ރާއްޖޭގެ 12 ހާސް އާއިލާ ދިރިއުޅެނީ އެކަށީގެންވާ ގޯތިގެދޮރަކު ނޫން
ރާއްޖޭގެ 12 ހާސް އާއިލާ ދިރިއުޅެމުން ދަނީ އެކަށީގެންވާ ގޯތިގެދޮރު ނެތިކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްއިން ކުރި ދިރާސާއަކުން ދައްކައިފިއެވެ.
މިއަދު އެކޮމިޝަނުން ނެރުނު ރެޕިޑް އެސެސްމަންޓް އޮފް ދި ހައުސިންގ ސިޓުއޭޝަން އިން ދަ މޯލްޑިވްސް (ދިވެހިރާއްޖޭގެ ގޯތިގެދޮރުގެ ހާލަތު އޮތް މިންވަރު ދެނެގަތުން) އެކޮމިޝަނުން ކުރި, ކުރި ދިރާސާ ރިޕޯޓްގައި ބުނެފައިވަނީ ރާއްޖޭގައި ގޯތިގެދޮރުގެ ދަތިކަން ދިމާވާ ސަބަބުތަކުގެ މައިގަނޑު އަސްލަކަށްވަނީ އާއްމު ރައްޔިތުންނަށް އެކަށޭނަ ގޯތިގެދޮރު ހޯދުމަށް ލިބިދޭ ފުރުސަތުތައް ހަނިވެފައި ހުރުން ކަމަށެވެ.
އެގޮތުން ގޯތިގެދޮރުނެތި މަގުމަތީގައި އާއިލާތައް އުޅެން ދިމާވަނީ މިފަދަ އާއިލާތައް އެހެން އާއިލާތަކާ އެކުވެގެން ތޮއްޖެހިފައިވާ ހާލަތުގައި ނުވަތަ ވަގުތީ ހިޔާތަކުގައި ދިރިއުޅެމުން ގެންދާތީ ކަމުގައެވެ. މާލޭގެ އާބާދީގެ ނިސްބަތުން 85 އިންސައްތަ އުޅެނީ މިފަދަ ގޮތަކަށް ކަމަށް އެރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
މިއަދު އެކޮމިޝަނުގައި އޮތް ރަސްމިއްޔާތެއްގައި މިރިޕޯޓް ނެރެދެއްވީ ކޮމިޝަނުގެ ރައީސް އަހުމަދު ސަލީމް އެވެ. ރިޕޯޓް ނެރެދިނުމަށް ފަހު ސަލީމް ދެއްކެވި ވާހަކައިގައި, މިރިޕޯޓްގައި 18 ހުށަހެޅުމެއް ފާހަގަކޮށްފައި ވާނެކަމަށާއި މިކަންތައްތައް ހައްލުކުރެވެއްޖިއްޔާ ގޯތިގެދޮރުގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެކަމަށް އުއްމީދު ކުރާކަމަށެވެ.
އެކޮމިޝަނުގެ ނާއިބު ރައީސް އަހުމަދު ޒާހިދު ވިދާޅުވީ ރިޕޯޓެއް ނެރުނީއޭ ކިޔާފަ ނިންމާނުލާނެ ކަމަށާއި ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ރިޕޯޓްގައިވާ ކަންތައްތައް ހައްލުކުރުމަށް މަސައްކަތް ކުރާނެކަމަށެވެ.
މިއަދު މިނެރުނު ރިޕޯޓްގައި ބޮޑަށް އަލިއަޅުވާލާފައިވަނީ މާލޭގެ ގޯތިގެދޮރުގެ ހާލަތާއި, ހިޖުރަކުރުމަށް ދިމާވާ ސަބަބުތަކާއި, އަތޮޅުތަކުގައި ދިމާވެފައިވާ ގޯތިގެދޮރުގެ ދަތިތަކާއި އަދި މިނޫންވެސް އިތުރުކަންތައްތައް ފާހަގަކޮށްފައިވެއެވެ.
ޕްލޭނިންގ މިނިސްޓްރީގެ މަޝްވަރާތަކާގުޅިގެން ރާއްޖޭގެ އެކިއެކި ހިސާބުތަކަށް ޒިޔާރަތްކޮށްގެން ކޮށްގެން ހަދާފައިވާ މިރިޕޯޓް ތައްޔާރުކުރުމަށް ޒިޔާރަތްކޮށްފައިވަނީ ކ.ތުލުސްދޫ, ސ.ހިތަދޫ, ހދ.ކުޅުދުއްފުށި, އަދި މާލޭގެ ފަސް އަވަށާއި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ހިމެނެއެވެ.
-
ބުރާސްފަތި، ނޮވެންބަރު 20 2008، 16:01
ހަގީގަތުގައި ހިޔުމަންރައިޓްސް ގެ ބޭފުޅުންވެސް މިވަޑައިގަންނަވަނީ ރާއްޖެތެރޭގެ ގޯތިގެދޮރު ގެ ތަނަވަސްކަން ލިބިފައިވާ ރަށްތަކަށެވެ. ތޮއްޖެހި ފައިވާ ކުރެންދުއާ، ހިންނަވަރާ ނައިފަރަށް ޒިޔާރަތްކުރެއްވުމުން ކުރީގެ ޕްލޭނިންގ މިނިސްޓަރު އާއި އެބޭފުޅާގެ އާއިލީމީހުންގެ ސަބަބުން ގޯތިގެދޮރުގެ ދަތިކަން ތަހައްމަލުކުރަމުންދާފަރާތްތައް ނިކަންރަނގަޅަށްހާމަވެގެންދާނެއެވެ.