މުބާރާތް ފެށެން ފަސް ދުވަހަށްވީއިރުވެސް އެސް އާރު ސީއަށް ބިދޭސީއަކު ހަމައެއް ނުޖެހޭ
މިމަހު 25 ވަނަ ދުވަހު ފަށާ މާލޭލީގު ވޮލީ މުބާރާތުގައި ވާދަކުރާ އެސް އާރު ސީ ޓީމަށް ބިދޭސީ ކުޅުންތެރިއަކު ހޯދަން ކުރަމުންދާ މަސައްކަތް ވަކި ކޮޅެއްގައި ނުޖެހޭ ކަމަށް ކޯޗު ބުނެފި އެވެ.
އެސް އާރު ސީ ޓީމާ މުޅިން އަލަށް ހަވާލުވި ކޯޗު މުހައްމަދު ޝާހު ބުނީ ބިދޭސީ ކުޅުންތެރިއަކު ހޯދަން މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް އޭނާ ހަމަޖެހޭނެ އިރެއް ބުނަން އަދި ނޭނގޭ ކަމަށެވެ. ”އެންމެ ފުރަތަމަ ބެލީ އިންޑިއާއަށް. އެތަނުން ވަރަށް ރަނަގޅު ކުޅުންތެރިއަކު ހަމަޖެހުނު. އެހެން ނަމަވެސް އޭނާއަށް އާދެވެން އޮތީ މިމަސް ނިމޭ ހިސާބުގައި. އެހެންވެ ދެން ޕާކިސްތާނަށް ބަލަމުން ދިޔައީ. އެތަނުން އަންނަން ހަމަޖެހުނު ކުޅުންތެރިޔާއަކީ 42 އަހަރުގެ ކުޅުންތެރިއެއް. އެހެންވެ އޭނާގެ ހިޔާލު ދޫކޮށްލުމަށްފަހު ލަންކާއަށް މި ބަލަނީ. މިހާރު ކަންތައްދާ ގޮތަށް ބަލާއިރު ލަންކާ ނުވަތަ އިންޑިއާއިން މީހަކު އަންނާނެ ކަމަށް މި ބަލަނީ.“ ޝާހު ބުންޏެވެ.
ޝާހު ބުނީ މިދިޔައަހަރުގެ މާލޭލީގުގެ ފައިނަލު ކުޅުނު ޓީމަށް ގެންނަ ކުޅުންތެރިޔާ އަންނަ ހަފްތާގެ ތެރޭގައި މާލެ ގެނެވޭވަރުވާނެ ކަމަށެވެ. ”މި ބަލަނީ ފުރަތަމަ މެޗަށްވެސް ގެނެވޭތޯ. ނަމަވެސް އަދިވެސް މީހަކު މުޅިން ކޮންފާމް ނުވާތީ ސީދާ ބުނާކަށް ނޭނގެ ދުވަހެއް.“ ޝާހު ބުނީ ޓީމު އޮތީ ވަރަށް ފިޓްކޮށް ކަމަށާއި ރަނގަޅު ކާމިޔާބަކަށް އުއްމީދު ކުރެވޭ ކަމަށެވެ. މާލޭލީގުގައި އެސް އާރު ސީ ކުޅެން ޖެހޭ ފުރަތަމަ މެޗުގައި 25 ވަނަ ދުވަހުގެރޭ ކުޅޭނީ ކުޑަހެންވޭރާ ދެކޮޅަށެވެ.
މާލޭލީގަށާއި ޒޯންލީގަށް ގެންނަ ބިދޭސީ ކުޅުންތެރިންގެ ތެރެއިން ބައެއް ކުޅުންތެރިން މިހާރުވަނީ ރާއްޖެ އައިސްފައެވެ.