ޝިއުރީއާއި ޔާސިރު ޑަބަލްސް ޗެމްޕިއަންކަން ހޯދައިފި
48 ވަނަ ޤައުމީ ޓޭބަލްސް މުބާރާތުގެ ސީނިއަރ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން މުހައްމަދު ޔާސިރު/ އިބްރާހިމް ޝިއުރީ ހޯދާފައިވަނީ މޫސާ މުންސިފް / ތަމްހޫ އަހްމަދު ސަޢީދު ތިން ގޭމް ދެ ގޭމުން ބަލިކޮށްފައެވެ.
މިބައިގެ އަންހެން ޗެމްޕިއަންކަން އައިޝަތު ނިޝާ/ މުއީނާ މުހައްމަދު ހޯދާފައިވަނީ ސީދާ ތިންގޭމުން މަރިޔަމް ޝަފީޤް/ ޖުމާނާ ނިމާލް ބަލިކޮށްގެންނެވެ. ދެވަނަ ޑިވިޜަންގެ ފައިނަލްގައި އަހްމަދު ޝާޒިލް / މުހައްމަދު ރާފިއު ތިންގޭމުން އެއްގޭމުން ބަލިކޮށް ޗެމްޕިއަންކަން ހޯދާފައިވަނީ އަހްމަދު ވަހީދު / ހުސެއިން ޝިފްނާން އެވެ. 13 އަހަރުން ދަށުގެ ޑަބަލްސް ފައިނަލްގައި ފާތިމަތު ނައުފާ ޗެމްޕިއަންކަން ހޯދާފައިވަނީ ވާދަވެރި ކުޅުމަކަށް ފަހު އައިޝަތު ހުޝާމާ ހަތަރު ގޭމު ތިން ގޭމުން ބަލިކޮށްގެންނެވެ. މިއުމުރު ފުރައިގެ ފިރިގެން ޗެމްޕިއަންކަން ހުސެއިން ޖަޒްލާން ހަތަރު ގޭމު ތިން ގޭމުން ބަލިކޮށް މުހައްމަދު ޒީސްތު ނަސީމް އެވެ. 15 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން އަފްނާން އިބްރާހިމް ލަތީފް އާއި ބައްދަލުކޮށް ޗެމްޕިއަންކަން ހޯދާފައިވަނީ އައިޝަތު ޝިމާނާ އެވެ.
މިމުބާރާތުގެ ކުޅުން މިއަދާއި މިރޭވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މުބާރާތުގެ ޓީމު އިވެންޓްގެ ފައިނަލު އޮންނާނީ މާދަމާ ހަވީރު އެވެ.