރުސަތު އެބައޮތް. މީގެ އިތުރުން އެންމެ ބޮޑު ސަބަބަކީ އެޓީމަކީ ވަރަށް އޯގަނައިޒްކޮށް ހިނގަމުންދާ ޓީމަކަށް ވުން. އަހަރެންނަށް މިއަހަރު ފާހަގަ ކުރެވުނު ގޮތުގައި އެޓީމުގެ މެނޭޖްމަންޓްގެ ހިންގުން ވަރަށް ރަނގަޅު. އެހެންވެ އެޓީމާއެކު މަސައްކަތް ކުރަން ބޭނުންވީ“ ނިޒާމު ބުންޏެވެ.

ނިޒާމު ބުނީ ކަޅައިދޫ އާއި ހަވާލުވުމަކީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށް ދެކޭ ކަމަށާއި އެހެންކަމުން އެޓީމަށް ހުރިހާވެސް ކާމިޔާބެއް ހޯދައިދޭން ކުރެވެން ހުރި މަސައްކަތެއް ވިއްޔާ ކުރާނެ ކަމަށެވެ.

ކަޅައިދޫގެ ކޯޗުކަން މިއަހަރު ކުރި ޓަކޯފް ނުގެންނަން ނިންމީ އޭނާ ކިޔާ އަގު މާބޮޑުވުމުން ކަމަށް ރައޫފް ކުރިންވަނީ ވިދާޅުވެފައެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv